ކުދިންގެ ޕްރައިވަސީ ގެއްލުމުން އެޕިކް ގޭމްސް ޖޫރިމަނާ ކުރަނީ

އަޙްމަދު އަޙްސަން 22 ޑިސެމްބަރު 2022

ފޯޓްނައިޓް އާއި އެހެނިހެން މަގުބޫލު ގޭމްތައް އުފެއްދި އެޕިކް ގޭމްސް ކުޑަކުދިންގެ ޕްރައިވެސީ އަށް އުނިކަން ގެނެސް، އެތައް މިލިއަން ބަޔަކަށް ބޭނުން ނުވާ ގޮތަށް ތަކެތި ގަތުމުގައި އޮޅުވާލާފައިވާ ކަމަށް ބުނެ ކުޑަކުދިންގެ އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން ގާނޫނާ ހިލާފުވެފައިވާތީ 520 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށް ފެޑެރަލް ޓްރޭޑް ކޮމިޝަނުން ބުނެފިއެވެ.

މީގެ ފަސް އަހަރު ކުރިން އެޕިކް ގޭމްސް އިން ފޯޓްނައިޓް ރިލީޒްކުރިއިރު، ވީޑިއޯ ގޭމް ވަރަށް އަވަހަށް އެތައް މިލިއަން ޓީނޭޖަރުންނާއި ކުޑަކުދިންގެ މެދުގައި މަގުބޫލު ވެގެން ދިޔައެވެ. އަދި އެ ގޭމްގެ ތެރެއިން ސައިންއަޕްކޮށް ކުޅެން ފެށުމާއި ވާހަކަ ދެއްކުމާއި މެސެޖު ކުރުން ފަދަ ކަންކަން ކުރަން ފަސޭހަ ވެގެން ދިޔައެވެ.

ބައެއް ކުދިން އެކުދިންގެ ގޭމް ކެރެކްޓާތަކަށް ކުލަގަދަ އައުޓްފިޓް ފަދަ ޑިޖިޓަލް އައިޓަމްތައް ގަތުމުން ބައެއް ކުދިން ވަނީ މައިންބަފައިންގެ ކްރެޑިޓް ކާޑުން އެތައް ސަތޭކަ ޑޮލަރެއް ހަރަދުކޮށްފައެވެ. އެކްޝަން ފިގަރސް ފަދަ ބްރޭންޑެޑް މާޗަންޑައިޒްއާއި އެކު އެ ތަކެތި ގަތުމުން ފޯޓްނައިޓް އަކީ އެޕިކް ގޭމްސްއަށް ބިލިއަން ޑޮލަރުގެ ބްލޮކްބަސްޓާއަކަށް ހެދުމަށް މަގުފަހިވެގެން ދިޔަ އިރު، އެ ގޭމް 400 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރައެވެ.

އެފްޓީސީގެ ޗެއާ ލީނާ އެމް ޚާން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ "އެޕިކް އިން ޕްރައިވެސީ-އިންވޭސިވް ޑިފޯލްޓް ސެޓިންގްސް އާއި އޮޅުވާލައިގެން ފޯޓްނައިޓް ބޭނުންކުރާ މީހުންނަށް އޮޅުވާލާ ފައިވާ އިންޓަފޭސްތައް ބޭނުންކުރި ކަމަށާއި އޭގެ ތެރޭގައި ޓީނޭޖަރުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ". ޗިލްޑްރަންސް އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން ގާނޫނާ ހިލާފުވެގެން އެޕިކް ގޭމްސް އަށް 275 މިލިއަން ޑޮލަރު ދެއްކުމަށާއި ކަސްޓަމަރުންނަށް އިތުރު 245 މިލިއަން ޑޮލަރުގެ ރިފަންޑް ދޭން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ފެޑެރަލް ކޯޓަށް ހުށަހަޅައިފިއެވެ.

އެޕިކް ގޭމްސް އިން ފޯޓްނައިޓް އަޕްޑޭޓް ކުރާނީ ގޭމް ކުޅޭ ކުޑަކުދިންނާއި ޓީނޭޖަރުންގެ ވޮއިސް އަދި ޓެކްސްޓް ކޮމިއުނިކޭޝަންސް ޑިފޯލްޓްކޮށް ކަނޑާލަން ޖެހޭ ގޮތަށެވެ. އެމެރިކާގެ ބަންޑާރަ ނައިބު ވާނީތާ ގުޕްތާ ވެސް މި އިއުލާނުގެ ދަށުން ކޮމެންޓް ކުރައްވައި ވިދާޅުވީ "މި ހުށަހެޅުއްވި އަމުރަކީ މައިންބަފައިންގެ ރުހުމަކާ ނުލައި ކުދިންގެ ޒާތީ މައުލޫމާތު އެއްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގެ މެސެޖެއް، އަދި އޮންލައިން ހުރިހާ ޕްރޮވައިޑަރުންނަށް ދޭ އަމުރެއް" ކަމަށެވެ.

ދާދި ފަހުން ވީޑިއޯ ގޭމް އިންޑަސްޓްރީއާ ގުޅޭ ގޮތުން އެފްޓީސީ ވަނީ ވަރަށް ބޮޑަށް ހަރުކަށިވެފައެވެ. މި މަހުގެ ކުރީކޮޅު އެފްޓީސީން ވަނީ 'އެކްޓިވިޝަން ބްލިޒާޑް' ހޯދަން އުޅޭ ކަމަށް ބުނެ މައިކްރޮސޮފްޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާކަން އިއުލާން ކުރުމުން ގޭމް އިންޑަސްޓްރީގެ ސުރުހީތަކަށް އައިސްފައެވެ. ވީޑިއޯ ގޭމް އިންޑަސްޓްރީ ސަރުކާރުގެ މޮނީޓަރިންގެ ދަށަށް ނުދާތާ ދުވަސްކޮޅެއް ވެފައިވީ ނަމަވެސް، އެކަން ބަދަލުވާން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. މި ސެޓްލްމެންޓް އިއުލާނުކުރާ ނޫސް ބަޔާނުގައި ބުނެފައިވަނީ މިއީ "ގޭމިން ކޭސްއެއްގައި އެފްޓީސީއަށް ލިބުނު އެންމެ ބޮޑު ރިފަންޑް ފައިސާ އާއި ތާރީހުގައި ވެސް އެ ކުންފުނީގެ އެންމެ ބޮޑު އިދާރީ އޯޑަރު" ކަމަށެވެ.

އެހެންނަމަވެސް، މި ސެޓްލްމަންޓަކީ ހަގީގަތުގައި އެޕިކް ގޭމްސް އަށް މާބޮޑު އަދަދެއްނޫނެވެ. އެޕިކް ގޭމްސް އަކީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ބެލިނަމަވެސް ގާތްގަނޑަކަށް 31.5 ބިލިއަން ޑޮލަރުގެ ވެލިއުއޭޝަނެއް އޮންނަ އިންޑަސްޓްރީއެކެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.