ޓެކްނޮލޮޖީއާއި ދޮގު ހެދުމާއި އޮތީ ކޮން ގުޅުމެއް؟

ހިންދު ޢަލީ 04 ސެޕްޓެމްބަރު 2022

ޓެކްނޮލޮޖީއަކީ އެތަށް ގިނަ ފަސޭހަތަކެއް ގެނެސްދޭ އެއްޗެއްކަން ގިނަ ފަރާތްތަކުން ގަބޫލުކުރާނެއެވެ. އެންމެ ބޮޑު އެއް ފަސޭހައަކީ އެކަކު އަނެކަކާއި ގުޅުވާދޭ ގުޅުން ރަނގަޅުކޮށްދިނުމެވެ. އަދި އެކަކު އަނެކަކާއި މުއާމަލާތު ކުރާނޭ އިތުރު ގޮތްތަކެއް ލިބުމެވެ. އެހެން ނަމަވެސް ހަމަ މިޓެކްނޮލޮޖީއިން އެކަކު އަނެކަކަށް ދޮގު ހަދާ އޮޅުވާލުމުގެ ފުރުސަތުވެސް އިތުރުކޮށް ފަސޭހަ ކޮށް ދިނީހެއްޔެވެ؟

ރައްޓެއްސަކާއެކު ބޭރަށް ދާން ބޭނުންނުވާ ވަގުތު ބަހަނާއެއް ދައްކާލާ މެސެޖެއް ކޮށްލަންތަ؟ އޮންލައިން އެޕެއްގައި ތިމާގެ ވަނަވަރު ފުރިހަމަ ކުރާއިރު ބައެއް މަޢުލޫމާތު (އުމުރު، އިސްކޮޅު، ކައިވެނީގެ ރޮނގު ފަދަ) އޮޅުވާލައިގެން ގަސްތުގައި ނުބައިކޮށް ޖަހަންތަ؟ ނޫނީ ބައެއް ދުވަސްދުވަހު ސަލާމް ބުނެލަންވެގެން ބޮސްއަށް އީމެއިލްއަކުން ނުވަތަ މެސެޖަކުން ދޮގުހަދަންތަ؟

ޒަމާނުއްސުރެ މިކަހަލަ މައްސަލަތަކުގައި ދިރާސާ ކުރާ ސޯޝަލް ނުވަތަ ކޮމިޔުނިކޭޝަން ސައިކޮލޮޖިސްޓުން ދަނީ އެންމެ ގިނައިން މިފަދަ ދޮގު ހަދަނީ ކޮންބައެއްތޯ ދިރާސާ ކުރަމުންނެވެ. އަދި ވަކިން ހާއްސަކޮށް މިފަދައިން އޮޅުވާލަން މީހުން ބޭނުންކުރަނީ ކޮންކަހަލަ މީޑިއަމްއެއްތޯ ދިރާސާ ކުރެއެވެ. އެއީ ފިޒިކަލްކޮށް އެކީގައި އެއްތަނެއްގައި (އިން ޕަރސަން) ތިބެގެންތޯ ނުވަތަ މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެންތޯ ބެލުމުގެ ބޭނުމުގައެވެ.

މަކަރު ހެދުމާ އޮޅުވާލުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު ދެނެގަންނަން މިފަދަ ދިރާސާއެއް އެންމެ ފުރަތަމަ ކުރީ 2004 ވަނަ އަހަރުއެވެ. މިދިރާސާ ވެގެން ދިޔައީ މިފަދަ އެހެން މަސައްކަތްތަކަށް ވަރަށް މުހިއްމު އަދި ނުފޫޒުގަދަ ދިރާސާއަކަށެވެ. މި ދިރާސާގެ ފަހުން އަހަރުމެން މުޢާމަލާތް ކުރާ ގޮތް ބަދަލު ވެފައިވާކަމަށް ފެނިފައިވެއެވެ. ފޯނު ކޯލްކޮށްގެން ވާހަކަ ދައްކާ މިންވަރު މަދުވެ، ޓެކްސްޓު ނުވަތަ ސޯޝަލް މީޑިއާ ޗެނަލެއް ބޭނުންކޮށްގެން މެސެޖުކުރުން ވަނީ އެތަށް ގުނައަކަށް އިތުރު ވެފައެވެ.

މިދެންނެވުނު ފުރަތަމަ ދިރާސާގެ ނަތީޖާއަށް ބަލާލަމާހިނގާށެވެ.


ޓެކްނޮލޮޖީއާއި އޮޅުވާލުމާއި ހުރި ގުޅުން

ޔުނިވަރސިޓީ އޮފް ސްޓޭންފޯޑްގެ ކޮމިޔުނިކޭޝަންސް ދާއިރާގެ ޕްރޮފެސަރ ޖެފް ހެންކޮކް، 2004 ގައި ޓެކްނޮލޮޖީއާއި އޮޅުވާލުމާއި ދެމެދުގައިވާ ގުޅުން ދެނެގަތުމަށް ދިރާސާއެއް ކުރިއެވެ. އޭނާ މިދިރާސާ ހެދީ އޭނާ ކިޔަވައިދޭ 28 ދަރިވަރެއްގެ މައްޗަށެވެ. އޭގައި އޭނާ ބެލީ ކޮންމެ ދަރިވަރަކު އެހެން މީހުންނާއި މުއާމަލާތު ކުރާ އެކި ގޮތްގޮތަށެވެ. 28 ދަރިވަރުންގެ މިހަރަކާތްތައް 7 ދުވަހަށް އޭނާ ރިކޯޑު ކުރިއެވެ. އެއީ އެކުދިން މީހުންނާއި ދިމާވެގެން ކުރާ ފިޒިކަލް މުއާމަލާތްތަކާއި، ފޯނުން ވާހަކަ ދައްކައިގެންނާއި ޓެކްސްޓް ކޮށްގެން އަދި އީމެއިލް ގެ ޒަރީޢާއިން ކުރި މުއާމަލާތްތަކެވެ. މީގެން ކޮންމެ ފަހަރަކު އެކުދިން ދޮގު ހަދާ މިންވަރު އެކުދިން ލައްވާ ރިކޯޑުކުރުވިއެވެ. މީގެ ނަތީޖާ ދެއްކިގޮތުން އެންމެ ގިނައިން މިކުދިން ދޮގު ހަދަނީ ފޯނުން ވާހަކަ ދައްކާއިރުއެވެ. އެންމެ މަދުން ދޮގު ހަދަނީ އީމެއިލް މުޢާމަލާތްތަކުގައެވެ.

މި ނަތީޖާ ހެންކޮކް ހީކުރިގޮތާއި އެއްގޮތެވެ. އޭނާ ލަފާކުރި ގޮތުގައި ޓެކްނޮލޮޖީގެ ބައެއް ސިފަތައް އެކުލެވޭ މީޑިއަމްތަކުގައި އޮޅުވާލުމާއި ދޮގު ހެދުން އިތުރުވާނެއެވެ. މިގޮތުން އޭނާ ބެލީ މުއާމަލާތު ކުރުމަށް ބޭނުންކުރާ މީޑިއަމްގައި ހިމެނޭ 3 ސިފައަކާއި އޮޅުވާލުމާ ހުރި ގުޅުމަށެވެ.

1. އެއްވަގުތެއްގައި މެދުކެނޑުމެއް ނެތި އަވަސް އަވަހަށް ދެކޮޅަށް މުޢާމަލާތް ކުރެވުން

2. ފޮނުވާ މެސެޖުތައް ވަގުތީވުން ނުވަތަ މެސެޖުތަކުގެ ރެކޯޑެއް ނެތުން

3. މުއާމަލާތު ކުރާ މީހުން ތިބި ދުރުމިން


ދިރާސާގެ ނަތީޖާ ދެއްކި ގޮތުން އޮޅުވާލުމާއި ދޮގުހެދުން އެންމެ ބޮޑީ މި ހުރިހާ ސިފައެއް އެކުލެވޭ މީޑިއަމްކަމަށްވާ ފޯނުން ވާހަކަ ދައްކައިގެން ކުރެވޭ މުއާމަލާތްތަކުގައެވެ. ހެންކޮކް ލަފާ ކުރި ގޮތުގައި، ފޯނުން ކުރެވޭ މުއާމަލާތުގައި ދޮގު ހެދުން ގިނައީ މެދުކެނޑުމެއް ނެތި އެކަކު އަނެކަކާ އެއްވަގުތެއްގައި ވާހަކަ ދެކެވުމުގެ ފުރުސަތު ލިބޭތީއެވެ. އަދި ދައްކާ ވާހަކައިގެ ރެކޯޑެއް ނޯންނާތީއެވެ. އޮޅުވާލުމާއި ދޮގުހެދުން އެންމެ މަދީ އީމެއިލް މެދުވެރިވެ ކުރާ މުއާމަލާތްތަކުގައެވެ. މިމީޑިއަމްގައި ދޮގު ހެދުން މަދުވީ އީމެއިލްއަކީ މުއާމަލާތު ކުރެވޭ އިރު ޖަވާބު ލިބުން ލަސް މީޑިއަމްއަކަށްވެފައި، އީމެއިލްތަކުގައި ލިޔެވޭ ތަކެތީގެ ރެކޯޑު އޮތުމުގެ ސަބަބުންނެވެ.

މިއީ 2004 ވަނަ އަހަރުގެ ނަތީޖާއެވެ.

17 އަހަރު ފަހުން ނަތީޖާ ތަފާތުވެދާނެތަ؟

2021 ގައި ޕަބްލިޝްކޮށްފައިވާ އައު ދިރާސާއަކުން ހަމަ މިދެންނެވުނު ކަންތައްތައް އިތުރަށް ވަނީ ދިރާސާކޮށްފައެވެ. މިފަހަރު ދިރާސާގެ ބައިވެރިންގެ އަދަދު އެތަށް ގުނައެއް އިތުރެވެ. އަދި މިހާރުގެ ޓެކްނޮލޮޖީގެ ބާވަތްތައްވެސް ގިނަ ވެއްޖެއެވެ. 250 މީހުން ބައިވެރިވި މިދިރާސާގައި ބެލީ އެމީހުންގެ 7 ދުވަހުގެ ހަރަކާތްތަކަށެވެ. މީހުންނާއި މުޢާމަލާތްކުރާ އެކިއެކި ހަރަކާތްތަކެވެ. މީގެ ތެރޭގައި އެއްތަނެއްގައި އެކަކު އަނެކަށް ފެނި ތިބެ ކުރި ފިޒިކަލް މުޢާމަލާތްތަކާއި، ފޯނުން މެދުވެރިވެ ވާހަކަ ދެއްކުމާއި، ޓެކްސްޓް ކުރުމާއި، ސޯޝަލް މީޑިއާއާއި، ވީޑިއޯ ޗެޓް އަދި އީމެއިލް ހިމެނެއެވެ.

ހެންކޮކްގެ ދިރާސާ ފަދައިން މިދިރާސާގައި ވެސް ފާހަގަވީ ކަމަކީ ގިނަ މީހުން ދޮގުހަދަނީ، އެއްވަގުތެއްގައި މެދުކެނޑުމެއް ނެތި އަވަސް އަވަހަށް ދެކޮޅަށް މުޢާމަލާތް ކުރެވޭ މީޑިއަމްތަކާއި ރެކޯޑެއް ނުހުންނަ މީޑިއަމްތަކުގައި އަދި ދުރުގައި ތިބެގެން މުއާމަލާތްކުރެވޭ މީޑިއަމްތަކުގައެވެ. މިސާލަކަށް ފޯނުން ނުވަތަ ވީޑއޯ ޗެޓުންނެވެ. އަދި އެންމެ މަދުން ދޮގުހަދަނީ އީމެއިލް މެދުވެރިވެއެވެ. އެހެން ނަމަވެސް މިހާރުގެ އަދަދުތަކާއި ކުރީގެ ދިރާސާގެ އަދަދުތަކުން ތަފާތު ފެނެއެވެ. 2004 ގެ ދިރާސާއާއި އަޅާބަލާއިރު އީމެއިލްއާއި ފޯނުގެ އަދަދުތަކުގައި ފަރަގު ބޮޑެވެ. ނަމަވެސް މިހާރު ފޯނު ނުވަތަ ވީޑިއޯ ޗެޓާއި އީމެއިލްއާއި ދެމެދުގެ ތަފާތު ވަރަށް ކުޑައެވެ. ދޮގު ހެދުމުގެ ރޭޓަށް ބަލައިފި ނަމަ ބައިވެރިންގެ މެދުގައި ހުރި ތަފާތުތައް މީޑިޔާގެ މެދުގައި ހުރި ތަފާތުތަކަށްވުރެ ބޮޑެވެ.


މުއާމަލާތު ކުރެވޭ އެކި މީޑިއަމްތަކުގައި ދޮގުހަދާ މިންވަރު

ގާތްގަނޑަކަށް 20 އަހަރަށް ފަހު، މުއާމަލާތު ކުރުމުގެ ގޮތްތައް ގިނަވެ އަދި ކޮވިޑް 19ގެ ޕެންޑެމިކްއާއި އެކު މުއާމަލާތުކުރެވޭ ގޮތް ބޮޑުތަނުން ބަދަލު ވެގެން ދިޔަނަމަވެސް، މީހުންގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދޮގުހެދުމުގެ ވައްޓަފާޅިއަކަށް މާބޮޑު ބަދަލެއް ނާދެއެވެ. މިހާރުވެސް މީހުންގެ މިއާދަތައް ހުރީ ހަމަ ހެންކޮކްގެ މޮޑެލްގައި ތަސައްވަރު ކުރެވުނު ގޮތަށެވެ.

މިދިރާސާތަކުގެ ނަތީޖާ މިގޮތަށް ދެއްކުމުގެ އެތަށް ސަބަބުތަކެއް އެބަހުއްޓެވެ. ފަހަރެއްގައި ބައެއް މީޑިއަމްތަކަކީ ދޮގު ހެދުމަށް މަގުފަހިކޮށްދޭ ބާވަތުގެ މީޑިއަމްތަކަކަށް ވެދާނެއެވެ. މިސާލަކަށް ފިޒިކަލްކޮށް ދިމާވެގެން ދައްކާ ވާހަކައެއްގައި ދޮގުހަދާލަން އުނދަގޫ ވެދާނެއެވެ. މީހާގެ ބޮޑީ ލެންގުއޭޖް ފަދަ ގޮތްގޮތުން ދޮގުހަދާކަން އެނގިދާނެއެވެ. އެއާ ޙިލާފަށް ފޯނުން ވާހަކަ ދައްކާއިރު ނުވަތަ ވީޑިއޯ ޗެޓް ކުރާއިރާ ދޮގު ހަދަން ފަސޭހަކަމަށް ވެދާނެއެވެ. މީގެ އިތުރުން އެކި ޓެކްނޮލޮޖީ ބޭނުންކުރާއިރު ދޮގު ހަދާ މިންވަރު ތަފާތު ވެދާނެ އަނެއް ސަބަބަކީ އެޓެކްނޮލޮޖީއެއް ބޭނުންކުރާ ހައިސިއްޔަތެވެ. އޭގެ މާނައަކީ އީމެއިލް ފަދަ ޓެކްނޮލޮޖީ އާންމުކޮށް ބޭނުންކުރަނީ ރަސްމީކޮށް ކުރާ މުއާމަލާތުގައެވެ. އެހެން ނަމަވެސް ފޯނުކޯލުތަކާއި ވީޑިއޯ ޗެޓްތަކަކީ ތަންކޮޅެއް ޒާތީ، އަމިއްލަ ގުޅުންތަކުގައި މުއާމަލާތު ކުރަން ބޭނުންކުރާ ގޮތެކެވެ.

މިހެން ދެންނެވިނަމަވެސް އެކި މީޑިއަމްތަކުގައި ދޮގު ހެދުމުގެ ރޭޓް ތަފާތު ވަނީ ކީއްވެގެންތޯ ދެނެގަތުމަށް އިތުރު ދިރާސާ އަދި ބޭނުންވެއެވެ.


ދިރާސާގެ ނަތީޖާގެ މާނަ އޮޅުވާނުލުން މުހިއްމު!

މިދިރާސާއިން ދެކަމެއް އެބަ ދެނެގަނެވެއެވެ.

ފުރަތަމަ ކަމަކަށް، ޖުމްލަކޮށް ބަލާއިރު، ޓެކްނޮލޮޖީ މީޑިއާތަކުގެ ތެރޭގައި ދޮގުހެދުމުގެ ރޭޓްތަކުގައި ކުދިކުދި ތަފާތުތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް އަޅުގަޑު ދެކޭގޮތުގައި މީހަކު ދޮގު ހެދުމަށް ބޭނުންކުރަނީ އީމެއިލްތޯ ނުވަތަ ފޯނުތޯ ބެލުމަށް ވުރެ ބޮޑަށް، އެމީހަކު ދޮގު ހެދުމަށް އިހްތިޔާރުކުރަނީ ކޮންސަބަބުތަކަކާއި ހެދިތޯ ދެނެގަތުން ވަރަށް މުހިއްމެވެ. މިދިރާސާއަކުން އެކަމެއް ދެނެއެއް ނުގަނެއެވެ. މިކަމަށް އިތުރު ދިރާސާ އަދި ބޭނުންވެއެވެ.

ދެވަނަ ކަމަކަށް، ދޮގުހެދުމުގެ މިންވަރުތަކަށް ބަލާލައިފިނަމަ ދިރާސާގެ ބައިވެރިން ނިސްބަތުން ދޮގު ހަދާލެއް މަދެވެ. ގިނަ މީހުންނަކީ ތެދުވެރިބައެކެވެ. ނަތީޖާ ދައްކާގޮތުން ގިނަ މީހުންނަކީ ގިނަ ފަހަރަށް ތެދުބުނާ ބައެކެވެ. އަބަދު ދޮގު ހަދާ މީހުން ނިސްބަތުން ވަރަށް މަދެވެ. އަދި ބައެއް މީހުންނަކީ މަދު ފަހަރަކު ދޮގު ހަދާ މީހުންނެވެ.

2004 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާ ވެގެން ގޮސްފައިވަނީ އެކަކު އަނެކަކާއި މުއާމަލާތް ކުރުމަށް ބޭނުންކުރާ މައިގަނޑު ޕްލެޓްފޯމަކަށެވެ. އަދި އާންމުކޮށް މީހުން ވިސްނާ ގޮތަކީ، ފިޒިކަލްކޮށް ބައްދަލުވެ ކުރެވޭ މުޢާމަލާތާއި އަޅާބަލާއި، އޮންލައިންކޮށް ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭ މުއާމަލާތަކަކީ އަދަދުގެ ގޮތުންނާއި ފެންވަރުގެ ގޮތުން ދަށް މުއާމަލާތްތަކެކެވެ. އެހެން ނަމަވެސް މިއީ މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫނެވެ. ހަމަގައިމުވެސް މިފަހަކަށް އައިސް އޮންލައިކޮށް ކުރެވޭ މުއާމަލާތުގެ އަދަދު މަދެއްނުވާނެއެވެ. އަދި ކުރެވޭ މުއާމަލާތްތަކަކީ ވަގުތުގެ ބޭނުން ރަނގަޅަށް ހިފާ ފެންވަރު ރަނގަޅު މުއާމަލާތްތަކެވެ.

ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން މުއާމަލާތު ކުރެވޭ ދެފަރާތް ދޭތެރޭގައި ތެދުވެރިވުމަކީ ދަތިކަމެކެވެ. ގިނަ ބަޔަކު އޮންލައިން މީޑިއަމްތަކުގައި ހަދާނީ ދޮގެވެ. އަދި އޮންލައިން މީޑިއަމްތަކުގައި ދައްކާ ގިނަ ވާހަކަތަކަކީ ދޮގެވެ. އެހެންނަމަވެސް މިވިސްނުމަކީ އަދި ޑޭޓާއިން ހެކިލިބޭ ކަމެއްނޫނެވެ. މިހާރަށް ލިބެން ހުރި މަޢުލޫމާތަށް ބަލާފައި ޓެކްނޮލޮޖީ ބޭނުންކުރާ މީޑިއަމްތަކުގައި ދޮގުހަދާ ބަޔަކު އުޅުނު ނަމަވެސް އެއީ ނިސްބަތުން މަދު އަދަދެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.