ޓެސްލާބޮޓްގެ ވާދަވެރިޔަކަށް ޝައުމީގެ ސައިބަރވަން

ފާޠިމަތު އައިން ލަބީޤް 19 އޯގަސްޓު 2022

ޝައުމީ އިން މިހަފްތާގައި ވަނީ ޓެސްލާބޮޓްއާއި ވާދަކުރެވޭނެ ހިއުމަނޮއިޑް ރޮބޮޓެއް ކަމަށްވާ 'ސައިބަރވަން' ތައާރަފްކޮށްފައެވެ. ބަރުދަނުގައި 52 ކިލޯ އަދި 1.77 މީޓަރު އުސްމިނުގައި ހުންނަ މި ރޮބޮޓް ތައާރަފްކުރީ އޮގަސްޓް 11 ގައި ބެއިޖިންގްގައި ބޭއްވި އިވެންޓެއްގައި ޝައުމީގެ ސީއީއޯ ކަމަށްވާ ލެއި ޖުންއެވެ.

ސައިބަރވަން އަކީ ތަފާތު ގިނަ އެއްޗެހި އެއްފަހަރާ އުފުއްލޭ ރޮބޮޓެކެވެ. އގަސްޓް 11 ގައި ބޭއްވި އިވެންޓުގައި ސައިބަރވަން ލެއި ޖުންއަށް ރަތް ކުލައިގެ މަލެއް ދިނުމުން މިކަންވަނީ ސާބިތުވެފައެވެ. ލެއި ޖުން އެ މާ ބަލައިގަތުމާއެކު ސައިބަރވަން ތަފާތު އެކި ކަންފޫ މޫވްތައް ދައްކަން ފެށިއެވެ. އެއަށްފަހު ލެއި ޖުން ސައިބަރވަން އާއި އެކު ސެލްފީއެއް ނަގައި، ތައާރަފް ނިންމާލިއެވެ.

ޝައުމީ އިން ވަނީ އެ ކުންފުނީގެ ޔޫޓިއުބް ޗެނެލްގައި ސައިބަރވަން ދައްކުވައިދޭ ސިނަމެޓިކް ވީޑިއޯއެއް އާންމުކޮށްފައެވެ. ނަމަވެސް މި ވީޑިއޯއިން ބޮސްޓޮން ޑައިނެމިކްސްގެ ސޮމާރސޯލްޓީން އެޓްލަސް ރޮބަޓާއި ހިލާފަށް ސައިބަރވަން އަދި އެހާ އެޖައިލްއެއް ނޫންކަން ހާމަވެއެވެ.

ޝިއާއޯމެއި ނެރުނު ޔޫޓިއުބް ވީޑިއޯ

އޭއައި އިންޓަރެކްޝަން އެލްގޮރިތަމް އާއި މީ-ސެންސް ޑެޕްތް ވިޝަން މޮޑިއުލްއެއް ހުންނަ މި ރޮބޮޓަށް 3ޑީ ސްޕޭސްއާއި އިޝާރަތްތަކާއި އެކްސްޕްރެޝަންތައް ދެނެގަނެވެއެވެ. ޝިއާއޯމެއި އިން ބުނެފައިވާ ގޮތުގައި ސައިބަރވަން އިންސާނުންގެ ޖަޒުބާތުތައް ދެނެގަނެ، ހިތާމަވެރި ވަގުތުތަކުގައި މީހާއަށް އެހީ ފޯރުކޮށްދެއެވެ.

ސައިބަރވަން ޓެސްލާއިން މިދިޔަ އަހަރު ތައާރަފްކުރި ޓެސްލާ ބޮޓްއާއި ވަރަށް ވައްތަރެވެ. އިލޯން މަސްކު ބުނެފައިވަގޮތުގައި ޓެސްލާބޮޓްއަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ 'ނުރައްކާތެރި، ތަކުރާރުކުރާ، ފޫހި މަސައްކަތްތައް ނައްތާލުމަށް" އުފައްދާފައިވާ ރޮބޮޓެކެވެ. މި އަހރުގެ ފަހުކޮޅުގައި ޓެސްލާބޮޓްގެ ޕްރޮޓޯޓައިޕް މާކެޓަށް ނިކުންނާނެކަމަށް ލަފާކުރެވެއެވެ.

ސައިބާރވަންއަށް ޝައުމީ އިން ރާވާފައިވަނީ ކޮންކަމެއްކަން އަދި ނޭނގެއެވެ. އަދި ބުރާސްފަތި ދުވަހު ލެއި ޖުން ކުރި ޓްވީޓަކުން ބުނެފައިވާގޮތުގައި ސައިބަރވަންއަކީ އިންޓެލިޖެންޓް ރޮބޮޓްތަކުގެ ދާއިރާއިން އެކްސްޕްލޯރޭޝަންގެ އާ ދަތުރެއްގެ ފެށުމެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.