ނަންޕްރޮފިޓް ވެބްސައިޓްތަކުގައި ޓްރެކާސް ހުރޭ!

ޝުޖާޢަތު ރަޝީދު 03 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިހާރު ހުރި އޮންލައިން ޕްލެޓްފޯމްތަކާއި ވެބްސައިޓްތަކުގެ ތެރޭގައި ގިނަވާނީ ކޮންމެވެސް ވަރެއްގެ ޓްރެކިންއެއް އެކުލެވޭ ވެބްސައިޓްތަކެވެ.

ތާޑް-ޕާތީ ކުކީޒްގެ ސަބަބުން އިޝްތިހާރު ކުރާ ފަރާތްތަކަށް ވެބްސައިޓްތަކުގައި ޔޫޒާގެ އެކްޓިވިޓީ ޓްރެކް ކުރުމަށް ފުރުސަތު ލިބެއެވެ.

މީގެ ތެރޭގައި ސަބްމިޓް ނުކުރާ ފޯމްތަކުގެ ޑޭޓާ، ބުކް ކޮށްފައި ހުންނަ އެޕޮއިންޓްމަންޓްތަކާއި އަދި އެހެނިހެން މަޢުލޫމާތުތައްވެސް ޓްރެކްކުރެއެވެ.

މިހުރިހާ ގޮތަކުންވެސް ނެގޭ ޑޭޓާއަކީ ގިނަފަހަރަށް ޔޫޒާއަށް ނޭނގި ނެގޭ ޑޭޓާއެވެ. މިއީ އަދި ހަމަ އެކަނި އެންމެ ވެބްސައިޓެއްގައި ރައްކާވާ ޑޭޓާއެއް ނޫނެވެ.

ނަންޕްރޮފިޓް އޯގަނައިޒޭޝަންތަކަކީ މިމައްސަލައިގެ ބޮޑު ބައެއްގެ ހިއްސާ ނަގަންޖެހޭ ބައެކެވެ. "ދަ މާކްއަޕް" އިން ނެރުނު ރިޕޯޓަކުން ފެންނަ ގޮތުގައި ނަންޕްރޮފިޓް އޯގަނައިޒޭޝަން ނުވަތަ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޕްރައިވެސީއަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ދަ މާކްއަޕްގެ ބެކްލައިޓް ޓޫލް ބޭނުންކޮށް 2021 ވަނަ އަހަރު ކުރެވުނު ސްކޭނަކުން ދައްކާ ގޮތުގައި 86 އިންސައްތަ ނަންޕްރޮފިޓް ވެބްސައިޓްތަކުގައި ތާޑް-ޕާޓީ ކުކީޒްއާއި ޓްރެކިން ނެޓްވޯކް ރިކުއެސްޓް ފެންނަން ހުއްޓެވެ.

ހަމަ މި ސްކޭނުގައި 11 އިންސައްތަ ނަންޕްރޮފިޓް ވެބްސައިޓްތަކުގައި ފޭސްބުކް ޕިކްސެލް އެމްބެޑް ކުރެވިފައި ހުރިއިރު، 18 އިންސައްތަ ވެބްސައިޓްތަކުގައި ގޫގަލް އެނަލިޓިކްސްގެ ރީމާކެޓިން އޯޑިއަންސަސް ފީޗާ އެކުލަވާލާފައިވެއެވެ.

މި ނަންޕްރޮފިޓް ވެބްސައިޓްތަކުގެ ތެރެއިން 439 ވެބްސައިޓްތަކުން ލޯޑެޑް ސްކްރިޕްޓް (ސެޝަން ރެކޯޑާސް) ބޭނުންކޮށްފައިވެއެވެ. މިއީ ވެބްސައިޓަށް ވަންނަ މީހުންގެ ކްލިކްތައް ދެނެގަތުމަށް ކޮށްފައި ހުންނަ ކަމެކެވެ.

މިހާރު ގިނަ ނަންޕްރޮފިޓް ވެބްސައިޓްތަކުން ދަނީ ޔޫޒާ ޕްރައިވެސީއަށް ކޮންމެވެސް ވަރެއްގެ ސަމާލުކަމެއް ދެމުންނެވެ. ދަ މާކްއަޕްއިން ނެރުުނު ރިޕޯޓުގެ ފަހުންވެސް މަޝްހޫރު އެތަކެއް އެން.ޖީ.އޯތަކުން އެމީހުންގެ ވެބްސައިޓްތަކުގައި ޔޫޒާ ޕްރައިވެސީ ޤާއިމުކުރިއެވެ. މިސާލަކަށް "ޕްލޭންޑް ޕޭރެންޓްހުޑް"އިން މާކެޓިން ޓްރެކާސް އެމީހުންގެ ވެބްސައިޓްގެ ބައެއް ހިސާބުތަކުގައި ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ.

ނަމަވެސް އަދިވެސް ޔޫޒާ ޕްރައިވެސީއަށް ދޭންޖެހޭ ސަމާލު އިތުރުކުރަން އެބަޖެހެއެވެ. ކޮންމެ ބަޔަކަށްވެސް އެމީހުންގެ މާކެޓިން ބޫސްޓު ކުރުމަށް ޓޫލްސް ނުވަތަ ސޮފްޓްވެއާއެއް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް މި ޓޫލްސް ނުވަތަ ސޮފްޓްވެއާއަކީ މި މަޢުލޫމާތުތަށް އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ބައެއްތޯ ބަލަން އެބަ ޖެހެއެވެ.

ބައެއް މީހުން މިކަމާއި ބެހޭ ގޮތުން ދެބަސްވެ ބަހުސް ކުރަމުން ދެއެވެ. ނަމަވެސް ވިސްނާލަން މުހިންމު ޕޮއިންޓަކީ ޓާގެޓެޑް އޮންލައިން މާކެޓިންއާއި މީހުންގެ މަޢުލޫމާތު މާކެޓިންއަށް ބޭނުންކުރުމަކީ އެމީހާއަށް ސާފުކޮށް ނޭނގި ކުރެވޭ ބޮޑެ ކުށެއްކަމެވެ. މަޢުލޫމާތުގެ މުހިންމު ކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ އެންމެނަށްވެސް ޙިދުމަތް ދޭ ފަރާތުގެ ވަރަށް މުހިންމެ ޒިންމާއެކެވެ.

ހާއްސަކޮށް، އެން.ޖީ.އޯ ފަދަ އެޑްވޮކޭޓް ކުރާ ޖަމްޢިއްޔާތަކުން އެމީހުންގެ ޔޫޒާއިންގެ މަޢުލޫމާތު ރައްކާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.