އަލިފާނުގެ ހާދިސާތަކުން ގަސްތަކަށް ލިބޭގެއްލުން ނުހަނު ބޮޑު

އިސްމާއިލް އަލީ 29 އޯގަސްޓު 2022

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ ގަސްތަކަށް ލިބޭ ގެއްލުމުގެ ރޭޓު ހައިރާންކުރުވަނިވި އަދަދަކަށް އިތުރުވެއްޖެއެވެ. އެގޮތުން ހަމައެކަނި 2021 ވަނަ އަހަރުވެސް މިނިޓެއްގެ ތެރޭގައި 16 ފުޓްބޯޅަ ދަނޑުގެ ފުޅާމިން ހިމެނޭ ސަރަހައްދުތަކުން ގަސްތަށް ވަނީ އަދައިގެންގޮސްފައިއެވެ. މީގެ އިތުރުން ގްލޯބަލް ފޮރެސްޓް ވޮޗްގެ ދިރާސާތަކުން ދައްކާގޮތުގައި މިދިޔަ 20 އަހަރު ތެރޭގައި މިގޮތަށް އަލިފާނުގެ ސަބަބުން ނެތިގެން ގޮސްފައިވާ ގަސްތަކުގެ އަދަދު ވަނީ ދެގުނަ އިތުރުވެފައިއެވެ.

ދުނުޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔެ ހޫނުވުމަކޯ މިފަދަ އަލިފާނުގެ ހާދިސާތަށް އިތުރުވުމަށް މަގުފަހިވާ ސަބަބެކެވެ. 2021 ވަނަ އަހަރު 9 މިލިއަން ހެކްޓަރުގެ ގަސްތަށް އަދައިގެން ގޮސްފައިވާއިރު މީގެ ތެރެއިން ފަސް މިލިއަނަށް ވުރެ ގިނަ ގަސްތަށް އަދައިގެން ގޮސްފައިވަނީ ރަޝިއާގެ އެކިހިސާބުތަކުންނެވެ.

މިހާރު އަލަށް ހޯދިފައިވާ މައުލޫމާތުގެ އަލީގައި ދިރާސާކުރާ ފަރާތްތަކަށް ވަނީ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ގެއްލިފައިވާ ގަސްތަކާއި، ގަސްތުގައި ރޯކޮށްލާފައިވާ ގަސްތަށް އަދި ދަނޑުވެރިކަމަށާއި އެކިއެކި ބޭނުންތަކަށް ކަނޑާލެވޭ ގަސްތަކުގެ އަދަދުތަށް ވަކިން ދެނެގަންނަން ފަސޭހަވެފައިއެވެ. ގްލޯބަލް ފޮރެސްޓް ވޮޗް އިން ހާމަކުރާ ގޮތުގައި 2021 ވަނަ އަހަރަކީ ގުދުރަތީ އެކިއެކި އަލިފާނުގެ ހާދިސާތަށް މިހާތަނަށް އެންމެ ގިނަވި އަހަރެވެ. އެގޮތުން މިއަހަރު ޕޯޗުގަލް ވަރުގެ ސަރަހައްދެއް ވަނީ އަދައި ހުލިވެފައިއެވެ. އެ ޖަމާއަތުގެ އެނަލިސްޓެއް ކަމަށްވާ ޖޭމްސް މެކާތީ ހާމަކޮށްފައިވާ ގޮތުގައި މިފަދަ އަލިފާނުގެ ހާދިސާތަށް ހިނގާ އިންސައްތަ މިދިޔަ 20 އަހަރާ އަޅާބަލާއިރު މިހާރު ވަނީ ދެގުނަ އިތުރުވެފައިއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މިހާރު ކަންބޮޑުވާ ވަރަށް އަވަހަށް އަލިފާނުގެ ހާދިސާތަށް ދަނީ އިތުރުވަމުންނެވެ.

މިފަދަ އަލިފާނުގެ ހާދިސާތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރަނީ އުތުރުގެ ގައުމުތަށް ކަމަށްވާ ރަޝިއާ އަދި ކެނެޑާގެ ޖަންގަލިތަކަށެވެ. މި ޖަންގަލިތަކުގައި ޒަމާނުއްސުރެ ގުދުރަތީ އެތަކެއް އަލިފާނުގެ ހާދިސާތަށް ހިނގާފައި އެބަހުއްޓެވެ. ނަމަވެސް 2021 ވަނަ އަހަރު ރަޝިއާގައި ފެނުނު ފަދަ ބޮޑު ހާދިސާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަކީ މީގެ ކުރިން ދުވަހަކުވެސް ފެނުނު ވަރުގެ ގެއްލުންތަކެއް ނޫނެވެ. މުޅި ދުނިޔެއިން މިދިޔަ އަހަރު 9.3 މިލިއަން ހެކްޓަރުގެ ގަސްތަށް އަދައި ހުލިވެފައިވާއިރު ހަމައެކަނި ރަޝިއާއިން ވަނީ މީގެ ދެބައިކުޅައެއްބައި ގަސްތަށް އަދާހުލިވެފައިއެވެ.

މެކާތީ ހާމަކޮށްފައިވާ ގޮތުގައި މިހާރު އެންމެ ކަންބޮޑުވާން ޖެހެނީ އަލިފާނުގެ ހާދިސާތަށް ހިނގާ އަދަދު އިތުރުވުމާއި މިހާދިސާތަކުގެ ގެއްލުންތަށް ކުރިއަށްވުރެ ބޮޑުވުމާއި މި ހަދާސިތަކުގެ ސަބުން އެ ސަރަހައްދުތަކުގެ ބިންގަނޑުގައި ރައްކާކުރެވިފައިވާ ކާބަން ދުނިޔޭގެ ޖައްވުގެ ތެރެއަށް ދޫވުމުގެ ފުރުސަތު އޮތުމުންނެވެ. ދުނިޔެ ހޫނުވުމަށް މެދުވެރިކުރުވާ އެއް ގޭސްކަމަށްވާ ކާބަން ޑައިއޮކްސައިޑް އަކީ ގަސްތަކާއި ފަސްގަނޑުގައި ރައްކާކުރެވިފައިވާ ގޭހެކެވެ. އެހެންކަމުން ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި މިތަކެއްޗަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ވަރަށް މުހިންމު ތަކެއްޗެވެ.

އާދަޔާ ހިލާފަށް ގުދުރަތީ އަލިފާނުގެ ހާދިސާތަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވާ މިންވަރު އިތުރުވުމެވެ. އެގޮތުން ދުނިޔޭގެ އުތުރު ހިސާބުތަކުގެ ހޫނުމިން ދަނީ ކުރިއަށްވުރެ އަވަސް މިނެއްގައި އިތުރުވަމުންނެވެ. މީގެ ސަބަބުން އަލިފާނުގެ ހާދިސާތަށް ހިނގާ ދުވަސްތަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2021 ގައި ރަޝިއާގައި ހިނގި އަލިފާނުގެ ހާދިސާތަކުން ލިބުނު ގެއްލުމުގެ 31 އިންސައްތަ އަކީ ހޫނު މޫސުން ދިގުލައިގެން ދިއުމުގެ ސަބަބުން ލިބިފައިވާ ގެއްލުންކަމަށް ބެލެވެއެވެ. މީގެ އިތުރުން ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ހޫނު މޫސުމުގެ ހޫނުކަން އިންތިހާއަށް އިތުރުވުމަށް މެދުވެރިވެފައިވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުންނެވެ.

ނާސާގެ ބަޔޯސްފެރިކް ސައިންސަސް ލެބްގެ ވެރިޔާ ޑރ. ޑަގް މޯޓަން ހާކޮށްފައިވާ ގޮތުގައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަލިފާނުގެ ހާދިސާތަށް އިތުރުވުމާއި މިފަދަ ހާދިސާތަށް އިތުރުވުމާއި އަދި ކުރިއަށްވުރެ މިއަލިފާންގަނޑުތަކުގެ ހޫނުމިން އިތުރުވުމުގެ ބިރު މިހާރުވަނީ އިންތިހާއަށް ބޮޑުވެފައިއެވެ.

ދުނިޔެ ހޫނުވުމުގެ އިތުރަށް ގަސްތަށް ކެނޑުން އިތުރުވުމުގެ ސަބަބުންވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި މިފަދަ އަލިފާނުގެ ހާދިސާތަކަށް ދަނީ މަގުފަހިވަމުންނެވެ. އެގޮތުން ބްރެޒިލްގެ އެމޭޒަން ޖަންގީލާގައި ވަނީ ރިކޯޑް އަދަދަކަށް ގަސްތަށް ކަނޑާފައިއެވެ. މީގެ ސަބަބުން ކުރިން މި ސަރަހައްދުގެ ހޫނުމިން ދަށްކޮށް ހިފެހެއްޓުމުގައި މި ޖަންގަލީގެ ގަސްތަށް އަދާކުރި ރޯލުވަނީ ވަރަށް ބޮޑަށް ގެއްލިފައިއެވެ. މީގެ ސަބަބުން މި ސަރަހައްދުތަށް ހޫނުވެ އަލިފާނުގެ ހާދިސާތަށް ހިނގުމުގެ ފުރުސަތު ވަނީ އިތުރުވެފައިއެވެ.

އެކިއެކި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން އަދައި ހުލިވާ ގަސްތަށް ގާތްގަނޑަކަށް 100 އެއްހާ އަހަރު ފަހުން ހެދިބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މި ގަސަތަށް އަދައިހުލިވުމުގެ ސަބަބުން އެ ސަރަހައްދުތަކުގެ ދިރޭތަކެތީގެ ނަސްލަށާއި، ފެނުގެ ކޮލެޓީއަށް އަސަރުކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މީގެ އިތުރުން މި ސަރަހައްދުތަށް ހަނަފަސްވުމާއި ފަސްގަނޑު ގިރުމުގެ މައްސަލައާއި ކުރިމަތިލާންޖެހޭ ނިސްބަތްވެސް އިތުރުވާނެއެވެ.

އަލިފްދާލުން ހާމަކުރާ ގޮތުގައި ކުރިއަށް އޮތް ގަރުނުގައި އަލިފާނުގެ ހާދިސާތަށް އިތުރުވާނެއެވެ. އެގޮތުން ބެލެވޭ ގޮތުގައި މި ގަރުނު ނިމޭއިރު ބޮޑެތި އަލިފާނުގެ ހާދިސާތަށް ހިނގުން 50 އިންސައްތަ އިތުރުވާނެއެވެ. މިކަމަށް ހައްލެއް ގެނައުމަށް ޖައްވަށް ކާބަން ބޭރުވާ މިންވަރު ބޮޑުތަނުން ކުޑަކުރަން ޖެހޭކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފައިއެވެ. މިދިޔަ އަހަރު ގްލާސްގޯ ގައި ބޭއްވުނު ބައިނަލްއަގްވާމީ ތިމާވެއްޓާއިބެހޭ ސަމިޓް ކޮޕް26 ގައި ދުނިޔޭގެ ލީޑަރުން ވަނީ މިކަމަށް ހައްލެއް ގެނައުމަށް ގަސް ކެނޑުން ހުއްޓުވާނެކަމަށް ވައުދުވެފައިއެވެ. މެކާތީ ހާމަކުރާ ގޮތުގައި ބަދަލެއް ބޭނުން ނަމަ މިފަދަ ވައުދުތަށް ފުއްދުމަކީ ވަރަށް މުހިންމުކަމެކެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާތަށް ހިނގުމުން އަލިފާން ނިއްވަން އުޅުމުގެ ބަދަލުގައި އެހާދިސާތަށް ހިނގުމުގެ ކުރިން އެފަދަ ހާދިސާތަށް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަހަންމިއްޔަތުކަން ދިނުން މިހާރުވަނީ މާބޮޑަށް މުހިންމު ވެފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.