މަދަނީ ޖަމިއްޔާތަކަށް ހާއްސަ ސައިބަރ ސެކިޔުރިޓީ ސެޝަންތަކެއް

ހިންދު ޢަލީ 18 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވިމެން އިން ޓެކް މޯލްޑިވްސްއާއި ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިއުޓްއިން އިސްނަގައިގެން ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާތަކަށް ހާއްސަ ސައިބަރ ސެކިޔުރިޓީ ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްއިއްޔާތަކަކީ މުޖުތަމައަށް ފައިދާ ހުރި ގިނަ ކަންތައްތަކެއް ބުރަކޮށް ކުރަމުންދާ ބައެކެވެ. ކޮންމެ ދާއިރާއެއްގައި ހަރަކާތްތެރިވި ނަމަވެސް މިޒަމާނުގައި ކޮންމެ އޮގަނައިޒޭޝަނަކީ ވެސް ޑިޖިޓަލް މާހައުލެއްގައި އެބައެއްގެ މަސައްކަތްތައް ކުރަންޖެހިފައިވާ ބައެކެވެ. އޮންލައިންކޮށް މަސައްކަތްކުރާއިރު ގިނަ ފަރާތްތަކަށް ދިމާވެފައިވާ އެއް ގޮންޖެހުމަކީ ރައްކާތެރިކަމާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ލިބެން ދަތިވުމެވެ.

ވިމެން އިން ޓެކް އިން ފާހަގަ ކުރި ގޮތުގައި މިވޯކްޝޮޕްގެ މަގުސަދަކީ މިފަދަ ގޮންޖެހުންތަކުން އަރަގަންނަން ސީއެސްއޯތަކަށް އެހީތެރިވުމެވެ. ވިމެން އިންޓެކްގެ މެންބަރުންގެ ތެރޭގައި ހުރި މިކަމާގުޅޭ މައުލޫމާތު މުޖުތަމައުގެ އެހެން ފަރާތްތަކަށް ފައިދާ ހުރި ގޮތަކަށް ހިއްސާކުރުމެވެ. ޖަމްއިއްޔާތަކަށް އެފަރާތްތަކުގެ ޑޭޓާ އާއި މުވައްޒަފުން ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، އަދި އޮންލައިންކޮށް އުޅުމުގައި ރައްކާތެރިވެ ސަމާލުކަން ދޭންޖެހޭ ކަންތައްތައް ދެނެގަތުމަށް އެހީތެރިވެދިނުމަކީ މިޕްރޮގްރާމްގެ މަގުސަދެކެވެ.

އޮންލައިންގައި ދިމާވާ މައްސަލަތަކަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ޖަމްއިއްޔާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް ގިނަ ފައިދާތަކެއް ލިބޭނެއެވެ. ޖަމިއްޔާގެ، މުވައްޒަފުންގެ، އަދި ކްލައިއެންޓުންނާއި ޕާރޓްރަނުންގެ މައުލޫމާތާއި ޑޭޓާ ރައްކާތެރިކުރުމަށް އެހީއަކަށް ވާނެއެވެ.

މިއީ 2 ދުވަހުގެ ވޯކްޝޮޕެކެވެ. މީގެ ފުރަތަމަ ވޯކްޝޮޕް އޮންނާނީ މާލޭ ސަރަހައްދުގައި ރަޖިސްޓަރކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެންނެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ.

އަދި ކުރިއަށް ހުރި މަސްތަކުގެ ތެރޭގައި ރަށްރަށުގައި ހިންގާ މަދަނީ ޖަމިއްޔާތަކަށް ވެސް މީގެ އިތުރު ސެޝަންއެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިވޯކްޝޮޕްގައި ސައިބަރ ސެކިޔުރިޓީ ގިނަ މައުލޫތަކަކަށް މައުލޫމާތު ދެވިގެންދާނެއެވެ. އޭގެ ތެރޭގައި ބޭނުންކުރާ ޑިވައިސްތަކުގެ ރައްކާތެރިކަމާއި، އެކައުންޓްތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، އިންޓަރނެޓްގައި މަސައްކަތް ކުރާއިރު ދެނެގަންނަންވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، އިދާރާއެއްގެ މަޢުލޫމާތު ރައްކާކުރުމުގައްޔާއި، މަޢުލޫމާތު ބަދަލުކުރުމުގައި ގެންގުޅެންވީ ރައްކާތެރިކަމުގެ މިންގަނޑުތަކާއި، ސެކިޔުރިޓީ ގެއްލޭފަދަ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެޅިދާނެ ފިޔަވަޅުތަކަށްވެސް ބަލާލެވޭނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވިމެން އިން ޓެކް މޯލްޑިވްސްގެ ވެބްސައިޓުގައިވާ ފޯމުން ރަޖިސްޓަރ ކުރެއްވޭނެއެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.