އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ސިޔާސީވާދަވެރިކަމުގެ ސަބަބުން ސްމާޓްފޯންގެ ވިޔަފާރިއަށްވަނީ ހީނަރުކަން އަންނަން ފަށާފައިއެވެ. އެގޮތުން އިންޑިއާއިން ވަނީ އެގައުމުގެ ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު ބްރޭންޑްތަކުގެ ސްމާޓްފޯނު އުފައްދާ ކުންފުނިތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިއެވެ. މީގެ ތެރޭގައި ހިމެނެނީ ޗައިނާގެ ކުންފުނިތަށްކަމަށްވާ ޝޯމީ، ވީވޯ އަދި އޮޕޯ ކުންފުންޏެވެ. މިކުންފުނިތަކަކީ އިންޑާއެގެ ސްމާޓްފޯނު މާކެޓުގެ 60 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް ކޮންޓްރޯލްކުރާ ކުންފުނިތަކެކެވެ.
މިކުންފުނިތަކުގެ ތެރެއިން އިންޑިއާ ސަރުކާރުން އެންމެ ފުރަތަމަ ދިމާކޮށްފައިވަނީ އެގައުމުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ޝައުމީ ކުންފުންޏާއެވެ. އެގޮތުން މިދިޔަ މޭމަހު އެގައުމުގެ ފައިނޭންޝިއަލް އިންވެސްޓިގޭޝަން އޭޖެންސީއިން ވަނީ އެކުންފުނީގެ އިންޑިއާގެ ސަބްސިޑަރީ ކުންފުނިން އެގައުމުގެ މާލީ ގަވާއިދުތަކާ ހިލާފުވާކަމަށް ތުހުމަތުކޮށްފައިއެވެ. ނަމަވެސް އެކުންފުނިން ވަނީ މިކަން ދޮގުކޮށް އިންޑިއާގެ ގާނޫނުތަކަށް އެކުންފުނިން އަމަލުކުރަމުންދާކަން ހާމަކޮށް ބަޔާނެއް ނެރެފައިއެވެ.
ދެން އިންޑިއާ ސަރުކާރުން ތަހުގީގު ފަށާފައިވަނީ ޗައިނާގެ ވީވޯ ކުންފުނީގެ ވިޔަފާރިއަށެވެ. އެގޮތުން އެގައުމުގެ އެންފޯސްމަންޓް ޑައިރެކްޓޮރޭޓުން ވަނީ އެކުންފުނިން ޓެކްސްއަށް މަކަރު ހަދާކަމަށް ތުހުމަތުކޮށްފައިއެވެ. މިތުހުމަތުގައި އެކުންފުނީގެ 48 އޮފީސް ބަލައި ފާސްކޮށް އެއިދާރާއިން ވަނީ 60 މިލިއަން ޑޮލަރު އެކުންފުނީގެ ބޭންކް އެކައުންޓްތަކުން ހިފަހައްޓާފައިއެވެ. އެކުންފުނީގެ ތަރުޖަމާނަކު ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ދަނީ އިންޑިއާ ސަރުކާރަށް މިތަހުގީގުގައި އެއްބާރުލުން ދެމުންނެވެ.
ނިމިދިޔަ ހަފްތާގައި އިންޑިއާގެ ޑައިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސްއިން ވަނީ އެގައުމުގައި ރެއަލްމީ އަދި ވަންޕްލަސް ބްރޭންޑްގެ ސްމާޓްފޯނުތަށް ވިއްކާ އޮޕޯ ކުންފުނިން ޓެކްސްއަށް މަކަރުހަދާކަމަށް ތުހުމަތުކޮށްފައިއެވެ. އެގޮތުން އެއިދާރާއިން ތުހުމަތުކުރާ ގޮތުގައި އެކުންފުނިން ވަނީ ބައި ބިލިއަން ޑޮލަރުގެ ޓެކްސްއަށް މަކަރުހަދާފައިއެވެ.
ޗައިނާ ސަރުކާރުން ވަނީ އިންޑިއާއިން އެގައުމުގެ ކުންފުނިތަކާ ދެކޮޅަށް އަޅަމުންގެންދާ ފިޔަވަޅުތަށް ކުށްވެރިކޮށް މިއަމަލުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިންޑިއާއަށް ގެއްލޭނެކަމަށް ބެނެފައިއެވެ. މީގެ އިތުރުން އިންޑިއާގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ އިންޑިއާ ސަރުކާރުގެ މިއަމަލުތަކުގެ ސަބަބުން ވިޔަފާރިއަށް ހުރަސްއެޅި އެގައުމުގެ ކުންފުނިތަކުން އިންޑިއާގައި އިންވެސްޓްކުރަން ފަސްޖެހޭނެކަމަށް ހާމަކޮށްފައިއެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން އިތުރުވާން ފެށުމާއެކު މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި ހަރަކާތްތެރިވާ ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ވަނީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިއެވެ. އެގޮތުން 2020 ގައި އިންޑިއާއިން 200 އަށްވުރެ ގިނަ އެޕްލިކޭޝަން އެގައުމުގައި ބޭނުން މަނާކުރިއިރު މީގެ ތެރޭގައި ގިނައިން ހިމެނެނީ ޗައިނާ ކުންފުނިތަކުގެ އެޕްލިކޭޝަންތަކެވެ. އެގޮތުން މި ލިސްޓުގައި މަޝްހޫރު ޓިކްޓޮކް އެޕްލިކޭޝަންވެސް ހިމެނެއެވެ.
ޗައިނާ ކުންފުނިތަކާ ދެކޮޅަށް އިންޑިއާގެ އިދާރާތަކުން މަސައްކަތް ފަށާފައިވަނީ އެ ވިޔަފާރިތަށް ކުރިއަރައިގެންދާގޮތް ހަލުވިކަމުން ކަމަށް ކައުންޓާޕޮއިންޓްގެ ރިސާޗް ޑިރެކްޓަރަކު ވަނީ ހާމަކޮށްފައިއެވެ. އެގޮތުން އެކުންފުނިތަށް އިންޑިއާގައި ހަރަކާތްތެރިވާ ގޮތާއި އެކުންފުނިތަކުގެ މާލީ ހިސާބުތަކަށް އިންޑިއާގެ އިދާރާތަކުން ކުރިއަށްވުރެ ފާރަވެރިވާކަމަށް އޭނާ ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އިންޑިއާ ސަރުކާރުން ބޭރު ކުންފުނިތަކަށް ފިއްތުންތަށް ކުރިމަތިކުރުވަން ފެށުމުގެ މައިގަނޑު ސަބަބަކީ އެގައުމަށް އެކުންފުނިތަށް ބޭނުންވާވަރަށްވުރެ އެކުންފުނިތަކަށް އެގައުމުގެ ބޭނުން ބޮޑުކަން އިންޑިއާގެ ވެރިންނަށް ވިސްނުމުންނެވެ.
އިންޑިއާ ސަރުކާރުން އަޅަމުންދާ އެކި ފިޔަވަޅުތަކާ ގުޅިގެން އިންޑިއާގައި ވިޔަފާރިކުރަން ހުރަސްތަކާއި ކުރިމަތިލާން ޖެހުނަސް ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި އެގައުމުން އަދި ޗައިނާގެ ކުންފުނިތަކުން އުފައްދާ ސްމާޓްފޯނުތަށް އެގައުމުގައި ބޭނުންކުރުން އެއްކޮށް މާނާކުރާނެކަމަކަށް ނުބެލެވެއެވެ.
އިންޑިއާގެ ސްމާޓްފޯނު ބާޒާރުގެ ގަދަ 5 ގައި ޗައިނާ ނޫން ގައުމެއްގެ ކުންފުންޏަކަށް އޮތީ ހަމައެކަނި ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުންޏެވެ. އެކުންފުނީގެ ފޯނުތަކަކީ އެގައުމުގެ ސްމާޓްފޯނު ބާޒާރުގައި ދެވަނައަށް އެންމެ ގިނައިން ވިކޭ ފޯނުތަކެވެ. އެޕަލްއިން އިންޑިއާގައި ވިޔަފާރި ފުޅާކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ރާވާފައިއެވެ. ނަމަވެސް އެކުންފުނީގެ އުފެއްދުންތަކުގެ އަގުތަށް ބޮޑުވުމުގެ ސަބަބުން އެކުންފުންޏަށް ލިބިފައިވަނީ އިންޑިއާގެ ސްމާޓްފޯނު ބާޒާރުގެ ވަރަށް ކުޑަ ހިއްސާއެކެވެ.
އިންޓަނޭޝަނަލް ޑާޓާ ކޯޕަރޭޝަންގެ ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިވަގުތު ޗައިނާ ކުންފުނިތަކުގެ ވިޔަފާރި ދަށްވެފައި ވީނަމަވެސް ދީވާލީ އާއެކު އެކުންފުނިތަކުގެ ވިޔަފާރި ރަނގަޅުވެގެންދާނެއެވެ. ޗައިނާ އިންޑިއާ ބޯޑަރުގެ ކޯޅުންތަށް އިތުރުވުމާއެކު ޗައިނާގެ އުފެއްދުންތަށް ބޯއިކޮޓްކުރަން އިންޑިއާގައި ގޮވާލިއަސް އޮކްޓޯބަރުގައި ދީވާލީއަށް ވިޔަފާރިކުރަން ފެށުމާއެކު އިންޑިއާ ރައްޔިތުން މިކަންތަށް ހަނދާންނެތޭނެކަމަށްވެސް އެކޯޕަރޭޝަންއިން ގަބޫލުކުރެއެވެ.
ޗައިނާއާ ދެކޮޅަށް އިންޑިއާގައި މުޒާހަރާތަށް ކުރިއަށްގެންދިޔަ ކަމުގައި ވިޔަސް އެގައުމުގެ ކުންފުނިތަކުން އިންޑިއާއަށް އެތެރެކުރާ ސްމާޓްފޯނުތަކުގެ އަދަދު އެއްވެސް ވަރަކަށް ދަށްވެފައިނުވެއެވެ. އިންތިހާއަށް އަގުބޮޑު މާކެޓެއްގެ ގޮތުގައި ބެލެވިފައިވާ ސްމާޓްފޯނު މާކެޓްގައި ޗައިނާގެ އުފެއްދުންތަކަކީ އަތްފޯރާފަށުގެ އުފެއްދުންތަކަކަށްވުމުން އިންޑިއާ ޗައިނާ ދެމެދުއޮންނަ ސިޔާސީ ވާދަވެރިކަމަށް ބެލުމެތްނެތި އެއުފެއްދުންތަށް އިންޑިއާ ރައްޔިތުން ދަނީ ބޭނުންކުރަމުންނެވެ.
މިދިޔަ އަހަރުތަކުގައި އިންޑިއާ ކުންފުނިތަކުންވަނީ އަގުހެޔޮ ސްމާޓްފޯނު އުފެއްދުމަށް މަސައްކަތްތަކެއް ކޮށްފައިއެވެ. އެގޮތުން މަޝްހޫރު ބިލިއަނަރު މުކޭޝް އަމްބާނީގެ ރެލިއަންސް ކުންފުންޏާއި ގޫގަލް ގުޅިގެން ވަނީ ސްމާޓްފޯނު އުފައްދަން ފަށާފައިއެވެ. ނަމަވެސް މި ފޯނުތަކަށް އިންޑިއާގެ ބާޒާރުގައި މާބޮޑު ކާމިޔާބެއް ނުލިބުނެވެ.
މިހާރު އިންޑިއާގެ އިދާރާތަކުން ކުރިމަތިކުރުވަމުން ގެންދާ ފިއްތުންތަކާއެކުވެސް ޗައިނާގެ ކުންފުނިތަކަށް އިންޑިއާ ދޫކޮށް ދިއުމަކީ ކުރެވޭނެ ކަމެއްނޫނެވެ. މީގެ މައިގަނޑު ސަބަބަކީ ޗައިނާއަށް ފަހު ދެން ދުނިޔޭގައި އެންމެ ގިނަ ބަޔަކު ސްމާޓްފޯނު ބޭނުންކުރަނީ އިންޑިއާގައި ކަމަށްވުމުންނެވެ. މީގެ އިތުރުން ކޮވިޑްއާއި ގުޅިގެން ޗައިނާގެ ވިޔަފާރި މަޑުޖެހިފައިވުމުން އެގައުމުގެ ކުންފުނިތަކަށް މިހާރު އިންޑިއާ ވެގެންދާނީ ކުރިއަށްވުރެވެސް މުހިންމު މާކެޓަކަށެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި