ކީބޯޑު އަލްފަބެޓިކަލް އޯޑަރުން ނުހުންނަނީ ކީއްވެ؟

ޝުޖާޢަތު ރަޝީދު 07 ޖެނުއަރީ 2023

މިކަމުގެ ސިއްރު ފެށެނީ 1868 ގައި ހަލާކުވެގެންދިޔަ ޓައިޕްރައިޓަރަކުންނެވެ. މިއީ ޝޫލްސްއާއި ގްލިޑެން އަދި ސޫލޭ ނަމަކަށް ކިޔާ އިންވެންޓަރުންތަކެއްގެ ވާހަކައެވެ.

ކީބޯޑު ލޭޔައުޓްތަކަކީ އަހަރެމެންނަށް ފާހަގަ ނުކެރުވުނަސް ތަފާތު އެއްޗެކެވެ. އަބަދުވެސް އެއް ގޮތަކަށް މި ލޭޔައުޓް ހުރުމުން މިކަމާއި ބެހޭގޮތުން މަދުބަޔަކު ނޫނީ ސުވާލު ނުއުފައްދައެވެ.

ކީބޯޑު ފުރަތަމަ އުފެއްދީ ކޮންއިރަކުބާ؟

ލިޔުމަކީ މީގެ މިލޭނިއާއެއް ކުރިން ކުރި ކަމެއް ކަމުގައި ވިޔަސް އެއީ ކީބޯޑެއް ނުވަތަ އެހެން ޑިވައިސްއެއްގެ އެހީގައި ކުރެވުނު ކަމެއް ނޫނެވެ.

ނަމަވެސް ލިޔުން އަވަސްކޮށް ފަސޭހަ ކުރުމަށްޓަކައި 1500 އިގެ އަހަރުތަކުން ފެށިގެން 19 ވަނަ ގަރުނާއި ހަމަޔަށްވެސް އެކި ކަހަލަ ޑިވައިސްތައް އީޖާދު ކުރުމުގެ މަސައްކަތް ގިނަ ބަޔަކު ކުރަމުން ދިޔައެވެ.

އެންމެ ފުރަތަމަ ކޮމާޝަލީ މެނުފެކްޗާކޮށްގެނެ ނެރެވުނު ކީބޯޑަކީ ހެންސެން ރައިޓިން ބޯލްއެވެ. ނަމަވެސް މިއީ ގިނަ ބަޔެއްގެ ތާއީދު ނުލިބުނު ޑިވައިސްއެކެވެ.

1860 ގައި އެމެރިކާގެ ނިއުސްޕޭޕަރެއްގެ އެޑިޓާއެއް ކަމުގައިވާ ކްރިސްޓޮފާ ލަތަމް ޝޫލްސް ރައިޓިން މެޝިނެއް އުފެއްދުމުގައި މަސައްކަތް ކުރަމުން ދިޔައެވެ. މިއީ އޭނާގެ ވަރަށް ގާތް ދެ އެކުވެރިން ކަމުގައިވާ ކާލޮސް ގްލިޑެންއާއި ސެމުއެލް ސޫލޭއާއި އެކުއެވެ.

1868 ގައި އެމީހުންގެ މަސައްކަތުން އުފެއްދި މެޝިންގެ ފުރަތަމަ ޕޭޓަންޓް ފައިލް ކުރެވިގެން ދިޔައެވެ.

1873 ވަނަ އަހަރު ކީބޯޑުގެ އައު ޑިޒައިނެއް އުފައްދައި އޭގެ ޕްރޮޑަކްޝަން ރައިޓްސް އާމްސް މެނުފެކްޗަރާއެއް ކަމުގައިވާ އީ ރެމިންގްޓަން އެންޑް ސަންސްއާއި ހަވާލު ކުރެވުނެވެ.

ދެން އޭގެ ފަހުން "ރެމިންގްޓަން 1" އެންމެ ފުރަތަމަ ނެރުނު ޓައިޕްރައިޓަރ މާކެޓަށް ނެރުނެވެ. 1878 ވަނަ އަހަރު "ރެމިންގްޓަން 2" އުފައްދައި އެންމެންގެ މެދުގައި މަޤުބޫލުވެގެންދިޔައެވެ.

ރެމިންގްޓަން 1
ރެމިންގްޓަން 2

ޓައިޕްރައިޓާސް ބޭނުން ކުރުން އާންމު ވެގެންދާން އެތަކެއް އަހަރުތަކެއް ނެގިއެވެ. އެއީ ޓައިޕްރައިޓާގެ އަގު ބޮޑުކަމުންނާއި، މި ޑިވައިސް ބޭނުން ކުރަން އިނގޭ މީހުން މަދުވުމުންކަމަށް ގިނަ ދިރާސާތަކުން ހާމަކުރެއެވެ. ނަމަވެސް، 1880 ގެ އަހަރުތަކަށް އައި އިރު މި ޑިވައިސް އެންމެންގެ މެދުގައި އާންމު ވެގެން ދިޔައެވެ.

ޓައިޕްރައިޓާސް ގަރުނެއް ވަންދެން އެންމެންގެ މެދުގައި މަޝްހޫރު އެއްޗަކަށްވެ ބޭނުން ކުރަމުން ދިޔައެވެ. ކޮމްޕިއުޓަރާއި، ޑިޖިޓަލް ވޯޑް ޕްރޮސެސާ އާންމު ވުމުގެ ކުރިއަށެވެ. ނަމަވެސް، ކީބޯޑުގެ ލޭއައުޓްއަށް އެއްވެސް ބަދަލެއް ނާދެއެވެ.

ސްޓޭންޑަޑް ކީބޯޑު ލޭއައުޓް އުފެދުނީ ކިހިނެއް؟

އެންމެ ފުރަތަމަ ޝޯލްސް އެންޑް ކޯ އިން އަލްފަބެޓިކަލް އޯޑަރުން އެންމެ 2 ލައިނަށް އަކުރުތައް ބަހައި ޑިޒައިން ކުރިއެވެ. މިއީ އެމީހުންގެ 1868 ވަނަ އަހަރުގެ ޕޭޓަންޓުގެ ޑިޒައިނުގައި ހިމެނި ގޮތެވެ.

ދެން އެމީހުންނަށް ފާަހަގަ ކުރެވިގެން ދިޔައީ މި ކީބޯޑު ލޭއައުޓަކީ އެހާ ފަސޭހަ ގޮތެއް ނޫންކަމެވެ.

އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ޓައިޕިން އޮޕްޓިމައިޒް ކުރެވޭނެ ގޮތެކެވެ. އެހެނީ އަލްފަބެޓިކަލް އޯޑަރުން އަކުރުތައް ހުއްޓަސް، ބަސްތައް ލިޔެވިގެންދަނީ މި އޯޑަރުން ނޫންކަމުންނެވެ.

މިގޮތައް ބަލާނަމަ އަލްފަބެޓިކަލް އޯޑަރަކީ ވަކި ގޮތަކަށް އެތުރޭނެ އެއްޗެއް ނޫނެވެ.

ޝޫލްސް، ގްލިޑެން އަދި ސޫލޭއަށް ފާހަގަ ކުރެވުނީ އަކުރުތައް އެކި ގޮތްގޮތަށް އަތުރާފައި އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ބެހެއްޓުމުން ޓައިޕް ކުރާ މީހާގެ އަތާއި އިނގިލިތައް އެކި ގޮތްގޮތަށް ގެންގުޅެން ފަސޭހަވެ، އަކުރުތައް ހޯދަން ފަސޭހަ ވާނެ ކަމެވެ.

ޓައިޕް ކުރާ އިރު އެ މަސައްކަތުގެ ލޯޑް ދެއަތަށް އެއް ވަރަކަށް ބަހާލެވޭނެ ނަމަ ޓައިޕް ކުރާ މީހާއަށް އިތުރު ފަސޭހަތަކެއް ކުރިމަތިވެގެން ދާނެކަން އެމީހުންނަށް ފާހަގަ ކުރެވުނެވެ.

މި ޑިޒައިން އެމީހުން ޝޫލްސް އެންޑް ގްލިޑެން ޓައިޕް-ރައިޓާއަށް ހަވާލު ކުރިއިރު، "ރެމިންގްޓަން 1" އަށް ކްވާޓީ ކީބޯޑުގެ ލޭއައުޓްއާއި އެއްވައްތަރު ކުރެވިގެން ދިޔައެވެ.

އެކަމަކު އަދިވެސް އޮރިޖިނަލް އަލްފަބެޓިކަލް އޯޑަރު މި ކީބޯޑުގައި ހިމެނިގެން ދިޔައެވެ. މިއަދާހަމައަށްވެސް ކީބޯޑުގައި DFGHJKL ހުރީ މެދުގައި އެތުރިފައެވެ.

އަހަރެމެން ކޮމްޕިއުޓަރުގައި މިހާރުވެސް އެއްޗެއް ލިޔެފިނަމަ ފާހަގަ ކުރެވޭނީ ވަރަށް މަދުން ނޫނީ ކައިރީގައި ހުންނަ ފިތްތަކަށް އެކީގައި ފިތަން ނުޖެހޭކަމެވެ.

މިއީވެސް ޝޫލްސް އެންޑް ކޯގެ ޑިޒައިނުގައި ވިސްނާފައިވާ ގޮތެވެ. އެއީ ޓައިޕް ކުރާ މީހުންނަށް ފަސޭހަކޮށް އަދި ޓެކްނިކަލްކޮށް ވިސްނާނަމަ ކީބޮޑު "ޖޭމް" ވެ މައްސަލަ ޖެހުން ކުޑަކުރުމަށެވެ.

މި ހުރިހައި ގޮތަކަށް ވިސްނައި ކްވާޓީ ކީބޯޑު ނެރެވުނެވެ. އަދިވެސް އެތައް އަހަރުތަކަކަށް ފަހު މިއީ އެންމެންގެ މެދުގައި މަޤުބޫލު ކީބޯޑު ލޭއައުޓެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.