ވީއެލްސީ ޕްލެޔަރ އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދަ ދީފި

އަޙްމަދު ދާއޫދު 14 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޑިއާ ސަރުކާރުން ވީއެލްސީ މީޑިއާ ޕްލޭޔަރ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.

އިންޑިއާ ސަރުކާރުން ވީއެލްސީ މީޑިއާ ޕްލޭޔަރ ބޭނުންކުރުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް މިގެނައީ އެޤައުމުގައި މީޑިއާ ޕްލޭޔަރ ބްލޮކް ކުރިތާ ގާތްގަނޑަކަށް ނުވަ މަސް ފަހުންނެވެ. މި ޚަބަރު ފުރަތަމަ އިއުލާންކުރީ ނިއުދިއްލީގައި ހުންނަ އެޑްވޮކޭޝަން ގްރޫޕް އިންޓަނެޓް ފްރީޑަމް ފައުންޑޭޝަނުން ނެވެ. އޭގެ ފަހުން ވީއެލްސީ މީޑިއާ ޕްލޭޔަރ ޑިވެލޮޕަރު ވީޑިއޯލޭން އިންވެސް އެކަން މިވަނީ ކަށަވަރުކޮށްދީފައެވެ.

އިންޑިއާގައި އެ މަނާކުރުން އުވާލުމަށް ކުރި މަސައްކަތުގައި އިންޓަނެޓް ފްރީޑަމް ފައުންޑޭޝަނުން ވަނީ ވީޑިއޯލޭން އަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އޭގެ ފަހުން އައިއެފްއެފް އިން ކުރި ޓްވީޓެއްގައި ވަނީ އިންޑިއާގައި ވީއެލްސީ މީޑިއާ ޕްލޭޔަރ އަށް ވީޑިއޯލޭން.އޯރގް މެދުވެރިކޮށް ނުވަދެވޭނަމަ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުގެ ތަފްސީލާއެކު އެ ޖަމިއްޔާއާ ގުޅުމަށް އެދިފައެވެ.

އިންޑިއާގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން އިންޑިއާގައި ވީއެލްސީ މީޑިއާ ޕްލޭޔަރ ބްލޮކް ކުރަން ފެށީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ. ނަމަވެސް އެޤައުމުގައި އެ އެޕް މަނާކުރުމާ ގުޅޭ ޚަބަރުތައް ފެތުރެންފެށީ އޭގެ މަސްތަކެއް ފަހުން މިއަހަރުގެ އޮގަސްޓް މަހު އެވެ. އިންޑިއާ ސަރުކާރުން ފުރަތަމަ ފަހަރަށް މި ކަން މަނާކުރުމަށް މެދުވެރިވި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި ސަރުކާރުން އެ އެޕް މަނާކުރީ ޗައިނާގެ ތާއީދު އޮންނަ ހެކިން ގްރޫޕަކުން ސައިބަރ ހަމަލާތަކެއް ދިނުމަށް ސިކާޑާގެ ނަމުން ނަންދެވިފައިވާ އެޕް ބޭނުން ކުރަމުންދާތީ އެވެ.

ނަމަވެސް ވީއެލްސީ މީޑިއާ ޕްލޭޔަރ ޑިވެލޮޕަރު ވީޑިއޯލޭން އިން އޭރު ވަނީ އެ ރިޕޯޓްތައް ދޮގުކޮށްފަ އެވެ.

ދެން މިދިޔަ މަހު ވީޑިއޯލޭން އިން އިންޑިއާގެ އައިޓީ އަދި ޓެލެކޮމް މިނިސްޓްރީތަކާ ދެކޮޅަށް ގާނޫނީ ނޯޓިސްއެއް ހުށަހެޅީ ސަރުކާރުން އެ ކުންފުނީގެ ވެބްސައިޓާއި އެ ކުންފުނީގެ ޕްލެޓްފޯމް މަނާ ކުރުމުގެ ކުރިން ޑިވެލޮޕަރަށް އެކަން އަންގާފައި ނުވާ ކަމަށްބުނެއެވެ.

މިހާރު އޭގެ ނުވަ މަސް ފަހުން އެންމެ ފަހުން ސަރުކާރުން ވަނީ މީޑިއާ ޕްލޭޔަރ މަނާކުރި އަމުރު އުވާލާފައެވެ. މި އުވާލުމާއެކު ވީއެލްސީ މީޑިއާ ޕްލޭޔަރ އެޕަލް، ގޫގުލް އަދި މައިކްރޮސޮފްޓްގެ ރަސްމީ އެޕް ސްޓޯރު މެދުވެރިކޮށް އަދި އެ ކުންފުނީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އަނެއްކާވެސް ޑައުންލޯޑް ކުރެވޭނެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.