ދިރާސާތަކުން ދައްކާ ގޮތުގައި ސެކަންޑަރީ ސްކޫލް ދަރިވަރުންގެ މެދުގައި އައިޓީ ދާއިރާގެ ވަޒީފާތަކާމެދު ޝައުގުވެރިކަމެއް ނެތެވެ. މިހެން މިވަނީ ކީއްވެ؟ އަދި އެކަން ބަދަލު ކުރުމަށް އަހަރުމެންނަށް ކުރެވޭނީ ކޮން ކަމެއް؟
މިދެއްނެވުނީ އަޔަރލެންޑްގައި ހަދާފައިވާ ދިރާސާއެއްގެ ވާހަކައެކެވެ. އަޔަރލެންޑަކީ ޓެކްނޮލޮޖީ ދާއިރާގައި ދުނިޔޭގެ ނިސްބަތުން ކުރީގައި އުޅޭ ގައުމެކެވެ. މީގެ އެއް ހެއްކަކީ ޓެކްނޮލޮޖީ ދާއިރާގައި ނަން ހިނގާ ބައިނަލްއަގްވާމީ ކުންފުނިތައް އަޔަރލެންޑާއި ދިމާލަށް މިސްރާބު ހިފާފައި ހުރީމައެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ 10 ކުންފުނިތަކުގެ ތެރެއިން 8 ކުންފުންޏެއް މިހާރު ދަނީ އަޔަރލެންޑްގައި އޮފީސްތައް ގާއިމްކޮށް ހިންގަމުންނެވެ.
ކެރިއަރެއްގެ ގޮތުގައި ޓެކްނޮލޮޖީ ދާއިރާ އަކީ ގިނަ ފައިދާތަކެއް ހިމެނޭ ދާއިރާއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިދާއިރާގެ ވަޒީފާތަކަކީ އާންމުކޮށް އާމްދަނީގެ ގޮތުގައި މަތީ އަދަދުތަކެއް ލިބޭ ވަޒީފާތަކެކެވެ. އަދި މިދާއިރާގައި އުޅޭ ގިނަބަޔަކު ފާހަގަ ކުރާ ގޮތުގައި މިއީ އަމިއްލަ ކުރިއެރުމުގެ ފުރުސަތު ގިނައިން އޮތް ދާއިރާއެކެވެ. މީގެ އިތުރުން ގިނަ ބާވަތްތަކެއްގެ އެކި މަގާމު ހިމެނޭ، އެކިއެކި މައުލޫތަކުން މައުލޫމާތު މުއްސަދިކޮށް އައު ކަންތައްތަކެއް ދަސްކުރުމަށް ވެސް ވަރަށް ރަނގަޅު ދާއިރާއެކެވެ. މިދާއިރާއަކީ ރިމޯޓްކޮށް މަސައްކަތް ކުރުމުގެ ގިނަ ފުރުސަތުތަކެއްވެސް ލިބޭ ދާއިރާއެކެވެ. އެހެންވީމާ ޒުވާންކުދިން މިދާއިރާ އިހްތިޔާރު ނުކުރާންވީ ކީއްވެ؟
މިދާއިރާގެ ވަޒީފާތަކަށް މީހުން ހޯދާ ކުންފުނިތަކުގެ މިކަމާއި ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރިއެވެ. އެއީ އެފަދަ ވަޒީފާތަކަށް މީހުން ހޯދުމަށް ދަތިވާ މައްސަލައެވެ. ފަހަކަށް އައިސް ބޮޑެތި ޓެކް ކުންފުނިތަކުން ގިނަ މީހުންތަކެއް މަދުކޮށް ވަޒީފާއިން ވަކިކުރި ހަބަރުތައް އަހަރުމެންނަށް ވަނީ ފެނިފައެވެ. އަދި އީޖާދީ އައު ޓެކްނޮލޮޖީތައް އުފައްދަމުން ދާވަރަކަށް ގިނަ ޓެކް ކުންފުނިތަކުން މިހާރު ދަނީ އެކުންފުނިތަކުގެ ބައެއް ކަންތައްތައް އޮޓޮމޭޓްކޮށް، މަސައްކަތް ކުރާ ގޮތް ބަދަލުކުރަންފަށާފައެވެ. މިބަދަލުތަކާއި އެކުގައިވެސް ޓެކްނޮލޮޖީ ދާއިރާގައި ވަޒީފާގެ ފުރުސަތުތައް ބައިވަރެވެ.
މުސްތަގުބަލުގައި ޓެކް ދާއިރާގެ ވަޒީފާތަކަށް މީހުން ހޯދުމަށް އަސަރުކުރާނޭ ޓްރެންޑްތަކެއް އަޔަރލެންޑްގައި މިހާރު ފާހަގަކުރެވެމުން އެބަދެއެވެ. އެއީ މަތީ ތައުލީމީ ލެވެލްގައި ކޮމްޕިޔުޓަރ ސައިންސް ދާއިރާއިން ކިޔަވަން ފަށާ ދަރިވަރުން ކޯސް ފުރިހަމަ ނުކޮށް ހުއްޓާލާ ޓްރެންޑެވެ. މިކަން ފާހަގަ ވެފައިވަނީ އަޔަރލެންޑްގެ ހަޔަރ އެޑިޔުކޭޝަން އޮތޯރިޓީއިން ހަދާފައިވާ ދިރާސާއަކުންނެވެ. މިދިރާސާއިން ހާމަވި ގޮތުގައި ކޮމްޕިޔުޓަރ ސައިންސް ދާއިރާއިން ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން %45 ކުދިން ކޯސް ފުރިހަމައެއް ނުކުރެއެވެ. މީގެ އިތުރުން މިމައްސަލަ އިތުރަށް ގޯސްވާނެކަމަށް ފެންނަ އަނެއް ސަބަބަކީ އަޔަރލެންޑްގައި އަންހެން ކުދިން މިދާއިރާއިން ކިޔަވާ މިންވަރު މަދުވުމެވެ.
މިއީ ހަމައެކަނި އަޔަރލެންޑްގެ މައްސަލައެއް ނޫނެވެ. މިއީ ގިނަ ގައުމުތަކުގައި މިހާރަކަށް އައިސް ފެންނަމުންދާ ޓްރެންޑެކެވެ. މިހެން ޓްރެންޑްތައް ހުރުމުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ ބެލެނިވެރިންނާއި އަދި ޓީޗަރުންނަށް މިދާއިރާއާއި ބެހޭގޮތުން ނުރަނގަޅު ހިޔާލުތަކެއް ކުދިންނަށް ދެވެނީ ހެއްޔެވެ؟ މީގެ ސަބަބުން ޓެކްނޮލޮޖީ ދާއިރާއާއި މެދު ދަރިވަރުން ޝައުގުވެރިކަން ގެއްލެނީ ހެއްޔެވެ؟ މިދާއިރާއަށް ޝައުގުވެރިކަން ކުޑަވާ ގޮތަކަށް އަހަރުމެންނަށް އަމަލު ކުރެވެނީ ހެއްޔެވެ؟ ފަހުގެ ޖެނެރޭޝަންގެ ކުދިން ޓެކްނޮލޮޖީގެ ދާއިރާތަކުގެ ވަޒީފާ ބޭނުން ނުވާ ކަމަށް ބުނަނީ ކީއްވެހެއްޔެވެ؟
އަޔަރލެންޑްގައި މިކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާއަށް ބަލާލަމާތޯއެވެ. މަތީ ސާނަވީ ލެވެލްގެ 10،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ މިދިރާސާގައި ބައެއް ބައިވެރިންގެ މެދުގައި މިދާއިރާގެ ވަޒީފާތަކާމެދު ހިޔާލުތައް ހުރީ ތިރީގައިވާ ފަދަ ގޮތަކަށެވެ.
"އަހަރެންނަށް އަޑުއިވިފައިވާ ގޮތުން ތިއީ ވަރަށް ފޫހި ދާއިރާއެއް"
"މޭޒެއް ކައިރީގައި އިށީންދެގެން މުޅި ދުވަހު އިންނަން ޖެހުމަކީ އެހާ އެކްސައިޓިންގ ކަމެއް ނޫން"
"ތިއީ އެހެން މީހުންނާއި އެކު ސޯޝަލް ނުވެވޭ، މީހުންނާއި މުއާމަލާތް ނުކުރެވޭ ވަޒީފާއެއް"
"މާގިނަ އިރު ސްކްރީނަށް ބަލަން ޖެހުމަކީ އެހާ ފައިދާ ހުރި ކަމެއް ނޫން"
"ކޮމްޕިޔުޓަރ ސްކްރީނުން ލޮލަށް ގެއްލުންވާނެ"
"އަބަދު ކޮމްޕިޔުޓަރ ކައިރީގައި އިންނަން ޖެހުނީމާ ނަފްސާނީގޮތުން އަސަރު ކުރާނެ"
މިދިރާސާގެ ބައިވެރިންގެ ޖަވާބުތައް ބަލައިލާފައި އެއް ކަމެއް އެބަ ފާހަގަވެއެވެ. އެއީ ކޮންމެވެސް ގޮތަކުން އެކުދިންނަށް ކޮމްޕިޔުޓަރުން ލިބޭނެ ގެއްލުންތަކުގެ މައުލޫމާތާއި ދާއިރާގެ ވަޒީފާތަކާއި ގުޅުވާލާފައި ވެއެވެ. މިއީ ހައިރާންވާވަރު ކަމެއް ނޫނެވެ. ހަގީގަތަކީ އަބަދު ކޮމްޕިޔުޓަރ ނުވަތަ ޑިވައިސްތައް ބޭނުން ނުކުރުމަށް އަހަރުމެންގެ ދަރިން ކައިރީގައި އަހަރުމެންވެސް ކިޔަމެވެ. މިގޮތަށް ކުދިންގެ ޖަވާބުތައް ހުންނަނީ ބެލެނިވެރިންނާއި ޓީޗަރުން މާގިނައިން އެހެން ކިޔާތީ ކަމަށް ވެދާނެ ހެއްޔެވެ؟ ކޮމްޕިޔުޓަރުން ލިބޭ ގެއްލުމުގެ ވާހަކަ ދައްކާތީ ޓެކްނޮލޮޖީ ދާއިރާއަކީ ވެސް ގެއްލުން ހުރި އާދަތަކެއް އަށަގަންނުވާ ދާއިރާއެއްކަމަށް ފެންނަނީކަމަށް ވެދާނެއެވެ.
މިދިރާސާއިން އަދި އިތުރަށް ފާހަގަވި މުހިއްމު ކަމަކީ ދިރާސާގެ ބައިވެރިވި ދަރިވަރުންނަށް ޖެނެރަލް އައިޓީ އާއި ކޮމްޕިއުޓިންއާއި ދޭތެރޭގައި ހުރި ފަރަގާއި މެދު އޮޅުން އަރާފައިވާކަމެވެ.
މިކަންކަން ހައްލުކުރުމަށް އަހަރުމެން ޖެހޭނީ އެކުދިންނަށް މިދާއިރާގެ ވަޒީފާތަކުގައި ހިމެނޭ ކަންތައްތައް ދައްކުވައިދޭށެވެ. އަދި މިދާއިރާގެ އެކި ވަޒީފާތަކުގެ މައުލޫމާތު ހޯދުމަށް ބާރު އަޅަންޖެހެއެވެ. ކޮމްޕިޔުޓަރުން ލިބޭ ގެއްލުމަކީ އަދި މިދާއިރާގެ ވަޒީފާތަކުން ލިބޭ ގެއްލުން ނޫންކަން ދައްކާ ދިނުން މުހިއްމެވެ. މިދާއިރާގެ ވަޒީފާތަކަކީ މިދާއިރާ ނޫނަސް އެހެން ދާއިރާތަކުގައި ދިމާވާ އެކިއެކި މައްސަލަތައް އިޖާދީ ގޮތްގޮތަށް ބަދަލުކުރުމަށް ކޮމްޕިޔުޓަރު ކައިރީގައި ހޭދަކުރާ ވަގުތުކަމަށާއި ޑިވައިސްތަކާއި ސޯޝަލް މީޑިޔާގައި ހޭދަކުރާ ވަގުތާއި އޭގެން ލިބޭ ގެއްލުންތަކާއި މިކަމާ މިއީ ތަފާތު ދެކަމެއްކަން ދަސްކޮށްދޭންޖެހެއެވެ. ޓެކް ދާއިރާއާއި މެދު މިގޮތަށް ދެކޭ ތަސައްވުރު ބަދަލުކުރުން މުހިއްމެވެ.
މިފަދަ ހުރަސްތައް ނައްތާލުމަށާއި ދާއިރާއާއި ބެހޭގޮތުން ދެކޭ ނުރަނގަޅު ތަސައްވަރު ބަދަލުކުރަން މަސައްކަތް ކުރުމަށް އަޔަރލެންޑްގެ ކޮމްޕިޔުޓަރ ސައިންސް އިންކްލޫސިވް ގްރޫޕުން އެކިއެކި މަސައްކަތްތައް ކުރެއެވެ. މިއީ ޓެކްނޮލޮޖިކަލް ޔުނިވަރިސިޓީ ޑަބްލިން (ޓީޔޫ ޑަބްލިން)ގެ ސްކޫލް އޮފް އެންޓަރޕްރައިސް އެންޑް ޑިޖިޓަލް ޓްރާންފޯމޭޝަންގެ ކޮމްޕިޔުޓަރ ސައިންސް ދާއިރާއިން ކިޔަވާއިދޭ ޓީޗަރުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މިގްރޫޕުން މިހާރު އެންމެ މުހިއްމު ކަމެއް ދީގެން ހިންގާ އެއް ޕްރޮގްރާމަކީ އެކި ލެވެލްގެ އަދި އެކި ބެކްގްރައުންޑްގެ ދަރިވަރުން ހިމަނައިގެން ހިންގާ އިންކްލޫސިވް ކޮމްޕިޔުޓަރ ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ މަގްސަދަކީ އެދާއިރާއަށް ކުރިން އެކްސެސް ނުވެވޭ ދަރިވަރުންނަށް ދާއިރާއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި ކޮމްޕިޔުޓަރ ސައިންސްގެ މާއްދާތަކާއި މެދު ދެކޭ ނޭދެވޭ ވިސްނުން ބަދަލުކޮށްލުމެވެ. މިގޮތުން މިޕްރޮގްރާމްގެ ޒަރީއާއިން މިހާތަނަށްވެސް 10،000 އަށް ވުރެ ގިނަ ދަރިވަރުންނަށް އަލަށް ކޮމްޕިޔުޓަރ ސައިންސް ތައާރަފް ކޮށްދީފައިވެއެވެ.
ކޮމްޕިޔުޓަރ ސަައިންސް އަދި ޓެކްނޮލޮޖީ ދާއިރާގެ ރިސޯސްތައް ގިނަ ކުދިންނަށް ލިބޭނޭގޮތް ކަށަވަރުވާ ފަދަ ސެޓަޕެއް ހެދުން މުހިއްމުކަމަށް މިގްރޫޕުން ދެކެއެވެ. އަދި ދާއިރާއާއި މެދު ކުދިން ދެކޭ ތަސައްވަރު ފުޅާކުރުމަކީ ބޭނުންތެރި ކަމެއްކަމަށް ވެސް ފާހަގަކުރެއެވެ. މިގްރޫޕުން މިހާރު ދަނީ އަޔަރލެންޑްގެ ސާނަވީ ލެވެލް ނިންމާ ކުދިންގެ ތެރެއިން ބޭނުންވާ ކުދިންނަށް ކޮމްޕިޔުޓަރ ސައިންސް މާއްދާއިން ސެޓްފިކެޓް ލެވެލް ފުރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ. ނުވަތަ ޔުނިވަރސިޓީއަށް ވަންނަ މަރުހަލާގައި ކޮމްޕިޔުޓަރ ސައިންސްގެ ފުރުސަތުތައް ފަހިކޮށްދެމުންނެވެ.
އަދި ދާދި ފަހުން މިގްރޫޕުން ވަނީ ސީއެސްލިންކް ނަމަކަށް ކިޔުނު އޮންލައިން ޕްލެޓްފޯމެއްވެސް ތައާރަފްކޮށްފައެވެ. މިއީ އަޔަރލެންޑްގެ މަތީ ސާނަވީ ސްކޫލްތަކުގެ ދަރިވަރުންނަށް ކޮމްޕިޔުޓަރ ސައިންސް މާއްދާގެ އެކި އެކި މޮޑިޔުލްތައް ފުރިހަމަ ކުރެވޭނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. އެއީ ބައިނަލް އަގްވާމީ ފެންވަރުގައި ކޮމްޕިޔުޓަރ މާއްދާތައް ދަސްކޮށް އެކިއެކި ޔުނިވަރސިޓީތަކާއި ކުންފުނިތަކުގައި ހުރި ދާއިރާއާއި ގުޅޭ ކޯސްތަކާއި ވަޒީފާތަކުގެ މައުލޫމާތު ހިމަނައިގެން ހަދާފައިވާ ޕްލެޓްފޯމެކެވެ. މިހާތަނަށް މިޕްރޮގްރާމްގައި 150 ވަށް ވުރެ ގިން ސްކޫލް ބައިވެރިވެފައިވާކަމަށް އެގްރޫޕުން މައުލޫމާތު ދެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް