އަހަރުމެން ތެރެއިން ގިނަ މީހުން އަމިއްލައަށް ތައާރަފުވުމަށް ބޭނުންކުރާނީ އެމީހެއްގެ ނަމެވެ. އެއީ އަހަރުމެންގެ ނަންކަމާއި އަހަރުމެންނަކީ ކާކުކަން ވަރަށް ފަސޭހައިން ކަށަވަރު ކުރެވިދާނެއެވެ. އަހަރުމެންގެ އަތުގައި އޮންނަ ކާކުކަން އަންގައިދޭ ކޮންމެވެސް ރަސްމީ ލިޔުމެއް ބޭނުން ކޮށްގެންނެވެ. ކޮންމެ މީހެއްގެ އަތުގައިވެސް އައިޑެންޓިޓީ ކާޑެއް، ނުވަތަ ޑްރައިވިންގ ލައިސަންސެއް ނުވަތަ ޕާސްޕޯޓެއް އޮންނާނެއެވެ.
އަހަރުމެން އުފަންވާ ހިސާބުން ފެށިގެން އަހަރުމެންނަށް އައިޑެންޓިޓީއެއް ލިބިފައިވުމަކީ އދ.ގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާގެ 8 ވަނަ މާއްދާއިން ލިބިދޭ އިންސާނީ ހައްގެކެވެ. އެންމެ އާދައިގެ ގޮތަކަށް ބަލައިލައިފިނަމަ އަހަރުމެންނަކީ ކާކުކަން ކަށަވަރު ކުރުމަށް މިވޭތުވެދިޔަ ގިނަ ދުވަސްތަކުގައި ބޭނުންކުރަނީ އަހަރުމެންގެ ނަމެވެ. ދެން އެއާއެކު އަހަރުމެންނާއި ގުޅޭ އިތުރު މަޢުލޫމާތުތައް ހިމަނައެވެ. މިސާލަކަށް އުފަންދުވަސް، އެޑްރެސް، މައިންބަފައިންގެ ނަން ފަދަ މައުލޫމާތެވެ. ދެން ކޮންމެ މީހަކީ ވަކި ތަފާތު މީހެއްކަން އަންގައި ދިނުމުގެ ގޮތުން ކަނޑައަޅަނީ ވަކި ނަންބަރުތަކެކެވެ. ސޯސަލް ސެކިޔުރިޓީ ނަންބަރު، އައިޑީ ކާޑު ނަންބަރު، ޕާސްޕޯޓް ނަންބަރު ފަދަ ނަންބަރެކެވެ.
މިފަދަ އައިޑެންޓިޓީގެ މައްސަލައަކީ މިއީ އާންމުކޮށް ކަރުދާހުގައި ނުވަތަ ކޮންމެވެސް ފިސިކަލް މީޑިއަމެއްގައި އުފައްދާފައިވާ ތަކެތި ކަމަށް ވުމާއެކު އެތަކެތި ބެލެހެއްޓުމުގެ ހަރަދު ބޮޑުވެފައި މަސައްކަތް ބުރަވުމެވެ. އަދި މިފަދަ އައިޑެންޓިޓީ ކަށަވަރުކުރުމަށް އައިޑެންޓިޓީ ދޫކުރާ (ސަރުކާރު ނުވަތަ އެހެނިހެން) ކޮންމެވެސް އިދާރާއަކަށް މުޅިން ބަރޯސާވާން ޖެހެއެވެ.
މިދެންނެވުނު ފަދަ ފިސިކަލް އައިޑެންޓިޓީއެއް ނެތް 1.1 ބިލިއަން މީހުން ދުނިޔޭގައި އުޅޭނެ ކަމަށް އދ.ގެ ތަފާސް ހިސާބުތަކުން ލަފާކުރެއެވެ. ސައްހަ އައިޑެންޓިޓީއެއް ނެތުމުގެ ސަބަބުން އެމީހުންނަށް ވަނީ އެތަށް ހައްގުތަކެއް ގެއްލިފައެވެ. ސަރުކާރުގެ ހިދުމަތެއް ހޯދުން، ބޭންކް އެކައުންޓެއް ހުޅުވުން، އަމިއްލަ ގެދޮރު ހޯދުން، ވަޒީފާއެއް ހޯދުން، ވޯޓުލުން ފަދަ އެތަށް އެންމެ އާދައިގެ އިންސާނީ ހައްގުތައްވެސް ވަނީ ގެއްލިފައެވެ.
މިއަދުގެ އޮންލައިން ދުނިޔޭގައި އަހަރުމެން ހަރަކާތްތެރިވާއިރު އަހަރުމެންނަކީ ކާކުކަން ކަށަވަރު ކުރާނީ ކިހިނެއް؟ އޮންލައިން ދުނިޔޭގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ މުއާމަލާތް ކުރާ ފަރާތެއް ކަށަވަރު ނުވުމެވެ. ހަމައެކަނި ޕާސްވޯޑާއި އީމެއިލް ފަދަ އައިޑެންޓިޓީ ދެނެގަންނާނެ ގޮތްތައް ބޭނުންކޮށްގެން ސައިބަރ ސްޕޭސްގައި މުއާމަލާތް ކުރާ މީހަކީ ހަމަ ސީދާ އޭނާ އެބުނާ މީހާކަން ކަނޑައެޅުމަކީ އުނދަގޫކަމެކެވެ. މީގެ ސަބަބަކީ މިމައުލޫމާތު ވަގަށް ނަގައިގެން ބޭނުންކޮށްފާނެތީއެވެ. ނުވަތަ އެއް ނަމެއްގައި އެކަކަށް ވުރެ ގިނަ ބަޔަކަށް މުއާމަލާތް ކުރެވިދާނެތީއެވެ.
އަހަރުމެންގެ ހުރިހާ މުއާމަލާތެއް އޮންލައިންވެ، އޮންލައިންކޮށް ހިދުމަތްތަކަށް އެދެންޖެހުނު ހިސާބުން ފެށިގެން އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެއީ ހިދުމަތަށް އެދޭ މީހަކީ ކާކުކަން ކަށަވަރު ކުރުމަށް އެމީހެއްގެ އައިޑީ ކާޑު ފަދަ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހުމެވެ. އެހެން ނަމަވެސް އޮންލައިންކޮށް ހުށަހަޅާ މިފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަކީ އުނދަގޫކަމަކަށް ވެގެން ދިޔައެވެ. ބަދަލުކޮށްފައިވާ ލިޔުންތައް ހުށަހެޅުމާއި އެހެން މީހުންގެ ނަމުގައި ހިދުމަތަށް އެދުމުގެ ފުރުސަތު ވެސް ހުޅުވުނެވެ.
ޑިޖިޓަލް އައިޑެންޓިޓީއަކީ ކޮބާ؟
ޑިޖިޓަލް އައިޑެންޓިޓީއަކީ ޑިޖިޓަލް ދުނިޔޭގައި ނުވަތަ އޮންލައިންކޮށް މީހަކު ތަމްސީލުކުރުމަށް ބޭނުންކުރާ އެމީހަކާ ބެހޭ މައުލޫމާތެވެ. މީގެތެރޭގައި މީހަކު އެކި އެޕްލިކޭޝަންތަކުގައި ބޭނުންކުރާ ޔޫސަރނޭމްތަކާއި ޕާސްވޯޑައި، އީމެއިލް އެޑްރެސްތަކާއި، ސޯޝަލް މީޑިޔާ ޕްރޮފައިލްތަކާއި އެހެނިހެން އޮންލައިން އެކައުންޓްތަކުގައި ބޭނުންކުރާ މައުލޫމާތު ހިމެނެއެވެ. މިފަދަ މައުލޫމާތުތައް ބޭނުންކުރަނީ އޮންލައިން އެކި އެކި ހިދުމަތްތައް ހޯދާއިރު އެއީ ކާކުކަން ދެނެގަތުމަށެވެ. އަދި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމުގައި އެމީހާއަށް ލިބޭ ހުއްދަތައް ދެނެގަތުމަށެވެ. އެކިއެކި އޮންލައިން ހިދުމަތްތައް ހޯދާއިރު ހިދުމަތް ހޯދާ ފަރާތުގެ އުމުރާއި ހުރި ސަރަހައްދު އަދި އެހެނިހެން އެކި ކަންތައްތައް ކަށަވަރު ކުރުމަށް ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކުރެއެވެ.
އާންމު ހިދުމަތަކަށް އެދޭއިރު، އަމިއްލަ އީމެއިލް އެކައުންޓެއް ހުޅުވާއިރު، ބޭންކް އެކައުންޓެއް ހުޅުވާއިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އެކައުންޓެއް ހުޅުވާއިރު ނުވަތަ ނެޓްފްލިކްސް ފަދަ ފިލްމާއި ސީރީސް ފަދަ ތަކެތި ސްޓްރީމްކުރާ ސައިޓްތަކުގައި ތިމާއަކީ ކާކުކަން ދެނެގަނެ، ތިމާއާއި ބެހޭ އެކި މައުލޫމާތު ކަށަވަރުކުރުމަށް ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކުރެއެވެ.
ޑިޖިޓަލް އަައިޑެންޓިޓީގެ ތަރައްގީވެގެން އައި ގޮތް
އެންމެ ފުރަތަމަ ބޭނުންކުރަން ފެށުނު ޑިޖިޓަލް އައިޑީގައިވެސް ބޭނުންކުރެވުނީ ސަރުކާރުގެ އިދާރާއަކުން ދޫކުރާ ފިޒިކަލް އައިޑީ ފަދައިން ސެންޓްރަލް އިދާރާއަކުން ދޫކުރާ އައިޑެންޓިޓީ ކޮންސެޕްޓެކެވެ. އޭގެ މާނައަކީ ހޯދާ ކޮންމެ ހިދުމަތަކަށް ވަކި އައިޑީއެއް އޮންނަން ޖެހުމެވެ. މިސާލަކަށް އީމެއިލް ހިދުމަތްދޭ ކޮންމެ ޕްލެޓްފޯމަކަށް ވަކި އައިޑީއެއް، ސަރުކާރުގެ އޮންލައިން ހިދުމަތަކަށް އެދެން ވަކި އައިޑީއެއް، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ވަކިވަކި އައިޑީ ގެންގުޅެން ޖެހުމެވެ. މިފަދަ ހިދުމަތްދޭ ކޮންމެ ފަރާތަކުން ވަކި އައިޑީތަކެއް ގެންގުޅުމާއެކު، އެއައިޑީތައް ރައްކާކުރެވެނީ އެފަރާތުގެ ސެންޓްރަލް ތަނެއްގައެވެ. މިބާވަތުގެ އައިޑީގެ މައްސަލައަކީ އަމިއްލަ މީހާގެ ޑިޖިޓަލް އައިޑެންޓިޓީގެ ކޮންޓްރޯލް އެމީހާ އަތުގައި ނެތުމެވެ.
އޭގެފަހުން، ދެން އުފެދިގެން އައީ ސެންޓްރަލް އައިޑީއަށް ވުރެ ބޮޑަށް އަމިއްލަ ކޮންޓްރޯލް އޮންނާނެ ފަދަ ކޮންސެޕްޓްކެވެ. ކޮންމެ ހިދުމަތަކަށް އެދެން ވަކި އައިޑީއެއް ހޯދުމުގެ ބަދަލުގައި ހުރިހާ ހިދުމަތްތަކަށް އެއް އައިޑީއަކުން އެދެވޭ ފަދަ ޑިޖިޓަލް އައިޑީ ކޮންސެޕްޓެކެވެ. އެއީ ގޫގުލް، ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގެ ލޮގިން ބޭނުންކޮށްގެން އެހެން ޕްލެޓްފޯމްތަކުގައި މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރާ ގޮތެކެވެ. މިއީ "ސިންގަލް ސައިން-އޮން" އޭ ބުނާ ބާވަތުގެ ޑިޖިޓަލް އައިޑެންޓިޓީއެވެ. ނަމަވެސް މިބާވަތުގައި ވެސް އަދިވެސް ބޭނުންވާ މިންވަރަށް އަމިއްލަ ކޮންޓްރޯލްއެއް ނޯވެއެވެ. ކޮންޓްރޯލް އޮންނަނީ އައިޑީގެ ހިދުމަތް ދޭ ފަރާތްތަކަށެވެ.
މިބާވަތުގެ ޑިޖިޓަލް އައިޑެންޓީޓީ އިން އިތުރު ވަރަށް ގިނަ މައްސަލަތައް ކުރިފެޅި އެވެ. ގޫގުލް އަދި ފޭސްބުކް ފަދަ ބޮޑެތި ކުންފުނިތަކުން އަހަރުމެންގެ އެތައް މައުލޫމާތެއް އައިޑެންޓިޓީގެ ބޭނުންކުރުމުގެ ނަމުގައި ރައްކާކުރަން ފެށިއެވެ. އަހަރުމެންގެ މައުލޫމާތުގެ ފައިދާ ނަގަންފެށިއެވެ. މާލީ ފައިދާ އިތުރުކުރުމަށް އަހަރުމެންގެ އެމައުލޫމާތުތައް އެހެން ކުންފުނިތަކަށް އިސްތިހާރުކުރުމަށް ހުޅުވާލިއެވެ.
އެކި ގައުމުތަކުގައި ޑިޖިޓަލް އައިޑެންޓިޓީ
ދުނިޔޭގެ ފެންވަރުގައި ގިނަ ގައުމުތަކުން ޑިޖިޓަލް އައިޑީ ބޭނުންކުރަން ފެއްޓުމުގެ ނުވަތަ ޕްލޭންކުރުމުގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރުމެވެ. ޔޫއެންގެ އެސްޑީޖީ 16.9 ގައި ވާގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ކޮންމެ މީހަކަށް ގާނޫނީ އައިޑެންޓިޓީއެއް ދޫކުރުމަކީ އެޕްލޭންގައި ހިމެނޭ މަގުސަދެކެވެ.
ޤާނޫނީ އައިޑެންޓިޓީއަކީ، އާންމުކޮށް ގައުމީ އައިޑީކާޑާއި، ޕާސްޕޯޓާއި، އުފަންދުވަހުގެ ސެޓްފިކެޓާއި ފަދަ ލިޔެކިޔުމެވެ. އެއީ ދައުލަތުން ފަރުދެއް ދެނެގަތުމަށް ބޭނުންކުރާ ގާނޫނީ ލިޔުމެވެ. ގިނަ ގައުމުތަކުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމަށް ބޭނުންކުރަނީ ގާނޫނީ އައިޑެންޓިޓީއެވެ. މިސާލަކަށް ދަތުރުފަތުރުގެ ހިދުމަތްތަކުގައާއި، ބޭންކް އަދި ފައިސާއާގުޅޭ މުއާމަލާތްތަކުގައި، އަދި ތަޢުލީމީ އަދި އެހެނިހެން އިޖުތިމާއީ ހިދުމަތްތައް ހޯދުމަށެވެ. ސަރުކާރުން ދޫކުރާ ޑިޖިޓަލް އައިޑެންޓިޓީ ބިނާވެފައި އޮންނަނީ މިފަދަ ގާނޫނީ ލިޔުމަކަށެވެ. އަދި މިފަދަ ގާނޫނީ އައިޑީއެއްގެ މައްޗަށް ބިނާވާ ޑިޖިޓަލް އައިޑެންޓިޓީތަކަކީ އާންމުކޮށް މީހެއްގެ ގާނޫނީ އައިޑެންޓިޓީއާއި އެއް ފަދައިން ބޭނުންކުރެވޭ އެއްޗެކެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޮންލައިންކޮށް މީހެއްގެ އައިޑެންޓިޓީ ޔަގީންކުރުމަށް މިހާރު ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކުރެއެވެ. މިފަދަ ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކުރަނީ ހިދުމަތެއް ހޯދާ ފަރާތްތައް ކަށަވަރުކުރުމަށެވެ.
ޑިޖިޓަލް އައިޑެންޓިޓީ ބޭނުން ކުރަމުންދާ ބައެއް ގައުމުތަކަކީ:
1. އެސްޓޯނިއާ
އެސްޓޯނިއާއަކީ އެންމެ ފުރަތަމަ ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކުރަންފެށި އެއް ގައުމެވެ. އެސްޓޯނިއާގައި ފުރަތަމަ އިލެކްޓްރޯނިކް އައިޑެންޓިޓީ ކާޑު (އީއައިޑީ) ތައާރަފްކުރީ 2002 ވަނަ އަހަރުއެވެ. އެސްޓޯނިއާގެ އިލެކްޓްރޯނިކް އައިޑީއާއި އެކު ހިމެނިފައިވާ ޑިޖިޓަލް އައިޑީ (ޑިޖިއައިޑީ) ރައްކާތެރިކުރުމަށްޓަކައި ބްލޮކްޗެއިން ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ.
އެގައުމުގައި ބޭނުންކުރާ ޑިޖިޓަލް އައިޑީ، އެގައުމުގެ ރައްޔިތުން ސަރުކާރުގެ އާންމު ހިދުމަތްތައް ހޯދުމަށާއި، ފައިސާއާއި ގުޅޭ ހިދުމަތްތައް ހޯދުމަށާއި، ވޯޓުލުމަށާއި، ސިއްހީ ހިދުމަތްތައް ހޯދުމަށާއި، ޓެކްސް ދެއްކުން ފަދަ ކަންކަމަށް ބޭނުންކުރެއެވެ. މިއައިޑީގައި ރައްކާތެރިކަމާއެކު ހިމެނިފައިވާ ޑިޖިޓަލް ސޮއިވެސް ވެސް ހިމެނިފައިވާތީ، އޮންލައިންކޮށް ވިޔަފާރިކުރުމަށް ވެސް މިއައިޑީ ބޭނުންކުރެވެއެވެ.
2. ސިންގަޕޫރު
ސިންގަޕޫރުގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމަށް ކިޔަނީ ސިންގްޕާސް އެވެ. ސިންގްޕާސް މެދުވެރިކޮށް އެގައުމުގެ ރައްޔިތުންނަށް ސަރުކާރުންދޭ 1400 އަށް ވުރެ ގިނަ އާންމު ހިދުމަތަށް އޮންލައިކޮށް ހުށަހަޅުމަށާއި މެނޭޖްކުރުމަށް ބޭނުންކުރެވެއެވެ. މީގެ ތެރޭގައި ޓެކްސް ހުށަހެޅުމާއި، ލައިސަންސާއި ޕާމިޓްތައް ހޯދުމަށާއި، ސިއްހީ ހިދުމަތްތައް ހޯދުން ހިމެނެއެވެ. މިއައިޑެންޓިޓީ ހިދުމަތް އިތުރަށް ރައްކާތެރިކުރުމަށްޓަކައި ޕާސްވޯޑުގެ އިތުރުން ޓޫ ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރެއެވެ. 2003 ވަނަ އަހަރު ސިންގަޕޫރުގެ ގަވްޓެކް އެޖެންސީއިން އުފެއްދި ސިންގްޕާސް، ބޭނުންކުރަން ފެށުނު އިރު އެއީ ހަމައެކަނި ސަރުކާރު ހިދުމަތްތައް ހޯދުމަށް ބޭނުންކުރާ ލޮގިންއެކެވެ. އެހެން ނަމަވެސް އޭގެ 20 އަހަރު ފަހުން މިހާރު އެތައް ގިނަ ގޮތްގޮތުން ތަރައްގީވެފައެވެ. 2018 ވަނަ އަހަރު ސިންގްޕާސް އެޕްވެސް ވަނީ ތައާރަފްކޮށްފައެވެ.
3. އިންޑިއާ
އިންޑިއާގެ ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމް އާދަރް އަކީ އެންމެ ގިނަ މީހުން ބޭނުންކުރާ ޑިޖިޓަލް އައިޑީ ހިދުމަތެވެ. 2009 ވަނަ އަހަރު އުފެދިގެން އައި އާދަރް ހިދުމަތަކީ މީހެއްގެ ބަޔޯމެޓްރިކް މައުލޫމާތު ހިމަނައިގެން އުފައްދަން ފެށި ފުރަތަމަ ޑިޖިޓަލް އައިޑީވެސްމެއެވެ. މީގައި މީހާގެ އިނގިލީގެ ނިޝާނާއި ލޮލުގެ އައިރިސް ސްކޭން، ބަޔޯމެޓްރިކް މައުލޫމާތުގެ ގޮތުގައި ހިމެނާފައިވެއެވެ. ބޭންކް އެކައުންޓް ހުޅުވުމަށާއި، ސަރުކާރުގެ ސަބްސިޑީއަށް އެދުމާއި، ސިއްހީ ހިދުމަތްތައް ހޯދުން ފަދަ އެކިއެކި ކަންކަމަށް މި އައިޑެންޓިޓީ ބޭނުން ކުރެވެއެވެ.
އާދަރް ހިދުމަތަކީ އޭގައި ހިމެނޭ ރައްޔިތުންގެ ސިއްރު މައުލޫމާތުގެ ރައްކާތެރިކަމާއި ގުޅިގެން ވަރަށް ގިނަ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ހިދުމަތެކެވެ.
ޑިޖިޓަލް އައިޑެންޓީޓީގެ ރައްކާތެރިކަން
ޑިޖިޓަލް އައިޑެންޓިޓީތަކުން ގިނަގުނަ ފައިދާތަކެއް ލިބުނު ނަމަވެސް، މިފަދަ ނިޒާމުތައް ބޭނުންކުރުމާއި ގުޅިގެން ރައްކާތެރިކަމާގުޅޭ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. މިސާލަކަށް،
* އައިޑެންޓިޓީ ވަގަށް ނެގުން - ޑިޖިޓަލް އައިޑެންޓިޓީގެ ރައްކާތެރިކަމާއި ގުޅިގެން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އައިޑެންޓިޓީ ވަގަށް ނެގުމެވެ. މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީ ވަގަށް ނަގައިގެން އެމީހަކާ ގުޅޭ ސިއްރު މައުލޫމާތު ހޯދުމަށާއި، ފައިސާ ވަގަށް ނެގުމަށާއި، ނުވަތަ އެހެން ގޮތްގޮތުން މަކަރާއި ހީލަތް ހެދުމަށް އެ އައިޑެންޓިޓީ ބޭނުން ކުރެވިދާނެއެވެ.
* ސޯޝަލް އިންޖިނިއަރިންގެ ހަމަލާތައް - ޑިޖިޓަލް އައިޑެންޓިޓީ ނިޒާމުތަކަކީ ސޯޝަލް އިންޖިނިއަރިންގގެ ހަމަލާތައް ދިނުމަށް ފަސޭހައިން ބޭނުންކުރެވިދާނެ ނިޒާމެކެވެ. މީގެ މާނައަކީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމްތަކާއި އެއްގޮތް ފޭކު ޕްލެޓްފޯމުތަކެއް އުފައްދާ މީހުންގެ ޒާތީ އަދި ސިއްރު މައުލޫމާތު ހޯދުމުގެ ބިރުވެރިކަން އެބައޮތެވެ.
* ސިސްޓަމް ފެއިލްވުން - ޑިޖިޓަލް އައިޑެންޓިޓީ ނިޒާމުތަކަކީ ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ ނިޒާމުތަކަކަށް ވުމާއެކު ސިސްޓަމް ފެއިލްވުމުގެ ނުރައްކާތެރިކަން އެބައޮތެވެ. ސިސްޓަމް ފެއިލްވުމުގެ ސަބަބުން ހިދުމަތް ހުއްޓުމާއި، އެއްގޮތަކަށްވެސް ނުލިބުމާއި، ޒާތީ ނުވަތަ ސިއްރު މައުލޫމާތު ގެއްލުމުގެ މައްސަލަ ހިމެނެއެވެ.
* ވަކިބައެއްގެ ކޮންޓްރޯލް އޮތުން - ޑިޖިޓަލް އައިޑެންޓިޓީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެފަރާތްތަކުގެ މުވައްޒަފުންގެ އަތްމަތީގައި މައުލޫމަތު ހުރުމުން، މީހުންގެ ޒާތީ އަދި ސިއްރު މައުލޫމާތު ފެންނަން ނުޖެހޭ ބަޔަކު، އެމައުލޫމާތު ބަލާ، ކޮޕީކުރުމުގެ ބިރުވެރިކަން އޮވެއެވެ. މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ރަނގަޅު އެކްސެސް ނިޒާމެއް ނެތްނަމަ މިއީ ދެނެގަންނަންވެސް އުނދަގޫ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ
ރާއްޖޭގައިވެސް ސަރުކާރުގެ އިދާރާތަކުގައި ރައްކާކުރާ ފަރުދުންގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް މިހާރު ވަނީ ތައާރަފްކޮށްފައެވެ.
މީގެ 10 އަހަރު ކުރިން އުފެއްދުނު އީފާސްގެ ބޭނުންކޮށްގެން އުފައްދާފައިވާ ޑިޖިޓަލް އައިޑެންޓިޓީގެ މައުލޫމާތު، ދާދިފަހުން ވަނީ ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީއިން ހާމަކޮށްފައެވެ. ޑިޖިޓަލް އައިޑެންޓިޓީ އީފާސް ވެބްސައިޓްގައިވާ އެންމެ ފަހުގެ މައުލޫމާތު ދައްކާގޮތުން 70 ޑިޖިޓަލް ހިދުމަތެއްގައި މިނިޒާމު މިހާރު ބޭނުންކުރެވެއެވެ.
މިޑިޖިޓަލް އައިޑީގައި މީހާ ކަށަވަރު ކުރުމަށް ބޭނުންކުރަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއިން ދިވެހި ރައްޔިތުންނަށް ދީފައިވާ އައިޑީކާޑުގެ މައުލޫމާތެވެ. އަދި އޭގެ އިތުރުން ފެމިލީ ކޯޓު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އޮތޯރިޓީ، ޕެންޝަން އޮފީސް ފަދަ އިތުރު ސަރުކާރުގެ އިދާރާތަކުގައި ހިމެނޭ މީހާއާއި ގުޅޭ އަމިއްލަ މައުލޫމާތާއި އަދި އެމީހާގެ ވިޔަފާރިއާއި ބެހޭ މައުލޫމާތުވެސް ޑިޖިޓަލް އައިޑެންޓިޓީގައި ހިމެނިފައިވާނޭކަމަށް އެންސީއައިޓީއިން މައުލޫމާތުދެއެވެ.
ޑިޖިޓަލް އައިޑެންޓިޓީގައި ހިމެނޭ މައުލޫމާތު ކަށަވަރު ކުރުމަށް ބޭނުންވާ ވެރިފިކޭޝަން ހިދުމަތްތައް އަދި ބޭނުންކުރެވޭގޮތަށް ހަމަޖައްސާފައިވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ އިދާރާތަކާއި، ބޭންކުތަކާއި ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެކަންޏެވެ. މިއީ ހިދުމަތް ހޯދުމަށް މީހާގެ މައުލޫމާތު ކަށަވަރު ކުރަންޖެހޭ ފަދަ ހިދުމަތްތަކަށެވެ. އަމިއްލަ ފަރާތްތަކުންދޭ ހިދުމަތްތަކަށް ބޭނުންވާ ވެރިފިކޭޝަން ހިދުމަތްތައް ދެވޭނީ ޕްރައިވަސީ އަދި ޑޭޓާ ޕްރޮޓެކްޝަން ގާނޫނެއް ފާސްވެ އަމިއްލަ ފަރުދުންގެ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނީ ނިޒާމަކާ އެކުގައި ކަމަށް އެންސީއައިޓީއިން މައުލޫމާތު ދެއެވެ.
ޑިޖިޓަލް އައިޑެންޓިޓީއަކީ ޑިޖިޓަލް ޒަމާނުގައި އަހަރުމެންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް މިހާރު ވަނީ ވެފައެވެ. އަޅުގަނޑުމެން އޮންލައިންކޮށް ހޭދަކުރާ ވަގުތު އިތުރުވާ ވަރަކަށް، އަހަރުމެންގެ ޑިޖިޓަލް އައިޑެންޓިޓީ ދަނީ ފުޅާވަމުން އިތުރުވަމުންނެވެ. ޑިޖިޓަލް އައިޑެންޓިޓީއަކީ އަހަރުމެންނަށް ފަސޭހަކަމާއި ހިދުމަތް ހޯދުމަށް ބޭނުންކުރެވޭ އެއްޗަކަށް ވިޔަސް، މިއީ އަހަރުމެންގެ ރައްކާތެރިކަމަށް ވެސް ނުރައްކާތަކެއް ކުރިމަތިވާ ކަމެކެވެ.
އެހެންކަމުން ޑިޖިޓަލް އައިޑެންޓިޓީއިން ލިއްބައިދޭ ބާރުތަކާއެކު އޭގެ ބަލިފައިވެސް ދެނެގަނެ، ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިންމެވެ. މިގޮތުން އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް، ރައްކާތެރިކަމުގެ ވީހާވެސް ގިނަ މަރުހަލާތަކާއި އުކުޅުތައް ހިމެނިދާނެއެވެ. އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި ޕްލެޓްފޯމް އުފައްދާ ފަރާތްތަކުން އެފަދަ ޓެކްނޮލޮޖީގެ ސެކިޔުރިޓީގެ ނިޒާމުތައް ވަރުގަދަ ކުރުން އެންމެ ކުރިއަށް ނެރެންޖެހެއެވެ.
މީގެ އިތުރުން މިފަދަ ނިޒާމުތަކުގައި ހިމެނެނީ މީހުންގެ ޒާތީ އަދި ސިއްރު މައުލޫމާތުކަމަށް ވުމާއެކު އެމައުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނީ ނިޒާމުތަކެއްވެސް ހުރުން ހަމަ ލާޒިމެވެ. އެއީ ނިޒާމު ތަރައްގީ ކުރުމާއި އެއްވަރަކަށް ތަރައްގީވަމުން އަންނަންޖެހޭ އެއްޗެކެވެ. އެއީ ހިދުމަތް ހޯދާ ފަރާތާއި ފޯރުކޮށްދޭ ފަރާތްތަކުވެސް ރައްކާތެރިކަމަށްޓަކައެވެ. އަދި ޒާތީ މައުލޫމާތު ގެއްލުމުގެ ނުވަތަ ވަގަށް ނެގުމުގެ މައްސަލަތައް ދިމާވެއްޖެނަމަ މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ގޮތްތައް ބަޔާންކުރުންވެސް މުހިއްމުވެއެވެ.
އަޅުގަނޑުމެން ޑިޖިޓަލް ދުނިޔޭގައި ދަތުރުކުރަމުންދާއިރު، ރައްކާތެރި އޮންލައިން ތަޖުރިބާއެއް ކަށަވަރުކުރުމަށްޓަކައި އަޅުގަނޑުމެންގެ ޑިޖިޓަލް އައިޑެންޓިޓީ ރައްކާތެރިކުރުން ވަރަށް މުހިއްމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް