މުވައްޒަފުންގެ ބޮޑު ފާޑުކިޔުމެެއް ސީއީއޯ ސުންދަރް ޕިޗާއީއަށް

މުހައްމަދު ސުނާދު 13 ފެބްރުއަރީ 2023

ގޫގަލްގެ ސީއީއޯ ސުންދަރް ޕިޗާއީއަށް މިވަނީ ކުންފުނީގެ މުވައްޒަފުންގެ ވަރަށް ބޮޑު ފާޑުކިޔުންތަކެއް ކުރިމަތިވެފައެވެ. މި ފާޑުކިޔުންތައް ކުރިމަތިވެފައިވަނީ، އެކުންފުނިން ބާޑް އޭއައި ނެރުން އަވަސްއަރުވާލާފައިވާކަމަށް ބުނެއެވެ. ގިނަ މުވައްޒިފުން ބާޑް އިއުލާނުކުރުން ސިފަކޮށްފައިވަނީ، "ރަޝްޑް"، "ބޮޗްޑް"، އަދި "އަން-ގޫގްލީ" ފަދަ ބަސްތައް ބޭނުންކޮށްގެންނެވެ. ބާޑްއަކީ ގޫގަލްއިން ޗެޓްޖީޕީޓީއާއި ވާދަކުރުުމުގެގޮތުން ނެރެފައިވާ ކޮންވަރޒޭޝަނަލް އޭއައި ސާވިސްއެކެވެ.

ގޫގަލްއަށް މިހާ ބޮޑު ފާޑުކިޔުންތަކެއް އައިސްފައިމިވަނީ، ޕެރިސްގައި ބޭއްވި އިވެންޓެއްގައި ބާޑްގެ ޑެމޯއެއް ދައްކާލިއިރު، ނުބައި މައުލޫމާތުތަކެއް ހިއްސާކޮށްފައިވާތީއެވެ. ބާޑްއިން ނުބައި މައުލޫމާތުދީފައިވަނީ، އަހަރުމެންގެ ސޯލާ ސިސްޓަމްގެ ބޭރުން އެންމެ ފުރަތަމަ ޕްލެނެޓެއްގެ ފޮޓޮއެއްނެގި ޓެލެސްކޯޕާއި ބެހޭގޮތުންނެވެ. ބާޑްއިން ބުނެފައިވާގޮތުން އެފޮޓޯ ނަގާފައިވަނީ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުންނެވެ. ނަމަވެސް ހަގީގަތުގައި އެ ފޮޓޯ ނަގާފައިވަނީ ޔޫރަޕިއަން ސަދާން އޮބްޒަރވޭޓޮރީގެ ވެރީ ލާޖް ޓެލެސްކޯޕުންނެވެ. މިކަންވަނީ ނާސާއިންވެސް ކަށަވަރުކޮށްދީފައެވެ.

ގޫގަލްއިން މިކަން އަވަސް އަރުވާލާފައިވާއިރު މި އިވެންޓަށް ތައްޔާރުނުވާ ކަމުގެ ވަރަށްގިނަ ހެކިތަށް ފެންނަން އެބަހުއްޓެވެ. މިސާލަކަށް ބުނާނަމަ، ބައެއް މުވައްޒިފުންނަށް އިވެންޓެއް އޮންނަކަން ނުވެސް އިނގެއެވެ. އަދި މި އިވެންޓްގައި ބައިވެރިވި ގިނަ މީހުން ބޭނުންވި ގިނަކަންތަކެއް އިވެންޓްއިން ފެނިގެން ނުދާ ކަމަށް އެބައިވެރިންވަނީ ހިއްސާކޮށްފައެވެ. އަދި މި އިވެންޓުގައި ބާޑްގެ ޑެމޯ ދައްކާލަން ބޭނުންވާ ފޯނެއް ނުލާ އިވެންޓުގެ ޕްރެޒެންޓަރެއް އައުމުން ފާހަގަވެގެންދަނީ ގޫގަލްއިން މި އިވެންޓަށް ތައްޔާރު ނުވާ މިންވަރެވެ.

މި އިވެންޓަށްފަހު ކުންފުނީގެ މުވައްޒަފުންވަނީ އެމީހުންގެ އިންޓަރނަލް ފޯރަމްކަމަށްވާ "މީމްޖެން" ގައި އެމީހުންގެ ހިޔާލުތައް ހިއްސާކޮށްފައެވެ. މި ފޯރަމްއަކީ އާންމު ގޮތެއްގައި، ޖެހޭ ބައެއް ކުށްތަކާއި ބެހޭގޮތުން މަޖާކުރުމުގެ އުސޫލުން ވާހަކަދައްކާ އުޅޭ ފޯރަމްއެކެވެ. ނަމަވެސް ބާޑް އިވެންޓަށްފަހު މުވައްޒަފުންވަނީ ވަރަށް ސީރިއަސް ގޮތެއްގައި މި ފޯރަމްގައި ފާޑުކިޔާފައެވެ. އަދި ގިނަ ފާޑުކިޔުންތަށް އަމާޒުވެފައިވަނީ ސީއީއޯ ސުންދަރް ޕިޗާއީއަށެވެ. އެއް މުވައްޒަފަކު ބުނާގޮތުގައި ގޫގަލްއިން ބާޑް އިވެންޓާއި، ކުންފުނީގެ މުވައްޒިފުން ވަކިކުރުންމިވަނީ ފަރުވާކުޑަކަމާއިއެކީ އަވަސް އަރުވާލާފައެވެ.

މި ހާދިސާއަށްފަހު ގޫގަލްއަށް ވަނީ ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ. ކުންފުނީގެ ހިއްސާގެ އަގު މިވަނީ 7.7% ގެ ވެއްޓުމަކަށް ގޮސްފައެވެ. މިއީ 144 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެކެވެ. އަދި މިކަމުގެ ސަބަބުން ކުންފުނީގެ ނަމަށް މިވަނީ ވަަރަށްބޮޑު ހީނަރުކަމެއް އައިސްފައެވެ.

ޗެޓް ޖީޕީޓީއަށްފަހު ގޫގަލްއިން މިވަނީ އެމީހުން ކުރިން ކަންތައްކޮށްފައިވާ އުސޫލުތަކާއި ހިލާފަށް ވަރަށް ގިނަ ކަންތައްކޮށްފައެވެ. އަވަސްއަރުވާލައިގެން ޕްރޮޑަކްޓް އިއުލާން ކުރުމާއި އަދި އިވެންޓެެއްގައި ބޮޑު ކުށެއް ޖެހުމަކީ ގޫގަލްފަދަ ބޮޑު ކުންފުންޏަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިހާލަތުގައި ގޫގަލްގެ ވާދަވެރި ޗެޓް ޖީޕީޓީއިން މިދަނީ އެއް ހަރުފަތަކަށްފަހު އަނެއް ހަރުފަތެއް ގިރާކުރަމުންނެވެ. ނަމަވެސް މިހާރުގެ އެންމެ ބޮޑު އެއް ސުވާލަކީ ގޫގަލްއިން މި ބޮޑު އަނދަވަޅުގަނޑުން އަރައިގަތުމަށްޓަކައި ދެން ކުރާނީ ކޮންކަމެއްބާވައެވެ؟

މުހައްމަދު ސުނާދު

މުހައްމަދު ސުނާދު

ޓެކް އެންތުސިއަސްޓެއްގެ ހައިސިއްޔަތުން ޓެކްނޮލޮޖީގެ ފަހުގެ ހަބަރުތަށް ގެނެސްދިނުމަށް ޓެކްނިއުސްއާއިއެކީ ކުރިއަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.