ގަރލްސް އިން ޑޭޓާ ޕްރޮގްރާމް ނިންމާލައިފި

މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދީ ޑޭޓާ ބޭނުންކުރުމުގެ ހުނަރު އިތުރުކުރުމުގެ މަގުސަދުގައި ވިމެން އިން ޓެކް މޯލްޑިވްސްއާއި ދިރާގު ގުޅިގެން ކުރިއަށް ގެންދިޔަ "ގަރލްސް އިން ޑޭޓާ" ޕްރޮގްރާމް ނިންމާލައިފިއެވެ.

މިހަފްލާގައި ޕްރޮގްރާމްގެ ބައިވެރިން ވަނީ އެކުދިން ޕްރޮގްރާމްގައި ދަސްކުރި ހުނަރުތައް ބޭނުންކޮށްގެން ތައްޔާރުކުރި ޕްރޮޖެކްޓްތައް ހުށަހަޅާފައެވެ. 10 އަހަރާއި 13 އަހަރާއި ދެމެދުގެ 25 ކުދިން މިޕްރޮގްރާމް ފުރިހަމަ ކުރިއެވެ. 28 މެއި 2022 ވަނަ ދުވަހުން ފެށިގެން ދޮޅު މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދެވުނު މިޕްރޮގްރާމްގައި ޑޭޓާ އެއްކުރުމާއި، އޭގެން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދެވުނެވެ. އެކި އެކި މައްސަލަތައް ހައްލުކުރުމަށް ޑޭޓާ ހޯދާނެގޮތާއި ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ދަސްކޮށްދެވުނެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ލައިބްރަރީއަށް ޒިޔާރަތްކޮށް ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ބައިވެރިން ފުރިހަމަކުރިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ޑޭޓާ ޕްރޮސެސް ކުރުމުގެ މުހިންމުކަން ދަސްކޮށް، މި ޕްރޮސެސްއަށް ބޭނުންކުރެވިދާނެ ތަފާތު އާލާތްތައް ދަސްކޮށް، ޑޭޓާ ޕްރޮސެސް ކުރުމުގެ މުހިންމުކަން ބުނެދީ، މި ޕްރޮގުރާމުގެ ބައިވެރިންގެ ތަޖުރިބާ ހިއްސާކޮށްފައެވެ. މީގެ އިތުރުން، "ގާރލްސް އިން ޑޭޓާ" ޕްރޮގްރާމަކީ، ޑޭޓާ ސައިންސްގެ ދާއިރާއިން އަންހެން ކުދިންނަށް ވަރަށް ރަނގަޅު ފުރުޞަތުތަކެއް ހުޅުވާލެވިދާނެ ކަން ސާބިތުކޮށްދިން ޕްލެޓްފޯމެއްކަމަށާއި، މި ދާއިރާއިން ކުރިއަށް ދިއުމަށް ޓަކައި މި ޕްރޮގްރާމްގައި ދަސްވި ހުނަރުތައް އެޕްލައި ކުރެވޭނެކަން އެ ކުދިން ފާހަގަކުރެއްވިއެވެ.

ހޮނިހިރު ދުވަހު ހަވީރު ބޭއްވުނު މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ،މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، ކުދިންގެ ޅަ އުމުރުގައިވެސް މި ފަދަ ދާއިރާއަކަށް ލޯ ހުޅުވި، މިއީ ކުރެވިދާނެ ކަމެއްކަން އަމިއްލައަށް ގަބޫލުކުރެވި، އަމިއްލަ ނަފުސަށް އިތުބާރު ކުރެވުމަކީ މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަގުސަދުކަމަށެވެ. އަދި މުސްތަގުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅިކަމުގައި ވީނަމަވެސް ޑޭޓާ ސައިންސް އަދި ޑޭޓާ އެނެލެޓިކްސް އަކީ މިހާރު ވަރަށް މުހިންމު ހުނަރެއްކަމަށެވެ.

ޕްރޮގްރާމްގެ ޒަރީއާއިން ބައިވެރިންނަށް އައު ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ލިބެގެން ދިޔަކަމަށާއި ޑޭޓާ ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން ދިޔަކަމަށް އުންމީދުކުރާކަމަށް ވިމެން އިން ޓެކްގެ ނާއިބު ރައީސާ މަރިޔަމް އަސްނާ ވިދާޅުވިއެވެ. އަދި ޕްރޮގްރާމްގައި ދަސްވި މަޢުލޫމާތާއި ދަސްވި ކަންތައްތަކުގެ އެހީގައި މިދާއިރާއިން ކުރިއަށް ދިޔުމަށް ގޮވާލިއެވެ.

ގުޅުން ހުރި ލިޔުން

ގަރލްސް އިން ޑޭޓާ ޕްރޮގްރާމް ފަށައިފި

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.