މައިކްރޮސޮފްޓުން ޓީމްސްގެ މުޅިން ރީބިލްޓް ވާޝަނެއް މާޗް މަހުގެ ކޮންމެވެސް ހިސާބެއްގައި ލޯންޗް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އަމާޒަކީ ވިންޑޯޒް 11 އަދި ވިންޑޯޒް 10 ބޭނުންކުރާ ފަރާތްތަކަށް މިހާރު ލިބެން ހުރި ވާޝަންތަކަށް ވުރެ ރިސޯސް އެފިޝިއަންޓް އެޕްލިކޭޝަނެއް ފޯރުކޮށްދިނުމެވެ.
އެ ޚިޔާލު ތިމާއަށް މުޅިން އާ ކަމަކަށް ނުވެދާނެއެވެ. ޓީމްސްގެ މި އާ ވާޝަން މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ޗެޓް ފީޗާ މެދުވެރިކޮށް ވިންޑޯޒް 11 ގައި ތައާރަފްކުރި ޓީމްސް އިންޓަގްރޭޝަންގެ މައްޗަށެވެ. ވިންޑޯޒް 11 ގައި މައިކްރޮސޮފްޓް ޓީމްސްއާ އެކު ޗެޓް ކުރުމަކީ ހަމައެކަނި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހަދާފައިވާ ޗެޓެއް ކަމުން، އޮފީސް މާހައުލަށް ޓީމްސް ބޭނުންކުރާ ނަމަ އަދިވެސް ބޭނުން ކުރަނީ ކުރީގެ އިލެކްޓްރޯން ބޭސްޑް އެޕްލިކޭޝަން ކަމަށް ވެދާނެއެވެ. މީގެ އިތުރުން ވިންޑޯޒް 10 ބޭނުންކުރާ ނަމަ، ވިންޑޯޒް 11 އިން ތައާރަފުވި އާ އެޕްލިކޭޝަން ޕާސަނަލް ނުވަތަ ބިޒްނަސް އެކައުންޓެއް އޮތަސް އެ ފީޗާއެއް ނުލިބޭނެއެވެ.
ޓީމްސްގެ މި އާ ވާޝަންގައި އިލެކްޓްރޯންގެ ބަދަލުގައި މައިކްރޮސޮފްޓް އެޖްގެ ވެބްވިއު2 ކޮންޓްރޯލްގެ މައްޗަށް ބިނާކޮށް އިންޓަފޭސްއެއް ބޭނުންކުރާއިރު، އެޕޯލޯއަށް ބަރޯސާވާ މިންވަރު ނައްތާލައި، ރިއެކްޓް ޖާވާސްކްރިޕްޓް ލައިބްރަރީ ވެސް ބޭނުންކުރެއެވެ. ވިންޑޯޒް 11 އިންޓަގްރޭޝަން އިއުލާނު ކުރިއިރު މައިކްރޮސޮފްޓުން ވަނީ އާ ވާޝަންގައި ގިނަ ކުރިއެރުންތަކެއް ގެނައުމުގެ ތެރޭގައި 50 ޕަސެންޓް މެމޮރީ ބޭނުން ކުރުން މަދުކަމަށް ބުނެފައެވެ. ޓީމްސްގެ އެ ވާޝަން ލޯންޗުކުރި ފަހުން ތަފާތު މައްސަލަތަކާއި ލިމިޓޭޝަންތައް ކުރިމަތިވި ނަމަވެސް، އޭގެ ތެރެއިން ގިނަ ކަންތައްތަކަށް ފާއިތުވި މަސްތަކުގައި ހައްލު ހޯދައިދީފައިވާ ކަމަށް ބެލެވޭ އިރު، މިއީ މިހާރު އެއްވެސް މައްސަލައެއް ނެތި މަސައްކަތް ކުރާ އެއްޗެކެވެ. އޭގެ މާނައަކީ މިހާރު މިއީ ވިޔަފާރިވެރިންނަށް ވެސް އިތުބާރު ކުރެވޭ ވަރުގެ އެޕްލިކޭޝަނެކެވެ.
ރިޕޯޓްތައް ބުނާގޮތުން ޓީމްސްގެ މި އާ ވާޝަނަށް ޓީމްސް 2.0 ނުވަތަ ޓީމްސް 2.1 ގެ ނަމުން ނަން ދީފައިވާއިރު، މައިކްރޮސޮފްޓްގެ އެތެރޭގައި މިހާރުވެސް ވަރަށް ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރެވެމުން އެބަދެއެވެ. މި ޕްލޭނަކީ މާޗް މަހުގެ ފަހުކޮޅު ޕަބްލިކް ޕްރިވިއުގައި މި އެޕް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށާއި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ ކުރީގެ ވާޝަނަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް