މުސްތަގްބަލުގައި އިންޓަރނެޓް އޮންނާނީ ކިހިނެއް؟

ހިންދު ޢަލީ 17 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކުން ދަނީ އަންނަން އޮތް ޖީލުގެ އިންޓަރނެޓް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މެޓަރވަރސް، އަދި ވެބް3 ފަދަ ޓެކްނޮލޮޖީގެ ސަބަބުން މިއަދުގެ މިފެންނަ އިންޓަރނެޓް މުޅިން ބަދަލު ކޮށްލާނެއެވެ. އައު ޖީލުގެ އިންޓަރނެޓް އުފެއްދުމަށް މަސައްކަތްކުރާ އިރު މިއަދުގެ އިންޓަރނެޓްގައި ހުރި މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތް ކުރުން ވަރަށް މުހިއްމެވެ.

ޓެކްނޮލޮޖީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އަހަރުމެން މިތިބީ މިހާރު އިންޓަރނެޓަށް އިންގިލާބީ ބަދަލެއް ގެނެއުމުގެ މަގުމަތީގައެވެ. އަލަށް އުފައްދަމުން އަންނަ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި މިހާރުގެ އިންޓަރނެޓް އެއްކޮށް އޯވަހޯލްކޮށްލާ ބަދަލުކޮށްލާނެއެވެ. އިންޓަރނެޓް ފެންނާނެ ގޮތާއި މަސައްކަތް ކުރާނެ ގޮތް ވެސް ބަދަލުވެގެން ދާނެއެވެ.

ޓެކްނިކަލް ލެވެލްއެއްގައި ވިސްނާލާއިރު، ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން، އިންޓަރނެޓް މިހާރު ބިނާވެފައި އޮތް ސެންޓްރަލައިޒްޑް އާކިޓެކްޗަރ ބަދަލުކޮށް ޑީސެންޓްރަލައިޒް ގޮތަކަށް ބިނާކުރެވިދާނެކަމަށް ތަޖުރިބާކާރުން އުންމީދުކުރެއެވެ.

އަދި ވެބް3 ޓެކްނޮލޮޖީގެ ސަބަބުން މިހާރު މިއޮންނަހެން، ވަރުގަދަ ދެތިން 'ޓެކް ޖަޔަންޓް' ކުންފުނިން މީހުންގެ ޑޭޓާގެ މައްޗަށް އޮންނަ ކޮންޓްރޯލް ބަދަލުކޮށް، އެމީހެއްގެ އަމިއްލަ މަޢުލޫމާތު އަމިއްލައަށް ކޮންޓްރޯލް ކުރެވޭގޮތަށް ބަދަލުވެގެން ދާނެކަމުގެ ވަރަށް އުންމީދު ބޮޑެވެ. މިގޮތަށް ބަދަލުކޮށްލެވިއްޖެ ނަމަ އިންޓަރނެޓް އޭގެ މައްޗަށް ބިނާވެފައިވާ، ފައުންޑޭޝަނަށް ރަނގަޅު ބަދަލެއް އަންނާނެއެވެ.

މިއާއެކު ކުންފުނިތަކުން ދަނީ އަހަރުމެން އިންޓަރނެޓްގައި ހަރަކާތްތެރިވާ ގޮތަށް ވެސް އިންގިލާބީ ބަދަލު ގެންނަމުންނެވެ. މިހާރު އަހަރުމެންގެ އިންޓަނެޓުން އެއްޗެއް ނުވަތަ މައުލޫމާތެއް ހޯދަން ބޭނުންނަމަ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނަކަށް ވަދެ ސްކްރޯލް ކުރާނީތާއެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތާގައި އޭގެ ބަދަލުގައި އަހަރުމެން އިންޓަރނެޓުން ތަކެތި ނުވަތަ މަޢުލޫމާތު ހޯދުމަށް 3D ކޮށް ފެންނަ ވަރޗުއަލް ދުނިޔެ "މެޓަވަރސް" ގައި ހިނގާލާނީއެވެ. މެޓަވަރސްއަކީ އަހަރުމެން މަސައްކަތްކުރުމާއި، ވިޔަފާރިކުރުމަށާއި ސޯޝަލައިޒްވުމަށް މިހާރު ބޭނުންކުރާ ފިޒިލަކް ގޮތްތައް ޑިޖިޓަލް ގޮތްތަކަށް ބަދަލުކޮށްދޭނެ، ފިޒިކަލް އަދި ޑިޖިޓަލް ދުނިޔެ ގުޅާދޭނެ ޓެކްނޮލޮޖީއެކެވެ. ގޮތަކަށް ބުނާނަމަ އަހަރުމެން ދެން އިންޓަރނެޓްގައި އުޅޭނީ "ހިނގާލާފައެވެ".

އެހެން ނަމަވެސް ފޭސްބުކް ފަދަ ކުންފުނިތަކުން މެޓަވަރސް ތަރައްގީ ކުރަމުން ދާއިރު، ޑިޖިޓަލް ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ އެކްޓިވިސްޓުން ބައެއް ކަންތައްތަކަށް ސަމާލުވެ ތިބުމަށް އިންޒާރުދެއެވެ. އެއީ އަންނަން އޮތް ޖީލުގެ އިންޓަރނެޓް އުފެއްދުމުގައި އެފަދަ ކުންފުނިތަކުން މިކަމަށް ކުރާ އިންވެސްޓްމަންޓްތައް އަނބުރާ ހޯދުމުގެ ބޭނުންވާނެކަމަށާއި އެގޮތަށް ކަންތައް ވެއްޖެނަމަ އަހަރުމެންގެ ޑިޖިޓަލް ވަރޝަންތަކަށް އެންމެ އެކަށީގެންވާ ކޮންޓްރޯލް ނުލިބިދާނެއެވެ. މެޓަރވަރސް އަކީ އަހަރުމެންގެ ކޮންމެ ހަރަކާތަކަށް ފާރަލާ، އެއްވެސް ޕްރައިވަސީގެ ނުލިބޭ، މިހާތަނަށް އުފެއްދި އެންމެ އިންވޭސިވް ސަރވެއިލަންސް ނިޒާމަށް ވެދާނެ ކަމުގެ ބައެއް ފަރާތްތަކުން ފާހަކުރެއެވެ.


އިންޓަނެޓް އުފެދުމުގެ ތާރީހް

އައު ޖީލަށް އިންޓަރނެޓެއް އުފެއްދުމުގެ މަސައްކަތް ކުރުމުން ދާއިރު އަދި އޭގެ މިސްރާބު ހުރީ ރަނގަޅަށްތޯ ކަށަވަރުކުރުމަށްޓަކައި ކުރީގައި އަދި މިހާތަނަށް އިންޓަރނެޓް އުފެއްދުމުގައި ކޮށްފައިވާ ކަންތައްތައް ދެނެގަތުން މުހިއްމެވެ.

ތާރީހުން ބަލާލައިފިނަމަ އެއް ކޮމްޕިޔުޓަރާއި އަނެއް ކޮމްޕިޔުޓަރ ގުޅާލާ މައުލޫމާތު ބަދަލު ކުރުމުގެ މަސައްކަތް 1960 ވަނަ އަހަރުން ފެށިގެންވެސް ކުރަމުން ދިޔައެވެ. ނަމަވެސް މިހާރު މިފެންނަ ވޯލްޑް ވައިޑް ވެބް (ނުވަތަ www) އަދި ވެބް ބަރައުސަރޒް އުފެދިގެން އައީ 1990 ގެ އަހަރުތަކުގައެވެ. އަދި އާންމުންނަށް އަތްފޯރާ ފަށެއްގައި އިންޓަރނެޓާއި ކަނެކްޓް ކުރެވެން ފެށީވެސް އެހާއިރުއެވެ.

އޭގެ ފަހުން މުޖުތަމައުގައި އިންސާނުން ކުރާ ހުރިހާ ކަމެއް ވަނީ އިންޓަރނެޓްގެ ޒަރީއާއިން ކުރިއަރުވާދީފައެވެ. އެއީ ވިޔަފާރިކުރުމާއި، އެކަކު އަނެކަކާ މުއާމަލާތް ކުރުމާއި މަޢުލޫމާތު ހޯދުން ފަދަ ހުރިހާ ކަމެއްގައެވެ. އިންޓަރނެޓްގެ ސަބަބުން ހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ. އަދި ޒަމާން ކުރިއަރަމުން ދާވަރަކަށް އިންޓަރނެޓް ވެސް ބޮޑު ތަނުން ބަދަލުވެއްޖެއެވެ.

ވޯލްޑް ވައިޑް ވެބްގެ ފުރަތަމަ މަރުހަލާގައި، އާންމުކޮށް މީހުން އިންޓަރނެޓް ބޭނުންކުރަނީ ހަމައެކަނި ޑެސްކްޓޮޕް ކޮމްޕިޔުޓަރެއް މެދުވެރިވެ، ސަރޗް އިންޖިންތަކެއް ބޭނުންކޮށްގެންނެވެ. އެކަން ބަދަލުވެގެން ދިޔައީ 2000 ގެ އަހަރުތަކުގައި ސޯޝަލް މީޑިއާ އާއި މޯބައިލް އިންޓަނެޓް އުފެދުމާއެކުގައެވެ. އަހަރުމެންނަށް މިހާރު މިފެންނަ އޮންލައިން ދުނިޔެ ފެންނަން ފެށީ އެހިސާބުންނެވެ.

އެހާ ހިސާބުން، ވެބްޓެކްނޮލޮޖީގެ ބޭނުންކޮށްގެން، ފޭސްބުކް އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކާއި ޓެލެގްރާމް، ވަޓްސްއެޕް ފަދަ މެސެޖް ކުރާ އެޕްލިކޭޝަންތައް ފެނިގެން ދިޔައެވެ. މިފަދަ ޕްލެޓްފޯމްތަކުގެ ސަބަބުން މައުލޫމާތު ފެތުރުމުގެ ބާރު، ވަކި ބަޔަކު އެކަނި ހިފަހައްޓައިގެން އޮތްއޮތުން ބަދަލުވެގެން ދިޔައެވެ. އަދި ސިސާސީ، އިޖްތިމާއީ މައްސަލަތަކުގައި ބަސްބުނެ، ހިޔާލު ފާޅުކުރުމަށް އާންމުނަށް އޮތް ފުރުސަތު މިޕްލެޓްފޯމްތަކުގެ ސަބަބުން ފުޅާވެގެން ދިޔައެވެ. އެހެން ނަމަވެސް ހަމަ މިޕްލެޓްފޯމްތަކުގެ ސަބަބުން ނަފުރަތާއި ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަވެސް ފެތުރިގެން ދިޔައެވެ.

މީގެ އިތުރުން މެޓާ އަދި ގޫގުލްގެ ބެލެނިވެރި އަލްފަބެޓް ފަދަ ޓެކް ޖަޔަންޓް ކުންފުނިތައް ދަނީ އެކުންފުނިތައް ކުރާ މަސައްކަތުގެ އިގްތިސާދީ ދާއިރާތަކާއި އެކުންފުނިތަކުން އުފައްދާ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ ޑޭޓާ ކޮންޓްރޯލް ކުރަމުންނެވެ.


އިންޓަރނެޓް ބޭނުންކުރާ މީހުންނަށް އިތުރު ބާރެއް

އައު ޖީލަކަށް އިންޓަރނެޓް ތަރައްގީ ކުރެވެމުން ދާއިރު، ވިސްނުން ގެންގުޅެންވީ، އަމިއްލަ ފަރުދުންނަށާއި މުޖުތަމައުތަކަށް އެބައެއްގެ ޑޭޓާއާއި މަޢުލޫމާތު ހޯދުމުގެ ބާރު ލިބޭގޮތަށް ފަރުމާ ކުރުމަށެވެ. ބައެއް ތަޖުރިބާކާރުން ގޮވާލަނީ ޑީސެންޓަލައިޒްކޮށް ޕަބްލިކް ބްލޮކްޗެއިން ބޭނުންކުރުމަށާއި އެންމެނަށް މަޢުލޫމާތު ހޯދޭނެ އަދި ހިއްސާކުރެވޭނެ ފަދަ ޑޭޓާބޭސްތަކެއް އުފެއްދުމަށެވެ.

މިފަދަ ވެބެއްގައި ކޮންޓްރޯލް އޮންނާނީ ބާރުގަދަ މަދު ބައެއްގެ އަތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހެއްގެ އެއްޗެއް އެމީހަކަށް ކޮންޓްރޯލް ކުރެވޭގޮތަށެވެ. އެފަދަ އިންޓަނެޓެއްގައި، އޮންލައިންކޮށް އަމިއްލަ އުފެއްދުންތައް ވިއްކާ ފަރާތްތަކަށް ހައްގު އަގުތަކުގައި ތަކެތި ވިއްކުން ފަދަ ފައިދާ އޭރުން ލިބޭނެއެވެ.

ދެން އޮތް އެންމެ އަގުބޮޑު ސުވާލަކީ، މިފަދަ އިންޓަނެޓެއް އުފެއްދުމުގެ ޕްލޭން ކާމިބާޔުވާނެ ހެއްޔެވެ؟

އެންމެނެއް މިކަމަކަށް އެއްބަހެއް ނުވެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ޑީސެންޓްރަލައިޒްޑް އާކިޓެކްޗަރއެއް އެކަނި އޮތުމަކުން އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކުގެ އަތްމައްޗަށް ހުރިހާ ބާރެއް ގެންދިޔުމަކަށް އަދި ނުފުދެއެވެ. ޖަރމަނީއަށް ނިސްބަތްވާ އިންޓަރނެޓް ތިއަރިސްޓެއް ކަމަށްވާ ޔަރގެން ގުއެޓަރ ބުނާގޮތުން ކްރިޕްޓޯކަރަންސީއަކީ މިހާރުވެސް ޑީސެންޓްރަލައިޒްޑް ބްލޮކްޗެއިންގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ނަމަވެސް، މިހާރުގެ ހަގީގަތަށް ބަލާލައިފިނަމަ، ކްރިޕްޓޯ ކަރަންސީގެ އަޑީގައިވާ ނެޓްވޯކަށް އެކްސެސްވުމަށް ބޭނުންވާ ސޮފްޓްވެއަރތައް އުފައްދައިގެން މިލިއަނުން ފައިދާ ހޯދަމުން ދަނީ މަދު ކުންފުނިތަކަކުންނެވެ.


ވެބް3 ތަ؟ ނޫނީ މެޓަވަރސްތަ؟

ތަޖުރިބާކާރުން ބުނާ ގޮތުގައި މެޓަވަރސްގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އަދި ކޮންމެ ގޮތަކަށް ބޭނުންކުރި ނަމަވެސް އެކަކު އަނެކަކާ މުއާމަލާތް ކުރެވެންވާނެއެވެ. މިގޮތަށް މެޓަވަރސްގައި އުޅުމަށް މިނިވަންކަން ބޭނުންނަމަ ނުފޫޒުދަގަ މަދު ކުންފުނިތަކަކަށް މުޅި މެޓަވރސް ކޮންޓްރޯލްކުރުމުގެ ބާރު ނުދިނުން މުހިއްމެވެ.

އަދި އޭގެ އިތުރުން ވެބް މިހާރު އޮތްގޮތަށް ވެސް ބަދަލެއް ބޭނުންވެއެވެ. މިހާރުގެ އެޕްތަކަކީ އެއްއެޕުން އަނެއް އެޕަށް މަޢުލޫމާތު ބަދަލު ނުކުރެވޭ އެޕްތަކެކެވެ. ކޮންމެ އެޕަކީ ވަކިން ވަށާއިގެން 'ފާރު' ރާނައިގެން ފޮރުވިގެން ތިބޭ ތަކެއްޗެވެ. މިސާލަކަށް އެއް އެޕުގައި ހުރި މެސެޖު ނުވަތަ ފައިސާ އަނެއް އެޕަށް ބަދަލު ނުކުރެވުމަކީ މިހާރުގެ އެޕްތަކުގައި ހުރި ލިމިޓޭޝަނެކެވެ.

މިހާރުގެ ވެބް 2 ބަދަލުވާން ޖެހެނީ އެހެންވެއެވެ. ހުރިހާ އެޕްތަކެއް އުފެއްދުމުގައި 'އިންޓަރއޮޕަރަބިލިޓީ' އާމެދު ވިސްނާ، އެކަމާ ގުޅޭ މިންގަނޑުތައް އެކުލަވާލުމަކީ އެންމެ ބޮޑެތި ޓެކް ޖަޔަންޓްތަކާއި އިންޓަރނެޓްގެ މިންގަނޑުތައް ކަނޑައަޅާ ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރަންޖެހޭ ކަމެކެވެ. މިހާރުވެސް މިފަދަ ވާހަކަތައް ދެކެވި މަސައްކަތް ކުރެވެމުން ދިޔަ ނަމަވެސް މިވާހަކަތަކުގައި އެޕަލް ފަދަ ކުންފުނިތައް ބައިވެރި ނުވާކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އަދި ހަމަ އެއާއެކު ފާހަގަކޮށްލަންޖެހޭ އެއް މުހިއްމު ނުކުތާއަކީ، ދުނިޔޭގެ އެންމެ ބޮޑެތި ޓެކް ކުންފުނިތަކުން އައު އިންޓަނެޓް އަރކިޓެކްޗާއެއް ބިނާކުރުން މުހިއްމު ކަމަށާއި އެކަމަށް އިންވެސްޓް ކުރަން ވެސް އެއްބަސްވާކަމަށް ބުނެއެވެ. ނަމަވެސް މިކަމުގައި ދެއުޅިއެއްނުވާ އެއް ސަބަބަކީ އެ ކުންފުނިތަކުގެ މާކެޓްގެ ބާރު ކުޑަވާގޮތަށް އެކުންފުނިތަކުން މަސައްކަތް ކުރާނެތޯއެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ މެޓަވަރސްގެ ކޯޕޮރޭޓް ވަރޝަން ވެގެން ދާނީ ކެޕިޓަލިސަމްގެ އައު ވައްތަރަކަށެވެ. އެއީ ބާރުގަދަ ޕްރިވެޓް ކުންފުނިތަކުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ތަނަކަށްވުން ގާތްކަމަށެވެ.

މިހާރުގެ ވެބްގައި ހުންނަ ބައެއް މައްސަލަތައް މެޓަވަރސްގެ އިމަރސިވް ސިފަތަކުގެ ސަބަބުން އިތުރަށް ބޮޑުވެގެން ދާނެކަމަށްވެސް ބައެއް ތަޖުރިބާކާރުން ފާހަގަކުރެއެވެ. މިސާލަކަށް އޮންލައިން ބުލީންގ ނުވަތަ ފުރައްސާރަކުރުމާއި ނުރަގަޅު މަޢުލޫމާތު ފެތުރުންފަދަ ކަންކަމެވެ. މިހާރު ވެސް މެޓަ އިން އުފައްދާފައިވާ ބައެއް ވަރޗުއަލް ޕްލެޓްފޯމްތަކުގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައްވެސް ރިޕޯޓްކޮށްފައި އެބަހުރިއެވެ. މިފަދަ ކަންކަން މެޓަވަރސްގެ ތެރޭގައި އިތުރަށް ބޮޑު ވާނެކަމަށް ވަރަށް ގިނަ ފަރާތްތަކުން ލަފާކުރެއެވެ.

ޓެކްނޮލޮޖީ ތަރައްގީވަމުންދާ ވަރަކަށް، މެޓަވަރސް އަށް ވަނުމަށް ބޭނުންކުރާ ޑިވައިސްތައް މެދުވެރިކޮށް އަހަރުމެންގެ ސިކުނޑީގެ ހަރަކާތްތައް މެދުވެރިވެ ޒާތީ މައުމޫލާތު މޮނިޓަރ ކުރަން ފަށާފާނެ ކަމުގެ ބިރުވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. މިފަދަ ޑޭޓާތައް ރައްކާތެރިކުރުމަށް، ސަރުކާރުތަކާއި ކަމާބެހޭ ރެގިއުލޭޓަރުން ގުޅިގެން މެޓަވަރސް އަށް ވަނުމުގެ އުމުރާއި، މޮނިޓަރ ކުރެވޭނެ ކަންތައްތަކާއި މިނޫންވެސް ތަފްސީލުތައް ހިމަނައިގެން އުސޫލުތަކެއް އެކުލަވާލަން ޖެހެއެވެ. އެހެން ނޫންނަމަ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ މިންވަރަށް މީހުންގެ މައުލޫމާތު މޮނިޓަރ ކުރުމާއި ފާރަލުމުގެ ބިރު އޮންނާނެއެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ޔޫރަޕިއަން ޔޫނިއަން އިން މިއަންނަ ހަފްތާގައި ގްލޯބަލް ރެގިއުލޭޝަން އިނީޝިއޭޓިވްއެއް ފެއްޓުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މިއަންނަ އަހަރުން ފެށިގެން އެކަމާގުޅޭ ޕޮލިސީތަކާއި ސްޓޭންޑަރޑްތަކުގެ މަސައްކަތް ފަށާނެކަމަށް ހަބަރު ލިބެއެވެ.

މިއަދު ބޭނުންކުރާ އިންޓަރނެޓަކީ ރަނގަޅު ނިޔަތެއްގައި އުފައްދާފައިވާ އެއްޗެއް ނަމަވެސް އޭގައި ހިމެނޭ ބައެއް ކަންތައް އިމްޕްލިމެންޓް ކުރުމުގައި ގިނަ މައްސަލަތަކެއް އެބަހުރިއެވެ. މިއަދުގެ އިންޓަރނެޓްގައި ހުރި މައްސަލަތައް ހައްލުކުރަން ބޭނުންނަމަ ހުރިހާ ސަރުކާރަކުންވެސް މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ޓެކްނޮލޮޖީއެއް މަޑުޖެހުމެއް ނެތެވެ. ސަރުކާރުތައް ޖެހޭނީ އެއާއި އެއްހަމަ ކުރާށެވެ. އެހެން ނޫންނަމަ މެޓަވަރސްއަކީ މިއަދުގެ އިންޓަރނެޓަށް ވުރެވެސް ބިރުވެރި ސީކުއެލްއަކަށް ވެދާނެއެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.