ދިވެހިރާއްޖޭގެ ފުރަތަމަ އިންޓަރނެޓް ގަވަރނަންސް ފޯރަމް ބާއްވަނީ

ހުސެއިން އާރިފް 08 ޖޫން 2023

ދިވެހިރާއްޖޭގެ ފުރަތަމަ އިންޓަރނެޓް ގަވަރނެންސް ފޯރަމް ޖޫން 16 އަދި 17 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފޯރަމްގެ ސެޝަންތައް ބޭއްވުމައް ހަމަޖެހިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެއިން ކެމްޕަސް ގައެވެ. މީގެއިތުރުން، އޮންލައިންކޮށް ސެޝަންތަކުގައި ބައިވެރިވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް އިންޓަރނެޓް ގަވަރނެންސް ފޯރަމްއަކީ އިންޓަރނެޓް ހިންގުމާއި އިންޓަރނެޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން އެކި ފަންތީގެ މީހުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަގްސަދުގައި ބާއްވާ ފޯރަމްއެކެވެ. މި ފޯރަމް މެދުވެރިކޮށް އެކި ފަންނުތަކުގެ މީހުންގެ ޚިޔާލު ބަދަލަކޮށް އެކުގައި މަސައްކަތްކުރުމާއި އައު ޚިޔާލާއި އީޖާދު ކުރުމަށް މަޝްވަރާކުރާނެ ފުރުސަތު ލިބޭނެއެވެ. އެކި ގައުމުތަކުގައި މި ފޯރަމް ބާއްވަނީ ގްލޯބަލް އިންޓަރނެޓް ގަވަރނެންސް ފޯރަމްގެ އިރުޝާދުގެ ދަށުން އެގައުމަކަށް ޚާއްސަ އެކި ދާއިރާތައް ހިމެނޭހެން އެކުލަވާލެވިފައިވާ ޓީމަކުންނެވެ.

"މޯލްޑިވްސް އައި.ޖީ.އެފް 2023" ގެ ތީމް ތަކަކީ:

1. ޑިޖިޓަލް ޑިވައިޑް ކުޑަކުރުން: އިންޓަރނެޓުން ގެނުވާ ބައިބައިވުން ކުޑަކުރުމާއި, އިންޓަރނެޓްގެ އަގާއި އިންޓަރނެޓް ލިބޭ ހިސާބުތަކާއި މިންވަރު އަދި ޑިޖިޓަލް ޑިވައިޑް ކުޑަކޮށް އިންޓަރނެޓަކީ އެންމެންނަށް ހަމަހަމަ އެއްޗަކަށް ހެދުމަށް މަސައްކަތްކުރުން

2. ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ފްރީޑަމް އޮފް އެކްސްޕްރެޝަން: އިންޓަރނެޓް ކަނޑާލުމާއި ސެންސަރު ކުރުމާއި ދޮގު މައުލޫމާތު ފެތުރުމާއި ގުޅޭ މައްސަލަތަކާއި ވަކި ޖިންސަކަށް އަމާޒުކޮށްގެން އޮންލައިންކޮށް ކުރާ ފުރައްސާރަތައް ހުއްޓުވުމާއި ހުރިހާ އެންމެންނަށްވެސް ބައިވެރި ވެވޭ ރައްކާތެރި އެއްޗެއްގެ ގޮތުގައި އިންޓަރނެޓް ހެދުން.

3. ޑޭޓާ އަދި މައުލޫމާތު ބެލެހެއްޓުމާއި ގެންގުޅުން ހަރުދަނާކުރުން: އަމިއްލަ ފަރުދުންނާއި ޖަމާއަތްތަކުން އެބައެއްގެ ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ޑޭޓާ ގަވަނަންސް, އޯޕެން ޑޭޓާ އަދި މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ގެންގުޅުމާއި ސުލޫކީ މިންގަޑުގައި ހިފެހެއްޓުން

4. އީޖާދީ އައު ޓެކްނޮޮލޮޖީތައް: އާރޓިފިޝަލް އިންޓެލިޖެންސް,ސްމާރޓްސިޓީ, ކްލައުޑް ޓެކްނޮލޮޖީސް, އަދި ބްލޮކް ޗެއިން ފަދަ އިމާރޖިން ޓެކްނޮލޮޖީތަކުގެ ބޭނުންކޮށްގެން މުޖުތަމައު އަށް ރައްކާތެރި ގޮތެއްގައި ފައިދާ ހޯދުން.

5. ޑިޖިޓަލް އިކޮނޮމީއަކަށް ބިނާ ކުރުމަށް ޖާގަދިނުން: ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާވާ އިގްތިސާދެއް ބިނާކުރުމާއި ޑިޖިޓަލް އައިޑެންޓިޓީ, ޕޭމެންޓް ސިސްޓަމް އަދި ފިންޓެކްގެ ދާއިރާއާއި ރިސާރޗުކުރުމާއި ވިޔަފާރިކުރުމާއި އައު އީޖާދުތައް އުފެއްދުން.

6. ސައިބަރ ވެށީގެ ރައްކާތެރިކަމާއި ރެސިލިއެންސް: ޕްރައިވެޓް ސެކްޓަރ އާއި ސަރުކާރު ގުޅިގެން އޮންލައިންކޮށް ރައްކާތެރި ވުމާއި, މެލްވެއަރ ތްރެޓްސް , ރެންސަމްވެއަރ , ސްކޭމް ތަކުން ރައްކާތެރިވުން

މޯލްޑިވްސް އިންޓަނެޓް ގަވަރނަންސް ފޯރަމް (އައިޖީއެފް) ގައި ސެޝަންތައް ބާއްވަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިފޯރަމްގެ ސެޝަންތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ލިންކު: https://airtable.com/shrWQD6SyIrNUd3jp

ތަފާތު ދާއިރާތައް ތަމްސީލުކުރާ އެކްޒެކެޓިވް ކޮމިޓީއަކާއި އެޑްވައިޒަރީ ކޮމިޓީއަކުން އިސްނަގައިގެން ހިންގާ މޯލްޑިވްސް އިންޓަނެޓް ގަވަރނަންސް ފޯރަމް (އައިޖީއެފް) މިއަހަރު ބާއްވަނީ ވިމެން އިން ޓެކް މޯލްޑިވްސް އިންނެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ވެބްސައިޓް: https://maldives.intgovforum.org/en

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.