Download Logo
Copy Logo

ޖެން-ޒީ ޑިޖިޓަލް ޒަމާނުގައި އެނަލޮގަށް ބަދަލުވާން ހިޔާރުކުރަނީ ކީއްވެ؟

ހިންދު ޢަލީ • 01 އޮކްޓޯބަރު 2026

2024 ވަނަ އަހަރު ޕިއު ރިސަރޗްއިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ފުރާވަރުގެ ކުދިންގެ ގާތްގަނޑަކަށް %50، މުޅި ދުވަސް ހޭދަކުރަނީ އޮންލައިންކޮށްނެވެ. ފުރާވަރުގެ ކުދިންގެ ތެރެއިން ޖެން އަލްފާ (2013 އާއި 2025 ދެމެދު އުފަން) އަދި ޖެން ޒީ (1997 އާއި 2012 އާއި ދެމެދު އުފަން) ކުދިންނަކީ އިންޓަރނެޓްގެ ތެރޭގައި އުފަންވެ ބޮޑެތިވީ ކުދިންނެވެ.

މިލެނިއަލްސް (1997-1981) އާއި ޖެން އެކްސް (1980-1965) އަކީ އެމީހުންގެ އުމުރުގެ ކޮންމެވެސް ބައެއް އިންޓަރނެޓާއި ސޯޝަލް މީޑިއާ ނެތް ޒަމާނެއްގައި ހޭދަކުރި ބައެކެވެ. އެހެން ނަމަވެސް ޖެން ޒީ އަދި ޖެން އަލްފާ އަކީ އެއް ގޮތަކަށްވެސް އިންޓަރނެޓް ނެތް ޒަމާނެއް ފެނިފައި ނުވާ ކުދިންނެވެ.

ނަމަވެސް މިހާރު ޖެން ޒީ އުމުރުގެ ކުދިންގެ މެދުގައި ވަރަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލެއް ފެންނަމުން އެބަދެއެވެ. ގިނަ އަދަދެއްގެ ޖެން ޒީ ކުދިން ދަނީ ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލުމާއި، ގިނަ ވަގުތު އޮފްލައިންކޮށް ހޭދަކުރުމުގެ ޓްރެންޑާއި ދިމާލަށެވެ.

ގިނަ ވަގުތު ސްކްރީން ބޭނުންކުރުމުން ދިމާވާ މައްސަލަތަކާއި މެދު ހޭލުންތެރިކަން އިތުރުވެގެންދާ މިންވަރަކަށް 'ޑިޖިޓަލް ޑިޓޮކްސިންގ' ޓްރެންޑާއި ދިމާލަށް ޖެން ޒީ ކުދިން ދާ މިންވަރު ދަނީ މަޑު މަޑުން އިތުރުވަމުންނެވެ. ހުއްޓުމެއް ނެތި ސްކޯލް ކުރުން (ނުވަތަ ޑޫމް ސްކްރޯލިންގ) އަކީ ސްމާޓް ފޯނު ޒަމާނުގެ ބަލިމަޑު ކަމެއްގެ ގޮތުގައި ބަލައިގަނެ އެކުދިން ދަނީ އެކަމުން ދުރުހެލިވުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން ފީޗަރ ފޯނުތައް (ނުވަތަ ޑަމްބް ފޯނު) އަނބުރާ އައުމުގެ ނިޝާންތައް މިހާރު ދަނީ ފެންނަމުންނެވެ. މަޑު މަޑުން ފެށުނު ނަމަވެސް ކުރިއަށް އޮތް މުސްތަގުބަލުގައި މިމާކެޓް ކުރިއަރާނެކަމަށް ލަފާކުރެވެއެވެ. 2026 ގެ ޑޭޓާގެ މައްޗަށް ރިސަރޗް އެންޑް މާކެޓްސް އިން ނެރިފައިވާ ދިރާސާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން ފީޗަރ ފޯނުގެ މާކެޓް 2025 އިން 2026 އަށް ގާތްގަޑަކަށް %5 އިތުރު ވެފައިވެއެވެ. ފީޗަރ ފޯނުގެ މާކެޓް 2025 ވަނަ އަހަރު 39.11 ބިލިއަން އިން 2030 ވަނަ އަހަރާއި ހަމައަށް 49.66 ބިލިއަންއަށް އިތުރު ވާނެކަމަށް މިދިރާސާގައި ލަފާކުރެއެވެ.

ހައިރާންވާން ޖެހޭ އެއް ކަމަކީ އާދައިގެ ފޯނުތަކަށް ބަދަލުވުމުގެ މި ޓްރެންޓް ވައިގައި ހިފާލީ ވެސް ސޯޝަލް މީޑިއާގައި ކަމަށްވުމެވެ. އެކި އެކި ސޯޝަލް މީޑިއާގައި ޕްލެޓްފޯމްތަކުގައި މިކަމާއި ގުޅުވައިގެން ދައުރުވާ ޕެޓިޝަންތަކުގެ ސަބަބުންނެވެ. 2022 ވަނަ އަހަރުގެ ފަހުކޮޅު ޓިކްޓޮކްގައި ފެށުނު ބްރިންގް ބެކް ފްލިޕް ފޯންސް (bringbackflipphones#) ހޭޝްޓެގާއި ޖުލައި 2025 ގައި ފެށުނު ބްރިންގް ބެކް ބްލެކްބެރީ (bringbackblackberry) ކެމްޕެއިން ފަދަ ބައެއް މަސައްކަތްތަކަކީ މިގޮތުން ފެނުނު ބައެއް ކަންތައްތަކެވެ. މީގެ އިތުރުން 2024 ގައި ޔޫކޭގައި ބެލެނިވެރިންގެ ގްރޫޕަކުން ފެށި ސްމާޓްފޯން ފްރީ ޗައިލްޑްހުޑް (smartphonefreechildhood) ޕްރޮގްރާމަކީ ވެސް މިފަދަ މަސައްކަތެކެވެ.

ލައިޓް ފޯން III (ފޮޓޯ: ލައިޓް ވެބްސައިޓް)

ލައިޓް ފޯނު އުފެއްދި ކުންފުނި، ލައިޓް އިން ސީއެންއެންއަށް ދީފައިވާ މައުލޫމާތުގައި ވާގޮތުން އެކުންފުނީގެ ޑިވައިސްތައް ބޭނުންކުރާ 100،000 އަށް ވުރެ ގިނަ ޔޫސަރުން މިހާރު އެބަ ތިއްބެވެ. އަދި މިނިމަލިސްޓް ފޯނު އުފައްދާ ޕަންކްޓް (Punkt) ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ފޯނުތައް، ގާތްގަނޑަކަށް އަހަރަކު 50،000 ފޯނު ވިކެއެވެ.

ޕަންކްޓް ބްރޭންޑްގެ ފޯނެއް (ފޮޓޯ: ޕަންކްޓް ވެބްސައިޓް)

ނޮކިއާ ބްރޭންޑްގެ ފޯނުތައް ވިއްކާ އެޗްއެމްޑީ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، Y2K ޒަމާނުގެ ނޮކިއާ 3210 މޮޑެލް އަށް ބިނާކޮށް އުފައްދާފައިވާ އެކުންފުނީގެ ފޯނު، 2022 އާއި 2023 އާއި ދެމެދު، ވިކުނު އަދަދު 2 ގުނައަށް އިތުރު ވެފައިވެއެވެ. އެކުންފުނިން ގަބޫލުކުރާ ގޮތުގައި މިފޯނުގެ ވިޔަފާރި އިތުރުވީ ޓިކްޓޮކްގައި bringbackflipphones# ހޭޝްޓެގް އާންމުވުމާއި ގުޅިގެންނެވެ.

ނޮކިއާ 3210 މޮޑެލް (ފޮޓޯ: އެޗްއެމްޑީ ވެބްސައިޓް)


މިބަދަލުގެ ފަހަތުގައި ހިމެނޭ ބައެއް ސަބަބުތައް

އަބަދު ކަނެޓްވެފައި ނުތިބުމާއި، އިންޓަރނެޓާއި ޑިޖިޓަލް ވަސީލަތްތަކާއި ދުރަށް ދިއުމަށް ބައެއް މީހުން ކުރާ މަސައްކަތަކީ ހަމައެކަނި ކުރީގެ ރެޓްރޯ ޓެކްނޮލޮޖީ އަނބުރާ ގެނައުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫނެވެ. މިބަދަލުގެ ފަހަތުގައި ބައެއް އިޖުތިމާއީ އަދި ނަފްސާނީ މުހިންމު ސަބަބުތަކެއް ހިމެނެއެވެ.

އަލްގޮރިދަމްތަކާއި ނޯޓިފިކޭޝަންތަކުގެ ސަބަބުން ދިމާވާ އުނދަގޫތައް

ކެނޑިނޭޅި އިންޓަރނެޓަށް ގުޅިފައި ހުރުމާއި، އަހަރުމެންގެ ޑިވައިސްތަކުން ހުއްޓުމެއް ނެތި ފޮނުވާ ނޮޓިފިކޭޝަންތަކާއި، އަހަރުމެންނަށް ޓާގެޓް ކޮށްފައި ހުންނަ އިސްތިހާރުތަކާއި، އަލްގޮރިދަމްތަކުގެ ސަބަބުން ޑޫމް ސްކްރޯލް ކުރުން އިތުރުވުން ފަދަ ކަންތައްތައް ގިނަވެ، ގިނަ ބައެއްގެ ސިކުނޑިތައް ބޮޑު ތަކުލީފަކާއި ކުރިމަތިލާންޖެހެއެވެ. އަބަދު ސިކުނޑި ބިޒީ ވެފައި ހުރުމާއި، ސިކުނޑިއަށް ބޭނުންވާ ބްރޭކް ނުވަތަ ރެސްޓް ނުލިބުމުގެ ސަބަބުން އެތަކެއް ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކެއް ދިމާވެއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ސްމާޓްފޯނުތަކާއި ދުރައްޖެހިލުމުން ވަގުތުން ހިތްހަމަޖެހުން ލިބިގެންދެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން

އަބަދު އިންޓަނެޓާއި ގުޅިފައި ހުރުމަކީ ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ސިއްހަތަށް އަސަރު ކުރާކަމެކެވެ. ސްމާޓްފޯން ފްރީ ޗައިލްޑްހުޑް ފަދަ ހަރަކާތްތަކުން ކުދިންގެ ނަފްސާނީ ސިއްހަތަށް ސަމާލުކަން ދިނުމަށް ގޮވާލައެވެ. އަދި އިޖުތިމާއީ ގުޅުންތަކަށް ކޮންމެހެން ޑިވައިސް ބޭނުންކުރަން ނުޖެހޭ ހާލަތުގައި އެކަން މަދު ކުރުމަށް ބާރުއަޅައެވެ. މިކަމުގެ ސަބަބުން ޒުވާނުން އަމިއްލަ ދިރި އުޅުމަކާއި ހަމައަށް ދެވޭ އިރު ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބައެއް ކަމަށްވުމުގެ ފުރުސަތު ބޮޑެވެ. އާދައިގެ ފޯނު ބޭނުންކުރުމުން ސްކްރީނަށް ބެލުން މަދުވެ ވަށައިގެންވާ މާހައުލަށް ސަމާލުކަން ދޭން ފަސޭހަވެއެވެ.

ފިލްޓަރުތަކުގެ ފަރުދާގެ ފަހަތުގައިވާ ހަގީގަތަށް އިސްކަން ދިނުން

ސޯޝަލް މީޑިއާއިން ފެންނަ ހުރިހާ ކަމަކީ ހަގީގަތް ނޫންކަން މިހާރުގެ ކުދިންނަށް ދެނެގަނެވެއެވެ. އެއީ އެތައް ފިލްޓަރެއްގެ ފަހަތުގައި، އެތައް ކުލަތަކެއް ޖައްސާ، ގިނަ ބަދަލުތަކެއް ނެގެސް އުފައްދާ ތަކެތިކަން މިހާރު ގިނަބަޔަކަށް ފަހުމްވެއެވެ. އެހެންކަމުން މިފަދަ ޕްލެޓްފޯމްތަކާއި ސްމާޓްފޯނުތައް ދޫކޮށްލާ، އޭގެ ބަދަލުގައި ކުރީ ޒަމާނުގެ އާދައިގެ ޓެކްނޮލޮޖީއިން އުފައްދާ އާދައިގެ ތަކެއްޗަށް ދެވޭ ސަމާލުކަން މިހާރު ދަނީ އިތުރު ވަމުންނެވެ.


މިބަދަލު ހިމެނޭ ދާއިރާތަކަކީ ހަމައެކަނި ސްމާޓްފޯނެއް ނޫން

ހަބަރުތަކުގެ ސުރުހީތަކުގައި ޒުވާނުން ފީޗަރ ފޯނު ނުވަތަ ޑަމްބް ފޯނު ހިޔާރު ކުރާކަމަށް ލިޔެވިފައިވީ ނަމަވެސް މިބަދަލު އަންނަނީ ހަމައެކަނި ފޯނުތަކުގެ ދާއިރާއަކުން އެކަންޏެއް ނޫނެވެ. ޑިޖިޓަލްކޮށް ކުރާ އެހެން ބައެއް ކަންތައްތައް ވެސް ދޫކޮށްލާ އެނަލޮގް ގޮތްތައް ހިޔާރު ކުރާކަމަށް ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ފިޒިކަލް މީޑިއަމްތައް ބޭނުންކޮށްގެން މަސައްކަތްތައް ކުރުމާއި، މުނިފޫހިފިލުވުމަށް ކުރާ ކަންތައްތަކާއި ހޮބީތައް އޮފްލައިންކޮށް ކުރުމާއި، އަދި ފިޒިކަލް ހާޑްވެއަރ އިހްތިޔާރު ކުރާ ބައެއް ކަންތައްތައް ވެސް ހިމެނެއެވެ.

އަތުން ހިފާ އިހުސާސު ކުރެވޭ ފިޒިކަލް ހާޑްވެއަރ

ބްރިންގް ބެކް ބްލެކްބެރީ ފަދަ ކެމްޕެއިންތަކުން ފާހަގަ ވަނީ ބައެއް ފަރާތްތަކުން ފިޒިކަލް ފިތްތައް ހިމެނޭ ފޯނާއި، ކީބޯޑު އެކުލެވޭ ފޯނުތައް ބޭނުންކުރުމުގެ ޝައުގުވެރިކަން އިތުރުވެފައިވާކަމެވެ. އެއްވެސް ފީޗަރ އެއް ފެންނަން ނުހުންނަ ސްމާޓްފޯނުތަކަކީ ހަމައެކަނި އޮމާން ބިއްލޫރި ގަނޑެއް ފަދައިން ހީވާކަމާއި، މިއީ ފޫހި އޮޕްޝަނެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ފިޒިކަލް މީޑިއަމްތައް އަލުން ދިރުވުން

މިހާރަކަށް އައިސް ވައިނަލް ރެކޯޑްތަކާއި، ސީޑީތަކާއި، ކެސެޓް ޓޭޕްތަކާއި، ކަރުދާސް ޖާނަލްތަކަށް މީގެ ކުރިން ނުފެންނަ މިންވަރަކަށް ޑިމާންޑް ދަނީ އިތުރުވަމުންނެވެ. ކަރުދާހުގައި ފޮޓޯއެއް ޕްރިންޓް ކުރުމުން ނުވަތަ މަސައްކަތްތައް އޮގަނައިޒް ކުރުމަށް ނުވަތަ ކުރެހުމަށް ނުވަތަ ޖަރނަލް ކުރުމަށް ފިޒިކަލް ފޮތެއް ބޭނުން ކުރުމުން ލިބޭ ހިތްހަމަޖެހުން، ހަމަ އެކަންތައްތަކަށް އެޕެއް ބޭނުންކުރުމަށް އަޅާބަލާފައި، އެތައް ގުނައެއް އިތުރުވާކަމަށް އިހްސާސް ކުރެވޭކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އެޕެއް ބޭނުންކުރުމުން، ފިޒިކަލްކޮށް އެކަން ކުރުމުން ލިބޭ އިހްސާސް ނުކުރެވޭކަމަށް ވެއެވެ.

އިޖުތިމާއީ ކަންކަން އޯފްލައިންކޮށް ކުރުމަށް އިސްކަން ދިނުން

ޖެން ޒީ ކުދިން މުނިފޫހިފިލުވުމަށް ކުރާ ކަންތައްތަކާއި ހޮބީތައް އޮފްލައިންކޮށް ކުރުމަށް މިހާރު އިސްކަންދެއެވެ. ރައްޓެހިންނާއި އެކުގައި ހޭދަކުރާ އިޖުތިމާއި މާހައުލުތަކުގައި، ސްކްރީނާއި ނުލާ ކުރެވޭ ކަންތައްތައް އިހްތިޔާރުކުރެއެވެ. ބޯޑު ގޭމު ކުޅުމާއި، ފިޒިކަލް ފޮތް ކިޔުމަށް ޖަމާވާ ބުކް ކްލަބްތަކާއި، އެހެނިހެން ފިޒިކަލް މީޑިއަމްތައް ބޭނުންކުރެވޭ ހޮބީތައް (ޕޮޓަރީ، ކުރެހުން، ފެހުން، ނިޓްކުރުން، ޑޫޑުލްކުރުން ފަދަ) ހިޔާރުކުރެއެވެ. މީގެ ސަބަބުން ފޯނު ނުވަތަ ޑިޖިޓަލް ނެޓްވޯކްތަކުގެ ބޭރުން އިޖުތިމާއީ ގުޅުން ބަދަހިކުރެވެއެވެ.


މިއީ ޓެކްނޮލޮޖީއަށް ދެކޮޅުހެދުމެއް ނޫން

ޑިޖިޓަލް ގޮތްތަކަށް ވުރެ އެނަލޮގް ގޮތްތައް އިސްކުރުމަކީ ޓެކްނޮލޮޖީ ދޫކޮށްލުން ނޫންކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އޮފީހުގެ މާހައުލުގައި މަސައްކަތްތައް އޮގަނައިޒްކުރަން ފިޒިކަލް ފޮތެއް ބޭނުންކުރުމަކީ ނުވަތަ ފްލިޕް ފޯނެއް ބޭނުންކުރުމުގެ މާނައަކީ އަހަރުމެން ލެޕްޓޮޕްތަކާއި ދުރުހެލިވެ، ބޭންކިން އެޕްތައް ޑިލީޓްކޮށްލާ، ނުވަތަ ޒަމާނީ ބޭސްވެރިކަން ދޫކޮށްލުމެއް ނޫނެވެ.

އެއާއި ހިލާފަށް މިބަދަލުގެ ފަހަތުގައިވާ ހަގީގީ ބޭނުމަކީ އަހަރުމެންގެ ދިރިއުޅުމުގައި ކުރާ ކަންތައްތަކުގައި ޓެކްނޮލޮޖީ ބެލެންސްޑްކޮށް ބޭނުންކުރުމެވެ. ދިރިއުޅުމުގައި ޓެކްނޮލޮޖީއަށް ބަރޯސާ މިންވަރު ކޮންމެވެސް މިންވަރަކަށް ދަށްކޮށް ދިރިއުޅުމާއި ޓެކްނޮލޮޖީ، އެއް ހަމައެއްގައި ބޭނުންކުރުމެވެ.

ކޮންމެ ކަމެއްވެސް ޓެކްނޮލޮޖީގެ އެހީގައި ކުރެވޭނެއެވެ. އެހެން ނަމަވެސް ކޮންމެ ކަމެއްގައި ޓެކްނޮލޮޖީ ބޭނުން ނުކުރުމެވެ. އޭގެ ބަދަލުގައި ހޭލުންތެރިކަމާއެކު ކޮންމެހެން ބޭނުންކުރަން ޖެހޭ ޓެކްނޮލޮޖީ އެކަނި ބޭނުންކުރުމެވެ.

ވަޒީފާއަށް ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ކުރުމަށް ނުވަތަ ދަތުރުފަތުރުގެ ކަންތައްތަކުގައި، އެކަންތައް އަވަސް ކުރަން ބޭނުންވާ ވަގުތުގައި ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުން ކުރަންވީއެވެ. ޓެކްނޮލޮޖީގެ ޑިމާންޑް އޮންނަ ކަންތައްތަކުގައި އެއީ މުހިއްމު ޓޫލެކެވެ. ހަމަ އެއާއި އެއް ހަމައެއްގައި ބައެއް ވަގުތުތަކުގައި، ބައެއް ކަންތައްތަކުގައި، ކޮންމެހެން ޓެކްނޮލޮޖީއާއި ނުލާ ކުރެވޭނެ ކަންތައްތައް ފިޒިކަލްކޮށް އަދި އޮފްލައިންކޮށް ކޮށްލުންވެސް މުހިއްމު ވެއެވެ. މިސާލަކަށް ރަސްމީ ދުވަސްތަކުގައި ސްމާޓް ފޯނުތައް ބޭނުންކުރުމަށް ފަހު ހަފްތާ ބަންދުގައި އެކަނި ނަމަވެސް އާއިލާއާއި ރައްޓެހިންނާއި އެކު އެފަދަ ޑިވައިސްތަކާއި ނުލާ ވަގުތު ހޭދަކުރުން މުހިއްމެވެ. އާއިލާއާއި އެކުގައި ކެއުމުގެ ވަގުތުތަކުގައި ނުވަތަ ރައްޓެހިންނާއެކުގައި މުނިފޫހި ފިލުވާ ވަގުތުތަކުގައި ސްމާޓް ފޯނުތަކާއި ކުޑަ ވަގުތުކޮޅަކަށް ދުރަށް ޖެހިލުމަކީ އަހަރުމެންގެ ނަފްސާނީ ސިއްހަތުވެސް ރައްކާތެރިކޮށްދޭނެ ބަދަލެކެވެ.

އައު ބާވަތުގެ ޓެކްނޮލޮޖީތައް އުފައްދާ އަދި މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ބާވަތުގެ ޓެކްނޮލޮޖީތައް އައު އުސްމިންތަކަކަށް ހަލުވިކޮށް ކުރިއަރަމުންދާ މިޒަމާނުގައި ޑިޖިޓަލް ގޮތްތަކަށް ގޮންޖަހާލާ އެނަލޮގްކޮށް ކަންތައްތައް ކުރުމަށް އިސްކަންދިނުން ވެސް މަޑުމަޑުން އިތުރު ވެގެންދާ ކަމީ ހަގީގަތުގައި ވަރަށް ހައިރާންވެސް ކުރުވާކަމެކެވެ.

އެއްކޮޅުން މިއަދުގެ ހަގީގަތަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިވެ ސިކުންތު ކޮޅަކުން އުފައްދާ އަސްލާ އެއްގޮތް ތަސްވީރުތަކެވެ. ދައްކަ ދައްކަ ހުންނަ ވާހަކަތައް ވަގުތުން އެއްބަހުން އަނެއްބަހަށް ތަރުޖަމާ ކޮށްލެވޭ ޓެކްނޮލޮޖީއެވެ. މުނިފޫހި ފިލުމުވުމަށް، ނަން ހުސްކޮށް ލިބެންހުރި ފިލްމުތަކާއި ސީރީސްތައް އެކުލެވޭ ސްޓްރީމިންގ ޕްލެޓްފޯމްތަކެވެ. އަދި އަހަރުމެންގެ ކޮންމެ ހަރަކާތަކަށް ބަލަބަލާ ތިބި އެލްގޮރިދަމްތަކެވެ. މިޒަމާނުގެ އީޖާދީ އުފެއްދުންތަކަކީ އަހަރުމެން ދިރިއުޅުމުގައި ކުރާ ކޮންމެ މަސައްކަތެއް ފަސޭހަކޮށްދޭ ތަކެއްޗެވެ.

އެހެން ނަމަވެސް މަންޒަރުގެ އަނެއް ފަރާތުން އެހެން ތަސްވީރެއް ވެސް ފެނިގެން ދެއެވެ. އަހަރުމެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޓެކްނޮލޮޖީގެ އެހީ މަދުކޮށް އަމިއްލައަށް ފިޒިކަލް މަސައްކަތްތައް އިހްތިޔާރު ކުރާ މީހުންވެސް އެބަ އިތުރުވެއެވެ. ފޮޓޯ ނެގުމަށް ކުރީ ޒަމާނުގެ ބާވަތްތަކުގެ ކެމެރާ ބޭނުންކޮށް، އެ ފޮޓޯތައް ފިޒިކަލްކޮށް ޕްރިންޓްކުރާ މީހުން އެބައުޅެއެވެ. އައިޕެޑް، ފޯނު ނުވަތަ ކިންޑްލް ފަދަ އީ-ރީޑަރުތަކުން ފޮތް ކިޔުމުގެ ބަދަލުގައި ފިޒިކަލް ފޮތްތައް ހޯދާ އެގޮތަށް ފޮތްކިޔަން ޝައުގުވެރިވާ މީހުން އެބަ ގިނަވެއެވެ. ބައެއް ލިޔުންތައް ޑިޖިޓަލް ޑިވައިސްތައް ބޭނުންކޮށްގެން ނުލިޔެ އަތުން އެތަކެތި ލިޔެ ރައްކާކުރުމަށް އެއް ބަޔަކު ޝައުގުވެރިވެއެވެ. އެމީހުންގެ ދަރިން ކައިރީގައި ސްކްރީނަކާއި ނުލާ ދުވަހުގެ ބައެއް ވަގުތު ހޭދަކުރުމަށާއި، އަދި މުޅި ދުވަހުގެ ހުރިހާ ވަގުތެއްގައި ބިޒީވެ ނުތިބެ، އެއްވެސް ކަމެއް ނުކޮށް ވަގުތު ހޭދަކުރުމަށް ބާރުއަޅާ ބައެއް ބެލެނިވެރިން ވެސް އެބަ އުޅެއެވެ.

މުސްތަޤްބަލް މުޅިން އެނަލޮގެއް ނުވާނެއެވެ. އަދި އެގޮތަށް ވާކަށް ގިނަ ބަޔަކު ބޭނުމެއްވެސް ނުވެއެވެ. އެހެންނަމަވެސް ޑިޖިޓަލް ދުނިޔެއަށް އުފަން އަދި އެނޫން އެހެން ހަގީގަތެއް ނުފެންނަ ޖީލުތަކުގެ ކުދިން މިހާރު މިދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ބުނެވޭނެދޯއެވެ. ހުރިހާ ކަމެއް ކުރުމަށް ޑިޖިޓަލް އުފެއްދުންތައް ހުރި ނަމަވެސް ހުރިހާ ކަމެއް ކުރުމަށް އެތަކެތި ބޭނުންކުރާކަށް ނުޖެހޭދޯއެވެ. އެއީ ލާޒިމުކަމެއް ނޫނެވެ. އަހަރުމެންނަށް ފައިދާވާ ކަންތައްތަކުގައި އެތަކެތީގެ ފަސޭހަކަން އިހްތިޔާރު ކުރި ނަމަވެސް، މިތަކެތި ބައެއް ވަގުތުތަކުގައި ބޭނުން ނުކުރުމަށް ގަސްދުކުރުމަކީ ވެސް ހަމަ ފައިދާ ހުރި ރަނގަޅު ގޮތެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.