ޔޫޓިއުބް ތައުލީމީދާއިރާއަށް އިސްކަންދޭން ފަށައިފި

ފާޠިމަތު އައިން ލަބީޤް 11 ސެޕްޓެމްބަރު 2022

ޔޫޓިއުބްއިން ދަނީ އެ ޕްލެޓްފޯމްއިން ތައުލީމީ ކޮންޓެންޓް ފޯރުކޮށްދޭން މަސައްކަތްކުރަމުންދާ ކްރިއޭޓަރުންނާއި ޕްލެޓްފޯމްތަކަށް އާ ފީޗާތައް ތައާރަފްކުރަމުންނެވެ.

މިއަދު ޔޫޓިއުބްއިން ނެރުނު ބްލޮގްޕޯސްޓަކުން ބުނެފައިވާގޮތުގައި އެ ކުންފުނިން ދަނީ ތައުލީމީ އެޕްތަކުގައި އެމްބެޑް ކުރެވޭނެ ވީޑިއޯ ޕްލެޔާރއެއް ލޯންޗުކުރުމަށް ތައްޔާރުވަމުނެނެވެ. އަދި ދަރިވަރުންނަށް މި ކޮންޓެންޓްތަކަށް ފޯކަސްކުރެވޭނެ ގޮތަށް ޔޫޓިއުބްއިން ދަނީ މި ވީޑިއޯ ޕްލެޔާރގައި އިޝަތިހާރުތަކާއި ރެކޮމެންޑޭޝަންތައް ނުހިމެނޭގޮތަށްހަދަމުންނެވެ.

މި އިޝްތިހާރު އަދި ރެކޮމެންޑޭށަން-ފްރީ ޕްލެޔާރ ފުރަތަމަ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވަކި ހާއްސަ ކުންފުނިތަކަށެވެ. އޭގެ ތެރޭގައި ގޫގުލް ކްލާސްރޫމް، އީޑީ ޕަޒްލް، ޕާޑޫ ޔުނިވާރސިޓީ އަދި ޕާޑޫ ގްލޯބަލްފަދަ ތައުލީމީ ޓެކް ކުންފުނިތައް ހިމެނެއެވެ.

ޔޫޓިއުބްއިން ވަނީ އެ ޕްލެޓްފޯމްގައި ތައުލީމީ ކޮންޓެންޓް އުފައްދާ ކްރިއޭޓަރުންނަށް އާ ޓޫލްސްވެސް ތައާރަފްކޮށްފައެވެ. އެގޮތުން އަންނަ އަހަރު ފެށޭއިރު ކްރިއޭޓަރުންނަށް ހިލޭ ނުވަތަ ފައިސާ ދައްކަންޖެހޭ ކޯސްތައް ޔޫޓިއުބް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި މީހަކު ކޯހެއް ގަނެފިނަމަ އެ ކޮންޓެންޓް އިޝްތިހާރަކާ ނުލާ ބެލޭނެގޮތްވެސް ވަނީ ހަމަޖެހިފައެވެ. މި ކޯސްތައް ފުރަތަމަ އެކްސެސް ވާނީ ޔޫއެސް އަށާއި ދެކުނު ކޮރިއާއަށެވެ.

ހަމަމިއާއެކު ޔޫޓިއުބްއިން ވަނީ އާ ކުއިޒް ފީޗާއެއްވެސް އިއުލާންކޮށްފައެވެ. މި ފީޗާ ބޭނުންކޮށްގެން ކްރިއޭޓަރުންނަށް ކޮމިއުނިޓީ ޓެބްގައި ތައުލީމީ ކޮންޓެންޓާއި ގުޅޭ ކުއިޒްތައް ހިންގޭނެއެވެ. ކުރިއަށް އޮތް މަސްތަކުގައި ބީޓާކޮށް މިފަދަ ކުއިޒްތައް ތައާރަފްކުރާއިރު، އަންނަ އަހަރު ކްރިއޭޓަރުންނަށް މި ފީޗާ އެކްސެސްކުރެވޭނެއެވެ.

ޔޫޓިއުބްއިންވަނީ ފާއިތުވި އަހަރުތަކުގައި ޕްލެޓްފޯމްގައި އުނގެނުމާ ބެހޭ އެހެން ފީޗާސްތައްވެސް ތައާރަފްކޮށްފައެވެ. އެގޮތުން ޔޫޓިއުބްއިންވަނީ ތައުލީމީ ކޮންޓެންޓް ކްރިއޭޓަރުންނަށް $20 މިލިއަންގެ ފަންޑެއް ދީފައެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.