ދުނިޔޭގެ އެންމެ ބޮޑު ކަނޑުގެ ވިންޑް ފާމް ހިންގަން ފަށައިފި

އަޙްމަދު ދާއޫދު 09 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދުނިޔޭގެ އެންމެ ބޮޑު ކަނޑުގެ ވިންޑް ފާމް ކާމިޔާބު ކަމާއެކު ހިންގަން ފަށައިފި އެވެ.

ޑެންމާކުގެ ހަކަތަ ކުންފުނި އޮރސްޓެޑް އިން އުފެއްދި "ދުނިޔޭގެ އެންމެ ބޮޑު ކަނޑުގެ ވިންޑް ފާމް" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ފެސިލިޓީއިން، އޭގެ 165 ޓަރބައިންއިން ޔޫ.ކޭގެ 1.4 މިލިއަނަށްވުރެ ގިނަ ގެތަކަށް ދަނީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އާދަޔާ ޚިލާފު މި ވިންޑް ފާމް ހަދާފައިވަނީ އިނގިރޭސިވިލާތުގެ ޔޯކްޝަޔަރގެ އައްސޭރިފަށުން ގާތްގަނޑަކަށް 89 ކިލޯމީޓަރު (ގާތްގަނޑަކަށް 55 މޭލު) ދުރުގައި އޮންނަ ހޯރންސީ 2 ގައެވެ.

އޮރސްޓެޑް ކުންފުނިން ބުނި ގޮތުގައި 1.3 ގިގަވޮޓަށް ވުރެ ބޮޑު ކެޕޭސިޓީއެއް ބޭނުންވާ މި ސަރަހައްދަކީ 462 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ކަމަށާއި އެއީ ނިއުޔޯކް ސިޓީގެ ސައިޒުގެ ދެބައިކުޅަ އެއްބައި އަށް ވުރެ ބޮޑު ސަރަހައްދެއް ކަމަށެވެ.

އެކުންފުނިން އިތުރަށް ބުނިގޮތުގައި މި ފާމްގައި ހަދާފައިވަނީ 81 މީޓަރު ނުވަތަ 265 ފޫޓަށް ވުރެ ބޮޑު ބްލޭޑްތަކެއް ހުންނަ ޓަރބައިންތަކެކެވެ.

"ވިންޑް ޓަރބައިން ބްލޭޑްތަކުގެ އެއް ސެޓުން އެވްރެޖްކޮށް އިނގިރޭސިވިލާތުގެ ގެއަކަށް 24 ގަޑިއިރު ވަންދެން ކަރަންޓް ލިބޭނެ،" އެ ކުންފުނިން ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިއީ ޑިސެމްބަރު 2021 ގައި ފުރަތަމަ ކަރަންޓް އުފެއްދި ހޯރންސީ 2 މަޝްރޫއަށް އެންމެ ފަހުން އިތުރުކުރި ބައިތަކެކެވެ.

މިކަން ހިނގާފައި މިވަނީ މިއަހަރުގެ ފެބްރުއަރީ މަހު ކްރެމްލިން އިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ގޭސް ހިމެނޭ ގޮތަށް ރަޝިޔާއިން ޔޫރަޕަށް ފޯރުކޮށްދެމުން ދިޔަ ފޮސިލް ފިއުލް މަދު ކުރުމާއި ގުޅިގެން ޔޫރަޕްގެ ގައުމުތަކުން އެކަން މެނޭޖް ކުރުމަށް މަސައްކަތް ކުރާ ދަނޑިވަޅެއްގަ އެވެ.

"ދުނިޔޭގައި ހިނގަމުންދާ މިފަދަ ހާދިސާތަކުން ސާބިތުކޮށްދެނީ، ހޯރންސީ 2 ފަދަ ލޭންޑްމާކް އިއާދަކުރަނިވި ހަކަތަ މަޝްރޫއުތަކުގެ މުހިންމުކަމާއި، އިނގިރޭސިވިލާތުގެ ހަކަތަ ސަޕްލައިގެ ރައްކާތެރިކަމާއި ކެތްތެރިކަން އިތުރުކޮށް، އަގުބޮޑު ފޮސިލް ފިއުލްތަކަށް ބަރޯސާވުން މަދުކޮށް ކޮންސިއުމަރުންނަށް ހަރަދުތައް ކުޑަކުރުމަށް އެހީތެރިވެދިނުން ކަމަށް،" އޯރސްޓެޑްގައި ހުންނަ އިނގިރޭސިވިލާތުގެ ސަރަހައްދުގެ ވެރިޔާ ޑަންކަން ކްލާކް ވިދާޅުވި އެވެ.

އިނގިރޭސިވިލާތަކީ ކުރިއަށް އޮތް އަހަރުތަކުގައި ފުޅާވާނެ ކަމަށް ބެލެވޭ، މެޗުއަރ އޮފްޝޯ ވިންޑް ސެކްޓަރެއް އޮތް ގައުމެއް ކަމަށާއި، 2030 ވަނަ އަހަރުގެ ނިޔަލަށް 50 ޖީޑަބްލިއު އާއި ހަމައަށް ކެޕޭސިޓީ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކިވިއިރު، މީގެ ކުރިން ޔޫރަޕިއަން ޔޫނިއަނުން ވަނީ މި ގަރުނުގެ މެދުތެރޭގައި ކަނޑުގެ ވައިގެ 300 ޖީޑަބްލިއު ޓާގެޓް ކަނޑައަޅާފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ވިންޑްފާމް އިންގިރޭސި ވިލާތުގައި ޤާއިމުކޮށްފައިވާއިރު، އެމެރިކާގެ ފުރަތަމަ ކަނޑުގެ ވައިގެ ފެސިލިޓީ ކަމަށްވާ 30 މެގަވޮޓްގެ ބްލޮކް އައިލެންޑް ވިންޑް ފާމްގެ ވިޔަފާރީގެ އޮޕަރޭޝަންތައް ފެށީ 2016 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް އެމެރިކާގެ “ފުރަތަމަ ކޮމާޝަލް ސްކޭލް އޮފްޝޯ ވިންޑް ފާމް” ގެ ނަމުން ނަންދެވިފައިވާ މަޝްރޫޢެއްގެ ބިންގާ ނޮވެމްބަރު 2021 ގައި ވަނީ އަޅާފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.