ބޭންކް އޮފް މޯލްޑިވްސް އިން ހެކަތޯންއެއް ބާއްވަނީ

ސައިބަރޓެގް 06 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބޭންކް އޮފް މޯލްޑިވްސްއިން ހެކަތޯންއެއް ބާއްވަން އިއުލާންކޮށްފިއެވެ.

ހެކަތޯން އަކީ ޕްރޮގްރާމަރުން ނުވަތަ ޑިވެލޮޕަރުން ކުޑަ ދުވަސްކޮޅަކަށް އެއްތަނަކަށް އެއްވެ، ޕްރޮޖެކްޓެއްގައި ގުޅިގެން މަސައްކަތް ކުރާ ސޮފްޓްވެއާ ނުވަތަ ހާޑްވެއާ ގެ ޕްރޮޓޯޓައިޕްއެއް އުފެއްދުމެވެ. އާންމު ގޮތެއްގައި އިވެންޓްތައް ހަމައެކަނި 24 ގަޑިއިރަށް ދެމިގެންދާތީ ނުވަތަ ހަފުތާ ބަންދުގައި ހިނގާ ތީ، ބައިވެރިން މަސައްކަތް ކުރަނީ ވަރަށް އަވަސް އަދި ގިނަ ފަހަރަށް ނިދުމަކާ ނުލައި އެމީހުންގެ މަސައްކަތް ހާސިލް ކުރުމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހެކަތޯންއަކީ 48 ގަޑިއިރަށް ބަހާލައިން ބޭންކުގެ ޚިދުމަތްތަކާއި ގުޅުން ހުރި އީޖާދުތަކަށް އަމާޒުކޮށްފައިވާ ހެކަތޯންއެކެވެ. ބީއެމްއެލް ހެކަތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރ 2022 ގެ 14:00 އަކުން 16 އޮކްޓޯބަރ 17:00 އަކާއި ޖެހެންދެން، ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ.

މުބާރާތެއްގެ ގޮތަށް ކުރިއަށްދާ މި އިވެންޓުގައި ބައިވެރިވުމުގެ ފުރަސަތު ވަނީހުޅުވާލާފައެވެ. މި ހެކަތޯންގައި ރަޖިސްޓްރޭޝަން ފުރިހަމަކުރާ ފުރަތަމަ 50 ފަރާތަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.މި ހެކަތޯންގައި ބައިވެރިވެނީ ޓީމެއްގައި 3 މީހުންނަށް ވުރެ ގިނަ ނުވާގޮތަށެވެ.

ހެކަތޯންގައި ބައިވެރިވާ ޓީމްތަކުން އެންމެ މޮޅު 3 ޓީމް ހޮވުމަށް ނިންމާފައިވާއިރު، މި 3 ޓީމަށްވެސް ބީއެމްއެލް އިނޮވޭޝަން ލެބްގައި ބައިވެރިވުމަށް ފުރުސަތު ލިބޭނެއެވެ.

ބީއެމްއެލް އިނޮވޭޝަން ލެބަކީ ހެކަތޯންއިން މޮޅުވާ 3 ޓީމަށް އެމީހުންގެ އުފެއްދުން އިތުރަށް ރަނގަޅުކޮށް ނިންމުމަށްހުޅުވާލެވޭ ފުރުސަތެއް ކަމުގައި ހާމަކޮށްފައިވެއެވެ. އިނޮވޭޝަން ލެބް ހުޅުވާލެވެނީ 6 މަހަށް ބޭންކް އޮފް މޯލްޑިވްސްއިން އިންވެސްޓްމަންޓެއް ގޮތުގައެވެ. މޮޅުވާ 3 ޓީމުން ބީއެމްއެލް އިނޮވޭޝަން ލެބްގައި ބައިވެރިވެ ހިޔާލުތައް އިތުރަށް ތަރައްޤީކޮށް ނިންމުމަށްޓަކައި އެހީއެއް ގޮތުގައި ތިރީގައިވާ ކަންތައްތައް ފޯރުކޮށްދޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރެއެވެ.

މި ފައިދާތަކުގެ ތެރޭގައި ހިމެނެނީ 6 މަސް ވަންދެން:

- އޮފީހެއް ގޮތުގައި މަސައްކަތް ކުރާނެ މާހައުލެއް ލިބުން

- ކޮންމެ މަހަކު، 20،00 ރުފިޔާ ކޮންމެ ޓީމަކަށް ލިބުން

- ތައްޔާރުކުރެވޭ ކުރެވޭ އުފެއްދުމުގެ ލޯންގް ޓާމް މެއިންޓަނަންސް ކޮންޓްރެކްޓެއް ލިބުން

- ޕްރޮގްރާމް ނިމެންދެން މެންޓާޝިޕް ލިބުން

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި މޮޅުވާ ޓީމްތަކާއި އެކު ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެއެވެ. އަދި އިނޮވޭޝަން ލެބް ފެށުމުގެ ކުރިން ޓީމްތަކުން ބިޒްނަސް އެންޓިޓީއެއް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ކޮންޓްރެކްޓާއި އެކު ސޮލިއުޝަންގެ ޑެލިވަރަބަލްތައް ދެ ފަރާތުންވެސް އެއްބަސްވެވޭނެއެވެ.

ބޭންކްއޮފް މޯލްޑިވްސްއިން ޓީމްތަކުން ޑިވެލޮޕްކޮށްފައިވާ ސޮލިއުޝަން އަށް އިންވެސްޓުކޮށް، އިނޮވޭޝަން ލެބްގައި ޑިވެލޮޕްމަންޓް ޕީރިއަޑް ނިމުމުން ދެފަރާތުން އެއްބަސްވާ ޝަރުތުތަކުގެ މެއިންޓެނަންސް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްދޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓު hackathon.bankofmaldives.com.mv ސައިޓުން އޮންލައިކޮށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރަން މިހާރު ވަނީ ހުޅުވާލާފައެވެ.


ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.