އީރާނުގެ ވެރިރަށުން އިންޓަނެޓްގެ ހިދުމަތް ކަނޑާލައިފި

އިސްމާއިލް އަލީ 25 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އީރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތައް ހޫނުވުމާ ގުޅިގެން އެގައުމުން ވަނީ ވެރިރަށް ތެހެރާން އަދި ކުރުދިސްތާނުގައި އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިއެވެ. މީގެ އިތުރުން މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ އިންސްޓަގްރާމާއި ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަށްވެސް މިސަރަހައްދުތަކުގައި ބޭނުންނުކުރެވޭގޮތް ހަދާފައިއެވެ.

އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 22 އަހަރުގެ އަންހެނަކު މަރުވުމާއި ގުޅިގެންނެވެ. މި މުޒާހަރާގެ ބައިވެރިން ވަނީ އިރާނުގެ އެކި ހިސާބުތަކުގައިހުރި ފުލުސް އޮފީސްތަކާއި ދުއްވާ އެއްޗެހީގައި ރޯކޮށްލާފައިއެވެ.

އިރާނުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައި މިވަނީ އެގައުމުގައި ހިނގަމުންދާ މުޒާހަރާތައް ސައިބާސްޕޭސްއަށްވެސް ފުޅާވެފައިވާ ދަނޑިވަޅެއްގައިއެވެ. އެގޮތުން މަހްސާ އަމީނީ ހޭޝްޓެގްއާއެކު އަންހެނުން ހިޖާބު އަންދާލާ މަންޒަރާއި ބޮލުގެ އިސްތަށިގަނޑު ކޮށާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލްމީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ.

މަހްސާ އަމީނީ ހިޖާބު އަޅައިގެން ހުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އީރާނުގެ ފުލުހުން ވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިއެވެ. އަމީނީގެ އާއިލާ އަދި އެކްޓިވިސްޓުން ހާމަކުރާ ގޮތުގައި ފުލުހުން ވަނީ އޭނާއަށް އަނިޔާކުރުމަށްފަހު އޭނާ މަރާލާފައިއެވެ. ނަމަވެސް އީރާނުގެ ސަރުކާރުން މިކަން ދޮގުކޮށް ހާމަކޮށްފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުންނެވެ.

މިމުޒާހަރަތަކަކީ 2019 ގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެގައުމުގައި ކުރިއަށްދިޔަ މުޒާހަރާތަކަށްފަހު އެންމެ ހަމަނުޖެހުން ބޮޑު މުޒާހަރާތަކެވެ. ނެދަލޭންޑްސްގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކު ހާމަކޮށްފައިވާ ގޮތުގައި ސޯޝަލް މިޑިއާ އަދި އިންޓަނެޓްގެ ހިދުމަށް ކަނޑާލުމަށް ނިންމި ނިންމުމަކީ އީރާނުގެ ސަރުކާރުގެ އަނިޔާވެރިކަން ސައިބާސްޕޭސްއަށްވެސް ފޯރާނެކަމުގެ ހެއްކެކެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މުޒާހަރާތަކުގެ މައުލޫމާތު ފެތުރުމުގެ އިތުރަށް ސޯޝަލް މީޑިއާއަކީ މުޒާހަރަތަކުގައި ސީދާ ބައިވެރި ނުވެވޭ ފަރާތްތަކަށްވެސް އިހުތިޖާޖުތަކުގައި ބައިވެރިވުމުގެ މަގުފަހިކޮށްދޭ ވަސީލަތެކެވެ.

އެގޮތުން އޭނާ ހާމާކޮށްފައިވާ ގޮތުގައި ފުލުހުންގެ ކުރިމަތީގައި ހިޖާބު ނަގާ އެއްލާލުމަށްފަހު ނުވަތަ ހިޖާބު ނާޅާ މުޒާހަރާކުރާ އަންހެނެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުން އެކަމުން ހިތްވަރުލިބި އެހެނިހެން ހިސާބުތަކުގައިވެސް މިގޮތަށް މީހުން މުޒާހަރާކުރަން ފަށާނެއެވެ.

އީރާނުން އިންޓަނެޓާއި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ހިދުމަތް ކަނޑާލުމުގެ ކުރިން މަހްސާ އަމީނީގެ ޖަނާޒާގައި މީހުން ވިމެން ލައިފް ފްރީޑަމް ފަދަ ބަސްތަށް ގޮވާތަން ފެންނަ ވީޑިއޯއަކާއި ޒުވާން އަންހެނުންތަކެއް ހިޖާބު ނަގައި އަންދާލާ މަންޒަރާއި މުޒާހަރާގެ ފިރިހެން ބައިވެރިން ސަލާމަތީ ބާރުތަކާ ކުރިމަތިލާ މަންޒަރު ފެންނަ ވީޑިއޯތަށްވަނީ ސޯޝަލް މިޑިއާގައި އާންމުވެފައިއެވެ. އެގޮތުން ޓްވިޓާގައި މިވީޑިއޯތައް 30،000 އަށްވުރެ ގިނަ މީހުން ވަނީ ބަލާފައިއެވެ. މީގެ އިތުރުން އީރާނުގެ ޒުވާން އަންހެނުންނަށް ތައުރީފުކޮށް އެގައުމުގެ އަންހެނަކު ކަތުރަކުން ބޮލުގެ އިސްތަށިގަނޑު ކޮށާލާ ވީޑިއޯއެއް 60،000 އަށްވުރެ ގިނަ މީހުން ވަނީ ބަލާފައިއެވެ.

އަމިނީ ގެ މަރުގެ މައްސަލަ ފެންމަތިވެފައި މިވަނީ އަންހެނުންގެ ހައްގުތަކާ ދެކޮޅަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އޯގަސްޓް މަހުގެ 15 ވަނަ ދުވަހު އީރާނުގެ ރައީސް އިބްރާހީމް ރައިސީ ސޮއިކުރައްވައި ނެރުއްވި ޤަރާރެއްގައި ވަނީ ހިޖާބު އެޅުމާ ދެކޮޅު ކޮންޓެންޓް އޮންލައިންކޮށް ޕޯސްޓްކުރާ އަންހެނުންނަށް ދޭ އަދަބު އިތުރުކޮށްފައެވެ.

އދގެ އާންމު މަޖިލީހުގެ ހަވާސާގައި ހުޅަނގުގެ ބައެއް ރިޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައިސީ ވިދާޅުވީ، އާމިނީ ގެ މަރުގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ރައީސީވަނީ އަމީނީއަށް އިރާނުގެ ފުލުހުން ލާއިންސާނީ އަނިޔާދިން ވާހަކަ ދޮގޮކުރައްވައި އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހިގެންކަމަށް ހާމަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.