ފެޑްއެކްސް ކޯޕަރޭޝަން އިން ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރަށް އެ ކުންފުނީގެ ޖެނެރަލް ރޭޓް ވަނީ %6.9 އަށް އިތުރުވެފައެވެ. މިއީ އެ ކުންފުނީގެ ތާރިހުގައިވެސް ޖެނެރަލް ރޭޓް އެހާ ބޮޑުވި ފުރަތަމަ ފަހެރެވެ.
މި ރޭޓް ފެޑްއެކްސްގެ 'ލެސް-ދޭން-ޓްރަކްލޯޑް' ހިދުމަތްކަމަށްވާ ފެޑްއެކްސް ފްރައިޓް ނޫން އެހެން ހުރިހާ ސާރވިސެސްއަށް އެޕްލައިވާނެއެވެ. ކަސްޓަމަރުންގެ ޓްރާންސްޕޮޓޭޝަން ރޭޓް ސްކޭލްގެ ގޮތުން މި ރޭޓް 6.9% - 7.9% އާއި ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އާންމު ގޮތެއްގައި ފެޑްއެކްސްގެ އަހަރީ ޓެރިފް ރޭޓް %4.9 އާއި %5.9 އާއި ދެމެދުގެ މިންވަރަކަށް އިތުރުކުރެއެވެ. އެނަލިސްޓުން ލަފާކުރަމުންދިޔައީ ކޮސްޓް އިންފްލޭޝަންގެ އަސަރު ފޫބައްދަން 2023 ވަނަ އަހަރު ޖެނެރަލް ރޭޓް %6 އަށް އިތުރުކުރާނެކަމަށެވެ.
ފެޑްއެކްސްއިން ބުނެފައިވާގޮތުގައި އެ ކުންފުނިން އަމާޒުކުރަމުންދަނީ 2023 ވަނަ މާލީ އަހަރު ފެޑްއެކްސް ގްރައުންޑް ޔޫއެސް ޑެލިވަރީ ޔުނިޓްއާއި ފެޑްއެކްސް އެއާރ ގެ ހަރަދު ކުޑަކޮށް، 2.2 ބިލިއަން ޑޮލަރާއި 2.7 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ރައްކާކުރުމަށެވެ.
މީގެ އިތުރުން ފެޑްއެކްސްއިން ވަނީ ޖޫން 1، 2024 އިން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ހަރަދުން 4 ބިލިއަން ޑޮލަރު މަދުކުރުމަށް ރާވާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެޑް އެކްސްއިން އިއުލާން ކުރިގޮތުގައި ފެޑްއެކްސްގެ އޮޕަރޭޓިންގް އިންކަމް ވަނީ 69% ދަށްވެފައެވެ. އަދި މި އިއުލާނާއިއެކު އެ ކުންފުނިން ވަނީ މި މާލީ އަހަރުގެ ފުރަތަމަ ކުއާޓާރގެ ނަތީޖާ ރަސްމީކޮށް ޝާއިރުކޮށްފައެވެ.
ފެޑްއެކްސްއިން ބުނެފައިވާ ގޮތުގައި އޮޕަރޭޓިންގް އިންކަމް އެހާ ބޮޑަށް ދަށްވީ މި ކުއާޓާރގެ ފަހު ހަފްތާގެތެރޭގައި ޓްރާންސް-ޕެސިފިކް އެއާރ ވޮލިއުމް ކުއްލިއަކަށް ދަށަށްދިއުމުންނެވެ. އަދި ޑިމާންޑްގެ ސަބަބުންވެސް އޮޕަރޭޓިންގް ހަރަދުތައް ވަނީ ބޮޑުވެފައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފެޑްއެކްސްއިން އެ ކުންފުނީގެ އިންކަމް %69 ދަށްވެފައިވާކަމަށް އިއުލާންކުރުމުން މިދިޔަ ހުކުރު ދުވަހުގެ ޓްރޭޑިންގްގައި އެ ކުންފުނީގެ ހިއްސާގެ އަގު 40 ޑޮލަރަށް ވުރެ ދަށަށް ދިޔައެވެ.
ފްރީލޭންސް ލިޔުންތެރިޔެއް