ޖެންޒީ ސާޗްކުރުމަށް ބޭނުންކުރަނީ ޓިކްޓޮކްއާ އިންސްޓަގްރާމް

އިސްމާއިލް އަލީ 22 ޖުލައި 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލްގެ އަމިއްލަ ޑޭޓާއިން ދައްކާގޮތުގައި ޖެން ޒީގެ (މިހާރުގެ ފުރާވަރު ކުދިނާއި ޒުވާން އުމުރަށް އަޅާ ކުދިން) ދެބައިކުޅަ އެއްބައި ގޫގަލްގެ ބަދަލުގައި ސާޗްކުރުމަށް ބޭނުންކުރަނީ ޓިކްޓޮކްއާއި އިންސްޓަގްރާމްއެވެ. އެގޮތުން ޖެން ޒީގެ 40 އިންސައްތަ ގޫގަލް ސާޗް އަދި މެޕްސްގެ ގެ ބަދަލުގައި ބޭނުންކުރަނީ ޓިކްޓޮކް އާއި އިންސްޓަގްރާމްކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޓިކްޓޮކް އަކީ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މީސް މީޑިއާގެ މަންސައެވެ. މީގެ އިތުރުން މިއެޕްލިކޭޝަނުގެ މަގްބޫލުކަންވެސް ވަނީ މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑުތަނުން އިތުރުވެފައިއެވެ. މިއާއެކު އިންސްޓަގްރާމް އާއި ސްނެޕްޗެޓުން ވަނީ ޓިކްޓޮކްއާއި ވާދަކުރުމަށް އެއެޕްލިކޭޝަންގައި ބޭނުންކުރާ ފަދަ ފީޗާތައް އާންމުކޮށްފައިއެވެ.

ގޫގަލްގެ ވެރިޔަކު ހާމަކޮށްފައިވާ ގޮތުގައި މިހާރު ޒުވާނުން އިންޓަނެޓް ސާޗްކުރާގޮތްވެސް ވަނީ ޓިކްޓޮކްގެ ސަބަބުން ބަދަލުވެފައިއެވެ. އަދި ގޫގަލްއިން މި ބަދަލުތަކާ އަރާހަމަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ. ގޫގަލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޕްރަބާކަރް ރަގަވަން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އެތެރޭގެ ދިރާސާތަކުން ދައްކާގޮތުގައި މިހާރުގެ ޒުވާނުން މެންދުރުގެ ކެއުން ފަދަކަމަކަށް ތަނެއް ހޯދާއިރު ގޫގަލް މެޕްސް ނުވަތަ ގޫގަލް ސާޗްގެ ބަދަލުގައި ތަނެއް ހޯދުމަށް ބޭނުންކުރަނީ ޓިކްޓޮކް ނުވަތަ އިންސްޓަގްރާމްއެވެ. ގޫގަލްއިން މިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ ޖެނެރަލް އަދި ސްޕެޝަލައިޒްޑް ސާޗް އިންޖީން، އަދި ޑެޑިކޭޓެޑް އެޕްތައް ވެސް ހިމެނޭ ގޮތަށް އެކިއެކި ދިމާލުން އެކުންފުންޏަށް ވަނީ ވާދަވެރިކަމާއި ކުރިމަތިލާންޖެހިފައިއެވެ.

ގޫގަލްއިން ވަނީ ޒުވާނުންނަށް އެކުންފުނީގެ ސާޗް އިންޖީން އިތުރަށް މަގްބޫލުކުރުމަށް އެކުންފުނިން ގެންނަން ނިންމާފައިވާ ބައެއް ބަދަލުތަކުގެ މައުލޫމާތު ހާމަކޮށްފައިއެވެ. އެގޮތުން އެކުންފުނިން ގެންނަން ނިންމާފައިވާ އެއްބަދަލަކީ ވަކި ސަރަހައްދަކަށް ކެމެރާ ދިއްކޮލުމުން އެސަރަހައްދަކުން ލިބެންހުރި ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ ފީޗާއެއް ތައާރަފްކުރުމެވެ.

ޓިކްޓޮކްގެ ސަބަބުން ގޫގަލްގެ މައި ކުންފުނި އަލްފަބެޓްގެ ހިއްސާ އޮންނަ ޔޫޓިއުބަށްވެސް ވަނީ ގެއްލުންތަކާއި ކުރިމަތިލާންޖެހިފައިއެވެ. އެގޮތުން އިންސައިޑާ އިންޓެލިޖެންސް އިން ލަފާކުރާ ގޮތުގައި ޔޫޓިއުބަށްވުރެ ޓިކްޓޮކްއަށް އިޝްތިހާރުތަކުން ލިބޭ އާމްދަނީ 2024 ވަނަ އަހަރު އަންނަންވާއިރު އިތުރުވާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.