އިންޑިއާ ސަރުކާރުން އެންކްރިޕްޓެޑް މެސެޖްތަކާއި ކޯލްތަށް ބަލައި އަޑުއެހޭނެ ނިޒާމެއް ގާއިމުކުރުމަށް ގާނޫނެއް ހެދުމަށް ނިންމައިފިއެވެ. މި ގާނޫނުގެ ދަށުން އެންކްރިޕްޓެޑް މެސެޖް އަދި ކޯލްތަށް ކުރެވޭ ވަޓްސްއެޕް އަދި ސިގްނަލް ފަދަ އެޕްލިކޭޝަންތަކުން ފޮނުވާ މެސެޖްތަށް ބެލުމާއި ފޯނު ކޯލްތަށް އަޑުއެހުމުގެ ބާރު އިންޑިއާ ސަރުކާރަށް ލިބިގެންދާނެއެވެ.
މިހާރު އާންމުކޮށް ކޮންމެ ފަރާތަކުންވެސް އައު ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ހިޔާރުކުރުމުގެ ކުރިން ބަލާ އެއްކަމަކީ އެއެޕްލިކޭޝަނުގައި އެންޑް ޓު އެންޑް އެންކްރިޕްޝަން ހިދުމަތް ހިމެނޭތޯއެވެ. މި ހިދުމަތަކީ މެސެޖު ފޮނުވާ ފަރާތުން އެ މެސެޖް ރައްދުކޮށްދޭން ބޭނުންވާ ފަރާތް ނޫން އެހެން ފަރާތްތަކަށް އެމެސެޖް ކިޔުން ހުއްޓުވާ ހިދުމަތެކެވެ. ވަޓްސްއެޕް އަކީވެސް މިފަދަ އެޕްލިކޭޝަނެކެވެ. އެގޮތުން ވަޓްސްއެޕްއިން ހާމަކޮށްފައިވާ ގޮތުގައި އެއެޕްލިކޭޝަން މެދުވެރިކޮށް ފޮނުވާ މެސެޖްތަށް މަދު ހާލަތެއްގައި ނޫނީ އެހެން އެއްވެސް ފަރާތަކަށް ނުބެލޭނެއެވެ. ނަމަވެސް ރިޕޯޓެއް ކޮށްފިނަމަ މަދު މެސެޖްތަކެއް ބެލުމުގެ ގާބިލުކަން ލިބިފައިވާ ކަމަށްވެސް ވަޓްސްއެޕްއިން ވަނީ ހާމަކޮށްފައިއެވެ.
އެހެން ނަމަވެސް އިންޑިއާ ސަރުކާރުން އަލަށް ހުށަހަޅާފައިވާ ޓެލެކޮމިއުނިކޭޝަން ގާނޫނަކުން ބޭނުންވަނީ މިފަދަ އެންކްރިޕްޓެޑް ހިދުމަތްތަށް ފޯރުކޮށްދޭ އެޕްލިކޭޝަންތަކުންވެސް ފޮނުވާ މެސެޖްތަކާއި އޭގެއިން ކުރާ ފޯނު ކޯލްތަށް ބެލުމާއި އަޑުއެހުމުގެ ބާރު އެގައުމުގެ ސަރުކާރަށް ދިނުމަށެވެ. މި ގާނޫނުގައި ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް މާނަކޮށްފައިވަނީ ބްރޯޑްކާސްޓްކުރުމާއި އީމެއިލް އާއި ވޮއިސް މެއިލް އާއި ވީޑިއޯޓެކްސް އަދި އޯޑިއޯޓެކްސް ހިދުމަތްތަކާއި އިންޓަނެޓްގެ ހިދުމަތްތަކާ އަދިވެސް މިފަދަ ހުރިހާ ހިދުމަތްތަކުގެ ގޮތުގައިއެވެ. މީގެ އިތުރުން ވަޓްސްއެޕް، ސިގްނަލް، އަދި ޓެލެގްރާމް ފަދަ އިންޓަނެޓް މެދުވެރިކޮށް މުވާސަލާތުކުރާ އެޕްލިކޭޝަންތަށްވެސް މިގާނޫނުގައި މާނަކޮށްފައިވަނީ ޓެލެކޮމިއުނިކޭޝަން ހިދުމަތްތަކުގެ ގޮތުގައިއެވެ.
މިހާރު އިންޑީއާ ސަރުކާރުން ވަނީ މި ޑްރާފްޓާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަން ފަށާފައިއެވެ. ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު ކަމަކީ މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ ވަޓްސްއެޕް ނުވަތަ އެފަދަ އެޕްތަށް މެދުވެރިކޮށް ކުރާ ވޮއިސް އަދި ވީޑިއޯ ކޯލްތައް ވެސް ސަރުކާރަށް އިންޓަސެޕްޓް ކުރެވިދާނެ ކަމެވެ. މީގެ އިތުރުން މިގާނޫނުގެ ސަބަބުން މިފަދަ އެޕްލިކޭޝަންތަށް އުފައްދާ ފަރާތްތަކަށާއި މިހާރުވެސް މާކެޓްގައި ހުރި އެޕްލިކޭޝަންތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ.
މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އިންޑިއާ ސަރުކާރަށް ނުވަތަ ސްޓޭޓެއްގެ ސަރުކާރަށްވެސް އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންކްރިޕްޝަން ފޫއަޅުވާލުމުގެ މަސައްކަތްކުރެވިދާނެއެވެ. އެހެންކަމުން އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ދަނޑިވަޅަކީ އެގައުމުގައި މިފަދަ އެޕްލިކޭޝަންތަށް ބޭނުންކުރާ ފަރާތްތަކުގެ ސިއްރު މައުލޫމާތަށް އެގައުމުގެ ސަރުކާރުން އެކްސެސްވާން މަސައްކަތްކުރާ ދަނޑިވަޅަކަށް ވެދާނެއެވެ.
މިފަދަ ގާނޫނުތަކީ ޑިމޮކްރަސީ އާއި ދުރު ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުންނަށް ފާރަލުމަށް ބޭނުންކުރާ އެއް ވަސީލަތެވެ. އެގޮތުން އިންޑިއާ އާއި އެންމެ ކައިރިން މިފަދަ ގާނޫނެއްގެ ބޭނުން ހިފާ އެއްގައުމަކީ ޗައިނާއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި