ސޯޝަލް މީޑިއާ ގިނައިން ބޭނުންކުރުމުގެ ސަބަބުން 12 އަހަރުން ދަށުގެ ކުދިންނަށް ކޮންމެ ހަފުތާއަކު އެއް ރޭގެ ނިދުމާ އެއްވަރުގެ ނިދި ގެއްލޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިނގިރޭސިވިލާތުގެ ލެސްޓާގެ ޑި މޮންޓްފޯޓް ޔުނިވާސިޓީން ކުރިއަށް ގެންދިޔަ ސާވޭގައި ބައިވެރިވި 12 އަހަރުން ދަށުގެ 60 ކުދިންގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ ކުދިން ބުނީ ދުވާލަކު ހަތަރު ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނަ އިރު ސޯޝަލް މީޑިއާ ބޭނުންކުރާ ކަމަށެވެ.
ތިންބައިކުޅަ ދެބައި ކުދިން ބުނީ ނިދުމުގެ ކުރިން ދެ ގަޑިއިރުގެ ތެރޭގައި ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކޮށްފައިވާ ކަމަށެވެ.
އަދި ސާވޭގައި ބައިވެރިވި ކުދިންގެ ތެރެއިން 12.5 އިންސައްތަ ކުދިން ރޭގަނޑު ހޭލައިގެން އެކުދިންގެ ނޮޓިފިކޭޝަންތައް ޗެކްކުރާކަން ވެސް ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ.
ދިރާސާގައި އިސްކޮށް ހުންނެވި ސައިކޮލޮޖީ ލެކްޗަރާ ޖޯން ޝޯ ވިދާޅުވީ އެން.އެޗް.އެސްގެ ގައިޑްލައިންގައިވާ ގޮތުން ކުދިން ރޭގަނޑު 9 ގަޑިއިރާއި 11 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ނިދަން ޖެހޭ ކަމަށާއި ނަމަވެސް ސާވޭގައި ބައިވެރިވި ކުދިން އެވްރެޖްކޮށް ރޭގަނޑު 8.7 ގަޑިއިރު ނިދާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"ސޯޝަލް މީޑިއާގެ ސަބަބުން އުފެދޭ ގެއްލުމުގެ ބިރަކީ ސީދާ އެކުދިންގެ ނިދުމަށް އަސަރު ކުރާ ކަމެއް. އެކުދިން ބޭނުންވަނީ އެކުދިންގެ ރައްޓެހިން ކުރާ ކަމެއް އޮޅުން ފިލުވަން ކަމަށާއި ކަމެއް ހިނގަމުންދާއިރު އޮންލައިންކޮށް ނޫޅެންޏާ އޭގެ މާނައަކީ އެކަމުގައި ބައިވެރި ނުވުން ކަމަށެވެ.
ކުޑަކުދިންގެ ފަރާތުން އެންމެ ބޮޑަށް އެންގޭޖްވެފައި ވަނީ ޓިކްޓޮކް ކަމަށާއި ސާވޭގައި ބައިވެރިވި ކުދިންގެ ތެރެއިން 90 އިންސައްތަ ކުދިން ބުނެފައި ވަނީ އެ އެޕް ބޭނުންކުރި ކަމަށެވެ.
ސްނެޕްޗެޓް 84 އިންސައްތަ ބޭނުންކޮށްފައިވާއިރު، ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިން ވަނީ އިންސްޓަގްރާމް ބޭނުންކުރާކަމަށް ބުނެފައެވެ.
ކެލިފޯނިއާގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގެންދަވަނީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.
ދައުލަތުން ދާދި ފަހުން ވަނީ އެޕްތަކުން ބޭނުންކުރާ އިތުރު ގެއްލުންހުރި ފީޗާތަކަށް އަމާޒުކޮށް ގާނޫނެއް ފާސްކޮށްފަ އެވެ.
އެގޮތުން ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުން ކުޑަކުދިންގެ ދުޅަހެޔޮކަމަށް ގެއްލުންވާ ފަދަ ފީޗާތައް މަގްސަދުގައި ޑިޒައިން ކުރުން މަނާކުރާ ކަމަށް ފެކްޓްޝީޓެއްގައި ބުނެފައިވެ އެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.