މިޔަހެލި 2022 ޕްރޮގްރާމް: މިއަހަރު ޖަމްއިއްޔާތަކަށް

ހިންދު ޢަލީ 02 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިޔަހެލި ޕްރޮގްރާމަކީ 2016 ވަނަ އަހަރުން ފެށިގެން ޔޫއެންޑީޕީއިން އިސްނަގައިގެން މުޖުތަމަޢުގެ ކުރިއެރުމަށް ބޭނުންކުރެވިދާނެ އީޖާދީ ޚިޔާލުތައް އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ އަހަރީ ކޭމްޕެކެވެ. ޕްރޮގްރާމްގެ މަގުސަދަކީ އިޖުތިމާއީ ތަރައްގީއަށް ބޭނުންވާ އީޖާދުތައް އުދެއްފުމަށް ޒުވާނުންނަށް މަގުފަހިކޮށްދިނުމެވެ. ކޮންމެ އަހަރަކު ވެސް ޕްރޮގްރާމްގައި ހުށަހެޅޭ ހިޔާލުތަކުން ހިޔާލުތަކެއް ހޮވާ، 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެއުފެއްދުންތައް ތަރައްގީކުރުމަށް ޔޫއެންޑީޕީގެ ފަރާތުން ގްރާންޓް އެހީ ފޯރުކޮށްދެއެވެ.

އުރީދޫ މޯލްޑިވްސް އަދި އޮސްޓްރޭލިޔާ އެއިޑްގެ އެހީތެރިކަމާއެކު ހިންގާ މިއަހަރުގެ ޕްރޮގްރާމްގެ ތީމަކީ "އިނޮވޭޝަން ފޯރ ޕީޕަލްސް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" އެވެ. މިތީމްގައި ބޮޑަށް އަލިއަޅުވާލާނީ ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، ރައްޔިތުންނާއި ދުނިޔެއަށް ފާގަތި މުސްތަގުބަލެއް ހޯދުމަށް އައު އީޖާދުތަކެއް އުފެއްދުމަށެވެ.

ކޮންމެ އަހަރަކު މިޕްރޮގްރާމް ހުޅުވާލަނީ އެކި އޯޑިއެންސްތަކަށް އަމާޒުކޮށްގެންނެވެ. މިޔަހެލި 2022 މިފަހަރު އަމާޒު ކުރަނީ މަދަނީ ޖަމިއްޔާތަކަށެވެ. މިސޯޝަލް އިނޮވޭޝަން ޕްރޮގްރާމް މެދުވެރިވެ ސީއެސްއޯތަކަށް އެފަރާތްތަކުގެ މަސައްކަތާއި ގުޅުންހުރި ދާއިރާތަކުން މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ޖާގަ ލިބިގެންދާނެ އެވެ.

މިޔަހެލި 2022 ޕްލެޓްފޯމް މެދުވެރިކޮށް ސީއެސްއޯތަކުގެ ހިޔާލުތައް ތަރައްގީކުރުމަށް މިޕްރޮގްރާމްގެ ތެރެއިން އެފަރާތްތަކަށް އިތުރު މަޢުލޫމާތާއި، ފަންނީ މާހިރުންނާއި، ފެސިލިޓޭޓަރުންނާއި، މެންޓަރުންގެ އެހީ ލިބޭނެއެވެ. އެފަރާތްތަކުގެ ހިޔާލުތައް އިތުރަށް ހަރުދަނާކޮށް މުޖުތަޖަމަށް އޭގެއިން އެންމެ ފައިދާ ބޮޑުވާނެ ގޮތްތައް ދެނެގަނެ، އެހިޔާލެއް ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީކުރުމަށް އެހީތެރިވެދޭނެއެވެ.

ޔޫއެންޑީޕީއިން ވިދާޅުވާގޮތުގައި މިޕްރޮގްރާމްގެ ސަބަބުން ސީއެސްއޯތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އައު އިނެވޭޓިވްގޮތްތަކަށް ވިސްނުމަށް މަގުފަހިކޮށްދޭނެއެވެ. އަދި ޕްރޮގްރާމްގައި ހޮވާލެވޭ ސީއެސްއޯތަކަށް އެފަރާތްތަކުން ހުށަހަޅާ ހިޔާލު ތަރައްގީކުރުމަށާއި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފަންޑު ހަމަޖެހޭނެއެވެ.

މިޔަހެލި 2022 ގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ 2 ނޮވެމްބަރ 2022 ގެ 23:59 އެވެ. ރެޖިސްޓްރޭޝަން މަރުހަލާގައި ހުށަހަޅާ ހިޔާލުތަކުގެ މައްޗަށް ބަލާފައި، ރަޖިސްޓަރ ކުރާ ފަރާތްތަކުގެ ތެރެއިން ކޭމްޕަށް ހޮވާނީ 13 ސީއެސްއޯއެކެވެ.

އަދި ކޭމްޕުގެ ތެރެއިން އެ 13 ހިޔާލު އިތުރަށް ފުޅާކޮށް އެންމެ ރަނގަޅު 3 ހިޔާލެއް ހޮވާލެވޭނެއެވެ. މި 3 ފަރާތުން ހުށަހަޅާ ހިޔާލު ކަނޑައަޅާ ބަޖެޓާއި އެއްގޮތްވާގޮތުގެ މަތިން ތަރައްގީކުރުމަށް 3 ލައްކަ ރުފިޔާގެ ސީޑް ފަންޑިންގްއާއި މެންޓަރުންގެ އެހީ ލިބޭނެއެވެ. ހޮވާލެވޭ 3 ސީއެސްއޯގެ ތެރެއިން 2 ސީއެސްއޯއެއް ހޮވާލެވޭނީ ގްރޭޓަރ މާލެ ސަރަހައްދުގައި ނުހިމެނޭ ސީއެސްއޯތަކުގެ ތެރެއިންނެވެ.


ބައިވެރިވެވޭނީ ކޮންބަޔަކަށް؟

ރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ކޮންމެ ސީއެސްއޯއަކަށްވެސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓަރވުމަށް ކަނޑައެޅިފައިވާ ފޯމް ފުރާ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވީއެވެ.

ކޮންމެ ސީއެސްއޯއެއް ތަމްސީލު ކުރާ ގިނަވެގެން 3 ބައިވެރިއަކަށް ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. އޭގެ ތެރޭގައި ސީއެސްއޯގެ ރައީސް، ޗެއަރޕާސަން، ބޯޑު މެންބަރުން، ސެކްރެޓަރީ ޖެނެރަލް، އެކްޒެކްޓިވް ޑިރެކްޓަރ، ސީއީއޯ ނުވަތަ ޕްރޮގްރާމަށް ކަނޑައެޅޭ ހާއްސަ ސްޓާފުންނަށްވެސް ބައިވެރިވެވިދާނެއެވެ.


ކޭމްޕު އޮތީ ކޮންއިރަކު؟

މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 17 އިން 20 ނޮވެމްބަރ 2022 ގައެވެ.


ކޭމްޕު އޮތީ ކޮންތާކު؟

މިޔަހެލީގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް ކޭމްޕް އޮންނަ ތަން ފެށޭ ތާރީހާއި ކައިރިކޮށް ހާމަކުރެވޭނެކަމަށް ޔޫއެންޑީޕީއިން މަޢުލޫމާތު ދެއްވައެވެ.


މިޔަހެލީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައި މިވާ ލިންކު ބޭނުންކުރައްވައިގެން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ.

އެޕްލިކޭޝަން ފޯމް ލިންކު

މަދަނީ ޖަމިއްޔާތައް މިޔަހެލި 2022 ގައި ބައިވެރިވުމަށް ފޯމު ހުށަހަޅުއްވާއިރު އިޖުތިމާއީ ގޮތުން ރާއްޖޭގައި ކުރިމަތިވާ ކޮންމެވެސް މައްސަލައަކަށް ހައްލެއް ހޯދައިދެވޭ ފަދަ އީޖާދީ ހިޔާލެއް ނުވަތަ ޕްރޮޖެކްޓެއް ހިމަނަންވާނެއެވެ. ހިޔާލު ހުށަހަޅާއިރު ފުރިހަމަ ހައްލެއް ހުށައަޅާކަށް ނުޖެހެއެވެ. ނަމަވެސް، މަދަނީ ޖަމިއްޔާތަކުން ހިޔާލު ހުށައަޅާއިރު އެހިޔާލުން ހައްލުކުރަން މަސައްކަތްކުރާ މައްސަލައާއި، ހިޔާލު އަމާޒުކުރެވޭ ފަރާތްތަކާއި، ހިޔާލުގެ ސަބަބުން ކުރާނޭ އެދެވޭ އަސަރުތަކާއި، ޕްރޮޖެކްޓު ދިގު މުއްދަތަކަށް ދެމެހެއްޓުމަށް އަޅާނޭ ފިޔަވަޅުތައް، ހެއްކާއެކު ހުލާސާކޮށް ބަޔާން ކުރަންވާނެއެވެ.

އެޕްލިކޭޝަން ޝޯޓްލިސްޓް ކުރާ ޝަރުތުތަކެއްވެސް ޔޫއެންޑީޕީއިން ވަނީ ކަނޑައާޅާފައެވެ. އޭގެ ތެރޭގައި ހުށަހަޅާ ހިޔާލަކީ އަލަށް އުފައްދާ ސޮލިޝަންއަކަށްވުން، މިހާރު މުޖުތަމައުގައި ދިމާވާ މައްސަލައަކަށް ހައްލު ހޯދައިދޭ ކަމަކަށް ވުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިވެވޭ ފަދަ އިންކްލޫސިވް ސޮލިޔުޝަނަކަށްވުން، ފަދަ ބައެއް ކަންތައްތައް ހިމެނެއެވެ. ހުރިހާ ޝަރުތެއް ތަފްސީލްކޮށް ބައްލަވާލެއްވުމަށް މިލިންކު ބޭނުންކުރައްވާށެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 9397651 ފޯނުން ނުވަތަ ތިރީގައިވާ އީމެއިލްތަކަށް ހުށަހަޅުއްވާށެވެ.

ޔޫއެންޑީޕީ މޯލްޑިވްސްއިން aminath.ibrahim@undp.org

އުރީދޫ މޯލްޑިވްސްއިން noora.zahir@ooredoo.mv

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.