ޔޫއެންޑީޕީއިން އިސްނަގައިގެން ކޮންމެ އަހަރަކުގެ ކުރިއަށް ގެންދާ 'މިޔަހެލި' ސޯޝަލް އިނޮވެޝަން ކޭމްޕްގެ މިއަހަރުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިފަހަރުގެ ޕްރޮގްރާމް ހާއްސަ ކުރެވުނީ މަދަނީ ޖަމިއްޔާތަކަށެވެ. މިޕްރޮގްރާމްގައި މިއަހަރު 11 މަދަނީ ޖަމްއިއްޔާއަކުން ބައިވެރިވިއެވެ. ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ނޮވެމްބަރު މަހުގެ 19 އިން 22 އަށެވެ.
ޕްރޮގްރާމް ނިންމުމަށްޓަކައި ކ. ތުލުސްދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިން ހުށަހެޅި ހިޔާލުތަކުން އެންމެ ރަނގަޅު 3 ހިޔާލެއް ހޮވާ އިޢުލާނުކުރެވުނެވެ. ހުރިހާ ބައިވެރިންގެ ހިޔާލެއްވެސް ބިނާ ކުރެވުނީ މިއަހަރުގެ ޕްރޮގްރާމްގެ ތީމް އިނޮވޭޝަން ފޯރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީގެ މައްޗަށެވެ.
ޕްރޮގްރާމްގައި ބައިވެރިންގެ ފަރާތުން ޖުމްލަ 12 ޕްރޮޕޯޒަލްއެއް ހުށަހެޅި، އެންމެ ރަނގަޅު 3 ހިޔާލެއް ހޮވާލެވުނީ ޖަޖުންގެ ޕެނަލަކުން އިވެލުއޭޓް ކުރުމަށްފަހުއެވެ.
އެއްވަނައަށް ހޮވުނީ އައިކަންސް އެސޯސިއޭޝަންގެ 'ނޭޗަރ ލައިން'އެވެ. މިޓީމުން ހުށަހެޅި ހިޔާލަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައްރަށުގެ އައްސޭރިފަށަށް ކުރާ އަސަރު ކުޑަކުރުމަށް މެންގްރޯވްތައް ދިގު މުއްދަތަކަށް ދިފާއު ކުރަން ހިންގާނެ އިނޮވޭޓިވް ޕްރޮޖެކްޓެކެވެ.
ދެވަނައަށް ދިޔަ ހިޔާލު ހުށަހެޅީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް މޯލްޑިވްސް ޖަމިއްޔާއިންއެވެ. ލޯފަން މުޖުތަމައަށް އެމީހުންގެ ފުރިހަމަ ގާބިލްކަން އިތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ފިޔަވަޅެއްގެ ގޮތުން ދިވެހިން ލިޔެފައި ހުންނަ ލިޔުންތައް ހޯދުމަށް އެހީވެދޭނެ ހައްލެކެވެ.
ތިންވަނައަށް ދިޔަ މޯލްޑިވްސް ކޮންސަރވޭޝަން ސޮސައިޓީއިން ހުށަހެޅީ، ރާއްޖޭގައި ފަސޭހައިން ލިބެންހުންނަ ތަކެތިން ތައްޔާރުކުރާ، ރާއްޖޭގެ ބަނދަރުތަކާއި ދިމާލު މޫދުގައި ހުންނަ ކުނި އެއްކުރާ ރިމޯޓް ކޮންޓްރޯލް ޑިވައިސެއް އުފެއްދުމާގުޅޭ ޕްރޮޖެކްޓެކެވެ.
ވަނަވަނައަށް ދިޔަ ސީއެސްއޯތަކުގެ ސޯޝަލް އިނޮވޭޝަން ޕްރޮޖެކްޓްތަކަށް ގްރާންޓް ފަންޑިންގ ހަމަޖެހިގެންދާނެއެވެ. އަދި ޕްރޮޖެކްޓްތައް ޕައިލެޓް ކުރުމަށާއި ޖަމިއްޔާތަކުގެ ތަޞައްވުރާއި ހަމައަށް ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށް އިތުރު ފުރުޞަތުތައް ހޯދައިދެވޭނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ޔޫއެންޑީޕީއިން އިސްނަގައިގެން ހިންގާ މިކޭމްޕްގެ މަގުސަދަކީ އިޖުތިމާއީ ތަރައްގީއަށް ބޭނުންވާ އީޖާދުތައް އުދެއްފުމަށް ޒުވާނުންނަށް މަގުފަހިކޮށްދިނުމެވެ. މިޔަހެލި ސީރީސްއަކީ އުރީދޫ މޯލްޑިވްސްއާއި އޮސްޓްރޭލިޔާ އެއިޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިފަހަރުގެ ޕްރޮގްރާމްގައި ބައިވެރިންނަށް ހިތްވަރުދީފައިވަނީ މުޖުތަމައުގައި ފުރުސަތުތައް އިތުރުކުރުމާއި، އެކްސެސިބިލިޓީއާއި، އިންކްލޫސިވިޓީއަށް ވިސްނައިގެން އާންމުން ބާރުވެރިކުރުވުމަށް ހައްލުތައް އެކުލަވާލުމަށެވެ. ތިމާވެށި ރައްކާތެރިކުރުމާއި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށާއި ދިވެހިންގެ އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސައިންސްއަށް ބިނާކޮށް ޚިޔާލުތަކެއް އުފެއްދުމަށެވެ.
ޕްރޮގްރާމް ނިންމުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޑައިރެކްޓަރ ހިއުމަން ރިސޯސަސް ފަޒްނާ މަންސޫރު ވިދާޅުވީ، މިއީ ޖަމްއިއްޔާތަކަށް ހާއްސަކޮށް މިޔަހެލި ޕްރޮގްރާމް ބޭއްވުނު ފުރަތަމަ ޕްރޮގްރާމްކަމަށާއި، ހުށަހެޅުނު ހުރިހާ ހިޔާލުތަކަކީވެސް ދެމެހެއްޓެނިމި ރަނގަޅު ބަދަލުތަކެއް މުޖުތަމައަށް ގެނެސްދޭނެ ކަންތައްކަމަށެވެ. އަދި މޮޅުވި ޓީމްތަކަށް މަރުހަބާ ދަންނަވާ، ޕްރޮޖެކްޓްތައް ހަގީގަތަކަށް ހެދުމަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށެވެ.
މީގެ އިތުރުން ޔޫއެންޑީޕީގެ ޑެޕިޔުޓީ ރެސިޑެންޓް ރެޕްރެސެންޓޭޓިވް ވެރާ ހަކީމް ވެސް ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދެއްކެވިއެވެ. ޕްރޮގްރާމް ހިންގުމުގައި ބައިވެރިވި ޕާޓްނަރުންނަށް ޝުކުރު ދަންނަވާ، ޕާޓްނަރުންގެ އެހީގައި، މިއަހަރުގެ މިޔަހެލީގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ބައިވެރިވި ޖަމްއިއްޔާތަކަށް އެމީހުންގެ އުފެއްދުންތެރިކަމަށް ބޭނުންކުރެވޭނެ އިންކްލޫސިވް ޖާގައެއް ހޯދައިދެވޭނެކަމަށް ވިދާޅުވިއެވެ. އަދި ޕްރޮގްރާމްގައި ހުށަހެޅުނު އީޖާދީ ހިޔާލުތައް އުފެއްދިގެންދާނީ މުޖުތަމައުގެ ބައިވެރިވުމާއެކީގައި ކަމަށާއި، މީގެ ސަބަބުން މުޖުތަމައާއި ޖަމިއްޔާތަކާއި ދެމެދު ދެމެހެއްޓެނިވި ޕަރޓްނަޝިޕެއް އުފެދިގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް