މާކެޓިންގެ ދާއިރާއަށް އައިސްފައިވާ އިންޤިލާބު

ޝުޖާޢަތު ރަޝީދު 11 ޖޫން 2023

ކޮންމެ ދާއިރާއެކޭ އެއްފަދައިން، މާކެޓިންގެ ދާއިރާއަށްވެސް ޓެކްނިކަލް ރޮނގުން ބަލާއިރު ވަރަށް ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައެވެ. މިއައި ބަދަލުތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ މި ދާއިރާއަށް އައިސްފައިވާ ކްލައުޑް ޓެކްނޮލޮޖީގެ އިންޤިލާބެވެ.

ކުރިންސުރެން ބޭނުންކުރަމުން އައި މާކެޓިންގެ އުކުޅުތައް ކަމުގައިވާ ޕްރިންޓް ކޮށްފައިވާ އިޝްތިހާރާއި، މެއިލް އަދި ރޭޑިއޯ އިޝްތިހާރަކީ އަދިވެސް ބޭނުންކުރެވެމުން އަންނަ މީޑިއަމްތަކެވެ. މިއީ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި އަދިވެސް މަޝްހޫރު ގޮތްތަކެކެވެ.

މިހާރުގެ މާކެޓިންގެ އުކުޅުތަކައް ބަލާލާއިރު، ޑިޖިޓަލް މާކެޓިން އިނިޝިއޭޓިވްތަކާއި ސްޓްރެޓެޖީތަކުގެ އެހީގައި ކުންފުނިތަކުން ތަންކޮޅެއް ބޮޑު އޯޑިއަންސަކަށް ޓާގެޓު ކުރާކަން ފާހަގަވެއެވެ. ކްލައުޑް ކޮމްޕިއުޓިންއިން މާކެޓިން ދާއިރާއަށް ނުހަނު ބޭނުންތެރި ފީޗާތަކެއް ވަނީ ފޯރުކޮށްދީފައެވެ.

މީގެތެރެއިން ފާހަގަކޮށްލެވެނީ ޑޭޓާ އެނަލެޓިކްސްއިން އާޓިފިޝަލް އިންޓަލިޖަންސް (އޭ.އައި) މެޝިން ލާނިން (އެމް.އެލް) ޓެކްނޮލޮޖީތަކުން މާކެޓިން އޮޕަރޭޝަންތަކަށް އެހީ ލިބި، ޙަރަދު ކުޑަކޮށް ކަސްޓަމަރުންނަށް ހާއްސަކޮށް ޓާގެޓްކޮށްގެން މާކެޓް ކުރެވޭކަމެވެ.

ޑޭޓާ އެނެލަޓިކްސް އާއި އިންސައިޓްތައް

ޑޭޓާއަކީ މިހާރު ޓެކްނިކަލް ދުނިޔޭގައި ވަރަށް އަގުހުރި އެއްޗެއްކަން ޔަޤީނެވެ. ރަނގަޅަށް ބަލަހައްޓައި އަދި އަޕްޑޭޓް ކުރެވިފައި ހުންނަ ޑޭޓާއިން ކަސްޓަމަރުންނާއި ގުޅުން ހުރި މަޢުލޫމާތު މާކެޓިންއަށް ބޭނުންކުރަން ފައިދާ ކުރެއެވެ. އެހެންކަމުން، ކްލައުޑް ކޮމްޕިއުޓިންގެ ޒަރިއްޔާއިން މާކެޓް ކުރާ މީހުންނަށް ކަސްޓަމަރުންނާއި ގުޅުން ހުރި މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީ ޑިޖިޓަލް މާކެޓިންއަށް އެހީވެދެއެވެ. މި ޑޭޓާއާއި މުހިންމު މަޢުލޫމާތުގެ އެހީގައި ކަސްޓަމަރުންގެ އެކްސްޕީރިއަންސް އިތުރަށް ރަނގަޅުކޮށް ކަސްޓަމަރ ލޯޔަލްޓީ އިތުރުކޮށްދޭން މަގުފަހިކޮށްދެއެވެ.

އެކިކަހަލަ ނިންމުންތައް ނިންމުމަށް މިފަދަ ޓޫލްތަކުން އެނަލެޓިކްސް ދައްކައި ޑިޖިޓަލް ކެމްޕެއިން ކުރުމަށްވެސް މަޢުލޫމާތު ފޯރުކޮށްދެއެވެ. އެހެންކަމުން ކަސްޓަމަރ އާރު.އޯ.އައި އިތުރުވެއެވެ.

މާކެޓިން އެފިޝަންސީ ވަރުގަދަކޮށް ކޮލަބޮރޭޝަން ޕްރޮމޯޓް ކުރުން

މާކެޓިން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކީގައި މަސައްކަތްކުރުމަށް އެތަކެއް އެޕްތަކާއި ޕްލެޓްފޯމްތައް ހުރުމުން މިއީ ވަރަށް ފަސޭހަކަމަކަށް ވެގެންދެއެވެ.

މިސާލަކަށް ގޫގަލް ޑޮކްސް ނުވަތަ ކެންވާ ފަދަ ޕްލެޓްފޯމްތަކުގެ އެހީގައި މާކެޓިން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކުގައި ލިޔެކިޔުންތައް ތައްޔާރުކޮށް، ކްލައުޑްގައި މަސައްކަތްކޮށްލެވެއެވެ.

ކްލައުޑް ބޭސްޑް ސޮލިއުޝަންތަކާއި އޭ.އައި / އެމް.އެލް އިންޓަގްރޭޝަންތައް

މި ވަސީލަތްތަކުގެ ބޭރުން، އޭ.އައި އަދި އެމް.އެލް (މެޝިން ލާނިން) ފަދަ އާ ޓެކްނޮލޮޖީތައް ކްލައުޑް ބޭސްޑް މާކެޓިން ޕްލެޓްފޯމްތަކުގެ ތެރެއަށް އިންޓަގްރޭޓްކުރެވި، މާކެޓަރުންނަށް ތަކުރާރުކޮށް ކުރާ މަސައްކަތްތައް އޮޓޮމޭޓްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް، މިހާރަށްވުރެ ޒަމާނީ އަދި ޕާސަނަލައިޒްޑް ޑިޖިޓަލް ކެމްޕޭންތައް އުފެއްދުމަށް ބާރު ލިބިގެންދެއެވެ.

ހަގީގަތުގައި ކްލައުޑް ކޮމްޕިއުޓިން އާއި އޭ.އައި ބޭނުންކޮށްގެން މެނުއަލް އަދި އެކަހެރި (އެކަމަކު ޒަރޫރީ) ޕްރޮސެސްތައް އޮޓޮމޭޓް ކޮށްގެން މާކެޓަރުންނަށް ކަސްޓަމަރުންނާ ގުޅުން ބަދަހިކުރުމާއި މައްސަލަ ހައްލުކުރުން ފަދަ އަގުހުރި މަގްސަދުތަކަށް ސަމާލުކަން ދިނުމަށް އިތުރު ވަގުތު ލިބޭނެ އެވެ.

އޭ.އައި ގެ ސަބަބުން ކަސްޓަމަރުންގެ ގޮތްތައް ދެނެގަނެ، ކަސްޓަމަރުންގެ ޑޭޓާއިން އިންސައިޓްތައް އިންސާނުންނަށް ވުރެ މާ އަވަހަށް ނެގި މާކެޓްކުރާ ފަރާތްތަކަށް ޑިޖިޓަލް ކެމްޕެއިންތައް ކާމިޔާބު ކަމާއެކު ހިންގާލެވެއެވެ.

މީގެ އިތުރުން މާކެޓިން ދާއިރާގައި މެޝިންލާނިން ސޮފްޓްވެއާ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ކުރީގައި ހިންގާފައި ހުރި ޓްރެއިނިންގެ ޑޭޓާތައް ބެލުމަށްފަހު މާކެޓިންކުރާ އުކުޅުތައް ބަދަލުކުރުމަށް މަސައްކަތް ކުރެއެވެ.

މިފަދަ ޕްލެޓްފޯމްތައް ބޭނުންކުރަނީ ސޯޝަލް މީޑިއާ މާކެޓިންއަށާއި، ކޮންޓެންޓް މާކެޓިންއަށާއި، އީމެއިލް މާކެޓިންއަށް އަދި އެނަލެޓިކްސްއަށެވެ.

ކްލައުޑް ކޮމްޕިއުޓިންގައި މި ދާއިރާއަށް ހުރި އުނދަގޫތައް

މާކެޓިން ދާއިރާއަށް ކްލައުޑް ކޮމްޕިއުޓިންއިން ފައިދާތަކެއް ހުއްޓަސް، ފާހަގަވާ އުނދަގޫތަކެއްވެސް އެބަހުއްޓެވެ. މީގެތެރެއިން ފާހަގަކޮށްލެވެނީ ޑޭޓާ ޕްރައިވެސީއާއި ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ކްލައުޑްގައި ބަހައްޓަން ޖެހުން ފާހަގަކުރެވެއެވެ.

މަޢުލޫމާތުގެ ސެކިއުރިޓީއަށް ބަލާލާއިރު މިފަދަ މަޢުލޫމާތުގެ ރައްކާތެރިކަން މިފަދަ ޕްލެޓްފޯމްތަކުގައި ގިނަފަހަރަށް ގެއްލެނީ އެ ޕްލެޓްފޯމްގައި ހުންނަ މައްސަލަތަކަށް ވުރެން ބޮޑަށް މަޢުލޫމާތު މެނޭޖްކުރާގޮތް ނުރަނގަޅު ކަމުންނާއި ރަނގަޅު ސްޓޭންޑަޑްތައް ބޭނުން ނުކުރާތީވެއެވެ.

މިފަދަ މަޢުލޫމާތުތައް މެނޭޖްކޮށް ކްލައުޑް ޕްލެޓްފޯމްތަކުގައި ބެހެއްޓެންވާނީ އެންމެ ރަނގަޅު އިންފޯމޭޝަން ސެކިއުރިޓީ އިންފްރާސްޓްރަކްޗަރތައް ބެހެއްޓި އަދި ޑޭޓާ ރިކަވަރީއަށްވެސް މުހިންމު ކަމެއްދީގެންނެވެ.

ޑިޖިޓަލް މާކެޓިންއަށް ކްލައުޑް ބޭސްޑް ޓޫލްތައް ވަރަށް މުހިންމު

ކްލައުޑްއަށް އިންޤިލާބު ހަލުވިވަމުން އަންނަ ވަރަކަށް، އިތުރު ޑިޖިޓަލް މާކެޓަރުން ކްލައުޑް ބޭސްޑް ޓޫލްސްގެ ބޭނުން ހިފައި، އޭ.އައި އަދި އެމް.އެލް ފަދަ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތައް އިންޓަގްރޭޓްކޮށް، އެ މީހުންގެ ކެމްޕެއިންތަކުގެ އަސަރު ރަނގަޅުކޮށް، ޕާސަނަލައިޒްޑް ކަސްޓަމަރުންގެ ތަޖުރިބާތައް ފޯރުކޮށްދީ، ހަރަދުތައް ކުޑަކުރަމުން ގެންދާނެ އެވެ.

ޑޭޓާ އާއި އެނަލިޓިކްސް އަށް ފަސޭހައިން އެކްސެސް ވިޔަސް ނުވަތަ އެންހޭންސްޑް ކޯލަބްރޭޝަނަކަށް ވިޔަސް ކްލައުޑް ކޮމްޕިއުޓިން އަކީ މިއަދުގެ ޑިޖިޓަލް ނެޓިވް ކަސްޓަމަރުންގެ ސަމާލުކަމަށް ވާދަކުރަން ބޭނުންވާ ކޮންމެ މާކެޓަރަކަށް ވެސް އަސާސީ ޓެކްނޮލޮޖީއަކަށް މިވަނީ ވެފައެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.