އާޓިފިޝަލް އިންޓަލިޖަންސަކީ އިންސާނުންނަށް ބިރެއް؟

ޝުޖާޢަތު ރަޝީދު 03 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އާޓިފިޝަލް އިންޓަލިޖަންސް (އޭ.އައި) އިން އިންސާނުން ނައްތާލާނެކަމަށް ގޫގަލްގެ ޑީޕްމައިންޑް ރިސާޗާއެއް ކޯ-އޯތާކޮށްފައި ދިރާސާ ކަރުދާހެއް ނެރެފިއެވެ.

އެތައް އަހަރުތަކެއްގެ ތައްޔާރީތަކާއި ގިނަ ބަޔެއްގެ ބުރަ މަސައްކަތާއިއެކު އޭ.އައި މިހާރު ދަނީ ކާރު ދުއްވައި، ކަރެކްޝަނަލް ސެޓިންގައި އުޅޭ މީހުންގެ ދިރިއުޅުން ބަދަލުކޮށް އެސެސްމަންޓްތައް ހަދައި އެވޯޑް ލިބޭ ފެންވަރުގެ އާޓްވޯކްވެސް ޖެނެރޭޓް ކުރަމުންނެވެ.

ފޮޓޯ، ވައިސްގެ ވެބްސައިޓުން

މިދާއިރާގައި އަބަދުވެސް އަންނަ ސުވާލަކީ ސުޕައިންޓަލިޖަންޓް އޭ.އައި އަކުން އިންސާނިއްޔަތުކަން ނަގާލެވިދާނެތޯއެވެ؟ ޔުނިވާސިޓީ އޮފް އޮކްސްފޯޑްއާއި ގޫގަލް ޑީޕްމައިންޑްއާއި ގުޅުން ހުރި ރިސާޗަރުން މިހާރު ވަނީ އާ ދިރާސާއެއްގައި، މިއީ "ވެދާނެ" ކަމެއް ކަން ހާމަކޮށްފައެވެ.

މި ދިރާސާ މިދިޔަ އޮގަސްޓް މަހު ޕަބްލިޝް ކުރެވިފައިވާއިރު، ހަމަ މި ދިރާސާ އޭ.އައި މެގެޒިންއިންވަނީ ޕިއާ ރިވިއުކޮށްފައެވެ.

މި ދިރާސާއިން ހާމަކުރާ ގޮތުގައި އާޓިފިޝަލް އިންޓަލިޖަންސްގެ ސަބަބުން އިންސާނިއްޔަތަށް ކޮންމެވެސް ވަރެއްގެ ރިސްކެއް ކުރިމަތިވެދާނެއެވެ. މި ދިރާސާއަކީ މިކަމާމެދު ވިސްނާލުމަށް ދާއިރާގެ މާހިރުންގެ މެދުގައި ވަރަށް މުއްސަނދި ދިރާސާއެއް ގޮތުގައި ވެގެންދާނެ ދިރާސާއެއްކަން ޔަޤީނެވެ.

މިކަމަށް އަލިއަޅުވާލާއިރު ފާހަގަ ކުރެވޭ ބައެއް މުހިންމު ނުކުތާތަކަކީ، މިހާރު އެންމެ ކާމިޔާބު އޭ.އައި މޮޑެލްއަކީ ގޭންސް ނުވަތަ ޖެނެރަލް އެޑްވަސަރިއަލް ނެޓްވޯކްސްއެވެ. މިއީ 2 ސްޓްރަކްޗާއަކަށް ބިނާކޮށް، އެއް ސްޓްރަކްޗާގައި އިންޕުޓް ކުރެވޭ ޑޭޓާއިން ފޮޓޯ ޖެނެރޭޓް ކުރުމަށް މަސައްކަތް ކުރެއެވެ. އަނެއް ސްޓްރަކްޗާއިން ފުރަތަމަ ކުރި މަސައްކަތުގެ ޕާފޮމަންސް ގްރޭޑް ކުރެވެއެވެ.

މި ނެރުނު ޕޭޕަރުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، މުސްތަޤުބަލުގައި، ކޮންމެވެސް މުހިންމު ފަންކްޝަނެއްގެ ކަންތައްތައް ބަލަހައްޓަމުން ގެންދާ އޭ.އައިގެ އެޑްވާންސް އޭ.އައި އިން އިންސާނިއްޔަތަށް އަސަރު ކުރާފަދަ ސްޓްރެޓެޖީއެއް ގާއިމްކޮށްފާނެ ކަމުގެ ބިރު އޮތް ކަމުގައެވެ.

"އަހަރެމެންނަށް ފެނިފައިވާ ޝަރުތުތަކުގެ ތެރޭގައި، އަހަރެމެންގެ ނިންމުމަކީ މީގެ ކުރިން ނެރުނު އެއްވެސް ޕަބްލިކޭޝަނަކަށް ވުރެ މާ ވަރުގަދަ ނިންމުމެއް - އޭ.އައިގެ ސަބަބުން ކާރިސާއެއް ކުރިމަތިވުމަކީ ހަމައެކަނި ކުރެވޭނެ ކަމެއް ނޫން، އެއީ ވެދާނެ ކަމެއް" މި ޕޭޕަރާއި ބެހޭ ގޮތުން ޓްވިޓާގައި ކޯހެން ޓްވީޓް ކުރިއެވެ.

އޭ.އައި އިން މުސްތަޤުބަލުގައި ކޮންމެ ފޯމެއްވެސް ނަގައި، އެކި ވައްތަރުގެ ޑިޒައިނަށް އިމްޕްލިމެންޓް ކުރެވޭތީވެ، މި ޕޭޕަރުން ސިނާރިއޯތަކެއް ހީކޮށް ގެނެސްދީފައިވެއެވެ. މީގެ ތެރެއިން އެއް ސިނާރިއޯއަކީ، އޭ.އައި ޕްރޮގްރާމުން ހާސިލް ކުރަން ބޭނުންވާ ދަނޑިވަޅެއް ހާސިލް ނުވި ކަމުގައިވިޔަސް އެކަމުގެ ރިވާޑް ނަގާފާނެއެވެ.

އަދި މިފަދަ ދަނޑިވަޅެއްގައި "ޕޮޓެންޝަލް ތްރެޓް" ނައްތާލުމަށާއި ބޭނުންކުރެވޭނެ ހުރިހާ ހަކަތެއް ބޭނުންކުރުމަކީ އޭ.އައި އިން ކޮށްފާނެ ކަމެއް ކަމުގައި މި ލިޔުމުގެ ސިނާރިއޯއެއްގައި ގެނެސްދީފައިވެއެވެ.

މީގެ އިތުރުން މި ލިޔުމުގައ އަލިއަޅުވާފައިވާ ކަންތައްތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ ތަފާތު ކުރުމަކީ އަލްގޯރިދަމްއަކުން ހުއްޓުވޭނެކަމެއް ނޫންކަމުގައެވެ.

މިފަދަ ކަންކަން އަލްގޯރިދަމްތަކުގައި ނައްތާލުމަށް އެތަކެއް ބަޔެއްގެ ބުރަ މަސައްކަތް ބޭނުންވާނެ ކަމަށް ކޯހެން ހާމަކުރިއެވެ. އެކްސިސްޓެންޝަލް ރިސްކަށް ފޯކަސް ކުރުމުން އެ ތަސްވީރާ ފޯކަސް ދުރަށް ޖެހިދާނެ ކަމަށާއި ނަމަވެސް މި ސިސްޓަމްތައް ފަރުމާކުރެވިފައިވާ ގޮތާއި އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ މެދު ވަރަށް ރަނގަޅަށް ވިސްނުމަށްވެސް އޭނާ އެދެއެވެ.

މި ރިސާޗް ޕަބްލިޝް ކުރެވުނު ފަހުން ގޫގަލްއިން ހާމަކޮށްފައިވަނީ މިއީ "ޑީޕްމައިންޑް" އަށް ކޯ އައުތާ ކުރެވުނު ލިޔުމެއް ނޫންކަމަށެވެ. އަދި މިއީ މާކަސް ހަޓާގެ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީގެ މަސައްކަތުގެ ތެރެއިން އޭނާ ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ނެރެވުނު ލިޔުމެއްކަމުގައި ގޫގަލް އިން ހާމަކުރެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.