އިންސާނުންގެ ސަބަބުން ތިމާވަށްޓަށް ވަރަށް ގިނަ ގެއްލުންތަކެއްކުރެއެވެ. މިގޮތުން، ދަތުރުފަތުރުކުރުމުގެ ނިޒާމުން އެތަކެއް ޓަނުގެ ކާބަންޑައިއޮކްސައިޑުނެރެ ވަރަށް ބޮޑުހަކަތައެއް ބޭނުންކުރަމުންދެއެވެ. މިކަމުން ދަތުރުފަތުރުކުރުމުގެ ނިޒާމުން ތިމާވަށްޓަށް ކުރާގެއްލުން ކުޑަކޮށް، ސާފުހަކަތަ އެފެއްދުމަށްޓަކައި ޖަރުމަންވިލާތުން ސޯލާބައިކު މަގެއް އިފްތިތާހުކޮށްފިއެވެ. ޖަރުމަންވިލާތުގެ ފްރައިބޭގު ކިޔާއަވަށުން އިފްތިތާހު ކޮށްފައިވާ މިމަގަކީ ޖަރުމަންވިލާތުގެ އެންމެ ފުރަތަމަ ސޯލާ ހަކަތަނަގާ ބައިކް ޕާތެވެ.
މި ބައިކު ޕާތު އިންސްޓޯލް ކޮށްފައިވަނީ ގްރީން އެނާޖީ ކުންފުނި "ބަޑެނޯވާ" އިން ފްރައިބަރގް ސިޓީ އާއި "ފްރައުންހޮފަރ އިންސްޓިޓިއުޓް ފޯރ ސޯލަރ އެނާޖީ ސިސްޓަމްސް" އާ ގުޅިގެންނެވެ. މި ބައިކު ޕާތު އުފެއްދުމުގައި ސޮލާ ހަކަތަޔާބެހޭ ތަކެތި އުފައްދާ އަދި ބަލަހައްޓާ ބައިވަރު ޖަރުމަމްވިލާތުގެ ކުންފުނިތަކެއްގެ އުފެއްދުންތަކެއް ހިމެނުނެވެ. މިގޮތުން "ސޯލާވޮޓް" އިން އުފައްދާފައިވާ ޓްރާންސްލޫސެންޓް ސޯލާ މޮޑިއުލްގެ 912ބިއްލޫރި މޮޑިއުލް ބޭނުންކޮށްފައިވެއެވެ. އަދި މި ޕެނަލްތައް މައުންޓުކުރުމަށް ފްރައިބޭގުގެ ކުންފުންޔެއް ކަމަށްވާ "ކްލިކްކޮން" ބޭނުންކުރެއްވިއެވެ. މިއިންސްޓޮލޭޝަނުން ޖުމްލަގޮތެއްގައި 287 kW ސާފުހަކަތަ އުފައްދައެވެ.
މީގެ ކުރިން ނެތަރލޭންޑްސްގަޔާއި ޕޮލެންޑުގައި ވަނީ މިފަދަ ބައިކު ޕާތުތަކެއް އިފްތިތާހުކޮށްފައެވެ. އަދި ފްރައިބޭގުގެ ފުޓުބޯޅަދަނޑުގައިވެސް ވަނީ މީގެ ކުރިން ސޯލާ ޕެނަލް ހަރުކޮށްފައެވެ. މުސްތަގުބަލުގައި ސާފުހަކަތަ ހާވެސްޓުކުރާ ބައިވަތު އެހެން އިންސްޓޮލޭޝަންރައް އާންމު ވުމަކީ އެކަށީގެންވާ ކަމެކެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.