2022 ގެ އެންމެ ފާހަގަވި މޮބައިލް ސެކިއުރިޓީ ނުރައްކާތައް

ޝުޖާޢަތު ރަޝީދު 01 ޖުލައި 2022

ސްމާޓްފޯނަކީ އެންމެންވެސް ދެކޭ ގޮތުގައި މިހާރު އެމީހެއްގެ ދުނިޔަވީ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެމެންގެ ގިނަ ހަރަކާތްތައް ބަރޯސާވަނީ، ކާބޯތަކެއްޗަށް އޯޑަރު ކޮށްގެން ފެށިގެން މެޑިކަލް އެޕޮއިންޓްމަންޓް ބުކް ކުރުމާ ހަމައިންވެސް ސްމާޓްފޯނުތަކަށެވެ.

ނަމަވެސް އަބަދުވެސް ހަނދާން ބެހެއްޓުން މުހިންމު ކަމަކީ ސްމާޓްފޯންތަކަކީ ކިހާ ނާޒުކު އެއްޗެއް ކަމެވެ.

މި ރިޕޮޓުގައި ހާމަ މިކުރަނީ މިއަހަރު ފާހަގަ ކުރެވުނު މޮބައިލް ސެކިއުރިޓީ ތްރެޓްތަކެވެ.

ޑޭޓާ ލީކް

ސްމާޓްފޯނަށް އާ އެޕެއް ޑައުންލޯޑްކޮށް ލޯންޗް ކުރާއިރު، ފެންނަ ޕޮޕް ސްކްރީނަށް ސަމާލުކަން ދޭން ޖެހެ އެވެ. މިފަދަ ޕޮޕްއަޕްތަކަށް އެޕުން ހުއްދަ ދިނުމަކީ އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

ހެކަރުންނަށް މި ހުރިހާ މައުލޫމާތެއް ރައްކާކުރެވޭ ޑޭޓާބޭސް ހެކްކޮށް، ފޯނުގެ ހުރިހާ ޑޭޓާއެއް ލީކު ވުމަކީ އެކަށީގެންވާ ކަމެކެވެ.


ނަމަވެސް، ފަހުގެ އެންޑްރޮއިޑް ޑެވެލޮޕްމެންޓް، އެންޑްރޮއިޑް 11 އާއި އައިއޯއެސް 14 ގައި މިހާރު ބޭނުން ނުވާ ޕާމިޝަންތަކާއި ރިކުއެސްޓުތައް ބޭނުން ނުވާނަމަ އިންކާރު ކޮށްލެވޭނެއެވެ. މީގެ އިތުރަށް، ބައެއް ޕާމިޝަންތަކަށް ހުއްދަ ދެވިދާނެއެވެ.

މިކަހަލަ ޑޭޓާ ލީކުތަކަށް ހުށިޔާރު ވުމުގެ ގޮތުން ޕަބްލިކް ތަންތަނުގައި އެއްވެސް ސެކިއުރިޓީއަކާއި ނުލައި ހުންނަ ވައިފައިތަކަށް ކަނެކްޓް ކުރުމަކީ އެހާ ރައްކާތެރި ކަމެއް ނޫން ކަމުގައި ގިނަ މީހުން ބުނެއެވެ.

އަޕްޑޭޓްތައް ކަމުގައި ބުނެ ތައްޔާރު ކޮށްފައިވާ ސްޕައިވެއާ

ބަގް ފިކްސާއި އިތުރު އެހެން ފީޗާތަކުގެ އަޕްޑޭޓް ގޮތުގައި މޮބައިލް މެނުފެކްޗަރާ ނެރޭ އަޕްޑޭޓް ތަކަކީ ވަރަށް މުހިންމު އަޕްޑޭޓް ތަކެކެވެ. ބައެއް މީހުން އެތައް ދުވަހެއް ވަންދެން މިފަދަ އަޕްޑޭޓް ފޯނަށް އިންސްޓޯލް ނުކޮށް ހުރެއެވެ.

މިފަދަ އަޕްޑޭޓް ފޯނަށް އެޅުމުގެ ކުރިން ސަމާލުކަން ދޭންޖެހެއެވެ. އެއީ ބައެއް ފަހަރު ފޯނަށް ސިސްޓަމް އަޕްޑޭޓްގެ ނަމުގައި ހިލޭ އަޅާފައި ހުންނަ އެޕްތަކުން ނޮޓިފިކޭޝަން ފޮނުވައެވެ. މިކަހަލަ ނޮޓިފިކޭޝަނަކަށް ކްލިކްކޮށް އަޕްޑޭޓްގެ ނަމުގައި އަންނަ އެއްޗެއް އިންސްޓޯލް ކުރެވިއްޖެ ނަމަ ގިނަ ފަހަރަށް އެއީ ސްޕައިވެއާ އެކެވެ.

ސްޕައިވެއާ މެދުވެރިކޮށް ހެކަރުންނަށް ފޯނުގައި ހުންނަ މެސެޖާއި، ފޯނު ނަމްބަރުތަކާއި ބްރައުޒާ ބުކްމާކްތަކަށް އެކްސަސް ލިބެއެވެ. އެހެން ކަމުން ފޯނުގައި ހުންނަ ޑޭޓާ، ފޮޓޯ ސްޕައިވެއާ މެދުވެރިކޮށް ގެއްލޭ ފަހަރު އާދެއެވެ.

އެސް.އެމް.އެސް މެދުވެރިކޮށް އަންނަ މެލްވެއާ

އެސްއެމްއެސް އަކީ ބައެއް ފަހަރު ސޯޝަލް އިންޖިނިއަރިން ސްކޭމްއެކެވެ. ދާދި ފަހުން ފެނުނު "ޕެންގަލްބޮޓް" އަކީ މޮބައިލް ނުރައްކަލާ ބެހޭ ލޭންޑްސްކޭޕްގެ ތެރެއަށް ނުކުތް މިސާލެވެ.

ފާޅުކަން ބޮޑު ގޮތެއްގައި، މި މެލްވެއާ ޑިސްޓްރިބިއުޓް ކުރަނީ އެމެރިކާ އާއި ކެނެޑާގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ މީހުންނަށް ފޮނުވާ ފޭކް މެސެޖުތަކެއް މެދުވެރިކޮށެވެ.

މޮބައިލް ޑިވައިސްގެ ޑިފެންސް މިފަދަ ނުރައްކާތެރި މެލްވެއާ، ސްޕައިވެއާއާއި ހެކަރުންގެ ކިބައިން ސަލާމަތް ވާން ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

މީގެ ތެރޭގައި އަބަދުވެސް އެންމެ ފަހުގެ އޯއެސް އަޕްޑޭޓް އެޅުމާއި، ފަޔާވޯލް އިނޭބަލް ކޮށްފައި ބެހެއްޓުމާއި އެޕް ސްޓޯރުން އިންސްޓޯލް ކުރާ އެޕްތަކަކީ ކޮބައިކަން ރަނގަޅަށް ބެލުނެ ހިމެނެއެވެ. މީގެ އިތުރަށް، ޕަބްލިކް ވައިފައި ބޭނުން ކުރާނަމަ ކޮންމެވެސް ވީޕީއެންއެއް ބޭނުން ކުރުމާއި ފޯނު ޖެއިލް ބްރޭކް ނުކޮށް ބެލެހެއްޓުމަކީ މުހިންމު ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.