އަހަރެންނަކީ ރޮބޮޓެއް ނޫން!

ހިންދު ޢަލީ 22 ނޮވެމްބަރު 2022

އިންޓަރނެޓުގެ ބޭނުން ކުރާ ފަރާތްތަކަށް "ކެޕްޗާ" އަކީ އައު އެއްޗަކަށް ނުވާނެއެވެ. އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކުން ކެޕްޗާގެ އުނދަގޫ ތަހައްމަލު ކުރާތާ މިހާރު 20 އަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ.

ކެޕްޗާއަކީ ތިމާއަކީ އިންސާނެއްކަން ސާބިތު ކުރުމަށްޓަކައި އެޕްތަކުގައި ހިމަނާފައި ހުންނަ ޓެސްޓެކެވެ. ކެޕްޗާ އެންމެ ފުރަތަމަ ފެށުނީ ޓެކްސްޓް ބޭނުންކޮށްގެނެވެ. ކިޔަން އުނދަގޫވާ ފަދަ އެކި ގޮތްގޮތަށް އަދި އެކިއެކި ބައްޓަމަށް އަތުރާ، އިނގިރޭސިއަކުރާއި، ނަންބަރު ބޭނުންކޮށްގެންނެވެ. ކެޕްޗާއަކީ އެކި މަރުހަލާއެއްގައި ފެއިލްވުމުމަށް ފަހު އައު ކަންތައްތަކެއް އެޑެޕްޓްކޮށް ތަރައްގީކުރަމުން ގޮސްފައިވާ އެއްޗެކެވެ. މިހާރު ކެޕްޗާ ބަދަލުވެފައިވަނީ ކުޑަކުޑަ ގޮޅިއެއްގައި އާދައިގެ ރަނގަޅު ފާހަގައެއް ލެވޭފަދަ އެއްޗަކަށެވެ.

ދެން އެންމެ އަވަހަށް އަންނަ ޗުއްޓީގައި ރާއްޖޭން ބޭރަށް ދަތުރުކުރަން ފްލައިޓް ޓިކެޓެއް ހޯދަން އެއަރލައިންގެ ވެބްސައިޓަށް ވަދެ ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރާލާ ސަބްމިޓް ކޮށްލާތަނުން އަހަރެންނަކީ ރޮބޮޓެއް ނޫންކަން ކަށަވަރުކުރަން ޖެހިއްޖެއެވެ.

ފުރަތަމަ ބަލާލާފައި ހިތަށްއަރާފާނެއެވެ. މިއީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް ހެއްޔެވެ. އަހަރުމެން މިއީ އިންސާނުންކަން ކަށަވަރުކޮށްދޭން ޖެހޭ ހެއްޔެވެ؟ އަދި ކޮމްޕިޔުޓަރެއް އަހަރުމެންނާ މިސުވާލު ކުރަނީ ކީއްވެބާއެވެ؟ ހަމަ އެއާވިދިގެން ދެން އެންމެ އަވަހަށް ކުރެވޭ ހިޔަލަކީ، އަހަރެން މިގޮޅީގައި ފާހަގަލީމާ، އަހަރެން މިއީ އިންސާނެއްކަން ޔަގީކުރަނީ ކިހިނެއްހެއްޔެވެ؟ މިހާ ޒަމާން ތަރައްގީވެފައި އޮތް އިރެއްގައި ރޮބޮޓަކަށް މިފާހަގަ ނުލެވޭނެ ހެއްޔެވެ؟ ވައްކަން ކުރާ މީހެއްކައިރީގައި ތިއީ ވަގެއްތޯ އަހައިފިނަމަ އަމިއްލައަށް ބުނާނީ "އަހަރެން މީ ވަގެއް ނޫން" މިހެން ނޫންތޯއެވެ. މިއީވެސް މިފަދަ ކަމެއްތާއެވެ. ޓެސްޓުން ފެއިލްވާނަމަ ލަފާކުރެވެނީ ރޮބޮޓުވެސް އަމިއްލައަށް މިއީ ރޮބޮޓެކޭ ނުބުނާނެ ހެންނެވެ.

އެހެންވީމާ، އެސުވާލުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކެޕްޗާތައް އުފެއްދީ ކީއްވެގެން ހެއްޔެވެ؟ އަދި މިފަދަ އާދައިގެ ސުވާލެއް ކޮށްގެން އެޕެއް ނުވަތަ ވެބްސައިޓެއް ބޭނުންކުރާ މީހާއަކީ އަސްލުގައިވެސް އިންސާނެއްތޯ ޓެސްޓް ކުރާނީ ކިހިނެއް ހެއްޔެވެ؟


ކެޕްޗާ އަކީ ކޮބާ؟

ކެޕްޗާގެ (CAPTCHA) ދިގުގޮތަކީ "ކޮމްޕްލީޓްލީ އޮޓޮމެޓިކް ޕަބްލިކް ޓިއުރިންގް ޓެސްޓް ޓު ޓެލް ކޮމްޕިއުޓަރސް އެންޑް ހިއުމަންސް އެޕާޓް" އެވެ. ކެޕްޗާ އުފެއްދީ 2000 ވަނަ އަހަރު ކާނީޖީ މެލަން ޔުނިވަރސިޓީގެ ކޮމްޕިއުޓަރ ސައިންސް ޕްރޮފެސަރެއް ކަމަށްވާ މެނުއަލް ބްލަމް އާއި އޭނާގެ ދަރިވަރު ލުއީސް ވޮން އާންއެވެ. އެއީ ޔާހޫ ޑިވެލޮޕްކުރުމުގެ މަސައްކަތުގެ ތެރެއިން އުފެދިގެން އައި އެއްޗެކެވެ. ޔާހޫގެ އީމެއިލް އެކައުންޓް ހުޅުވުމަށް މަސައްކަތް ކުރަނީ އިންސާނެއްތޯ ނުވަތަ ރޮބޮޓެއްތޯ ދެނެގަންނަން އޭރު ކުރެވުނު މަސައްކަތުގެ ތެރެއިންނެވެ.

ލުއީސް ވޮން އާން އަދި މެނުއަލް ބްލަމް


އީމެއިލް އެކައުންޓް ހުޅުވުމަށް އިންސާނުންނަށް އަމާޒުކޮށް ހަދާފައިވާ އޮންލައިން ފޯމު، ކޮމްޕިޔުޓަރ ޕްރޮގްރާމެއް ބޭނުންކޮށްގެން ސިކުންތެއްގެ ތެރޭގައި އެތައް ހާސް އައު އީމެއިލް އެކައުންޓެއް އުފެއްދިދާނެއެވެ. މިއީ ޔާހޫއަށް ލިބޭ ބޮޑު ގެއްލުމަކަށް ވެދާނެކަމަށްޓަކައި، ފޯމު ފުރަނީ އިންސާނެއްތޯ ނުވަތަ ރޮބޮޓެއްތޯ ދެނެގަތުން ކުންފުންޏަށް މުހިއްމުވިއެވެ.

ކެޕްޗާގެ އަކުރުތަކާއި އޭގެ ދިގުކޮށް ކިޔާނަމާއި އަކުރެއް އަކުރަކަށް ދިމަލެއް ނުވާކަން ތިބޭފުޅުންނަށް ފާހަގަކުރެވުނުކަން ޔަގީނެވެ. އެންމެ ފުރަތަމަ ކަމަކަށް ނަމުގައި ހިމެނޭ ޓިއުރިންގ ޓެސްޓްއަކީ ކޮބާތޯ ބަލާލުން މުހިއްމެވެ. ކޮމްޕިޔުޓަރ ސައިންސްއާއި އާޓިފިޝަލް އިންޓެލިޖެންސްގެ އިންގިލާބީ ގިނަ ހޯދުންތަކެއް ހޯދާފައިވާ އެލަން ޓިއުރިންގގެ ނަމުން ނަން ދެވިފައިވާ ޓިއުރިންގ ޓެސްޓް ޑިޒައިންކުރެވިފައިވަނީ ސުވާލުތަކެއް ކޮށްގެން މެޝިނަކާއި އިންސާނެއް ވަކިކުރެވޭތޯއެވެ.

އެންމެ ފުރަތަމަ މި ޓެސްޓްގެ ވާހަކަ އައިސްފައިވަނީ 1950 ގައި ޓިއުރިންގ ލިޔެފައިވާ ދިރާސާ ކަރުދާހެއްގައެވެ. މިއީ އޭނާ ކުރި ދިރާސާގައި މެޝިނަކަށް ވިސްނިދާނެތޯ ކުރާ ސުވާލަށް ޖަވާބު ހޯދުމުގެ ގޮތުން ކުރި ޓެސްޓެކެވެ. 3 ފަރާތަކުން ބައިވެރިވާ މި ޓެސްޓު ކުރިއަށް ދަނީ ގޭމެއް ފަދައިންނެވެ. ޓިއުރިންގ މި ގޭމަށް އޭރު ކިޔާފައިވާ ނަމަކީ 'ދަ އިމިޓޭޝަން ގޭމް' އެވެ. މި ގޭމުގައި އެކަކަކީ ސުވާލު ކުރާ މީހާއެވެ. އެއީ އިންސާނެކެވެ. ދެން ތިބޭ ދެބައިވެރިންގެ ތެރެއިން އެކަކަކީ އިންސާނެކެވެ، އަނެކަކަކީ ކޮމްޕިޔުޓަރެކެެވެ. ސުވާލު ކުރާ މީހާއަށް ދެން ތިބި 2 ބައިވެރިން ނުފެނި، ހަމައެކަނި ޓެކްސްޓް ބޭނުންކޮށްގެން ސުވާލުތަކެއްކޮށް، އޭގެތެރެއިން އިންސާނަކީ ކާކުތޯ އަދި ކޮމްޕިޔުޓަރަކީ ކާކުތޯ ދެނެގަންނަނީއެވެ.

ޓިއުރިންގގެ މިޓެސްޓެ އުފެއްދިތާ އެތަކެއް އަހަރު ފަހުން ހަމަ މިޕްރިންސިޕަލް ބޭނުންކޮށްގެން އުފައްދާފައިވާ ކެޕްޗާ އަކީ، ވަރަށް ސިމްޕަލް އޮޓޮމެޓިކް ޓިއުރިންގ ޓެސްޓެކެވެ.


ކެޕްޗާ ބޭނުންވަނީ ކީއްވެ؟

ގިނަ ބަޔަކަށް ހީވެފައިވާގޮތުގައި ކެޕްޗާއަކީ އިންޓަރނެޓްގައި ކަމެއް ކުރުމުގެ ކުރިން ކުރިމަތިލާންޖެހޭ ހުރަހެކެވެ. އަދި އެއީ ކޮންމެހެން ބޭނުންތެރި އެއްޗެއްތޯ ސުވާލު އުފައްދައެވެ. މިހާރު ފެންނަ ގިނަ އެޕްތަކާއި ވެބްސައިޓްތަކުގައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ގިނަ ބޭފުޅުންނަށް ބޮޓުގެ ވާހަކަ އަޑުއިވިފައި އޮވެދާނެއެވެ. ބޮޓަކީ އެއަށް ޕްރޮގްރާމްކޮށްފައިވާ ވަކި ސްކްރިޕްޓަކަށް ބިނާކޮށް އަމިއްލައަށް ވަކި މަސައްކަތްތަކެއްކުރާ ސޮފްޓްވެއާރ އެޕްލިކޭޝަންތަކެކެވެ. މިފަދަ އެޕްލިކޭޝަންތަކުން އިންސާނުން ކުރާ ކަހަލަ ކަންތައްތައް ކުރުމަށް ޕްރޮގްރާމް ކުރެވިފައި ހުރެއެވެ. އިންސާނުންނަށް ވުރެ އަވަސް އަވަހަށް އިންސާނަކަށް ނުކުރެވޭނެ ފަދަ ހަލުވި މިނެއްގައެވެ.

ކޮންމެ ބޮޓަކީ ނުރަގަޅު އެއްޗެއް ނޫނެވެ. މިސާލަކަށް އެތަށް މިލިއަން ވެބްސައިޓްތަކަކުން އެއްޗެއް ހޯދުމަށް އެހީތެރިވެދޭ ސަރޗް އިންޖީނު ބޮޓަކީ އިންސާނުންނަށް އެހީތެރިވެދޭ ބޮޓެކެވެ.

އެހެން ނަމަވެސް ސްޕޭމް ކޮންޓެންޓް ފެތުރުމާއި، އެކައުންޓްތައް ހެކްކުރުމަށާއި، ނުވަތަ ޑީޑޯސް ހަމަލާތައްދީ ބޮޑެތި ވެބްސައިޓްތަކާއި ސަރވަރތައްވެސް ވައްޓާލާފަދަ ނޭދެވޭ މަސައްކަތްތަކެއް ކުރާ ބޮޓްތަކެއް ވެސް ހުރެއެވެ. މިފަދަ ބޮޓްތަކުންދޭ ނޭދެވޭ ބައެއް ހަމަލާތަކުގެ ތެރޭގައި ހިމެނެނީ؛

ބްރޫޓް ފޯސް އެޓޭކް - ޕާސްވޯޑް ނުވަތަ ލޮގިން މައުލޫމާތު ހޯދުމަށް ވަރަށް ގިނަ އަދަދަކަށް ފަށްފަށް ކޮށްގެން (ޓްރައިއަލް އެންޑް އެރަރ މެތަޑް) ޕާސްވޯޑްތަކާއި ލޮގިން ކްރެޑެންޝަލްސް އަދި އެންކްރިޕްޝަން ކީތައް ހޯދުމަށް ދޭ ހަމަލާ

ކްރެޑެންޝަލް ސްޓަފިންގ - ވަގަށް ނަގާފައިވާ އީމެއިލް އަދި ޕާސްވޯޑުތައް ބޭނުންކޮށްގެން ސިސްޓަމެއް ބްރޭކްކުރަން ދޭ ހަމަލާ

ޑޮސް އަދި ޑީޑޮސް އެޓޭކް - ބަޔަކު ދޭ ހިދުމަތެއް ހުއްޓުވުމަށްޓަކައި ސަރވަރތަކަށް ނުވަތަ ނެޓްވަރކްއަށް ނުކަތާ ވަރަށް ރިކުއެސްޓް ފޮނުވާ ހިދުމަތް ހުއްޓާލުމަށް ދޭ ހަމަލާ

މިފަދަ ހަމަލާގެ ސަބަބުން ވެބްސައިޓް ހޯސްޓްކޮށްފައި ހުންނަ ސަރވަރތަކަށް ބާރުބޮޑުކޮށްލާ، ވެބްސައިޓުންދޭ ހިދުމަތްތައް ހުއްޓުވާލައެވެ. ވެބްސައިޓްތަކުގައި ކެޕްޗާ ބޭނުންކޮށްފައި ހުންނަނީ މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށެވެ. މިބާވަތުގެ އެޓޭކް ދެނީ އާންމުކޮށް އޮޓޮމޭޓަޑް ބޮޓު ނުވަތަ މެޝިނުތަކެއް ބޭނުންކޮށްގެން ކަމަށްވާތީ، އެކަން ހުއްޓުވުމުގެ ގޮތުން އިންސާނެއްތޯ ކަށަވަރު ކުރަނީއެވެ.

އެހެންކަމުން ކެޕްޗާ ބޭނުންކުރަނީ ތިޔަބޭފުޅުން އަބަދު ބޭނުންކުރާ ވެބްސައިޓްތައް ސްޕޭމް ނުވަތަ ހެކިންގ އެޓޭކްތަކުން ސަލާމަތް ކުރާށެވެ. އެއީ ވެބްސައިޓްތަކުގެ ހިދުމަތް އަބަދުވެސް ލިބޭނޭ ގޮތް ހެދުމަށް އަޅާފައިވާ ހުންނަ ސަލާމަތީ ފިޔަވަޅެކެވެ.

އެކި ކަންކަމަށް ޓިކެޓް ވިއްކާ ނުވަތަ އޯކްޝަންކުރާ ވެބްސައިޓްތަކުގައި މިއީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ޓިކެޓް ނުވަތަ މުދަލެއް ވިއްކަން ފަށާ ވަގުތާއި ދިމާކޮށް ބޮޓުތައް އެކްޓިވްވެ ހުރިހާ ޓިކެޓެއް ގަނެލާ ފަހަރުވެސް ދިމާވެއެވެ. އެއީ ފަހުން ބްލެކް ރޭޓުތަކުގައި އެތަކެތި ވިއްކުމަށް ކުރާ ކަމެކެވެ. މިފަދަ ކަންތައްތައް ހުއްޓުވުމަށް ކެޕްޗާއަކީ ބޭނުންތެރި ޕްރޮގްރާމެކެވެ.


ކެޕްޗާ މަސައްކަތް ކުރަނީ ކިހިނެއް؟

ގިނަ ހާލަތްތަކުގައި ކެޕްޗާތައް ބޭނުންކުރަނީ ވިޝުއަލް ޓެސްޓްތަކެކެވެ. އޭރު މިގޮތަށް ތައްޔާރުކުރުމުގެ ސަބަބަކީ އިންސާނުން ވިޝުއަލް ޑޭޓާ ޕްރޮސެސް ކުރާ ފެންވަރުގައި އޮޓޮމެޓިކް ބޮޓްތަކަށް ޑޭޓާ ޕްރޮސެސް ނުކުރެވޭތީއެވެ.

ކެޕްޗާ އެންމެ ފުރަތަމަ ފެށިގެން އައިއިރު ބޭނުންކުރަނީ އެކި ގޮތްގޮތަށް ބަދަލުކޮށް އަނބުރާ ހަދާފައިވާ ޓެކްޓްތަކެއް ދެނެގަންނަންޖެހޭ ގޮތަށެވެ. އީމެއިލް އަކަށް ސައިންއަޕް ކުރުމުން ފެށިގެން ހަބަރު ވެބްސައިޓްތަކުގައި ކޮމެންޓެއް ކުރުމުގެ ކުރިންވެސް މިފަދަ ކެޕްޗާ ޓެސްޓްތަކުން ފާސްވާންޖެހެއެވެ.


ކެޕްޗާގެ ބާވަތްތައް

ކެޕްޗާ އާންމުކޮށް ބެހިގެންދަނީ މައިގަނޑު ތިން ބާވަތަކަށެވެ.

ޓެކްސްޓް ބޭނުންކޮށްގެން އުފައްދާފައިވާ ކެޕްޗާ

މިއީ އެންމެ ފުރަތަމަ އުފެދުނު ބާވަތެވެ. މިބާވަތުގައި ބޭނުންކުރަނީ އަކުރާއި ނަންބަރުން ހަދާފައި ހުންނަ ބަސް ނުވަތަ ކުރު އިބާރާތްތަކެކެވެ. އިތުރަށް އުނދަގޫ ކުރުމުގެ ގޮތުން އަކުރުތައް އެކި ގޮތް ގޮތަށް އަނބުރާ، ސައިޒް ތަފާތުކޮށް، ކުލަ ބަދަލުކޮށް ހަދާފައިވެސް ހުރެއެވެ. އަދި އެއް އަކުރު މައްޗަށް އަނެއް އަކުރުއަރުވާ، އިތުރު ރޮނގާއި އުނދަގޫވާފަދަ ޑިޒައިންތައްވެސް އެކުލަވާލާފައި ހުރެއެވެ.

ފޮޓޯ ބޭނުންކޮށްގެން އުފައްދާފައިވާ ކެޕްޗާ

މިފަދަ ކެޕްޗާގައި ފޮޓޯތަކެއް ދައްކާ އޭގެތެރެއިން ވަކި އެއްޗެއް ފެންނަ ފޮޓޯތައް ފާހަގަކުރަން ބުނެއެވެ. ޓްރެފިކްގެ ފޮޓޯތަކެއް ދައްކާ ކާރުތައް ނުވަތަ ޓްރެފިކް ލައިޓް ހިމެނޭ ފޮޓޯތައް ފާހަގަކުރަންޖެހިދާނެއެވެ. މިއީ އިންސާނުންނަށް ދެނެގަންނަން ފަސޭހަ، އެހެން ނަމަވެސް ބޮޓްތަކަށް އުނދަގޫ ބާވަތެކެވެ.

އަޑު ބޭނުންކޮށްގެން އުފައްދާފައިވާ ކެޕްޗާ

ކުރިން ދެންނެވުނު ދެބާވަތުންވެސް ލޮލަށް ނުފެންނަ ފަރާތްތަކަށް ބޭނުމެއް ނުކުރެވެއެވެ. އެހެންކަމުން އޯޑިޔޯ ކެޕްޗާއަކީ އެފަދަ ފަރާތްތަކަށް ހާއްސަކޮށް އުފެއްދުނު ކެޕްޗާގެ ބާވަތެކެވެ. މިފަދަ ކެޕްޗާތަކުގައި ޖެހެނީ ޓެކްސްޓް އަދި އިމޭޖް ބޭނުންކުރާ ކެޕްޗާގައި ހިމެނޭ އެއްޗެހި އަޑު އަހާފަ އަޑުއިވޭ އެއްޗެއް ލިޔާށެވެ. މިބާވަތުގައި ކެޕްޗާގައި ބޮޓުތަކަށް އުނދަގޫކުރުމަށް ބެކްގްރައުންޑް ނޮއިސް އިތުރުކުރުން ފަދަ ކަންކަން ކޮށްފައި ހުރެއެވެ.


ރީކެޕްޗާ އުފެދުން

ސްޓޭންފޯޑް ޔުނިވަރސިޓީއިން ކުރި ދިރާސާ އަކުން ދައްކާގޮތުން ހަމައެކަނި ޓެކްސްޓަށް ބިނާކޮށް ތައްޔާރުކޮށްފައި ކެޕްޗާއެއް ހައްލުކުރުމަށް އިންސާނަކަށް ނަގަނީ ގާތްގަނޑަކަށް 10 ސިކުންތެވެ. އަދި އޯޑިއޯ ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ކެޕްޗާ ހައްލުކުރުމަށް ގާތްގަނޑަކަށް 30 ސިކުންތު ހޭދަވެއެވެ. މިއަދަދުތައް މިއީ އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހުން ނަގާ ވަގުތެވެ. އެހެން ބަސްބަހުން ވާހަކަ ދައްކާ މީހުންނަށް އަދި އިތުރު ވަގުތު ނަގައެވެ.

ކެޕްޗާ އުފެއްދި، ލުއީސް ވޮން އާން ދަ ވޯލްރަސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން ކެޕްޗާގެ ސަބަބުން ދިހަ ސިކުންތުން ދިހަ ސިކުންތުން އިންސާނާއަށް އެންމެ އަގުހުރި ވަސީލަތްތައް ކަމަށްވާ އިންސާނާގެ ސިކުނޑިއާއި ވަގުތު، އެތައް މިލިއަން ގަޑިއިރަކަށް ބަދަލުވެ އިސްރާފު ކުރެވިގެންދެއެވެ. ކެޕްޗާ ޓެސްޓުތަކުން ދުވާލަކު 200 މިލިއަން ބަސް ބޭނުންކޮށް، އިންސާނާގެ ސިކުނޑި އެހެންކަމަކަށް ބޭނުންކުރެވިދާނެ 5 ލައްކަ ގަޑިއިރު އިސްރާފުވެއެވެ.

އެހެންކަމުން ލުއީސްއަށް ދެން ލިބުނު ހިޔާލަކީ ސްކޭން ނުކުރެވިހުރި މުސްކުޅި ފޮތްތަކުގައި ހުރި ބަސްތައް ކެޕްޗާ ޓެސްޓުތަކުގައި ބޭނުންކުރުމަށެވެ. އޭނާގެ މިހިޔާލުގެ ސަބަބުން މީގެ ކުރިން ސްކޭން ނުކުރެވި ހުރި ފޮތްތައް ޓެކްސްޓްތަކަށް ބަދަލުކުރުމަށް ކެޕްޗާތައް ބޭނުންކުރެއެވެ. މީގެ ސަބަބުން އިންސާނާގެ ސިކުނޑި މިކަމަށް ބޭނުންކުރާ ވަގުތުގައި ރަނގަޅު ބޭނުންތެރި އެހެން ކަމެއް ކުރެވުނީއެވެ.

ކެޕްޗާގެ މިވަރޝަންއަކީ ރިކެޕްޗާއެވެ. މިގޮތަށް ޑިޖިޓައިޒް ކުރެވުނު ފުރަތަމަ ލިޔުންތަކަކީ ނިއުޔޯކް ޓައިމްސްގެ އަރުޝީފެވެ. މިއަރުޝީފުގައި ހުރި 1851 ވަނަ އަހަރުގެ ލިޔުންތަކުން ފެށިގެން ޑިޖިޓައިޒްކުރެވުނެވެ. މިހާތަނަށް މިގޮތަށް 13 މިލިއަން ލިޔުމެއް ވަނީ ޑިޖިޓައިޒް ކުރެވިފައެވެ.

ރީކެޕްޗާ ބޭނުންކުރުމުން ދެކަމެއް ފުރިހަމަ ވެގެން ދެއެވެ. އެއީ ޓެކްސްޓްތައް ކިޔާ ފަރާތަކީ އިންސާނެއްތޯ ނުވަތަ ނޫންތޯ ޔަގީންކޮށްދިނުމެވެ. އަދި އެހެން ގޮތްގޮތުން ކޮމްޕިޔުޓަރ އެޕްލިކޭޝަނަކަށް ނުކިޔޭ ލިޔުންތައް ޑިޖިޓައިޒްކޮށް އިންސާނުންގެ މަޢުލޫމާތު މުއްސަނދިކުރުމެވެ.

ކޮންމެ ޓެކްނޮލޮޖީއެއްވެސް ކުރިއަރާ ތަރައްގީކޮށް ރައްކާތެރިވާ ވަރަކަށް، އައު ޗެލެންޖްތަކާއި ކުރިމަތިވެއެވެ. އަދި ކުރިން ވިސްނި ގޮތަށް ފަހުން މަސައްކަތް ނުކުރެވޭ ފަހަރުވެސް އާދެއެވެ. މިއީ ޗެލެންޖަކާއި އެއްވަރަށް ރަނގަޅު މަސައްކަތްކުރާ މީހުންނާއި ރަނގަޅު ޕްރޮޑަކްޓްތައް އިތުރަށް ތަރައްގީ ކުރުމަށް ލިބޭ ފުރުސަތެއްވެސް މެއެވެ. ރީކެޕްޗާއަށް ކުރިމަތިވި ޗެލެންޖަކީ އިންސާނުން ފަދައިން އިމޭޖް ޕްރޮސެސް ކުރާ އޭއައި ޓެކްނޮލޮޖީ އުފެދިގެން އައުމެވެ. 2014 ގައި ގޫގުލްއިން ކޮށްފައިވާ ދިރާސާއެއް ދައްކާގޮތުން އޭއައި ޓެކްނޮލޮޖީ އިން ފޮޓޯއެއްގައި ހިމެނޭ ޓެކްސްޓް %99.8 ފަހަރު ސީދަލަށް ދިމާކުރެއެވެ. އަދި %90 ފަހަރު ފޮޓޯގައި ހިމެނޭ ނަންބަރު ސީދަލަށް ދިމާކުރެއެވެ.

އޭއައިގެ މިކުރިއެރުމުގެ ސަބަބުން ވިޝުއަލް ޓެސްޓްތަކަށް ބިނާކޮށް އިންސާނެއްތޯ މެޝިނެއްތޯ ދެނެގަތުން އުނދަގޫވީއެވެ.


ނޯކެޕްޗާ ރީކެޕްޗާ

ދެން އައީ އެންމެ ފަހުން މިހާރު ފެންނަމުންދާ ނޯކެޕްޗާ ރީކެޕްޗާއެވެ. އެއީ އަހަރެންނަކީ ރޮބޮޓެއް ނޫނޭ ބުނެ ގޮޅިއެއްގައި ފާހަގަ ލާންޖެހޭ ބާވަތެވެ. މިބާވަތް ވަރަށް ސިމްޕަލްހެން ހީވި ނަމަވެސް މިއީ ވަރަށް ގިނަ ގޮތްގޮތުން މީހާގެ ކޮންމެ މޫވްމަންޓެއް ބަލާ ޓެސްޓެކެވެ. މިބާވަތުގެ ކެޕްޗާގައި ބޭނުންކުރަނީ އެޑްވާންސްޑް ރިސްކް އެނަލިސިސް އޭޕީއައިއެކެވެ. ކެޕްޗާ ފުރިހަމަކުރާ މީހާ ގޮޅީގައި ފާހަގަލުމުގެ ކުރިން މައުސް ގެންގުޅޭ ގޮތާއި، ފާހަގަލާ ވަގުތުގެ މޫވްމަންޓާއި ފާހަގަލުމަށް ފަހު މައުސްގެ މޫވްމަންޓަށްވެސް ބަލާ ޓެކްނޮލޮޖީއެކެވެ. މިހުރިހާ ކަމަކަށް ބިނާކޮށް ބޭނުންކުރާ މީހާއަކީ އިންސާނެއްތޯ ނޫންތޯ ދެނެގަނެއެވެ.

މިބާވަތުގައި އާންމުކޮށް ވިސްނާގޮތަކީ ބޮޓްތަކުގައި ހުންނާނީ ކުރިން ލިޔެފައިވާ ސްކްރިޕްޓްތައް ކަމަށާއި ބޮޓަކުން އަބަދުވެސް ގޮޅީގައި ފާހަގަ ލާނީ އެއްގޮތަކަށްކަމެވެ. އަދި މައުސްގެ މޫވްމަންޓެއްވެސް ބޮޓްތަކުގައި ނުހުންނާނެ ކަމަށެވެ. އެއާއި ހިލާފަށް ނޯކެޕްޗާ ރިކެޕްޗާ އިން އިންސާނެއްގެ މައުސް މޫވް ކުރުމުގެ ހަރަކާތާއި، އަދި ދެފަހަރު މަތިން އެއް މޫވްމެންޓެއް ނުގެންގުޅެވޭކަން ދެނެގަނެއެވެ.

ނަމަވެސް މިގޮތަކީ ވެސް ބްރޭކްކޮށް ނުލެވޭހާ ރައްކާތެރި ގޮތެއް ނޫނެވެ. މައުސް ކްލިކް ކުރެވޭނެ ޕްރޮގްރާމެއް އުފައްދާ، ގޮޅީގައި ފާހަގަލުމަކީ ވެސް ކުރެވޭނެ ކަމެއްކަމެކެވެ.


އިނޮވޭޝަނަކީ ދާއިމީ ޕްރޮސެސްއެކެވެ. މިހާރު ގެންގުޅޭ ޓެކްނޮލޮޖީ މާދަމާ އައުޓްޑޭޓް ވާނެއެވެ. މިއީ އަބަދު ބަދަލުވޭވޭ ހުންނަ ކަމެކެވެ. ކެޕްޗާގެ އެންމެ ފަހުން މިފެންނަ ގޮތަށް މިހާރު ވެސް އިތުރަށް ބަދަލުތަކެއް ގެނެސް އިސްލާހުކުރެއެވެ. އިތުރަށް ތަރައްގީކުރެއެވެ. ކެޕްޗާގެ ކޮންމެ މަރުހަލާއެއްގައި ވެސް ފެނިފައިވާ ކަމަކީ އޭއައި ތަރައްގީވާ ވަރަކަށް ކުރީގެ ގޮތްތައް ފެއިލްވާތަނެވެ. ފެއިލްވާ ހަމަ ކޮންމެ ފަހަރަކު އައު އިނޮވޭޝަންތައް އުފައްދާ ތަން ވެސް އެބަ ފެނެއެވެ. މިގޮތުން ކެޕްޗާގެ އެންމެ ފަހުގެ އެއް އީޖާދަކީ ދަ ހަނީޕޮޓް މެތަޑެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.