އަހަރުމެންގެ ފޯނު އަހަރުމެންނަށް ފާރަލާތަ؟

ހިންދު ޢަލީ 23 ޖެނުއަރީ 2023

އޮންލައިން ފިހާރައަކުން އެއްޗެއް ގަނެލަން ކުޑަކޮށް ގޫގުލް ކޮށްލައިފީމެވެ. ހޯދާ އެއްޗެއްގެ ނަންޖަހާ އިންސްޓަގްރާމާއި ފޭސްބުކް މެދުވެރިކޮށް ތަކެތި ވިއްކާތޯ ވެސް ހޯދާލީމެވެ. ކަމުދާ އެއްޗެއް ނުފެނުމުން އެކަން ހުއްޓާލާ ދެން އަޅައެއް ނުލަމެވެ. އެހެން ނަމަވެސް ދެން ޖެހިގެން އައި ދުވަހު ފޯނު ހުޅުވާލާ އިންސްޓަގްރާމާއި ފޭސްބުކް ހުޅުވާލީމާ ދެން ފެންނަނީ މުޅިންވެސް އަހަރެން ހޯދަން އުޅުނު ތަކެތީގެ އިތުރު އިސްތިހާރުތަކެވެ. ހަމައެކަނި ވިޔަފާރިކުރުމުގެ ނިޔަތުގައި ބޭނުންކުރި އެޕްތަކަކުން އެކަންޏެއްވެސް ނޫނެވެ. ފޯނުގައި އިންސްޓޯލްކޮށްފައި ހުރި ބައެއް އެހެން އެޕްތަކުންނާއި ބްރައުޒަރ ހުޅުވާލުމުންވެސް ފެންނަނީ ހަމަ އެކަހަލަ ތަކެތީގެ އިސްތިހާރެވެ. މިއީ ކިހިނެއް ވާކަމެއްހެއްޔެވެ؟

އޭގެ އަނެއް ހަފްތާގައި އޮފީހުގައި ތިބެފައި ރައްޓެހިންނާއެކު މެންދުރުގަޑީގައި އެންމެން ވެގެން ޕިއްޒާއެއް ގެންނަން ރޭވީމެވެ. އެދުވަހުވެސް އަދި އެހެން ކަމެއްވެސް ފާހަގަވިއެވެ. ފިއްޒާ ގަންނަން ފޯނު ބޭނުންކުރީ ޕިއްޒާ ވިއްކާ ރެސްޓޯރަންޓަށް ގުޅާށެވެ. އެކަމަށް ގޫގުލް ނުވަތަ ފޯނުގައި ހުރި އެހެން އެޕެއް ބޭނުންމެއް ނުކުރަމެވެ. ނަމަވެސް ފޯނުގައި އިންސްޓޯލްކޮސްފައި ހުރި އެހެން އެޕަކުން ބަނޑުހައިވެގެން ކާ އެއްޗެއް ހޯދަނީތޯ ސުވާލުކޮށް ނޮޓިފިކޭޝަނެއް ފޮނުވިއެވެ. އަހަރެންގެ ފޯނު އަހަރެން ދައްކާހާ ހުރިހާ ވާހަކައެއް އަޑުއަހަނީ ހެއްޔެވެ؟

އާއެކެވެ! އަހަރުމެންގެ ފޯނު އަހަރުމެން ދައްކާ ވާހަކަ އަޑުއަހައެވެ. އަދި ތަކެތި ވިއްކާ ނުވަތަ ހިދުމަތްދޭ ކުންފުނިތަކުން އަޑުއަހާ ވާހަކަތަކަށް ބިނާކޮށް އަހަރުމެންނަށް އަމާޒުކޮށް އެތަކެތި މާކެޓް ވެސް ކުރެއެވެ.

ނޯޑް ވީޕީއެން އިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ވޭދުވެދިޔަ 1 އަހަރުތެރޭގައި މިފަދައިން މީހުން ދައްކާ ވާހަކަތައް އަޑުއަހާ އަދި އޮންލައިން ހަރަކާތްތައް މޮނިޓަރކުރާ އެޕްތައް %5 އަށް ވަނީ އިތުރުވެފައެވެ. އަދި ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މިފަދަ މޮނިޓަރިންގ އެޕްތައް ފޯނުގައި ނެތް ނަމަވެސް އަހަރުމެންގެ ޑިވައިސްތައް އަހަރުމެންނަށް ފާރަލާ ޖާސޫސްކުރެއެވެ.

ތެދެކެވެ! އަހަރުމެންގެ ޑިވައިސްތަކުގައި ހުންނަ ސިރީ، ގޫގުލް އެސިސްޓެންޓް، ނުވަތަ އެލެކްސާ ފަދަ ވާޗުއަލް އެސިސްޓެންޓުން ހުރިހާ ވަގުތެއްގައިވެސް ޑިވައިސް ބޭނުންކުރާ މީހުންގެ ވާހަކަ އަޑުއަހައެވެ. މިފަދަ ޑިވައިސްތައް އުފައްދާ ފަރާތްތަކުން ބުނާގޮތުގައި އެތަކެތީގެ ފައިދާ ވީހާވެސް ބޮޑަށްނެގުމަށްޓަކައި އަދި ބޭނުންތެރިކަން އިތުރުކުރުމަށްޓަކައި ހުރިހާ ވަގުތެއްގައި ދައްކާ ހުރިހާ ވާހަކައެއް މެދުނުކެނޑި އަޑުއަހަންޖެހެއެވެ.

ނަމަވެސް ކުންފުނިތަކުން އެކަން ކުރަނީ ހަމައެކަނި ބޭނުންކުރާ މީހުންނަށް ފައިދާ އިތުރުކުރުމަށް ނުަވަތަ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ބޭނުމެއްގައެއް ނޫނެވެ. ކުންފުނީގެ އަމިއްލަ ފައިދާއަށްޓަކައި، އިތުރު އެހެން ތަކެއްޗާއި ހިދުމަތް މާކެޓްކުރުމަށް، މީހުން ދައްކާ ބައެއް ވާހަކަތައް ރެކޯޑްކޮށްގެން ބޭނުންކުރެއެވެ.

ނޯޑް ވީޕީއެންގެ ޑިޖިޓަލް ޕްރައިވަސީ ސްޕެޝަލިސްޓް ޑެނިއެލް މާކިޔުސަން ބުނާގޮތުން އަހަރުމެން ގޫގުލް އެސިސްޓެންޓް ނުވަތަ ސިރީ ގާތު އެއްޗެއް ނުވަތަ މައުލޫމާތެއް ހޯދުމަށް އަހައިފިނަމަ، އެދެއްކި ވާހަކަތައް ބޭނުންކޮށްގެން އެކަމާ ގުޅުން ހުރި އިޝްތިހާރުތައް އަހަރުމެންނަށް ފޮނުވާނެއެވެ. މިފަދަ ޑިވައިސްތައްވެސް މަސައްކަތްކުރަނީ ހަމަ ގޫގުލްގައި ސަރޗެއް ކުރާފަދައިންނެވެ. މިސާލަކަށް ކާރެއް ގަންނަން މައުލޫމަތެއް ހޯދައިފިނަމަ، ކާރާއި ގުޅޭ އެކިއެކި އިޝްތިހާރުތައް އިންޓަރނެޓުގެ އެތަންމިތަނުން އަހަރުމެނަށް ފެންނަންފަށާނެއެވެ.

މިކަމަށް ސްމާޓްފޯން ޓެސްޓް ކުރާނީ ކިހިނެއް؟

އަހަރުމެންގެ ސްމާޓް ފޯނު މެދުވެރިކޮށް އަަހަރުމެނަށް ޖާސޫސްކޮށް އަހަރުމެންނަށް އަމާޒުކޮށް އެކި ކުންފުނިތަކުގެ މާކެޓް ކުރޭތޯ ބަލަން އެންމެ މޮޅުގޮތަކީ ފޯނަށް އޮޅުވާލައިގެންނެވެ.

ފުރަތަމަ ކަމަކަށް ރަނގަޅު ޓޮޕިކެއް ވިސްނާލާށެވެ. މިޓޮޕިކު ވާންވާނީ ތިމާގެ އާންމު ޝަހުސިއްޔަތާއި ތަފާތު، ތިމާ މީގެ ކުރިން ބަލާފައި ނުވަތަ ވާހަކަ ދައްކާފައި ނުވާނެ ފަދަ ޓޮޕިކަކަށެވެ.

ދެން މިޓޮޕިކު ޑިވައިސްތަކުން އެކަހެރިކޮށްލާށެވެ. މީގެ މާނައަކީ އެޓޮޕިކާގުޅޭ އެއްވެސް ވާހަކައެއް ނުވަތަ މައުލޫމާތެއް ތިމާގެ ފޯނުން ނުވަތަ އެހެން އޮންލައިން ޑިވައިސްތަކުން ނުހޯދުމެވެ. މިޓޮޕިކާމެދު މީހަކާވެސް ވާހަކަ ނުދައްކާށެވެ. މިކަމާމެދު ވިސްނާނީ އަމިއްލަ ސިކުނޑީގައި އެކަންޏެވެ. އަދި ހަނދާންކޮށް މިކަމާމެދު ގޫގުލްވެސް ނުކުރައްޗެވެ.

ދެން ހަދަންވީ ގޮތަކީ ޓޮޕިކާއި ގުޅޭ ހާއްސަ ބަސްތަކެއް ވިސްނުމެވެ. ގޫގުލް ފަދަ ސާރޗް އިންޖީނެއްގައި ޓޮޕިކާއި ގުޅޭގޮތުން ހޯދާނަމަ ބޭނުންކުރެވޭނެ ބަސްތަކެއް ލިޔެލާށެވެ.

ދެން އޭގެ ފަހުން އެޓޮޕިކާއި ގުޅޭގޮތުން ފޯނު އޮތްތަނެއްގައި ވާހަކަ ދައްކާށެވެ. އަމިއްލައަށް ނުވަތަ އެހެން މީހަކާއެކު ޓޮޕިކާއި ގުޅޭގޮތުން ދިގުކޮށް ވާހަކަ ދައްކާށެވެ. އަދި އެކި ދުވަސްމަތިން ހަމަ އެޓޮޕިކަށް ވާހަކަ ދައްކާށެވެ. ނަމަވެސް އެހެން އެއްވެސް ގޮތަކަށް މިޓޮޕިކަށް އެއްވެސް މައުލޫމާތެއް އިންޓަރނެޓްގައި ނުހޯދުން ވަރަށް މުހިއްމެވެ. މިޓޮޕިކްގެ ވާހަކަ ފޯނަށް އެގެންވާނީ ހަމައެކަނި ދައްކާ ވާހަކަ މެދުވެރިކޮށް އެކަންޏެވެ.

މިގޮތަށް ފޯނަށް އޮޅުވާލުމަށްފަހު، ތިމާ ބޭނުންކުރާ ސޯޝަލް މީޑިއާ އެކައުންޓްތަކުންނާއި ބްރައުޒަރ ތަކުންނާއި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުން، އެޓޮޕިކާއި ގުޅޭ އިސްތިހާރު ފަދަ ތަކެތި ފެނޭތޯ ބަލާށެވެ. މިފަދަ އިސްތިހާރުތައް ފެންނަނަމަ، އޭގެ މާނައަކީ އަހަރުމެންގެ ފޯނު މެދުވެރިވެ އަހަރުމެން ދައްކާ ވާހަކަ އަޑުއަހާ، އެވާހަކަތައް ބޭނުންކޮށް އެއާއި ގުޅޭ އިސްތިހާރު ފޮނުވަން އަހަރުމެންގެ ފޯނު ބޭނުންކުރާކަން ޔަގީންކުރެވުނީއެވެ.


މިގޮތަށް މީހުންގެ ވާހަކަ އަޑުއެހުމަކީ ގާނޫނު ހުއްދަދޭ ކަމެއްތަ؟

ވަރޗުއަލް އެސިސްޓަންޓް ޑިވައިސެއް ބޭނުންކުރާނަމަ، އަހަރުމެން ދައްކާ ވާހަކަ އަޑުއަހާނެކަމަށް ބަޔާންކޮށް ލިޔެފައިވާ ޓަރމްސް އެންޑް ކޮންޑިޝަންސްއަށް އަހަރުމެން އެއްބަސްވާން ޖެހެއެވެ. އެޑިވައިތައް ބޭނުންކުރެވޭނީ މިގޮތަށް އެއްބަސްވެގެން ކަމަށްވާތީ، އެއީ އަހަރުމެންގެ ފަރާތުން ޚިދުމަތްދޭ ފަރާތްތަކަށް ދެވޭ ހުއްދައެއްކަމަށް ބެލެވޭނެއެވެ. އަދި ގޫގުލް އެސިސްޓަންޓް، ސިރީ، އެލެކްސާ ފަދަ އެޕްލިކޭޝަންތަކާއި އަހަރުމެން ދައްކާ ވާހަކަ އަޑުއެހުމަށާއި އިޝްތިހާރުކުރުމަށް ބޭނުންކުރާން ގާނޫނީ ގޮތުން ހުއްދަ އޮންނާނެއެވެ.

މިއީ ޤާނޫނާ ޚިލާފު ކަމަކަށް ވާނީ އަހަރުމެންގެ ރުހުމަކާއި ނުވަތަ އެނގުމަކާއި ނުލައި އެޕަކުން އަހަރުމެންގެ ވާހަކަތައް އަޑުއަހައިފިނަމައެވެ. އަހަރުމެންގެ ފޯނުގައިވާ ކޮންމެ އެޕެއްގެ ސެޓިން ހެދިފައިވާ ގޮތް ބެލުން މުހިއްމު ވަނީ އެހެންވެއެވެ. މިފަދައިން ވާހަކަ އަޑުއަހާ އިސްތިހާރުކުރުމަށް ބޭނުންކުރަން ހުއްދަ ދެވޭގޮތަށް ސެޓިންގ ހުރިތޯ ބެލުން މުހިއްމު ވަނީ އެހެންވެއެވެ.


މިކަމުން ރައްކާތެރިކަން ކަށަވަރުކުރަން އެޅިދާނެ ފިޔަވަޅުތައް

ފުރަތަމަކަމަކަށް ފޯނުގައި ހުރި އެޕްތަކަށް ދެވިފައިވާ ޕާމިޝަންތައް (ހުއްދަތައް) ބަލާފައި ބަދަލު ކުރާށެވެ.

އެޕްތަކަށް އެކްސެސް ދީފިނަމަ، އަހަރުމެންގެ ޑޭޓާތައް އެތައް ގޮތަކަށް ބޭނުންކުރުމުގެ ހުއްދަ ދެވުނީއެވެ. އެހެންކަމުން އެޕްތަކަށް އެކިކަންތައްތަކަށް ހުއްދަ ދިނުމުގެ ކުރިން ވިސްނާލާށެވެ. އެޕް މަސައްކަތް ކުރަން ކޮންމެހެން ބޭނުންނުވާ ހުއްދަތައް ކަނޑާލާފާ ބަހައްޓާށެވެ. އެޕްތަކަށް އައު ފީޗާރލުމަށްފަހު ނުވަތަ ބަދަލުގެނައުމަށްފަހު ކުރާ އަޕްޑޭޓްތަކާއެކު ވެސް ހުއްދަތައް ބަދަލުކޮށްލާފައި ހުރެދާނެއެވެ. އެހެން ކަމުން ގަވާއިދުން އެޕަށް ދެވިފައިވާ ހުއްދަތައް ބަލާ ޗެކްކުރުން މުހިއްމެވެ.

އެޕްތަކުން ހުށަހަޅާ ކޮންމެ ހުއްދައެއް އޮންކޮށްފައި ބެހެއްޓުމުގެ އާދަ ދޫކޮށްލާށެވެ. މިސާލަކަށް ފޯނުގެ މައިކް ބޭނުންކުރަން ނުޖެހޭ ބައެއް އެޕްތަކުންވެސް މައިކްގެ އެކްސެސް ނަގަން ބޭނުންވެދާނެއެވެ. މީގެ ސަބަބުން އަހަރުމެން ބޭނުންނުވާ ވަގުތުތަކުގައިވެސް އަހަރުމެން ދައްކާ ވާހަކަތައް އަޑުއަހާ، ޖާސޫސުކޮށް އިސްތިހާރު ކުރުމުގެ ބޭނުމުގައި ޑޭޓާ އެއްކުރުމުގެ ފުރުސަތު ނުރައްކާތެރި ފަރާތްތަކަށް ހުޅުވިގެންދެއެވެ. އެހެން ކަމުން ފޯނަށް އިންސްޓޯލްކޮށްފައިވާ އެޕްތަކުން ކުރާ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ސެޓިންގތައް އޮންކޮށްފައި ހުރިތޯ ގަވައިދުން ބަލާށެވެ. އަދި ކޮންމެހެން ބޭނުންނުވާ ސެޓިންގތައް އޯފްކޮށްލާށެވެ.

މީގެ އިތުރުން ދޭތެރެ ދޭތެރެއިން ތިމާގެ އޮންލައިން ހަރަކާތްތަކުގެ ލޮގްތައް ޑިލީޓްކުރަން އާދަކުރާށެވެ. އަދި އޯޑިއޯ ރެކޯޑިންގ ސެޓިންވެސް ނިއްވާލާށެވެ. ފަހުގެ ޑިވައިސްތަކުގައި، ޑިވައިސްގެ ފީޗަރއެއްގެ ގޮތުގައި ނުވަތަ އިންސްޓޯލްކޮށްފައި ހުންނަ އެޕްތަކުގައި، ޓައިޕްކުރުމުގެ ބަދަލުގައި އެކި އެކި ވާހަކަ ދައްކައިގެން ތަކެތި ލިޔުމަށް ބޭނުންކުރާ ފީޗަރތައް ހިމެނެއެވެ. މިފަދަ އެޕްތަކުންވެސް އަހަރުމެން ދައްކާ ވާހަކައިގެ ހިސްޓްރީ ފޯނުގައި ރައްކާކުރާނެއެވެ. އެހެންކަމުން މިފަދަ އެޕްތަކުގެ ހިސްޓްރީވެސް ދޭތެރެދޭތެރިން ފޮހެލާށެވެ.

އަދި ފޯނުގެ ޕްރައިވަސީ އިތުރުކުރުމަށް ވީޕީއެން އެއްވެސް އިންސްޓޯލް ކުރެވިދާނެއެވެ. ވީޕީއެން ނުވަތަ ވާޗުއަލް ޕްރައިވެޓް ނެޓްވޯކަކުން ތިމާގެ ޑިވައިސްތަކުގެ އައިޕީ އެޑްރެސް ފޮރުވާދޭނެއެވެ. އަދި މިފަދަ ނެޓްވޯކެއްގެ ތެރޭގައި ކުރާ އޮންލައިން ހަރަކާތްތައް ދައުރުކުރަނީ އެންކްރިޕްޓް ވެގެންނެއެވެ. އެހެންކަމުން މިއީ ރައްކާތެރިކަމަށް އެޅޭ އިތުރު ފިޔަވަޅެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.