ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ފީފާ ވޯލްޑްކަޕަށް

ޝުޖާޢަތު ރަޝީދު 05 ޖުލައި 2022

ކެމެރާ ޓެކްނޮލޮޖީއަކީ މިހާރު ކުރިއަށް ވުރެން ގިނައިން ތަފާތު ކުޅިވަރު ތަކުގައި އެހީއެއް ގޮތުގައި ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ.

މިހާރުވެސް ގިނަ ބަޔަކު ކުޅިވަރުގެ ފޮޓޯ ނެގުމަށް ބޭނުން ކުރަމުން ދަނީ ވަރަށް ކޮލެޓީ ރަނގަޅު ކެމެރާއެވެ.

ފީފާއިން އެމީހުންގެ މެޗުތަކުގައި ބޭނުން ކުރުމަށް ސެމީ އޮޓޮމޭޓެޑް ޓެކްނޮލޮޖީއެއް މިވަނީ ތަޢާރަފް ކޮށްފައެވެ. މިއީ މެޗުގެ އޮފިޝަލުންނަށް ޔަޤީން ކަމާއި އެކު އޮފްސައިޑް ޕްލޭޔަރުން ދެނެގަތުމަށް ތަޢާރަފް ކުރި ޓެކްނޮލޮޖީއެކެވެ.

މި ޓެކްނޮލޮޖީ މަސައްކަތް ކުރަނީ މިކަމަށް ހާއްސަ ކޮށްފައިވާ 12 ޓްރެކިން ކެމެރާގެ އެހީގައެވެ. މި ކެމެރާތައް ފީފާއިން ބުނާ ގޮތުގައި ހަރު ކުރެވޭނީ ސްޓޭޑިއަމްގެ ފުރާޅުގެ ދަށުގައެވެ. ކޮންމެ ކުޅުންތެރިއެއްގެ 29 ޑޭޓާ ޕޮއިންޓް ނަގައި ސިކުންތަކު 50 ފަހަރު ބަލައި ކުޅުންތެރިޔާގެ ޕޮޒިށަން ބަލަހައްޓައެވެ.

ފޮޓޯ - ފީފާ

މި 29 ޑޭޓާ ޕޮއިންޓުގައި ކުޅުންތެރިންގެ ފައި ބަހައްޓާފައި ހުންނަ ގޮތްވެސް ސްޓޯ ކުރާނެ ކަމުގައި ފީފާއިން ބުނެއެވެ. އަލް ރިހްލާ، އެޑިޑަސްގެ މިއަހަރުގެ ފީފާގެ ބޯޅައިންވެސް އޮފްސައިޑް ޑިޓެކްޓް ކުރުމަށް މުހިންމު ރޯލެއް އަދާކުރެއެވެ. ބޯޅައިގެ އެތެރޭގައި އިނާޝިއަލް މެޝަމެންޓް ޔުނިޓް (އައި.އެމް.ޔޫ) ސެންސަރު ވަނީ ހަރު ކުރެވިފައެވެ. މި ސެންސަރުން ޑޭޓާ ފޮނުވަނީ ވީޑިއޯ އޮޕަރޭޝަން (ވީ.އޭ.އާރު) ރޫމަށެވެ.

ލިމްބް-އެންޑް ބޯލް ޓްރެކިން ޑޭޓާ އެއްކޮށްގެން އަދި އާޓިފިޝަލް އިންޓެލިޖެންސް އެޕްލައި ކޮށްގެން، މި އާ ޓެކްނޮލޮޖީ އިން ވީއޭއާރް ރޫމަށާއި އޮފިޝަލުންނަށް އޮޓޮމޭޓެޑް އޮފްސައިޑް އެލާޓްތައް ދެމުން ދާނެއެވެ. މިއީ އެއް ޓީމުގެ މޭޓަކު ކުޅޭ ވަގުތު އޮފްސައިޑް ޕޮޒިޝަނެއްގައި ހުރި އެޓޭކިން ކުޅުންތެރިޔަކަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު އެވެ.

ފޮޓޯ - ފީފާ

އޮން-ފީލްޑް ރެފްރީއަށް މައުލޫމާތު ދިނުމުގެ ކުރިން ވީޑިއޯ މެޗް އޮފިޝަލުން ވަގުތުން އޮޓޮމެޓިކް ކިކް ޕޮއިންޓާއި، އޮފްސައިޑް ލައިން މެނުއަލްކޮށް ޗެކްކޮށް، ކުޅުންތެރިންގެ ފައިގެ ހިސާބު ކުރާ ޕޮޒިޝަންތަކުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ނިންމުން ވެލިޑޭޓް ކުރާނެއެވެ.

މިއީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހިނގާ ކަމެކެވެ. މީގެ މާނައަކީ އޮފްސައިޑް ނިންމުންތައް އަވަސް އަދި އެންމެ ޞައްޙަ ކޮށް ނިންމިދާނެއެވެ. އެހެންކަމުން ކުޅުން ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ދަނޑުމަތީގައި ރެފްރީން ގޮތެއް ނިންމުމަށްފަހު، އެ ނިންމުން ނިންމަން ބޭނުންކުރި އަސްލު ޕޮޒިޝަނަލް ޑޭޓާ ޕޮއިންޓްތައް ދެން 3-ޑީ އެނިމޭޝަނަކުން ދަނޑުގައި ހުންނަ ބޮޑެތި ސްކްރީންތަކުން ބެލުންތެރިންނަށް ދެއްކުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ފީފާގެ ލައިވް ބްރޯޑްކާސްޓަރުންނަށްވެސް ހަމަ އެވަގުތު މި 3-ޑީ އެނިމޭޝަން ދެއްކުމަށް މެޓީރިއަލް ފީފާގެ ވިޝުއަލް އެއިޑް ޓީމްތަކުން ފޯރުކޮށްދޭނެއެވެ.

ފޮޓޯ - ފީފާ

މިއީ ކުޅިވަރުގެ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭ ކެމެރާތައް އަހަރެމެންނަށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ފޯމިއުލާ ވަން، ޓެނިސް ޗެމްޕިއަންޝިޕްސް، ހޯސް ރޭސިން އަދި އެނޫންވެސް އެތައް ކަމެއްގައި ކެމެރާ ވަރަށް މުހިންމު ރޯލެއް އަދާކުރާތަން މިހާރު ފެންނާނެއެވެ.

ނަމަވެސް ވަގުތުން މިފަދަ ނިންމުން ނިންމާ ގޮތްތަކާއި، ނިންމުންތައް ނިންމުމަށް ބޭނުން ކުރި އުކުޅުތައް ފެނުމަކީ ކުޅިވަރުގެ މާހައުލަށް ޓެކްނޮލޮޖިކަލް ބްރޭކް-ތްރޫއެއްކަން ޔަޤީނެވެ.

މި ޓެކްނޮލޮޖީ ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް 2022 ގައި ބޭނުން ކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.