އެޕަލްގެ އަހަރީ ކޮންފަރެންސް ޖޫން މަހު ބާއްވަނީ

އަޙްމަދު ދާއޫދު 29 މާރިޗު 2023

އެޕަލްގެ އަހަރީ ކޮންފަރެންސް "ޑަބްލިޔުޑަބްލިޔުޑީސީ 2023" އަންނަ ޖޫންމަހު ބާއްވާގޮތަށް ތާވަލުކޮށްފިއެވެ.

"ޑަބްލިޔުޑަބްލިޔުޑީސީ 2023"ގެ ތާރީހުތައް ކަނޑައަޅާފައިވާއިރު، އެކުންފުނީގެ ޑިވެލޮޕަރ ކޮންފަރެންސް ކުރިއަށްދާނީ ޖޫން މަހުގެ ފަސް ވަނަ ދުވަހާއި ޖޫން މަހުގެ ނުވަ ވަނަ ދުވަހާ ދެމެދުގައެވެ. ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން ދިޔަ ނަމަވެސް ކޮންފަރެންސްގެ މައިގަނޑު ބައިތައް ބާއްވާގޮތަށް އޮތީ އޮންލައިންކޮށެވެ. އެކަމަކު އެޕަލްއާއި ހަވާލާދީ އޮންލައިން ރިޕޯޓްތައް ބުނާގޮތުގައި ޑިވެލޮޕަރުންނާއި ކިޔަވާ ކުދިންނަށް ޖޫން 5 ވަނަ ދުވަހު އެޕަލް ޕާކުގައި "ޚާއްޞަ ތަޖުރިބާއެއް" އޮންނާނެއެވެ.

މީގެ ކުރިންވެސް އެޕަލްގެ ޑަބްލިޔުޑަބްލިޔުޑީސީ 2023 ގައި އެކުންފުނިން ތަރައްޤީ ކުރަމުން އަންނަ މިކްސްޑް ރިއަލިޓީ ހެޑްސެޓް ތައާރަފްކުރާނެ ކަމަށް އަޑުތައް ފެތުރިފައިވާއިރު، ރިއަލިޓީ ޕްރޯ ނުވަތަ ރިއަލިޓީ ވަން ގެ ނަމުން ނަންދެވިފައިވާ މި ޑިވައިސް އަކީ އެމް2 ޗިޕަކާއި ޑުއަލް 4ކޭ ޑިސްޕްލޭތަކާއި އެޑްވާންސް ބޮޑީ ޓްރެކިން އަދި ކޮންޓްރޯލަރެއް ހިމެނޭ ސްޓެންޑް އަލޯން ޑިވައިސްއެއް ކަމަށް ބެލެވެއެވެ.

މި ޓެކްނޮލޮޖީގައި ބޭނުންކުރާނީ އަތުގެ އިޝާރާތްތަކާއި ސިރީ ކޮމާންޑްތައް ކަމަށާއި، މި ހާޑްވެއާ އަމާޒުކޮށްފައި ވަނީ ޑިވެލޮޕަރުންނާއި ޕްރޮފެޝަނަލްސް އަށް ކަމަށް ވެދާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި ސިއްހީ ފީޗާސްތަކާއި ފޭސްޓައިމް ކޯލްތަކުގައި ފުލް ބޮޑީ އަވަޓަރުތަކާއި އައިފޯން އަދި އައިޕެޑްގެ ގިނަ ފީޗާތައްވެސް މި ވަރޝަންގައި ހިމެނިދާނެއެވެ.

ޑަބްލިޔުޑަބްލިޔުޑީސީ 2023 ގައި އެޕަލްއިން ކުރާނެ އެހެން އިއުލާންތަކަކީ އަޅުގަނޑުމެން މި ހީކުރާވަރަށް ވުރެ ގިނަ އިއުލާންތަކަކަށް ވެދާނެ އެވެ. އެހެނީ އައިއޯއެސް 17، މެކްއޯއެސް 14 އަދި ވޮޗްއޯއެސް 10 ގެ ޕްރިވިއުތަކާއި އެހެނިހެން ޕްލެޓްފޯމް އަޕްޑޭޓްތައް ފެންނާނެކަން ގާތްގަނޑަކަށް ތަޖްރިބާ ކާރުންވަނީ ޔަގީން ކޮށްފައެވެ. އަދި ސާވިސް އަޕްޑޭޓްތައް ވެސް ހުރެދާނެ ކަމަށް ބެލެވޭއިރު، އެޕަލްގެ މިހާރުގެ ހާޑްވެއާ ލައިނަޕްގެ އަޕްޑޭޓްތައްވެސް ހިމެނޭނެއެވެ. އެގޮތުން ފުރަތަމަ އެމް3 އަށް ބިނާކޮށްފައިވާ ބައެއް މެކްތަކުގެ ތައާރަފްތައްވެސް ހިމެނޭނެކަން ޔަޤީނެވެ. އެހެނީ އެ ކުންފުނިން މިދިޔަ އަހަރުގެ ކޮންފަރެންސްގައި މެކްބުކް އެއާ އެމް2 ވަނީ ތަޢާރަފް ކޮށްފައެވެ.

އެޕަލްގެ ކަންކަން ހިންގާ ޢާއްމު އުޞޫލުން ކަންކަން ކުރިއަށް ދާ ކަމުގައިވާނަމަ، ޑަބްލިޔުޑަބްލިޔުޑީސީ އަށް ފަހު ވަރަށް އަވަހަށް އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްތަކުގެ ބީޓާ ވަރޝަންތައް ފެންނަން ޖެހޭނެއެވެ.

އެޕަލްގެ އަހަރީ ކޮންފަރެންސް ޑަބްލިޔުޑަބްލިޔުޑީސީ އަކީ ގިނަ ދިވެހިންވެސް މިހާރު އެކަމަކަށް އިންތިޒާރު ކުރަމުން އަންނަ ޝައުޤުވެރި އިވެންޓެކެވެ. ޚާއްޞަކޮށް ޒުވާނުންގެ ފޯނުތަކާއި، ޑިވައިސްތައް އަހަރުން އަހަރަށް ބަދަލު ކުރަމުން އަންނައިރު މިއިވެންޓަށް ބަރޯސާވަން ޖެހެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.