ގޫގަލްއިން ޖަޕާނުގައި 690 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

އަޙްމަދު ދާއޫދު 08 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓޯކިޔޯ - އިގްތިސާދީ ގޮތުން ޔަގީންކަން ނެތް ނަމަވެސް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ކުރިއެރުމުގެ ފައިދާ ނަގަމުންދާއިރު، ގޫގުލް އިން 2024 ވަނަ އަހަރުގެ ނިޔަލަށް ޖަޕާނުގައި 100 ބިލިއަން ޔެން (690 މިލިއަން ޑޮލަރު) އިންވެސްޓް ކުރަން ރާވާފައިވާ ކަމަށް ސީއީއޯ ސުންދަރް ޕިޗައީ ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

ޓޯކިޔޯގައި ނިކޭ އާއި ޓީވީ ޓޯކިޔޯއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޕިޗައީ ވިދާޅުވީ "އަޅުގަނޑުމެން ވައުދުވަނީ މިދިޔަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް [ތިން އަހަރު ދުވަހުގެ ތެރޭގައި] ޖުމްލަ 100 ބިލިއަން ޔެންގެ އިންވެސްޓްމަންޓަށް" ކަމަށެވެ.

އެ ކުންފުނިން ބުނާ ގޮތުގައި ޖަޕާނުގައި ފުރަތަމަ ޑޭޓާ ސެންޓަރު އެޅުމުގެ އިތުރުން ސަބްމެރިން ކޭބަލްތަކާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓަށް އިންވެސްޓް ކުރާނެ އެވެ. ޓޯކިޔޯ ކައިރީގައި އޮންނަ ޗިބާ ޕްރިފެކްޗާގައި ޑޭޓާ ސެންޓަރު އަޅާނެ ކަމަށާއި، 2023 ވަނަ އަހަރު އެތަނުގައި މަސައްކަތް ފެށުމަށް ރާވާފައިވާކަމަށް ގޫގުލް އިން ބުނެއެވެ.

ކަސްޓަމަރުންނަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ފަސޭހަކަން އިތުރުކުރުމުގެ އިތުރުން ގޫގުލްގެ އަމާޒަކީ ކްލައުޑް ކޮމްޕިއުޓިން ވިޔަފާރި މެދުވެރިކޮށް ޖަޕާނުގެ ކުންފުނިތަކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެހީތެރިވުން ކަމަށެވެ. "އަޅުގަނޑަށް ހީވަނީ ޑިޖިޓަލް ޓްރާންސްފޯމަޝަންގައި ލީޑް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޕިޗައީ މިހެން ވިދާޅުވެފައި މިވަނީ އިގްތިސާދީ ހީނަރުކަމުގެ އުންމީދުތައް ބޮޑުވަމުންދާއިރު، އެ ކުންފުނިން ވިޔަފާރި ސްޓްރީމްލައިން ކުރުމުގެ މަސައްކަތް އަވަސް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ކޮވިޑް-19 ގެ ސަބަބުން ގޫގުލްގެ ހިދުމަތަށް އޮތް ޑިމާންޑް ބޮޑުވެ، ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފާބެޓް ފުޅާކުރަން ޖެހުނެވެ. އެކަމަކު އިންފްލޭޝަން އާއި އެހެނިހެން ކަންތައްތަކުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިއަށް ބުރަ ބޮޑުވުމުން، އޭޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށް ޖެހިޖެހިގެން ދެ ކުއާޓަރުގައި އެ ކުންފުނީގެ ފައިދާ ވަނީ ދަށްވެފަ އެވެ. ޖުލައި މަހު އެ ކުންފުނިން ނިންމީ އަހަރު ނިމެންދެން ކުންފުނީގެ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލުމަށެވެ.

"2023 ވަނަ އަހަރަށް ދާއިރު، އަޅުގަނޑުމެން ވަޒީފާއަށް މީހުންނެގުމުގެ ސްޕީޑް މެދުމިން ކުރާނަން،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އަދިވެސް އަޅުގަނޑުމެން ވަޒީފާއަށް ނެގޭނީ ކްރިޓިކަލް ރޯލްތަކުގައި، ހާއްސަކޮށް ޕްރޮޑަކްޓް އެންޑް އިންޖިނިއަރިން، އަދި އެހެނިހެން ކްރިޓިކަލް ފަންކްޝަންތަކުގައި." އޭނާ އިތުރަށް ހާމަކުރެއްވިއެވެ.

ކްލައުޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ގޭމް ޑިސްޓްރިބިއުޝަންގެ ހިދުމަތް ކަމަށްވާ ސްޓޭޑިއާ ހުއްޓާލަން ގޫގުލް އިން ނިންމާފައިވާއިރު، އެ ކުންފުނީގެ އެޑްވާންސް ޑިވެލޮޕްމަންޓް ޑިވިޝަން، އޭރިއާ 120 އަށް ކުޑަކުރަން ވެސް ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ބުރާސްފަތި ދުވަހު އެ ކުންފުނިން ވަނީ އާ ސްމާޓްފޯނުތަކާއި އެހެނިހެން އުފެއްދުންތައް އިއުލާންކޮށްފަ އެވެ. ޕިކްސެލްބުކް ނޯޓްފޮތާ ބެހޭ ގޮތުން ޕިޗައީ ބުނީ "އެމީހުންގެ ދެން އޮތް ޕިކްސެލްބުކް އިއުލާން ކުރާނީ ކޮން އިރަކުތޯ ކަނޑައެޅުމަށް ޕްލޭންތައް އެޖެސްޓް ކުރަމުންދާ" ކަމަށެވެ.

ޕިޗައި ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް ފަދަ ފޯކަސް ކުރެވިފައިވާ ދާއިރާތަކަށްވެސް ގޫގުލް އިންވެސްޓް ކުރަމުން ގެންދާނެ ކަމަށެވެ.

"ގޫގުލް ކްލައުޑަށް އަޅުގަނޑުމެން ދޭ ސަމާލުކަމަށް ބަލާއިރު، އޭޝިއާއަށް ކޮންމެ ދާއިރާއަކުން ވެސް ބޮޑު ޑިޖިޓަލް ޓްރާންސްފޯމަޝަނެއް ގެންނަން ޖެހޭނެ. އަދި އަޅުގަނޑުމެންނަށް ހީވަނީ ގޫގުލްގެ ދައުރެއް އޮތް ކަމަށް،" ޕިޗައީ ވިދާޅުވި އެވެ ."

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.