ޓެކްނޮލޮޖީ - އިޞްޠިލާޙުތަކުގެ މާނައަކީ ކޮބާ؟

ޢާއިޝަތު ޝައިހާ 11 އޯގަސްޓު 2022

'ޓީއެލްޑީއާރް'، 'އެންއެސްއެފްޑަބްލިއު'، 'އޯޕީ'، 'ޑީއެމް'، 'އައިޑީކޭ'، މިފަދަ ކުރުކުރު އިސްޠިލާޙުތައް މީސްމީޑިޔާ އާއި އިންޓަނެޓުގެ އެހެނިހެން މަންސަތަކުގައި، ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި މި ވަނީ މަގުބޫލުވެފައެވެ. ނަމަވެސް އަދިވެސް މަދު ބޭފުޅުންނަށް މި އިސްޠިލާޙުތަކުގެ މާނައެއް ނޭނގެއެވެ. އެހެންކަމުން މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ މިފަދައިން ބޭނުންކުރާ ބައެއް އިޞްޠިލާޙުތަކާއި، އޭގެ މާނަތަކުގެ އިތުރުން އެ ބޭނުންކުރެވޭ ޙާލަތްތަކަށެވެ.

ޓީއެލްޑީއާރް tldr

މި އިޞްޠިލާޙުގެ ދިގު ގޮތަކީ 'ޓޫ ލޯންގް ޓު ރީޑް' ނުވަތަ ކިޔުމަށް މާ ދިގު ވުމެވެ. މި އިޞްޠިލާޙު އާންމުކޮށް ބޭނުންކުރަނީ ޚިޔާލުފާޅުކުރާ ބައިތަކުގައާއި، އާޓިކަލްތަކާއި މެއިލްތައް މާ ދިގުވާނަމަ އޭގެ ކުރު ޚުލާސާއެއް ކިޔައިދިނުމުގެ ކުރިން އެކަން އެންގުމުގެ ގޮތުންނެވެ. ބައެއް ނުރަސްމީ ހާލަތުގައި، އެކުވެރިންނާއި ނުވަތަ އެހެން ގާތް މީހަކާއި ވާހަކަ ދައްކާއިރު އެމީހަކު ދެއްކި ވާހަކައެއް މާ ދިގުކަން އެމީހަކަށް އިޝާރާތްކޮށްލުމަށްވެސް މި ޢިބާރާތް ބޭނުންކުރެއެވެ.

އެންއެސްއެފްޑަބްލިއު nsfw

މި އިޞްޠިލާޙުގެ ދިގު ގޮތަކީ 'ނޮޓް ސޭފް ފޯ ވޯކް' ނުވަތަ މަސައްކަތުގެ ތެރޭގައި އެކަމަކުން ނުރައްކަލެއް އޮތުމެވެ. މި އިބާރާތުން އަންގައިދެނީ މަސައްކަތުގެ މާހައުލުގައި ނުވަތަ މީހުން ގިނަ މާހައުލެއްގައި ވަކި ސައިޓެއް ނުވަތަ ޕޯސްޓެއް ނުވަތަ ތަސްވީރެއް ބެލުމާއި ދުރުހެލިވުމަށެވެ. ބައެއް ހާލަތްތަކުގައި 'އެންއެސްއެފްއެލް' (ނޮޓް ސޭފް ފޯ ލައިފް)، ނުވަތަ ދިވެހިން ބުނާ ކަމުގައި ވާނަމަ ފުރާނައަށް ނުރައްކާ އިބާރާތްވެސް ބޭނުންކުރެއެވެ. މި އިބާރާތް ބޭނުންކުރަނީ އާންމުކޮށް އިންސާނުންގެ ވިސްނުމަށާއި އެހެނިހެން ގޮތަކުން އަސަރުކުރުމުގެ ފުރުސަތު ބޮޑުވާ ކަމުގައި ވާނަމައެވެ.

އޯޕީ OP

އޯޕީގެ މާނަ އިންޓަނެޓުގައި ދެ ގޮތަކަށް ބަޔާންވެފައި ވެއެވެ. އެއް ގޮތަކީ 'އޮރިޖިނަލް ޕޯސްޓް' ނުވަތަ އެންމެ ފުރަތަމަ ކުރި އަސްލު ޕޯސްޓުގެ މާނައިގައެވެ. އާންމުކޮށް މި މާނައިގައި 'އޯޕީ' ބޭނުންކުރަނީ ރެޑިޓް، ފޭސްބުކް، ޓްވިޓަރ އަދި ޓަމްބްލަރ ފަދަ މީސްމީޑިޔާ މަންސަތަކުގައި، އަސްލު ޕޯސްޓް ނުވަތަ އަސްލު ޕޯސްޓު ކުރި މީހާއަށް އިޝާރާތް ކުރުމުގެ ގޮތުންނެވެ. ގޭމިންގ ދުނިޔޭގައި ވެސް މި އިސްޠިލާޙު ބޭނުންކުރެވެއެވެ. އެހެންނަމަވެސް އެ ދުނިޔޭގައި 'އޯޕީ' ގެ މާނައަކީ އޯވަރޕަވަރ ވުމެވެ. މީގެ މާނައަކީ ގޭމެއްގެ ކެރެކްޓަރ އެއް އެހެން ފަރާތްތަކަށް ވުރެ މާ ވަރުގަދަ ވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެހެން ކެރެކްޓާތަކަށް ކުރާ ހިސާބަށް ދިޔުމެވެ.

ޑީއެމް DM

މިއީ ކުރު ގޮތަކަށް ބުނާނަމަ 'ޑައިރެކްޓް މެސެޖް' ނުވަތަ ވަކިން ސީދާ މެސެޖުކުރުމެވެ. މި އިޞްޠިލާޙު ބޭނުންކުރަނީ، އާންމުކޮށް މީސްމީޑިޔާ މަންސަތަކުގައި ވަކިން މެސެޖުކުރުމަށް އެދިއެވެ. ރަސްމީކޮށް އަދި ނުރަސްމީކޮސް ވެސް މި އިސްޠިލާހު މިހާރު ބޭނުންކުރާ ކަން ފާހަގަވެއެވެ.

އައިޑީކޭ idk

މިއީ އެންމެ އާންމުކޮށް ބޭނުންކުރާ އިޞްޠިލާޙުގެ ގޮތުގައި ފާހަގަކޮށްލެވޭ އެއް އިޞްޠިލާޙެވެ. މީގެ މާނައަކީ 'އައި ޑޯންޓް ނޯ' ނުވަތަ އަހަރެންނަށް ނޭނގެއެވެ. މި އިބާރާތް އާންމުކޮށް ބޭނުންކުރަނީ ނުރަސްމީ ގޮތުގައި، ގާތް މީހުންނާއި ވާހަކަ ދެއްކުމުގެ ތެރޭގައި މައުލޫމާތެއް ނޭނގޭކަން އެންގުމުގެ ގޮތުންނެވެ.

އޭއެފްކޭ afk

މި އިޞްޠިލާޙުގެ ދިގު ގޮތަކީ 'އަވޭ ފްރޮމް ކީބޯޑް' ނުވަތަ ކީބޯޑާއި ދުރުވާށެވެ. މީގެ މާނަ އޭގެ ބޭރުފުށުގެ މާނައިގެ ގޮތުގައި ވެސް ނެގިދާނެއެވެ. ހަމަ އެހެންމެ ތިމާ އިނީ އޮންލައިންގައި ނޫން ކަން އަންގައިދިނުމަށްވެސް މި އިސްޠިލާޙު ބޭނުންކުރެއެވެ. އަދި ދައްކަމުންދާ ވާހަކައެއް ނިންމާލާ ފަހަތަށް ޖެހިލާކަން އަނެއް މީހާއަށް އަންގައިދިނުމަށްވެސް މި އިބާރާތް ބޭނުންކުރެވިދާނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.