ކުޑަކުދިންނަށް އިންޓަރނެޓުގެ ރައްކާތެރިކަމަށް ސެޝަންތަކެއް

ހިންދު ޢަލީ 13 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސައިބަރ ސެކިޔުރިޓީ މަސް ފާހަގަ ކުރުމުގެ ގޮތުން އޮކްޓޯބަރ 4 ވަނަ ދުވަހު އިފްތިތާހު ކުރެވުނު ސައިބަރ ސޭފް މޯލްޑިިވްސް ޕްރޮގްރާމްގެ ދަށުން ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކުރެވިގެން ހާއްސަ ސެޝަންތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިސެޝަންތައް ހިންގުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 17، 18 އަދި 19 ވަނަ ދުވަހުއެވެ.

ސައިބަރ ސޭފް މޯލްޑިވްސް ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި އެންސީއައިޓީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގެ މިސެޝަންތަކުގެ ޝިއާރަކީ، "އިންޓަރނެޓް ސޭފްޓީ ފޯރ ޗިލްޑްރެން"އެވެ. މިސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު މައިކްރޯސޮފްޓް ކުންފުނީގެ ކަމާބެހޭ މާހިރުން ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއްވައެވެ.

މިސެޝަންތަކުގައި ވީހާވެސް ގިނަ ބަޔަކަށް ފަސޭހައިން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސެޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

އޮކްޓޯބަރ 17: އޮންލައިން މުއާމަލާތްތަކާއި އޭގެ ނުރައްކާތައް

އޮކްޓޯބަރ 17 ވަނަ ދުވަހު ފުރަތަމަ ސެޝަންގެ ގޮތުގައި ހަމަޖެހިފައިވަނީ "އޮންލައިން އިންޓަރެކްޝަންސް އެންޑް ރެޑް ފްލޭގްސް" މި މަޢުލޫއަށް ހާއްސަކުރެވޭ ސެޝަނެކެވެ.

މިސެޝަންގައި އަލި އަޅުވާލާނީ އެކި އެކި އޮންލައިން ޕްލެޓްފޯމްތަކުގައި މެސެޖުކޮށް މުއާސަލާތު ކުރުމުގައި ދިމާވެދާނެ ނުރައްކާތަކަށާއި، ސަމާލު ވާންޖެހޭ ކަންތައްތަކާއި، ނުދަންނަ މީހުންނާއި އޮންލައިންކޮށް މުއާމަލާތް ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކަށެވެ. އަދި ކުޑަކުދިން ކިޔަވަން ނުވަތަ ގޭމްކުޅުން ފަދަ ކަންކަމުގައި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތައް ރައްކާތެރިކޮށް ބޭނުންކުރުމަށްޓަކައި އެކުދިން ސަމާލުވާން ޖެހޭނެ ކަންކަމަށެވެ. މީގެ އިތުރުން މިފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ކުދިން އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތުވެސް ދެވޭނެއެވެ.

މިސެޝަންގެ މަގްސަދަކީ ކުޑަކުދިންގެ ހުނަރު އިތުރުކޮށް، ރައްކާތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުންކުރުމަށް އަހުލުވެރިކުރުވުމެވެ. މިސެޝަން ހާއްސަކުރެވެނީ 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށެވެ.


އޮކްޓޯބަރ 18: އޮންލައިންކޮށް ހިއްސާކުރާ މައުލޫމާތަށް ހޭލުންތެރިވުން

އޮކްޓޯބަރ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސެޝަންގެ މައުލޫއަކީ "ބިއިންގ އެވެއަރ އޮފް ވަޓް ޔޫ ޝެއަރ އޮންލައިން" އެވެ. މިސެޝަންގައި ކުދިންގެ ޑިޖިޓަލް ފުޓްޕްރިންޓް ނުވަތަ ކުދިން އޮންލައިންކޮށް އުޅުމުގެ ތެރޭގައި އެކުދިންނާ ބެހޭ ގޮތުން އިންޓަނެޓްގައި އުފެދިފައިވާ މައުލޫމާތާއި، އެމައުލޫމާތަށް ރައްކާތެރިނުވެވިއްޖެނަމަ އެކަމުން ކޮށްފާނެ ނޭދެވޭ އަސަރުތަކާބެހޭ މައުލޫމާތު ދެވޭނެއެވެ. އަދި ކުދިންގެ ޒާތީ މައުލޫމާތު އޮންލައިންކޮށް ހިއްސާކުރުމުގައި ގެންގުޅެންވީ މިންގަނޑުތަކާއި، ޕްރައިވެސީ ރައްކާތެރި ކުރުމާއި ރައްކާތެރިކޮށް ސޯޝަލް މީޑިއާގައި މުއާމަލާތްކުރުމާގުޅޭ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.

މިސެޝަން ވެސް ހާއްސަކުރެވެނީ 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށެވެ.


އޮކްޓޯބަރ 19: އޮންލައިންކޮށް ކުދިން ރައްކާތެރިކުރުން

އޮކްޓޯބަރ 19 ވަނަ ދުވަހު ކުރިއަށް ދާނީ "ޕްރޮޓެކްޓިން ކިޑްސް އޮންލައިން"ގެ ނަމުގައި ބާއްވާ ސެޝަނެކެވެ. މިސެޝަން އަމާޒުކުރެވެނީ ބެލެނިވެރިންނާއި މުދައްރިސުންނަށެވެ. މިސެޝަންގައި އޮންލައިން ޕްލެޓްފޯރމް ތަކުގައި ކުޑަކުދިންގެ ރައްކާތެރިކަމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކާއި ހުނަރުތައް ބައިވެރިންނާއި ހިއްސާކުރެވޭނެއެވެ. މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް މިސެޝަންގައި ކިޔައިދެވޭނެއެވެ.

މިސެޝަންތަކާއި އަދި މީގެ އިތުރުންވެސް ސައިބަރ ސޭފް މޯލްޑިވްސްގެ އިތުރު ސެޝަންތަކުގެ މަޢުލޫމާތު ހޯއްދެވުމަށާއި، ޕްރޮގްރާމްތަކުގައި ރަޖިސްޓަރވެ ބައިވެރިވުމަށް ސައިބަރސޭފް.އެމްވީ ވެބްސައިޓަށް ޒިޔާރަތްކޮށްލައްވާށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.