ވެބް ޓެލެސްކޯޕުން ކާއިނާތުގެ ސާފު ފޮޓޯތައް ފެނިގެންދާނެ

އިސްމާއިލް އަލީ 12 ޖުލައި 2022

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނެގި ފުރަތަމަ ފޮޓޯތައް މިހާރުވަނީ އާންމުކޮށްފައިއެވެ. މިފޮޓޯތަކަކީ މިހާތަނަށް ކާއިނާތުގެ އެންމެ ދުރު ހިސާބުތައް ފެންނަގޮތަށް ނަގާފައިވާ އެންމެ ތަފްސީލީ އިންފްރާރެޑް ފޮޓޯއެވެ. މިފޮޓޯއިން ދުނިޔެއާ އެތަކެއް ބިލިއަން އަހަރުތަކެއް ދުރުގައި ހުރި ގެލެކްސީތަކުގެ އަލިކަންވެސް ފެނިގެންދާނެއެވެ. ވައިޓްހައުސްގައި ބޭއްވުނު ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ވަނީ މި ފުރަތަމަ ފޮޓޯ ދައްކާލާފައިއެވެ. މި ޓެލެސްކޯޕުން ނަގާފައިވާ އިތުރު ފޮޓޯތަކާއި ފޮޓޯތަކުން ފެންނަ މަންޒަރުތައް ސިފަކޮށްދޭ ދިރާސާތައް ނާސާއިން އިއްޔެ ވަނީ ދައްލާކާފައެވެ.

މި ފޮޓޯތަށް އާންމުކުރުމާއެކު ބައިޑަން ހާމަކޮށްފައިވާ ގޮތުގައި މީގެ ސަބަބުން މުޅި ދުނިޔެއަށްވެސް އެމެރިކާއަށް ބޮޑެތި ކަންކަން ހާސިލްކުރެވޭނެކަން އެގިގެންދާނެކަމަށާއި އަދި އެމެރިކާ ރައްޔިތުންނަށް ހާއްސަކޮށް އެގައުމުގެ ކުޑަކުދިންނަށް އެގައުމަށް ނުކުރެވޭނެ ކަމެއް ނެތްކަންވެސް އެގިގެންދާނެކަމަށެވެ. މީގެ އިތުރުން އެއްވެސް ބަޔަކަށް މީގެ ކުރިން ފެނިފައިނުވާ މަންޒަރުތައް ފެނުމުގެ ގާބިލްކަމާއި އަދި އެއްވެސް ބަޔަކު މީގެކުރިން ގޮސްފައިނުވާ ތަންތަނަށް ދިއުމުގެ ގާބިލްކަން އެގައުމަށް ލިބިގެންދާނެކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ޖައްވަށް ފޮނުވާލާފައިވާ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްއަކީ މަޝްހޫރު ހަބުލް ސްޕޭސް ޓެލެސްކޯޕްގެ ބަދަލުގައި ޖައްވަށް ފޮނުވުނު ޓެލެސްކޯޕްއެކެވެ. މި ޓެލެސްކޯޕަކީ ޖައްވުގެ އެކިކަންކަން ދިރާސާކުރުމަށް ހާއްސަކުރެވިފައިވާ ޓެލެސްކޯޕަކަށް ވިޔަސް މި ޓެލެސްކޯޕްގެ މައިގަނޑު އޮންނާނީ 2 ޒިންމާއެކެވެ. އެއީ ކާއިނާތުގައި މީގެ 13.5 ބިލިއަން އަހަރުކުރިން އެންމެ ފުރަތަމަ ހުރި ތަރިތަކުގެ ފޮޓޯ ނެގުމާއި ދުނިޔެއާއި ދުރުގައި ހުރި ޕްލެނެޓްތަކުގައި އިންސާނުންނަށް ދިރިއުޅެވޭނެފަދަ މާހައުލެއް ހުރިތޯބެލުމެވެ. އެގޮތުން އެމެރިކާގެ ރައީސް ބައިޑެންއަށް ދައްކާލާފައިވާ ފޮޓޯއަކީ މި ޒިންމާގެތަކުގެ ތެރެއިން ފުރަތަމަ ބަޔާގުޅޭ ފޮޓޯއެކެވެ.

މިފޮޓޯއިން ފެނިގެން ގޮސްފައިވަނީ ދުނިޔޭގެ ދެކުނު ތަނޑީގެ ވޮލަންސް ކޮންސްޓެލޭޝަންގެ އެސް.އެމް.އޭ.ސީ.އެސް 0723 ގެ ނަމުން ނަނަދެވިފައިވާ ގެލެކްސީތަކުގެ ކްލަސްޓާއެކެވެ. މިކްލަސްޓާއަކީ ދުނިޔެއާ ގާތްގަނޑަކަށް 4.6 ބިލިއަން އަލި އަހަރު ދުރުގައި ހުރި ކްލަސްޓާއެކެވެ. ނަމަވެސް މި ކޮންސްޓެލޭޝަންގެ އަލިން ވަނީ މިޔަށްވުރެ އެތަކެއް ދުރުމިނުގައި ހުރި ތަކެތީގެ ފޮޓޯނެގުމަށް މަގުފަހިކޮށްދީފައިއެވެ.

ވެބްގެ 6.5 މީޓަރުގެ ފުޅާ ރަން ލޯގަނޑާއި އިންފްރާރެޑް އާލާތްތަށް މެދުވެރިކޮށް ވަނީ މި ފޮޓޯގައި ފެންނަ ގެލެކްސީތަކުގެ ސިފަ ރީއްޗަށް ދެނެގަނެވިފައިއެވެ. މި ގެލެކްސީ ތަކަކީ ބިގް ބޭންގްގެ 600 މިލިއަން އަހަރު ފަހުން އުފެދިފައިވާ ގެލެކްސީތަކެކެވެ. މީގެ އިތުރުން މިޓެލެސްކޯޕަށް މިފޯޓޯގައި ފެންނަ މަންޒަރުތަކުގެ އިތުރަށް އެޔަށްވުރެ ދުރުގައި ހުރި ތަކެތި ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާކަންވެސް ސައިންސްވެރިންނަށް ވަނީ ހޯދިފައިއެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރ ބިލް ނެލްސަން ހާމަކޮށްފައިވާ ސިކުންތަކު 186،000 މޭލު ބާރުމިނުގައި އަލި ދަތުރުކުރެ އެވެ. އަދި މިފޮޓޯގައި ފެންނަ ކުދިކުދި އަލިކޮޅުތަކަކީ 13 ބިލިއަނަށްވުރެ ގިނަ އަހަރު ވަންދެން ދަތުރުކުރަމުން އައި އަލިކަމެވެ. އޭނާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިޓެލެސްކޯޕް މެދުވެރިކޮށް 13.5 ބިލިއަނަށްވުރެ ގިނަ އަހަރު ވަންދެން ދަތުރުކުރަމުން އައި އަލީގެ ފޮޓޯވަނީ ނެގިފައިއެވެ. ކާއިނާތަކީ ގާތްގަނޑަކަށް 13.8 ބިލިއަން އަހަރުވީ ތަނެއްކަން އެނގެން އޮތުމުން މިއީގާތްގަނޑަކަށް ކާއިނާތުގެ ފެށުމާހަމަޔަށް ދެވުން ކަމުގައިވެސް އޭނާވަނީ ހާމަކޮށްފައިއެވެ.

ހާބަލް އަކީ މިފަދަ ނަތީޖާއެއް ނެރުމަށް ޓަކައި ހަފުތާތަކެއް ވަންދެން އުޑުގެ މަންޒަރުތަށް ބަލަންޖެހޭ ޓެލެސްކޯޕެކެވެ. ނަމަވެސް ވެބް ޓެލެސްކޯޕުން މިތަކެތި ދެނެގަނެފައި ވަނީ ހަމައެކަނި 12.5 ގަޑިއިރަށްފަހުއެވެ. ނާސާ އާއި އެއިދާރާގެ ބައިނަލްއަގުވާމީ ބައިވެރިން ކަމަށްވާ ޔޫރަޕާއި ކެނެޑާގެ ސްޕޭސް އެޖެންސީތަކުން އަންގާރަ ދުވަހު ވެބް އިން ނަގާފައިވާ އިތުރު ކުލަ ފޮޓޯތައް އާންމު ކުރާނެ އެވެ.

ދުނިޔެއާ 1000 ލައިޓް އިޔާ ދުރުގައިވާ ވެސްޕް-96 ބީ ނަމަކަށްކިޔާ ޕްލެނެޓެއްގެ ސަތަހަ ވެބް ޓެލެސްކޯޕުންވަނީ ދިރާސާކޮށްފައިއެވެ. މިދިރާސާތަކުން އެޕްލެނެޓްގެ ސަތަހައިގެ ކެމިސްޓްރީ އާބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. މިޕްލެނެޓަކީ އިންސާނުންނަށް ދިރިއުޅެވޭނެ ޕްލެނެޓެއް ނޫންކަން ވަނީ ހޯދިފައިއެވެ. ނަމަވެސް އުއްމީދަކީ މުސްތަގްބަލުގައި ވެބް ޓެލެސްކޯޕަށް އިންސާނުންނަށް ދިރިއުޅެވޭނެ އިތުރު ޕްލެނެޓެއް ހޯދުމެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.