އައިފޯނުގައި ސީޓައިޕް ޕޯޓް ހިމަނާނެކަމުގެ ޔަޤީންކަން ދީފި

އަޙްމަދު ދާއޫދު 27 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޔޫރަޕިއަން ޔޫނިއަންގެ ގާނޫނާ އެއްގޮތަށް އައިފޯން މޮޑެލްތައް ޔޫއެސްބީ ޓައިޕް-ސީ ޕޯޓްތަކަށް ބަދަލުވާނެ ކަމަށް އެޕަލް ކުންފުނީގެ އިސްވެރިން ވިދާޅުވެޖެއެވެ.

އައިފޯން ޔޫއެސްބީ ޓައިޕް-ސީ ޗާޖަރަކަށް ބަދަލުކުރުމަށް ޔޫރަޕިއަން ޔޫނިއަންގެ ގާނޫނާ އެއްގޮތަށް އެޕަލް އަމަލުކުރަން ނިންމާފައިވާ ކަމަށް މާކެޓިން ޗީފް ގްރެގް ޖޮސްވިއާކް އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ. ޖޮސްވިއަކް ވިދާޅުވީ އެ ކުންފުނިން އެހެން ގާނޫނުތަކަށް އަމަލުކުރާ ގޮތަށް ޓައިޕް-ސީ ޤާނޫނަށްވެސް އަމަލުކުރާނެ ކަމަށެވެ. އެކަމަކު ލައިޓްނިން ޗާޖަރުގެ ބަދަލުގައި ޓައިޕް-ސީ ޗާޖަރު އައިފޯނަށް އިތުރުވެގެންދާނީ ވަކި ކޮދުވހަކުންކަން ކަނޑައަޅައި ވިދާޅުވާން އޭނާ ދެކޮޅު ހެއްދެވިއެވެ. އޭނާ މިހެން ވިދާޅުވީ ކެލިފޯނިއާގެ ލަގޫނާ ބީޗުގައި ބޭއްވި ވޯލް ސްޓްރީޓް ޖާނަލްގެ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ޗާޖަރުގެ ވައްތަރުތަކާ ގުޅިގެން އެޕަލް އާއި އީޔޫއާ ދެމެދު ޚިޔާލުތަފާތުވުން އުފެދިފައިވާތާ ދިހަ އަހަރު ވެފައިވާ ކަމަށާއި، އެއް ޒަމާނެއްގައި ޔޫރަޕްގެ ކަމާބެހޭ ފަރާތްތަކުން، އެޕަލް އިން މައިކްރޯ-ޔޫއެސްބީ ގެންގުޅެން ބާރުއެޅިކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އޭރު އެގޮތަށް އެކަން ކުރެވުނުނަމަ މިހާރުގެ އައިފޯނުގައި އެވާ ލައިޓްނިން ޗާޖިން އާއި އަދި އަލަށް އުފައްދަން އުޅޭ ޔޫއެސްބީ ޓައިޕް-ސީ އީޖާދު ކުރަން ނެޖުހުނީސް ކަމަށެވެ.

ޓައިޕް-ސީގެ ޗާޖިން ޕޯޓް އަންނާނެ ތާރީޚެއް އެޕަލްގެ ރަސްމީ ބޭފުޅަކު ކަނޑައެޅިގެން ތަފްޞީލްކޮށް ވިދާޅުވެފައިނުވިޔަސް، އެޕަލް އިން އަންނަ އަހަރު އައިފޯނު ޔޫއެސްބީ ޓައިޕް-ސީ އަށް ބަދަލު ކުރުމަށް ރާވާފައިވާ ކަމަށް ބްލޫމްބާގް ނިއުސް އިން ރިޕޯޓްކޮށްފައިވެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ 2024 ވަނަ އަހަރު ކަމަށާއި އެޕަލްގެ މެކްތަކާއި ގިނަ އައިޕެޑްތަކާއި އެކްސެސަރީތައް ލައިޓްނިން އާއި އެހެނިހެން ކަނެކްޓަރުތަކުން ޔޫއެސްބީ ޓައިޕް-ސީ އަށް މިހާރު ވެސް ބަދަލުކޮށްފައިވާ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފއިވެއެވެ.

ޔޫރަޕިއަން ޔޫނިއަނުން މިޤާނޫނު ފާސްކުރުމުގެ މާކުރިންވެސް ސްމާޓްފޯން އުފައްދާ ކުންފުނިތަކުން، އަމިއްލަ އަށް އިސްނަގައިގެން، އެ ޤަވާއިދަށް އަމަލު ކުރުމަށް ކުރި މަސައްކަތްތަކަށް 10 އަހަރު ފާއިތުވެ ދިޔައިރު ވެސް ކޮޅެއްގައި ނުޖެހުނީ އެޕަލްގެ ބަހަނާތަކާ ހެދިއެވެ. މިކަމާ ގުޅޭ ގޮތުން އެޕަލް އިން ބުނަނީ މިގޮތަށް ހެދުމުން އުފެއްދުންތެރިކަން ނިކަމެތިވާނެ ކަމަށެވެ.

އެޕަލް ދެކޭ ގޮތުގައި، ޑިވައިސްތައް ތަފާތުވާ ފަދައިން ޗާޖަރު އަދި ޗާޖިން ކޭބަލް ވެސް ތަފާތުވާން ޖެހެއެވެ. އެޕަލް އަކީ ޗާޖަރު ވިޔަފާރިން ބޮޑު ފައިދާއެއް ހޯދާ ކުންފުންޏެކެވެ. އެޕަލް ޑިވައިސްތަކުގައި ބޭނުންކުރެވޭ މިންގަނޑަށް ޗާޖަރު އުފެއްދުމަށްޓަކައި ވަކި ލައިސަންސެއް ގަންނަން ޖެހެއެވެ.

އެހެންނަމަވެސް މިހާރު މިވަނީ އީޔޫގެ ޤާނޫނާއެކު އެޕަލްގެ ހުރި ބޯހަރުކަން ދޫކޮށް އެގޮތަށް އަމަލު ކުރަން އެއްބަސްވެފައެވެ. އީޔޫގެ ޤާނޫނު ބުނާގޮތުން އަންނައަހަރުގެ ނިޔަލަށް އެޤާނޫނަށް އަމަލުކުރަން ފަށަށް ކުންފުނިތަކަށް މަޖުބޫރުވާނެއެވެ.

ޔޫރަޕިއަން ޔޫނިއަނުން ގޮވާލަނީ އެ މީހަކު ގެންގުޅޭ ހުރިހާ ޑިވައިސްއެއްގައި އެއްކޮޅު ބޭނުންކުރެވޭ ގޮތަށް ޗާޖަރުތައް ބަދަލުކުރުމަށެވެ. މި ގޮތުން އެންމެ ކަމުދާ ކޮޅަކީ "ޓައިޕްސީ" އެވެ. ގޫގުލް، ސެމްސަން އަދި ވާވޭ ފަދަ އެންޑްރޮއިޑް ފޯނު އުފައްދާ ކުންފުނިތަކުން މިހާރު ވަނީ މި މިންގަނޑަށް އަމަލުކުރަން ފަށައިފަ އެވެ. މިކަމުގައި ބަސްނާހައިގެން އުޅެނީ އެޕަލް އެކަންޏެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.