އެންކްރިޕްޓެޑް މެސެޖިން އެޕްލިކޭޝަންތައް އެއްފަހަރާ ގިނަ އަދަދަކަށް މަނާކުރި ފުރަތަމަ ޑިމޮކްރަސީއަށް އިންޑިޔާ ވެއްޖެއެވެ.
އިންޑިއާއިން މި އެޕްލިކޭޝަންތައް މަނާކުރީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެ އެޕްތައް މަނާކުރީ "ޓެރަރިސްޓުން" އެފަދަ އެޕްތައް ބޭނުންކުރާތީ ރައްކާތެރި ކަމުގެ ގޮތުން ކަމަށް އިންޑިއާއިން ބުނެއެވެ.
ގައުމީ ސަލާމަތަށްޓަކައި ކަމަށްބުނެ ވިކަރް މީ، ބްރިއާ އަދި ކްރިޕްޓައިޒާ ފަދަ މަޝްހޫރު ބައެއް އެޕްލިކޭޝަންހިމެނޭ ގޮތަށް އެންކްރިޕްޓެޑް މެސެޖިން އެޕްލިކޭޝަނެއް މަނާކުރުމަށް ހަރުކަށި ފިޔަވަޅެއް އަޅާފައިވާއިރު، ސަރުކާރުން ބުނަނީ މި އެޕްލިކޭޝަންތައް ޓެރަރިސްޓުންނާއި ހޭންޑްލަރުން ބޭނުންކުރަނީ މުއާމަލާތްކޮށް ހަމަލާތައް ރޭވުމަށެވެ.
ހާއްސަކޮށް ކަޝްމީރުގެ ހިޔާލު ތަފާތުވެފައިވާ ސަރަހައްދުގައި އެފަދަ އެޕްތައް ބޭނުންކޮށްގެން ހަމަލާތައް ރާވަމުން އަންނަ ކަމަށް ސަރުކާރުން ތުހުމަތު ކުރެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ރައްކާތެރި އަދި ޕްރައިވެޓް ކޮމިއުނިކޭޝަނަށް މި އެޕްލިކޭޝަންތަކަށް ބަރޯސާވާ އިންޑިއާގެ އެތައް މިލިއަން ބައެއްގެ ޕްރައިވެސީ އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފަ އެވެ.
މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ (އެމްއީއައިޓީވައި) އިން މި ފިޔަވަޅު އެޅީ ކަޝްމީރުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް ކަމަށް ބުނެ ހޯމް މިނިސްޓްރީގެ ލަފާގެ މަތިންނެވެ. އަދި މި އެޕްލިކޭޝަންތަކުގެ ހަރަކާތްތަކަށް ޖަވާބުދާރީވެވޭނެ އެއްވެސް މަންދޫބެއް އިންޑިއާގައި ނެތް ކަމަށް ވެސް އެމްއެޗްއޭ އިން ތުހުމަތު ކުރެ އެވެ.
މި މަނާކުރުމަށް އަމަލުކުރަން 1 މެއި 2023 ގައި ފަށާފައިވާއިރު، މި އެޕްލިކޭޝަންތަކަށް ވަނުމަށް މަސައްކަތްކުރާ ފަރާތްތަކަށް މަރުހަބާ ކިޔަނީ ސަރުކާރުން ބްލޮކްކޮށްފައިވާ ކަމަށް ބުނެ އަންނަ މެސެޖެކެވެ.
މި ނިންމުމާ ގުޅިގެން މަދަނީ ޖަމިއްޔާތަކާއި ޑިޖިޓަލް ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ޕްރައިވެސީއަށް ވަކާލާތުކުރާ ފަރާތްތަކުގެ މެދުގައި ނުރުހުން އުފެދިފައިވާއިރު، އެ ފަރާތްތަކުން ބުނަމުން ދަނީ އެ މަނާކުރުމަކީ ގާނޫނު އަސާސީއާ ހިލާފު، ނާޖާއިޒު އަދި ޚުދުމުޚުތާރު ކަމެއް ކަމަށެވެ.
އެންކްރިޕްޓެޑް މެސެޖިން އެޕްލިކޭޝަންތައް މަނާކުރުމަކީ އިންޑިއާގެ ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ކަށަވަރުކޮށްދީފައިވާ ޕްރައިވެސީގެ އަސާސީ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށް އެ މީހުން ފާހަގަކުރެ އެވެ. އަދި އެ މަނާކުރުމަކީ އިންޑިއާގެ ގާނޫނު އަސާސީގެ 19 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އުނިކަން ލިބޭ ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
މީގެ އިތުރުން އެންކްރިޕްޝަން އާއި ޕީއާ-ޓު-ޕީއާ (ޕީޓޫޕީ) ޓެކްނޮލޮޖީ މަސައްކަތް ކުރާ ގޮތާ މެދު އޮޅުން އަރާތީ، މަނާ ކުރުމުގެ ލޮޖިކާއި ފީސިބިލިޓީއާ މެދު ވެސް އެ މީހުން ސުވާލު އުފައްދަ އެވެ.
އެންކްރިޕްޝަން އަކީ ހަމައެކަނި ބޭނުންވާ ފަރާތްތަކަށް ކިޔޭނެ ގޮތަށް ސްކްރެމްބްލިން ޑޭޓާ ގެނައުމުގެ މަރުހަލާއެއް ކަމަށްވާއިރު، ޕީޓޫޕީ އަކީ ސެންޓްރަލް ސާވާއަކަށް ބަރޯސާ ނުވެ ސީދާ ޑިވައިސްތައް ގުޅާލެވޭ މެތަޑެކެވެ.
މި ފީޗާތަކުގެ ސަބަބުން އެންކްރިޕްޓެޑް މެސެޖިން އެޕްލިކޭޝަންތަކަކީ ކޮންވެންޝަނަލް އެޕްލިކޭޝަންތަކަށް ވުރެ ރައްކާތެރި އަދި ރެޒިލިއަންޓް އެޕްލިކޭޝަންތަކަކަށް ހަދައި، ތިން ވަނަ ފަރާތަކަށް ޑޭޓާ އަށް ވަނުމަށް ނުވަތަ އޮޅުވާލުމަށް ހުރަސް އަޅާ އެޕްތަކެކެވެ. އަދި އެންކްރިޕްޝަން ކީ ނުވަތަ މެޓާޑޭޓާ އަށް އެކްސެސް ނުލިބޭތީ، އެޕް ޑިވެލޮޕަރުންނަށް ނުވަތަ ޕްރޮވައިޑަރުންނަށް މެސެޖުތައް އުފެދޭ ފަރާތްތައް ނުވަތަ ރިސީވަރުން ދެނެގަތުމަކީ ނުވަތަ ޓްރޭސް ކުރުމަކީ ވެސް ނާދިރު ކަމެކެވެ.
އެހެންކަމުން މި އެޕްލިކޭޝަންތައް މަނާކުރުމުން ޓެރަރިސްޓުންނަށް މުއާމަލާތް ކުރުން ނުވަތަ އެނޫން ގޮތްތަކެއް ހޯދުން ހުއްޓައެއް ނުލެވޭނެ ކަމަށާއި އޭގެ ސަބަބުން ގެއްލުން ވާނީ ގާނޫނީ ތަރަހައިގެ ތެރޭގައި ތިބި އާދައިގެ ރައްޔިތުންނަށް އެކަންޏެވެ.
އޯޕަން ސޯސް ބޭނުންކުރާ ފަރާތްތަކާއި ޑިވެލޮޕަރުންގެ ޖަމިއްޔާއެއް ކަމަށްވާ ފްރީ ސޮފްޓްވެއާ ކޮމިއުނިޓީ އޮފް އިންޑިއާ (އެފްއެސްސީއައި) އިން ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކުން އެ މީހުންގެ މަގްސަދު ފުއްދުމަށް ބޭނުން ކުރެވޭނެ ގިނަ އެނޮނިމަސް އޯލްޓަނޭޓިވް އެޕްލިކޭޝަންތަކެއް ހުރުމުން އެ މަގްސަދު ހާސިލް ނުވާނެ ކަމަށެވެ.
އެންކްރިޕްޓެޑް މެސެޖިން އެޕްލިކޭޝަންތައް މަނާކުރަން ނުވަތަ ރެގިއުލޭޓް ކުރަން މަސައްކަތް ކުރި ފުރަތަމަ ގައުމަކީ އިންޑިއާ ނޫން ނަމަވެސް ޔަގީނުން ވެސް އެއީ އެންމެ ބޮޑު އަދި އެންމެ ޑިމޮކްރެޓިކް އެއް ގައުމެވެ. މިފަދަ ފިޔަވަޅުތައް އަޅާފައިވާ އެހެން ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ، އީރާން، ތުރުކީ އަދި ޕާކިސްތާން ހިމެނެ އެވެ.
އެމީހުންގެ ފިޔަވަޅުތަކަށް ތަބާވެ، އެޅި މި ނާތަހުޒީބު ފިޔަވަޅުގެ ސަބަބުން ހަރުދަނާ ޑިމޮކްރަސީއެއްގެ ގޮތުގައި އަދި ޑިޖިޓަލް ސްޕޭސްގައި ލީޑަރެއްގެ ގޮތުގައި އިންޑިޔާގެ ޝަރަފު ގެއްލުމުގެ ބިރު އެބައޮތެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނުތަކާއި މިންގަނޑުތަކުގެ ދަށުން އިންޑިއާގެ އަމިއްލަ ވައުދުތަކާއި ވާޖިބުތައް ކަމަށްވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫޑީއެޗްއާރު) އާއި އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) އަދި ޔޫއެން ގައިޑިން ޕްރިންސިޕަލްސް އޮން ބިޒްނަސް އެންޑް ހިއުމަން ރައިޓްސް (ޔޫއެންޖީޕީ) ފަދަ ކަންކަމާ ވެސް މި ފިޔަވަޅު ފުށުއަރައެވެ.
އިންސާނީ ކަރާމާތާއި ޑިމޮކްރަސީއަށް ޓަކައި ޕްރައިވެސީ އާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި މި ވަސީލަތްތަކުން ބަލައިގަނެ ރައްކާތެރިކޮށްދެއެވެ. އަދި ދައުލަތްތަކާއި ވިޔަފާރިތަކުން މި ހައްގުތަކަށް އިހުތިރާމްކޮށް، އެއްވެސް ހުރަހެއް ނުވަތަ ގަވާއިދެއް ގެނައުމަކީ ކޮންމެހެން ކުރަން ޖެހޭ، ހަމަހަމަ އަދި ދެފުށް ފެންނަ އުސޫލަކަށް ހެދުމަށް ވެސް އެ ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.
އިންޑިޔާއިން އެންކްރިޕްޓެޑް މެސެޖިންގ އެޕްލިކޭޝަންތައް މަނާކުރުމަށް ނިންމި ނިންމުން އަލުން މުރާޖަޢާކޮށް، އޭގެ ބަދަލުގައި މަދަނީ ޖަމްޢިއްޔާތަކާއި، ޢިލްމީ ދާއިރާއާއި، ޞިނާޢަތާއި، ބައިނަލްއަޤްވާމީ މާހިރުން ހިމެނޭގޮތަށް ހުރިހާ ފަރާތްތަކާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކޮށް، އެޤައުމުގެ ދުސްތޫރީ އަސާސްތަކާއި ޑިމޮކްރެޓިކް އުޞޫލުތަކަށް އުނިކަމެއް ނާންނަގޮތަށް، އެޤައުމުގެ ސަލާމަތީ ކަންކަމަށް ޙައްލު ހޯދޭނެ ބެލެންސް ޙައްލެއް ހޯދަންޖެހެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.