އައިފޯނަށްފަހު އެޕްލްގެ ވިސްނުން އާ ކަމަކަށް

ފާޠިމަތު އައިން ލަބީޤް 03 އޯގަސްޓު 2022

އައިފޯން ތައާރަފްކުރިތާ ފަނަރަ އަހަރު ވީއިރުވެސް އައިފޯންތައް ދަނީ ދުނިޔެ ބަދަލުކުރަމުން ކަމަށް އެޕްލްގެ ސީއީއޯ ޓިމް ކުކް ވަނީ ވިދާޅުވެފައެވެ. އެހެން ކުންފުނި ތަކަށްވަނީ މިއަހަރު ތަފާތު އެކި ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. ނަމަވެސް އެޕްލް އިން ވަނީ ހަމައެކަނި އައިފޯންތައް ވިއްކައިގެންވެސް 40$ ބިލިއަން އާމްދަނީއެއްގެ ގޮތުގައި ހޯދާފައެވެ.

ނަމަވެސް ދުނިޔޭގެ ސްމާޓްފޯން މާކެޓް ކުރިއަރަމުންދާއިރު، އެޕްލްގެ މާކެޓް ޕަވާރ ދަނީ ދުވަހުން ދުވަހަށް ދަށްވަމުންނެވެ. އައިފޯންތައް އެންމެ ގިނައިން ވިކެމުންދިޔަ ދުވަސްވަރު އެޕްލްއަށް ލިބުނު ޖުމަލަ އާމްދަނީގެ ތިންބައިކުޅަ ދެބައި އަކީ އައިފޯންތައް ވިއްކައިގެން ލިބުނު ފައިދާއެވެ. ނަމަވެސް އެޕްލްގެ އެންމެ ފަހު ކުއާޓަރގައި ލިބުނު އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ އައިފޯންގެ ހިއްސާ ދަށެވެ. ކެލިފޯނިއާގެ ކުޕަރޓީނޯގައި ހުންނަ އެޕަލްގެ މައި މަރުކަޒުގައި އިންޖިނިއަރުން ދަނީ ސްމާޓްފޯނުތަކަށް ވުރެ މޮޅު ގެޖެޓްތަކެއް އުފެއްދޭތޯ މަސައްކަތްކުރަމުންނެވެ. މިވަގުތު އެޕްލްއަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ އެކުންފުނިން ދޭ ހިދުމަތްތަކުންނެވެ.

ދުނިޔޭގެ ސްމާޓްފޯން މާކެޓް މަޑުޖެހެމުންދާކަމަށް ޑޭޓާ ކުންފުންޏެއް ކަމަށްވާ އައިޑީސީއިން ބުނެފައިވާއިރު، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ވެސް ސްމާޓްފޯން މާކެޓަށް ކުރިއެރުމެއް ނުލިބޭނެކަމަށް އެކުންފުނިންވަނީ ލަފާކޮށްފައެވެ.

ނަމަވެސް އެޕްލްއަށް އެ ކުންފުނީގެ މާކެޓް ހިއްސާ އިތުރުކުރުމެގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެމެރިކާގެ ސްމާޓްފޯން ސޭލްސްގެ ދެބައިކުޅަ އެއްބައިގެ ހިއްސާއަކީ އައިފޯން ނަމަވެސް ޔޫރަޕްގައި އައިފޯންގެ ހިއްސާއަކީ އެންމެ ކުއާޓަރއެއް ކަމަށް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ކަންޓަރއިން ވަނީ ބުނެފައެވެ. ކޮންމެއަކަސް ކުރިން އެޕްލް، ސްމާޓްފޯން މާކެޓްގައި ހަލުވިކަމާއެކު ހޯދަމުން އައި ކުރިއެރުން ދެން ދާނީ މަޑުމަޑުން ދަށަށެވެ.

އެޕްލް އިން ވަނީ އެހެން ޑިވައިސްތަކާ އެކު އާމްދަނީ އިތުރުކޮށްފައެވެ. އެގޮތުން އެ ކުންފުނީގެ އެއާޕޮޑްސް ވަނީ ސްމާޓް އިއާފޯންގެ މާކެޓް ލީޑަރަކަށް ވެފައެވެ. އަދި އެޕަލް ވޮޗަކީ ސްމާޓް ވޮޗް ތަކުގެ ތެރެއިން އެންމެ ކާމިޔާބު ބްރޭންޑެވެ. މިދިޔަ އަހަރު އެޕްލްއަށް ލިބުނު އާމްދަނީގެ %10 ހިއްސާކުރީ މިފަދަ 'ވެއަރެބްލްސް' އާއި ގޭގައި ބޭނުންކުރާ ސާމާނެވެ.

އެޕްލް އިން ދަނީ 2023 ވަނަ އަހަރު އެ ކުންފުނިން ފުރަތަމަ ފަހަރަށް އޮގްމެންޓެޑް ރިއަލިޓީ ހެޑްސެޓެއް ތައާރަފްކުރުމަށް ތައްޔާރުވަމުންނެވެ. އަދި އެޕްލްއިން މިހާރު ކާރުތަކުގެ އިންޓަރފޭސް ހަދަމުންދާއިރު، މުސްތަގުބަލުގައި ކާރުގެ ބާކީ ބައިތައް ވެސް ހެދިދާނެއެވެ. އެޕްލްގައި މަސައްކަތްކުރަމުންދާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިހާރު އެޕްލްއިން ސިއްހީ ފަރުވާގެ އިންޑަސްޓްރީއަށް ވަނުމުން، މުސްތަގުބަލުގައި އެކުންފުނީގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އިންޑަސްޓްރީ ތަކުގެ ތެރޭގައި ސިއްހީ ފަރުވާގެ އިންޑަސްޓްރީ ހިމެނިގެންދާނެއެވެ.

އެޕްލްގެ ސީއެފްއޯ ލޫކާ މޭސްޓްރީ ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި އެޕްލްއިން މިވަގުތު ވިއްކަމުންދާ ޑިވައިސްތަކަކީ "އަޅުގަނޑުމެންގެ ހިދުމަތްތަކުގެ ވިޔަފާރިއަށް ބޮޑު އިންޖީނެއް" ތަމްސީލުކުރާ ޑިވައިސްތަކެއް ކަމަށެވެ.

މިދިޔަ އަހަރު ހިދުމަތްތަކުން އެޕްލްއަށް 68$ ބިލިއަން އާމްދަނީއެއްގެ ގޮތުގައި ލިބިފައިވާއިރު، އެއީ އެޕްލްގެ ޖުމްލަ އާމްދަނީގެ %19 އެވެ. މިއީ 2015 ވަނަ އަހަރު ލިބުނު އަދަދުގެ ދެގުނައެވެ. އެޕްލްގެ އެންމެ ފަހުގެ ކުއާޓަރގައި މި އަދަދު ވަނީ %24 އަށް އިތުރުވެފައެވެ. އެޕްލްއިން މި ފައިސާ ލިބެނީ ކޮން ހިދުމަތްތަކަކުންތޯ ތަފްސީލްކޮށްފައި ނުވިނަމަވެސް ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި އާމްދަނީގެ އެންމެ ބޮޑު ބައެއް ލިބެނީ އެޕް ސްޓޯރއިން ނަގާ ފީ އިންނެވެ. އެގޮތުން ޑޭޓާ ޕްރޮވައިޑަރެއް ކަމަށްވާ ސެންސަރ ޓަވަރ އިން ލަފާކުރާ ގޮތުގައި އެޕް ސްޓޯރ ފީ ތަކުން މިދިޔަ އަހަރު އެޕްލް އަށް ވަނީ 25 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް އެޕްލްއަށް ލިބެމުންދަނީ އެ ކުންފުނީގެ ޑިވައިސްތަކުގެ ޑިފޯލްޓް ސާރޗް އިންޖީނަކަށް ވުމަށް ގޫގުލް އިން ދައަކާ ފީއިންނެވެ. މިއީ 2020 ވަނަ އަހަރު 10 ބިލިއަން ޑޮލަރު ކަމުގައިވީ ނަމަވެސް، މިހާރު އެ އަދަދު 20 ބިލިއަން ޑޮލަރާއި ގާތް ކުރާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން އަންދާސާކުރެއެވެ.

ދެން އެޕްލްއަށް އާމްދަނީ ލިބެނީ ސަބްސްކްރިޕްޝަން ސާވިސެސް އިންނެވެ. އެޕަލް މިއުޒިކާއި އެޕަލް ކެއާ އިންޝުއަރެންސް ފަދަ އެޕްތަކުން ޖުމްލަ 860 މިލިއަން އެކްޓިވް ޕެއިޑް ސަބްސްކްރިޕްޝަން ލިބިފައިވާ ކަމަށް އެޕްލް އިން ބުނާއިރު، މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ލިބުނު އަދަދަށްވުރެ ތިންބައިކުޅަ އެއްބައި އިތުރު އަދަދެކެވެ.


އެޕްލްގެ އެންމެ ފަހުގެ ކުއާޓަރގައި އެ ކުންފުނީގެ އުފެއްދުންތަކުގެ ގްރޮސް މާރޖިން %35 އަށް އަރާފައިވާއިރު، ހިދުމަތްތައް ވަނީ %72 އަށް އަރާފައެވެ.

މޯގަން ސްޓެންލީގެ އެރިކް ވުޑްރިންގް ގަބޫލުކުރާ ގޮތުގައި އެޕްލްގެ ވިޔަފާރި މޮޑެލް ދަނީ އިންސްޓޯލްޑް ބޭސް މޮނެޓައިޒޭޝަން ތަރައްގީކުރަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި އެޕްލްގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެކުންފުނީގެ 2.6 ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕިޓަލައިޒޭޝަން އަށް އިތުރު ޓްރިލިއަން ޑޮލަރު އިތުރު ކުރެވިދާނެއެވެ. އެޕްލްގެ އެވަރެޖް ޔޫޒަރަކު އެޕްލްގެ ހިދުމަތް ހޯދުމަށް މަހަކު 10 ޑޮލަރު ހޭދަކުރާއިރު، އެއީ ލިންކެޑިން ފަދަ ހިދުމަތްތަކަށް ސަބްސްކްރައިބް ކުރުމަށް ދާ ހަރަދަށް ވުރެ މާ މަދު އަދަދެއް ކަމަށް ވުޑްރިންގް ވަނީ އިތުރަށް ވިދާޅުވެފައިވެއެވެ.

އެޕްލް އިން ދަނީ އެ ކުންފުންޏަކީ ސާރވިސް ކުންފުންޏެއްގެ ގޮތުގައި ވިސްނުމަށް އިންވެސްޓަރުނަނަށް ބާރު އަޅަމުންނެވެ. އަދި ކައިރި މުސްތަގްބަލެއްގައި އެޕްލް އިން އެ ކުނުފުނީގެ ހާޑްވެއަރ ސަބްސްކްރިޕްޝަންގެ އުސޫލަށް ވިއްކަން ފަށާފާނެއެވެ. މާރޗް މަހު ބްލޫމްބާގުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެޕަލް އިން ދަނީ އައިފޯން ސަބްސްކްރިޕްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެޕްލްގެ މައިގަނޑު ވިޔަފާރިއަކަށް އަބަދުވެސް ވާނީ ހާޑްވެއަރއެވެ. ކޮންސިއުމަރުން އެޕްލްގެ ގެޖެޓްތައް އަބަދުވެސް ގަންނަމުން ދާނެކަމީ ޝައްކެއްވެސް ހުރިކަމެއްނޫނެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.