ފުރާވަރު ކުދިން ކޮންމެ ދުވަހަކު އިންޓަނެޓް ބޭނުން ކުރޭ

ޝުޖާޢަތު ރަޝީދު 24 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިއަހަރު އޮގަސްޓު މަހު އެމެރިކާއިން ހާމަކުރި ދިރާސާއަކުން ދައްކާގޮތުން އެ ޤަޢުމުގެ ގިނަ ފުރާވަރު ކުދިން އަބަދުވެސް އިންޓަނެޓް ބޭނުން ކުރެއެވެ.

މިއީ ޕިއު ރިސާޗް ސެންޓާއިން ފުރާވަރު ކުދިންގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ އަޚުލާޤު ބެލުމަށް ކުރެވުނު ދިރާސާއެކެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ޕިއު ރިސާޗް ސެންޓާއިން ކުރި ސާވޭއަކުން ދެއްކި ގޮތުގައި އޮންލައިންކޮށް އިންޓަނެޓް ބޭނުންކުރާ މިންވަރު ނިސްބަތުން މަދެވެ. އަދި އޭރު އިންޓަނެޓް ބޭނުންކުރި ފުރާވަރު ކުދިންގެ އަދަދަކީ ހަމަ އެކަނި ހަތަރުބައިކުޅަ އެއްބައެވެ.

މިފަހަރު ކުރެވުނު ސާވޭއިން ހާމަވާ ގޮތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަކީ މެދުނުކެނޑި ފުރާވަރު ކުދިން ބޭނުން ކުރާ ޕްލެޓްފޯމްތަކެވެ. އަދި މިހާރު ބޭނުންކުރާ ޕްލެޓްފޯމްތައް މީގެ ތެރެއަށް އިތުރުވެ، ބޮޑަށް ވީޑިއޯ މެދުވެރިކޮށް ބޭނުންކުރާ ޕްލެޓްފޯމުތައް މާ ގިނައެވެ. މީގެ ތެރޭގައި ޔޫޓިއުބާއި ޓިކްޓޮކް ހިމެނެއެވެ.

ފޭސްބުކްއަކީ މިހާރު އެމެރިކާގެ ފުރާވަރު ކުދިންގެ މެދުގައި އެހާ މަޝްހޫރު ޕްލެޓްފޯމެއް ނޫނެވެ. މިހާރު 13 އަހަރާއި 17 އަހަރާއި ދެމެދުގެ ފުރާވަރު ކުދިންގެ ތެރެއިން ފޭސްބުކް ބޭނުންކުރާ އިންސައްތަ ވަނީ 32 އަކަށް ތިރިވެފައެވެ. ކުރިން މި މިންވަރު އޮތީ 71 އިންސައްތަ ކުރީގައެވެ.

މިހާރު ފުރާވަރު ކުދިންގެ މެދުގައި އެންމެ މަޝްހޫރީ ޓިކްޓޮކް، ސްނެޕްޗެޓް އަދި ޔޫޓިއުބެވެ.

ޔޫޓިއުބަކީ ހާއްސަކޮށް 95 އިންސައްތަ ފުރާވަރު ކުދިން ބޭނުންކުރާ ޕްލެޓްފޯމެކެވެ.

ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ފޭސްބުކްއާއި އިންސްޓަގްރާމް (މެޓަ ޕްލެޓްފޯމްތައް) އިން ކޮމްޕެޓިޝަންއާއި އެއްގޮތް ކުރުމަށް އެތަކެއް ފީޗާތަކެއް ވަނީ ގެނެސްފައެވެ. ފޭސްބުކާއި އިންސްޓަގްރާމްއިން ސްނެޕްޗެޓާއި އެއް ހަމައެއްގައި ހިފެހެއްޓުމަށް ސްޓޯރީސް ވަނީ މި ދެ ޕްލެޓްފޯމަށް ގެނެސްފައެވެ. އަދި މީގެ އިތުރުން ޓިކްޓޮކާއި ވާދަ ކުރުމަށް އިންސްޓަގްރާމަށް "ރީލްސް" ވަނީ ތަޢާރަފްކޮށްފައެވެ.

މީސް މީޑިއާ ޕްލެޓްފޯމްތަކަށް ބޮޑެތި ބަދަލު އައިސް މިހާރު ފަސޭހައިން އިންޓަނެޓަށް ވަދެވޭ ގޮތް އެންމެނަށްވެސް އޮތުމުން މިކަމަކީ ހުއްޓަން ވަރަށް އުނދަގޫ ކަމެއްކަން ޔަޤީނެވެ.

ނަމަވެސް، ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރު ކުދިން އިންޓަނެޓް ބޭނުން ކުރާ ގޮތާއި، މީސް މީޑިއާގައި އުޅޭ މިންވަރު ރަނގަޅަށް ބަލަހައްޓަން ޖެހެއެވެ. މިއީ އެކުދިންގެ ރައްކަލަށް އެންމެ މުހިންމު ގޮތެވެ.

އިންޓަނެޓަކީ ކޮންޓްރޯލް ކުރެވި، ބެލެނިވެރިން އަބަދުވެސް މޮނީޓާ ކުރެވޭ އެއްޗަކަށް ވާންޖެހެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.