ސައިބާއެޓޭކްތަކާ ދެކޮޅަށް ބޭންކުތަކުން މަސައްކަތް ކުރަންޖެހޭ

ޝުޖާޢަތު ރަޝީދު 31 ޖުލައި 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މާލީ އިދާރާތަކަށް ޓާގެޓު ކޮށްގެން ދެމުންދާ ސައިބާ އެޓޭކްތައް ދަނީ އިތުރުވަމުންނެވެ. ވީއެމްވެއާއިން ބުނާ ގޮތުގައި 2020 ގައި މާލީ އިދާރާތަކަށް ގާތްގަނޑަކަށް 238 އިންސައްތައާއި ގާތްކުރާ މިންވަރަށް ސައިބާ އެޓޭކްތަކާއި ކުރިމަތިލާން ޖެހުނެވެ.

އެއީ ހަމައެކަނި 2020 ގެ ފުރަތަމަ 6 މަހުގައި އެކަންޔެވެ. 2021 ވަނަ އަހަރު މި ޓްރެންޑް ހަމަ ކުރިއަށް ގޮސް މާލީ އިދާރާތަކަށް ރެންސަމްވެއާ ހަމަލަތަކާއި، ފިޝިން ހަމަލަ، އެސްކިއުއެލް އިންޖެކްޝަން، ސޯޝަލް އިންޖިނިއަރިން ހަމަލަތަކާއި ޑޮސް (ޑިނައަލް އޮފް ސާވިސް) ހަމަލަތަކާއި ކުރިމަތިލާން ޖެހުނެވެ.

ގިނަ ޤަޢުމުތަކުގެ ސަރުކާރުން މިފަދަ މާލީ އިދާރާތަކުގެ ރެގިއުލޭޝަންތައް އިތުރަށް ރަނގަޅުކޮށް ރިސޯސްތަކާއި ރައްޔިތުން ހޭލުންތެރިކުރުމަށް އިންޒާރުތައްވެސް ނެރެފައިވެއެވެ.

މީގެ ކުރީގެ މިފަދަ ހަމަލަތަކަށް ބަލާއިރު، ފާހަގަ ކޮށްލެވެނީ 2007 ވަނަ އަހަރު ސެޕްޓެމްބަރ 14 ވަނަ ދުވަހު ޓީ.ޑީ އެމެރިޓްރޭޑް (ސްޓޮކް ބްރޯކަރެއް) އަށް ކުރިމަތިވީ ޑޭޓާ ބްރީޗް ހަމަލާއެވެ. މި ޑޭޓާ ބްރީޗްގައި ގާތްގަނޑަކަށް 6.3 މިލިއަން ކަސްޓަމަރ އެކައުންޓްތަކުގެ ރެކޯޑްތައް ވަނީ އެކްސްޕޯސް ވެފައެވެ. މިކަން ވެގެންދިޔައީ އެކި ޤަޢުމުތަކުގެ މާލީ އިދާރާތަކަށް ލޯ ހުޅުވަން ފެނުނު ހިތާމަވެރި ހާދިސާއަކަށެވެ.

ބޮސްޓަން ކޮންސަލްޓިން ގުރޫޕުން ހާމަކުރާ ގޮތުގައި މާލީ ހިދުމަތް ދޭ އިދާރާތަކަށް މިފަދަ ސައިބާ އެޓޭކްތަކާއި ކުރިމަތިލާންޖެހޭލެއް ގިނަވާނެއެވެ.

2021 ވަނަ އަހަރު މާލީ އިދާރާތަކުން ކުރިމަތިލާން ޖެހުނު ބައެއް ސައިބާކްރައިމްތައް

ސައިބާ ހަމަލާތައް ޓްރެކްކޮށް ރިޕޯޓް ކުރަން ފެށި ފަހުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭންކުތަކާއި، ކްރެޑިޓް ޔޫނިއަންތަކާއި، ކްރެޑިޓް ކާޑު ކުންފުނިތަކާއި، މޯގޭޖް ލޯނު ދޭ ފަރާތްތަކާއި، އިންވެސްޓްމަންޓް ފާމްތަކާއި، ކްރިޕްޓޯކަރަންސީ ޕްލެޓްފޯމްތަކާއި، މިނޫންވެސް ތަފާތު ސައިބާ ހަމަލާތައް ދިނުމުގެ ދިގު ޕައިޕްލައިނެއް ވަނީ އުފެދިފައެވެ.

ސައިބަރ ކްރައިމިނަލުންގެ ތެރޭގައި ރަޝިއާގެ ހެކްކުރާ ގްރޫޕްތައް ކަމަށްވާ ޓާ505، ޑާކްސައިޑް އަދި ރަގްނާ ލޮކަރ ފަދަ ރެންސަމްވެއާރ ގްރޫޕްތައް، އިންޓަރނޭޝަނަލް ކްރައިމް ރިންގްސް، ޝާރކްބޮޓް، އަދި ޔޫބީއެލް ފަދަ ބޮޓްނެޓް ކެމްޕޭންތައް ހިމެނެއެވެ.

2021 ވަނަ އަހަރު ހެޑްލައިން ހެދި ފައިނޭންޝަލް ސެކްޓާ ފާމްތަކަށް އަމާޒުކޮށް ދިން ސައިބާ ހަމަލާތަކުގެ ތެރޭގައި ހިމެނެނީ:

- ވަގަށް ނެގުނު އެސް.އެސް.އެޗް ކީ އެއްގެ ސަބަބުން ކްރިޕްޓޯ ޓްރޭޑިން ޕްލެޓްފޯމް ބިޓްމާޓްގެ ހިދުމަތަށް ބުރޫއަރައި ހެކަރުންނަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ އެސެޓް ލިބުނެވެ.

- ރޮބިންހޫޑް ނަމަކަށް ކިޔާ އެމެރިކާގެ ސްޓޮކް ޓްރޭޑިން ޕްލެޓްފޯމަށް ކުރިމަތިބި ސައިބާ ހަމަލާގައި 7 މިލިއަން ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ހެކް ވެގެން ދިޔައެވެ.

- ޓެކް ސްޓާޓްއަޕެއް ކަމުގައިވާ ބެކްނައިންއަށް ސައިބާ ހަމަލައަކާއި ގުޅިގެން 711،000 ކަސްޓަމަރުންގެ މަޢުލޫމާތު ހުރި ފައިލްތައް ލީކްވިއެވެ. މީގެ ތެރޭގައި ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތާއި ސިއްހީ މަޢުލޫމާތުތައްވެސް ހިމެނުނެވެ.

- ޑޮސް އެޓޭކެއްގެ ސަބަބުން ޖަރުމަނީގެ އައިޓީ ފާމަކަށް ހަމަލާ ކުރިމަތިވެ އެ ފާމްއިން ބަލަހައްޓަމުން ގެންދާ ބޭންކުތަކުގެ ހިދުމަތް ހުއްޓި ގާތްގަނޑަކަށް 800 އިތުރު މާލީ ހިދުމަތްދޭ ތަންތަނުގެ މަސައްކަތް ހުއްޓުމަކަށް އައެވެ.

- ފިޝިން ހަމަލާތަކުގެ އަދަދު 2021 ވަނަ އަހަރު މޭ މަހުން ފެށިގެން އޮގަސްޓާއި ހަމައަށް 300 އިންސައްތައަށް އިތުރުވެގެން ދިޔައެވެ.

- ސީއެންއޭ ފައިނޭންޝަލްއަށް ދިމާވި ރެންސަމްވެއާ އެޓޭކްގެ ސަބަބުން 3 ދުވަސް ވަންދެން އެ އިދާރާގެ މަސައްކަތް ހުއްޓުމަކަށް އައިސް ހިދުމަތްވެސް ހުއްޓުމަކަށް އައެވެ.

ސައިބާ ކްރައިމް ހަމަލާތަކުން ސަލާމަތްވުމަށް ފިޔަވަޅު އެޅުން

އެމެރިކާގައި ސައިބަރ ތްރެޓް އިންޒާރު ގަވާއިދުން ދެނީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ޑިޕާޓްމަންޓް އޮފް ފައިނޭންޝަލް ސާވިސަސް (ޑީއެފްއެސް) އަދި ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިންނެވެ.

އަދި މާލީ ދާއިރާގެ ތެރޭގައި ސައިބަރ ސެކިއުރިޓީ ރަނގަޅު ކުރުމަށް އެމެރިކާއިން ވަނީ ތަފާތު ޤާނޫނުތަކާއި މިންގަނޑުތައް އެކުލަވާލާފައެވެ. މިސާލަކަށް 2002 ވަނަ އަހަރުގެ ސަރްބަނެސް-އޮކްސްލީ (އެސްއޯސީ) ގާނޫނަށް ސައިބަރ ސެކިއުރިޓީ ކޮމްޕޯނަންޓްތައް އިތުރުކުރެވި، ބޭންކް ސީކްރެސީ އެކްޓް ފާސްކުރުމާއި، ގްރަމް-ލީޗް-ބްލީލީ ގާނޫނާއި، ޕޭމަންޓް ކާޑް އިންޑަސްޓްރީ (ޕީސީއައި) ޑޭޓާ ސެކިއުރިޓީ ސްޓޭންޑަޑްތައް ވަނީ އިތުރުކުރެވިފައެވެ. ފަހަކަށް އައިސް އެމެރިކާގެ ރައީސް ބައިޑަންގެ ސަރުކާރުން ވަނީ މާލީ ދާއިރާއަށް ސައިބަރ ސެކިއުރިޓީގެ އާ ޤަވާއިދުތަކެއް އެކުލަވާލައިފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ތެރޭގައި ޔޫރަޕިއަން ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (އީޔޫ-ޖީޑީޕީއާރް) އޮވެއެވެ. ބްރެކްސިޓް ހިނގި ފަހުން އިނގިރޭސިވިލާތް ވަނީ ޖީޑީޕީއާރް (ޔޫކޭ-ޖީޑީޕީއާރް) ގެ އަމިއްލަ ވާޝަންއެއް އުފައްދާފައެވެ.

2015 ވަނަ އަހަރު އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓާއި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓް ގުޅިގެން ނެރެފައިވާ "ފައިނޭންޝަލް ސަރވިސަސް ސެކްޓަރ-ސްޕެސިފިކް ޕްލޭން" އަކީ މާލީ ޚިދުމަތްތަކުގެ ދާއިރާ-ސްޕެސިފިކް ޕްލޭންއެކެވެ.

އެއީ ސްޓްރެޓީޖިކް ފްރޭމްވޯކާއި، ލަނޑުދަނޑިތަކާއި، މައުލޫމާތު ހިއްސާކުރުމުގެ ސިޔާސަތުތަކާއި، ބެސްޓް ޕްރެކްޓިސް، އިންސިޑެންޓް ރެސްޕޮންސް، ރިކަވަރީ، އަދި ބެންޗްމާރކިންގ ހިމެނޭ ގޮތަށް ފައިނޭންޝަލް ސެކްޓަރ ފާމްތަކަށް ބޭނުންވާ ސައިބަރ ސެކިއުރިޓީ ޕްލޭނެއް އެކުލަވާލުމެވެ.

އެއީ ރަނގަޅު ބޭސިކް ގައިޑެކެވެ. ނަމަވެސް ހަމަ އެކަނި އެވަރަކުން ނުފުދެއެވެ. ފައިނޭންޝަލް ސެކްޓާގެ ވިޔަފާރިތަކުން އިންޑަސްޓްރީން ހިންގާ ބެސްޓް ޕްރެކްޓިސްތައް ޑިސްޕްލޭ އަބަދުވެސް ކުރަން ޖެހެއެވެ.

ފިންޓެކް ދާއިރާއަށް ސައިބާ ސެކިއުރިޓީއަށް އެންމެ ރަނގަޅު ޕްރެކްޓިސްތައް

ވަރަށް ގިނަ މާލީ އިދާރާތައް/ ފިންޓެކްގައި ފުޅާ ދާއިރާއެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމަންޓްތައް ހުރެ އެވެ. އެއީ ކޮމްޕިއުޓަރ އިންޖިނިއަރުންނާއި، ޓެކްނީޝަނުންނާއި، ނެޓްވަރކް އެޑްމިނިސްޓްރޭޓަރުންނާއި، މިނޫންވެސް ތަޖުރިބާކާރު ޗީފް އިންފޮމޭޝަން އޮފިސަރ (ސީ.އައި.އޯ) ގެ ބެއްލެވުމުގެ ދަށުން ވަރަށް ރަނގަޅަށް މަސައްކަތް ކުރާ މީހުންނެވެ.

މި ޖަމްޢިއްޔާތަކުން ވެސް ޕްރިވެންޓިވް ސިސްޓަމް މެއިންޓެނަންސް އަދި ސޮފްޓްވެއަރ އަޕްޑޭޓްސް ފަދަ ތަފާތު މަސައްކަތްތައް ކުރުމަށް މެނޭޖާޑް ސަރވިސް ޕްރޮވައިޑަރސް (އެމް.އެސް.ޕީ) އަށް ބަރޯސާވެއެވެ.

ގިނަ ޖަމްޢިއްޔާތަކުގައި، އިންޓަރނަލް އައި.ޓީ ސްޓާފުންނާއި، އެމް.އެސް.ޕީ ސްޓާފުންވެސް ގިނަފަހަރަށް ސައިބަރ ސެކިއުރިޓީގައި ދައުރެއް އަދާކުރޭ، އެހެން ނަމަވެސް، މިއީ އެންމެ އެކަށޭނަ ޙާލަތެއް ނޫން ކަމަށް ގިނަ ތަޖުރިބާކާރުން ދެކެއެވެ. އަދި ސުވާލެއްވެސް ނެތި، ވަލްނަރަބިލިޓީ އެސެސްމަންޓް، ޕެނެރޭޝަން ޓެސްޓިންގ އަދި ބެންޗްމާރކިންގ ފަދަ ބައެއް ނާޒުކު މަސައްކަތްތައް މި މީހުން ކޮށްގެން ނުވާނެކަމަށް ހަމަ މި ތަޖުރިބާކާރުން ބުނެއެވެ.

ސައިބާ ސެކިއުރިޓީ ހަމަލާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް

ޖަމްޢިއްޔާއެއްގެ ސައިބަރ ސެކިއުރިޓީ ކުރިއަށް ބަލަންވާނީ ހަރުދަނާ ޑިޓެކްޝަން ފިޔަވަޅުތަކެއް އަޅައިގެންނެވެ. މިއީ ހަމަލައެއް ކުރިމަތިވުމުގެ ކުރިން މިކަމަށް ފިޔަވަޅު އަޅަން ފަސޭހަވާނެ ގޮތެވެ.

ވަލްނަރަބިލިޓީ އެސެސްމަންޓާއި ޕެނެޓްރޭޝަން ޓެސްޓިން ނިމުމަށްފަހު ފެންނަ ނުރައްކާތައް މިޓިގޭޓް ކުރުމަށް މަސައްކަތް ކުރާނެ ގޮތުގެ ރަނގަޅު ޕްލޭނެއް ހެދުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ފައަވޯލް ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމާއި އެންޓި-ކީލޮގިން އެންކްރިޕްޝަން ސޮފްޓްވެއާ ބޭނުން ކުރުމާއި، މަލްޓި ފެކްޓާ އޮތެންޓިކޭޝަން ފިޔަވަޅުތައް ރަނގަޅު ކުރުމާއި ޕާސްވޯޑް މެނޭޖްމަންޓް ފިޔަވަޅުތަށް ހަރުކަށި ކުރުން ހިމެނެއެވެ.

ދެން މުހިންމު ކަމަކީ ސައިބާ ސެކިއުރިޓީ ފްރޭމްވޯކްއެއް ބެލެހެއްޓުމާއި ރަނގަޅު ޕޮލިސީތައް ތަންފީޒު ކުރުމެވެ. ކޮންމެ މާލީ އިދާއިރާއެއްގެވެސް އައިޓީ ސެކިއުރިޓީގެ އެންމެ މުހިންމު އެއް ރޯލް ގޮތުގައި މިކަން ވާން ޖެހެއެވެ.

ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެ އިންސިޑެންޓް ރިޕޯޓު ކުރާނެ ގޮތާއި ރިކަވަރީ ކުރާނެ ގޮތުގެ ޕްލޭނެއް ހެދިފައި އޮތުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ދެން ފާހަގަ ކުރެވެނީ ސައިބާ ސެކިއުރިޓީ ޓްރެއިނިން މުވައްޒިފުންނަށް ދިނުމެވެ. މިއީ ފިޝިން އެޓޭކްތަކާއި، ރެންސަމްވެއާ އެޓޭކްތަކާއި، މެލްވެއާ، ޑޮސް އަދި އެސްކިއުއެލް އިންޖެކްޝަން އެޓޭކްތައް ދެނެގަނެ މިކަމުން ރައްކާތެރިކަން ހޯދުމަށް މުވައްޒިފުންނަށް ދަސްކޮށްދިނުމެވެ.

ފައިނޭންޝަލް ސެކްޓާ ރައްކާތެރިކުރުން

އެމެރިކަން އިންސްޓިޓިއުޓް އޮފް ސަޓިފައިޑް ޕަބްލިކް އެކައުންޓަންޓްސް (އޭ.އައި.ސީ.ޕީ.އޭ) ގެ ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި އެމެރިކާގެ ކޮންމެ 10 އަކުން 8 މީހުން ހާމަކުރަނީ އެމީހުންގެ ޒާތީ ފައިނޭންޝަލް މަޢުލޫމާތުގެ ރައްކާތެރިކަމާއި މެދު ޝައްކު އުފެދޭ ކަމަށެވެ.

ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ބެސްޓް ޕްރެކްޓިސްތައް ތަންފީޒުކޮށް ފައިނޭންޝަލް އިންސްޓިޓިއުޝަންތައް/ފިންޓެކްފަދަ އިދާރާތަކުން ސައިބާ ހަމަލާތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސްނަގައިގެން މަސައްކަތް ކުރަމުންދާކަން ކަސްޓަމަރުންނަށް އިނގެން އެބަ ޖެހެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.