ފޯލްޑަބަލް ނުވަތަ ފަށްޖަހައިލެވޭ ފޯނުގެ ޚިޔާލު 2019 ވަނަ އަހަރުން ފެށިގެންވެސް ހަގީގަތަކަށް ވެފައިވާއިރު، ކޮންމެ އަހަރަކުވެސް އަޅުގަނޑުމެންނަށް ފެންނަނީ އިތުރު ބްރޭންޑްތަކެއް މި ޓްރެންޑާއި ގުޅޭތަނެވެ. އެކަމަކު މިކަމުގައި އެންމެ ކުރީގައި އަދިވެސް އޮތީ ސްމާޓް ފޯނު އުފެއްދުމުގައި ކުރިއެރުންތަކެއް ހޯދާފައިވާ ސެމްސަންގް ކުންފުނި ކަމަށް ދެންނެވިދާނެއެވެ.
އެޕަލްގެ ސަޕޯޓަރުން ތިބީ މިކަމުގައި އެޕަލްއިން ގެންގުޅެނީ ކޮން ވިސްނުމެއްތޯ އާއި އެފަދަ ފޯނެއް އެޕަލްއިން ނެރޭނެ ދުވަހަކަށް އިންތިޒާރު ކޮށް ކެތްމަދުވެފައެވެ. ހަގީގަތުގައި ޓެކްނޮލޮޖީއަށް ލޯބިކުރާ ގިނަ ބަޔަކު އަބަދުވެސް ބުނަމުންދަނީ އާދަޔާ ޚިލާފު އުފެއްދުންތަކެއް އުފަންކުރުވި ސްމާޓްފޯނުގެ ރަސްގެފާނު އެޕަލްއިން މިވިސްނުމުގައި ހުށަހަޅަނީ ކޮން އެއްޗެއްތޯ ބަލަން ޝައުގުވެރިވާ ކަމަށެވެ.
އައިފޯނަކީ އެޕަލްއަށް ޚާއްޞަ ނަމެކެވެ. އެކުންފުނީގެ އާދަޔާ ޚިލާފު އުފެއްދުމެކެވެ. އަދިވެސް އެފަދަ ދެވަނަ ފޯނެއް ދުނިޔޭގެ އެއްވެސް ބަޔަކަށް އުފެއްދިފައިނުވާވަރުގެ މޮޅު އަގުބޮޑު ފޯނެކެވެ. އެކަމަކު އަދިވެސް މިހާތަނަށް އައި އިރު ފަށްޖަހައިލެވޭ އައިފޯނެއް އެޕަލްއިން އުފައްދާފައި ނުވިޔަސް އެޕަލްގެ އެންމެފަހުގެ އައިފޯން 14 އަކީ އަހަރެމެން ހީކުރި ވަރަށް ވުރެ ވެސް ފޯލްޑަބަލް ފޯނަކާ ގާތް ފޯނެކެވެ.
އައިފޯނާ ބެހޭ ޙަޤީޤީ މައުލޫމާތުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓެއްކަމުގައިވާ 9to5Mac އިން ދާދިމިދާކަށް ދުވަހު މިވަނީ ހައިރާންވާ ކަހަލަ ވީޑިއޯއެއް ހިއްސާކޮށްފައެވެ. މިވީޑިއޯއިން ފެންނަނީ އެންމެފަހުގެ އައިފޯން 14 މޮޑިފައިކޮށް ފަށްޖަހައިލެވޭ ފޯނަކަށް ބަދަލުކޮށްފައިވާ ތަނެވެ. މިއީ ފޭކް ވީޑިއޯ އެއް ކަމެއް ނުވަތަ ޗައިނާގެ ހުނަރުވެރި އިންޖިނިއަރެއްގެ ކުޅަދާނަކަން ދައްކުވައިދޭ ހަޤީޤީ މަސައްކަތެއްކަމެއް އަދި ބުނާކަށް ނޭންގެއެވެ.
ސުވާލު އުފެދޭ ވީޑިއޯއިން ދައްކާ ގޮތުގައި އައިފޯން ހާޑްވެއާ ފެންނަނީ މޮޓޯރޯލާ ރޭޒާގައި ބޭނުން ކޮށްފައިވާ ހުޅުފަތަކާ އެކުގައެވެ. އާދެ، އައިފޯން 14 ގައ ހުޅުފަތެއް ހަރުކޮށް އޭތި ފަށްޖަހާލެވޭ ވަރަށް ހުނަރުވެރި މޮޅު މީހަކު ހުރެދާނެބާއެވެ. އެ ވީޑިއޯއިން ފެންނަ ފެނުޖމަށް ހީވަނީ ފޯނު ހުޅުވާ ލައްޕާއިރު ފޯނު ހަލާކުވެދާނެހެންނެވެ. ބަލާބެލުމަކަށް އެފޯނު އެހާ ފްލެކްސިބަލް އެއް ނޫނެވެ.
މިއީ ހަގީގީ ކަމެއްތޯ، ނުވަތަ ހަމައެކަނި ޚިޔާލެއްތޯ؟
ފަށްޖަހައިލެވޭ އައިފޯން 14 އަދި އުފައްދާފައި ނުވާކަމީ އެންމެންނަށްވެސް އެނގޭ ބޮޑު ހަޤީޤަތެކެވެ. އެހެންކަމުން އެއީ ހަމަ ޔަގީނުންވެސް މޮޑިފައި ކުރުމުގެ ވަރަށް މޮޅު ހުނަރު ބޭނުންވާނެކަމެކެވެ. އެހެންކަމުން ޤަބޫލުކުރެވޭ ގޮތުގައި މިއީ މޮޑިފައި މަސައްކަތެއް ނަމަވެސް ޤަބޫލުކުރަން އުނދަގޫ ކަމެކެވެ. މިސާލަކަށް ކެމެރާ އޭގެ ހުރިހާ ފަންކްޝަން ތަކެއް ނުފެނެއެވެ. ވީޑިއޯއިން ފެންނަނީ ހަމައެކަނި ދައްކަން ބޭނުންވާ އެއްޗެކެވެ. އެހެންކަމުން މިއީ ހަގީގީ ކަމެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
މީގެ ކުރިންވެސް އަޅުގަނޑުމެންނަށް މިފަދަ އެޑްވާންސް ދެތިން މޮޑިފިކޭޝަނެއް ފެނިގެން ގޮސްފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިސާލަކަށް އައިފޯންތަކަށް ޔޫއެސްބީ ޓައިޕް-ސީ ޕޯޓްތައް ގެނައުމަށް ޔޫޒަރުން ހެދި މޮޑިފިކޭޝަން ކާމިޔާބު ކުރިއިރު، އަނެއް ބަޔަކު އިންޖިނިއަރިންގެ ތެރެއިން ބެޓެރީގެ ކެޕޭސިޓީ ދެގުނައަށް ވެސް އިތުރު ކުރުމުގެ ގާބިލްކަން ހޯދިއެވެ. ނަމަވެސް މި ފޯލްޑަބަލް ޑިވައިސް ހީވަނީ އަދި މިއީ ހަމަ ޚިޔާލެއް ހެންނެވެ. ވީޑިއޯގައި އެފެންނަ ގޮތަށް ރެގިއުލާ އޯއެލްއީޑީ ޕެނަލް ފަޅައިގެން ނުގޮސް މި ފެންވަރުގެ ލަންބާ ހެދޭނެ ކަމަކަށް ބުއްދި ޤަބޫލެއް ނުކުރެއެވެ.
ފަހުގެ އަޑުތައް ފެތުރިފައިވާ ގޮތުގައި އެޕަލް އިން ހަގީގަތުގައި ވެސް މަސައްކަތް ކުރަނީ ފޯލްޑަބަލް ވިސްނުމެއްގެ މައްޗަށެވެ. ނަމަވެސް އައި ފޯނަކަށް ވުރެ އައިޕެޑް ފޯލްޑަބަލް ވުމުގެ ފުރުސަތު ބޮޑު ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެއީ ހަގީގަތުގައި ފުރިހަމަ މާނައެއް ދޭހަވާ ކަމެކެވެ.
ކޮންމެއަކަސް ގެލެކްސީ ޒޭޑް ފޯލްޑް، އަދި މިކްސް ފޯލްޑް، މި ހުރިހާ ފޯނަކީ ވެސް “ފޯނު ހުޅުވާލުމުން ޓެބްލެޓަކަށް ވެގެންދާ ފޯނުތަކެކެވެ. އެހެންކަމުން އެޕަލް އިން ފަށްޖަހައިލެވޭ އައިޕެޑެއް އުފެއްދުމަކީ ދުރުގައިވާކަމެކޭ ނުދެންނެވޭނެއެވެ. އެކަމަށް ފަހަރެއްގައި ވަގުތު ނަގައިފާނެއެވެ. މިވަގުތު އަޅުގަނޑުމެންނަށް އަދި އޮތީ މި ވީޑިއޯ ބަލަހައްޓައިގެން ތިބެ، ފޯލްޑަބަލް އައިފޯން 14 ތަޞައްވުރު ކުރުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.