އަރޓިފިޝިއަލް އިންޓެލިޖެންސް (އޭއައި) މިހާ ފުޅާވެފައިވާ ޒަމާނެއްގައި ސޮފްޓްވެއަރ ޑިވެލޮޕަރުންގެ މަސައްކަތްތައް މިހާރު ދަނީ ބަދަލުވަމަނުންނެވެ. އެހެން ދާއިރާތަކަށް އަސަރު ކުރާފަދައިން ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި އޭއައިގެ ސަަބަބުން ޕްރޮގްރާމަރުންގެ ވަޒީފާތަކަށް ނުރައްކާ ވާނެއެވެ. އެހެން ނަމަވެސް ޕޮސިޓިވް ގޮތަކަށް ބަލައިފިނަމަ މިޓެކްނޮލޮޖީއަކީ ޕްރޮގްރާމަރުންނަށް ލިބޭ އިތުރު ބާރެކެވެ.
ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައިވެސް މިފަދައިން ޕްރޮގްރާމިންގ ދާއިރާ ބަދަލުކޮށްލާނެ ކަމަށް ބުނަމުން ދިޔަ އެތަށް ޓެކްނޮލޮޖީއެއް ވަނީ ފެނިފައެވެ. ބައެއް ފަހަރު އައު ޓޫލެކެވެ. ނޫނީ ޕްރޮގްރާމް ކުރާ ގޮތަށް އައި ބޮޑު ބަދަލެކެވެ. ނޫނީ މުޅިން އައު ޓެކްނޮލޮޖީއެކެވެ. ކޮންމެ ކުރިއެރުމަކާ އެކުގައި މަސައްކަތްތައް އިތުރަށް އޮޓޮމޭޓް ކުރެވިގެން ދިޔައެވެ. މިސާލަކަށް އޮބްޖެކްޓް އޮރިއެންޓެޑް ޕްރޮގްރާމިންގ، މައިކްރޮސަރވިސަސް، ކްލައުޑް ސަރވިސަސް، ސަރވަރލެސް ކޮމްޕިޔުޓިންގ އަދި ނޯކޯޑް ނުވަތަ ލޯކޯޑް ޕްރޮގްރާމިންގ ފަދަ ބައިވަރު ކޮންސެޕްޓްތަކެއް ފެނިގެން ދިޔައެވެ. މިފަދަ ކޮންމެ އައު ކަމަކުން ޑިވެލޮޕަރުންނަށް ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަން އޮތްކަަމަށް ހަމަ ކޮންމެ ފަހަރަކުވެސް ދެކެވެއެވެ. ކޮންމެ ޓޫލަކީ ޕްރޮގްރާމަރުންގެ ވަޒީފާއަށް ގޮންޖަހާލޭނޭ ކަމަށް ބުނި ޓޫލްތަކެވެ. އެހެން ނަމަވެސް މިއިން ކޮންމެ ޓޫލްއަކީ ނުވަތަ ކޮންމެ ކަމަކީ ވެސް ޕްރޮގްރާމިންގގެ މަސައްކަތް އެތަށް ގުނައަކަށް ފަސޭހަކޮށްދިން ކަންތައްތަކެވެ.
ކްލައުޑް ސަރވިސަސް ފުރަތަމަ ތައާރަފްވެ ވައިގައި ހިފާލި ދުވަސްވަރު ހުރިހާ ކުންފުނިތަކުން އެމީހުންގެ ހިދުމަތްތައް ކްލައުޑަށް ބަދަލުކުރަން ހިފާލުމުން، ދުވަސްކޮޅަކުން އައިޓީ އިންފްރާސްޓަކްޗަރ ޕްރޮފެޝަނަލުން ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އެހެން ނަމަވެސް މިހާރު ވެސް ކްލައުޑް ސަރވިސަސްގެ މަސައްކަތްތައް ކުރަން ހަމަ އިންފްރާ މީހުންގެ ޑިމާންޑް ވަރަށް ބޮޑެވެ.
އޭއައިގެ ސަބަބުން ޕްރޮގްރާމަރުންގެ ވަޒީފާ ގެއްލޭނީ އެއް ނޫނެވެ. ވަޒީފާ އަދާ ކުރާ ގޮތް ބަދަލު ވާނީއެވެ. ފިކްސީ.އޭއައިގެ ސީއީއޯ މެޓް ވެލްޝް ބުނާގޮތުންނަމަ، މީގެ 10 އަހަރު ފަހުން ޕްރޮގްރާމިންގ ވެގެން ދާނީ މިހާރު މިކުރާ ޕްރޮގްރާމިންނާއި މުޅިން ތަފާތު އެއްޗަކަށެވެ. އައު އީޖާދީ ޓެކްނޮލޮޖީގެ ސަބަބުން އެމަސައްކަތުގެ މާނަ މުޅިން ބަދަލު ވެގެންދާނެއެވެ. ކޮމިޔުނިކޭޝަންސް އޮފް އޭސީއެމް ޖަރނަލްގައި އޭނާ ޝާއިއު ކޮށްފައިވާ އާޓިކަލްއެއްގައިވާ ފަދައިން ވަކި ކަމަކަށް ހާއްސަކުރެވޭ އެޕްލިކޭޝަން އުފެއްދުން ނޫން އެހެން އާންމު ޕްރޮގްރާމިންގެ މަސައްކަތްތައް "ޕްރޮގްރާމް" ކުރުމުގެ ބަދަލުގައި ދެން އޭއައި ބޭނުންކޮށްގެން "ޓްރެއިން" ކުރާނީއެވެ.
މިއަރޓިކަލްގައި އޭނާ ބުނެފައިވާ ގޮތުން އާދައިގެ ކޮމްޕިޔުޓަރ ޕްރޮގްރާމެއް އުފައްދަން ބޭނުންވާ ކޮންމެ ފަހަރަކު ޕްރޮގްރާމަރަކު އެއް ކޯޑެއް ރިޕީޓްކޮށްގެން ލިޔުމުގެ ބަދަުލުގައި އޭއައި ޓޫލްތައް މެދުވެރިވެ ރެޕެޓިޓިވް މަސައްކަތްތައް މަދުކޮށް އެޕްލިކޭޝަން "ޖެނެރޭޓް" ކުރާނީއެވެ. އެހެން ނަމަވެސް ހާއްސަ ޕްރޮގްރާމްތަކަށް އަދިވެސް ޕްރޮގްރާމިންގ ހުނަރުތައް ބޭނުންވާނެއެވެ.
މިހިސާބުން އުފެދޭ ސުވާލަކީ ދެން ޑިވެލޮޕަރުން ކުރާނީ ކޮންކަމެއްތޯއެވެ. ރެޕެޓިޓިވް ލޯކޯޑް ނުވަތަ އޮޓޮމެޓިކް ކޯޑް ޖެނެރޭޓް ކުރެވޭ ފަދަ މަސައްކަތްތަކުގައި ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި ދެން ޕްރޮގްރާމަރުންގެ ރޯލަކަށް ވާނީ ބޮޑެތި ކޮމްޕްލިކޭޓެޑް ސިސްޓަމްތައް ޑިވެލޮޕްކުރުމެވެ. ކުންފުނިތަކުގެ ފައިދާ އިތުރުކުރެވޭނެ ކޯޕޮރޭޓް ލެވެލްގެ ބޮޑެތި މަސައްކަތްތަކަށް ޕްރޮގްރާމަރުންނަށް އިތުރަށް ފޯކަސް ކުރެވޭނެއެވެ.
ޕްރޮގްރާމިންގ ދާއިރާގައި އޭއައި އަކީ އަންނަން އޮތް މުސްތަގުބަލެއް ނޫނެވެ. އެއީ މިހާރުގެ ހަގީގަތެކެވެ. އެހެން ނަމަވެސް މީގެ އަހަރު ތަކެއް ކުރިން ޕްރޮގްރާމިންގގެ މަސައްކަތްތަކުގައި އޭއައި ބޭނުން ކުރުމަކީ ސައިންސް ފިކްޝަން ފަދަ ކަމެކެވެ. އެކަން ބަދަލުކޮށްލީ ދާދި ފަހުން ޕްރޮގްރާމަރުންނަށް އެހީތެރި ވެދޭ އޭއައި ޓޫލްތައް ތައާރަފްވާން ފެށުނު ހިސާބުންނެވެ. މީގެ ތެރޭގައި 2022 ގައި ގިޓްހަބްއާއި އޯޕަން އޭއައި އިން އުފައްދާފައިވާ ޕެއަރ ޕްރޮގްރާމިން ސަރވިސް ކޯޕައިލެޓް ހިމެނެއެވެ. މިފަދަ އެހެން ޓޫލްތައް ވެސް މިހާރު ބޭނުންކުރެވެމުންދެއެވެ. މިސާލަކަށް ޓެބްނައިން، ކެޕްޓަން ސްޓެކް އަދި އިންޓެލިކޯޑް ފަދަ ޓޫލްތަކެވެ.
ގިޓްހަބްއިން ކޮށްފައިވާ ސަރވޭ އަކުން ދައްކާ ގޮތުގައި އެމެރިކާގައި މަސައްކަތް ކުރާ ޑެވެލޮޕްރުންގެ %92 މީހުން ކޯޑް ކުރުމަށް އެހީތެރިވުމުގެ ގޮތުން މިހާރުވެސް އޭއައި ފީޗަރސް ހިމެނޭ ޓޫލްތައް ބޭނުންކުރެއެވެ. އެއީ އެމީހުންގެ ރަސްމީ މަސައްކަތުގެ ތެރެއިންނާއި އަމިއްލަ މަސައްކަތްތައް ހިމެނޭ ގޮތުންނެވެ.
ގިޓްހަބްއާއި ވޭކްފީލްޑް ރިސަރޗްއިން ގުޅިގެން ކޮށްފައިވާ މިދިރާސާގައި އެމެރިކާގެ އެކި ހިސާބުތަކުން 500 ޕްރޮގްރާމަރުން ބައިވެރިވިއެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން %70 މީހުން ގަބޫލު ކުރާ ގޮތުގައި އޭއައިގެ ސަބަބުން އެމީހުން ލިޔާ ކޯޑް ފުދޭ ވަރަކަށް ރަނގަޅު ވެއްޖެއެވެ.
ދިރާސާގައި ބައިވެރިވި ޑިވެލޮޕަރުން ހާއްސަކޮށް ފާހަގަކުރާ ކަންތަކަކީ، އޭއައި ޓޫލްސްގެ ސަބަބުން އެމީހުން ޕަރފޯމަންސް ރަނގަޅު ވެއްޖެކަމަށާއި، އެމީހުން ލިޔާ ކޯޑުގެ ފެންވަރު ރަނގަޅު ވެފައިވާ ކަމަށާއި އަވަހަށް މަސައްކަތް ނިންމާލެވޭކަމަށާއި، ނިންމާފައި ރިލީޒްކުރާ ކޯޑުގައި އުޅޭ މައްސަލަތައް މަދުވެފައިވާ ކަމަށެވެ.
މިދިރާސާގެ ނަތީޖާ ދައްކާ ގޮތުން ކޯޑިންގއަށް އެހީތެރިވެދޭ އޭއައި ޓޫލް ބޭނުންކުރަނީ ހަމައެކަނި އޯޕަންސޯސް ޕްރޮޖެކްޓެއް ނުވަތަ މުނިފޫހި ފިލުވުމަށް ކުރާ ކޯޑިންގ ޕްރޮޖެކްޓްތަކުގައި އެކަންޏެއް ނޫނެވެ. ރަސްމީ މަސައްކަތުގެ ބޭރުން މިފަދަ ޓޫލް ބޭނުންކުރާކަމަށް ބުނެފައިވަނީ އެންމެ %6 މީހުންނެވެ. ބާކީ ބޮޑު އިންސައްތައެއްގެ މީހުން އެމީހުންގެ ރަސްމީ މަސައްކަތުގައި އޮފިޝަލް ޕްރޮޑަކްޓްތައް އުފެއްދުމަށް އޭއައި ޓޫލްތައް ބޭނުންކުރެއެވެ. މިނަތިޖާއިން އޭއައި ޕްރޮގްރާމިންގ ޓޫލްތަކަކީ މިހާރު ކުންފުނިތަކުގެ ޕްރޮގްރާމިންގ މަސައްކަތުގެ މުހިއްމު ބައެއްކަން ދޭހަވެއެވެ.
ކޯޑިންގ މަސައްކަތަށް އޭއައި ތައާރަފްވުމާއި ގުޅިގެން ވިސްނަން ޖެހޭ އެހެން ކަމެއް މިދިރާސާއިން ފާހަގަވިއެވެ. އެއީ ޑިވެލޮޕަރުންގެ މަސައްކަތުގެ ޕަރފޯމަންސް ބަލާނެ އައު ގޮތްތަކެއް ދެނެގަތުމުގެ މުހިއްމު ކަމެވެ. އޭއައިގެ އެހީގައި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ ކޯޑް ލައިންތައް ލިޔެވެއެވެ. ގިޓްހަބްގެ ޗީފް ޕްރޮޑަކްޓް އޮފިސަރ އިންބަލް ޝާނީ ބުނާގޮތުން މިހާރުވެސް ގިނަ ކުންފުނިތަކުން ޑިވެލޮޕަރުންގެ ޕަރފޯމަންސް މިންކުރަނީ އެމީހުން ލިޔާ ކޯޑު ލައިންތަކުގެ އަދަދުންނެވެ. އޭގެ ބަދަލުގައި މުސްތަގްބަލުގައި އެމީހުންގެ ޕަރފޯމަންސް އެހެން ގޮތްގޮތުން މިން ކުރެވޭނެ ގޮތްތަކެއް ވިސްނަން ޖެހެއެވެ.
އޭއައި ޓޫލް ބޭނުންކުރާ ޑިވެލޮޕަރުންގެ މަސައްކަތުގެ ފެންވަރު ބެލުމާމެދު މިދިރާސާގައި ބައިވެރިވި ޑިވެލޮޕަރުންގެ ހިޔާލު ހޯދާފައިވެއެވެ. މިބައިގެ ނަތީޖާއިން ދައްކާ ގޮތުގައި ގިނަ ޑިވެލޮޕަރުންގެ ހިޔާލު ހުރީ އޭއައި އިން ކޯޑް ޖެނެރޭޓް ކުރާ އިރު ކޯޑް ލައިންތަކަށް ބަލާ ޑިވެލޮޕަރުގެ ފެންވަރު މިންކުރުމަށްވުރެ ކޯޑުގައި ހުރި ބަގްތައް ދެނެގަންނަ މިންވަރާއި މައްސަލަތައް ހައްލު ކުރާ މިންވަރަށް ނިސްބަތްކޮށް ޕަރފޯމަންސް މިން ކުރެވިދާނެކަމަށެވެ. މިގޮތަށް ހަދައިފިނަމަ ޕަރފޯމަންސް ބިނާކުރެވެނީ ލިޔާ ކޯޑުގެ ފެންވަރަށް ބަލައިގެންނެވެ. މިފަދަ ބަދަލެއް ނުގެނެސް މިހާރެކޭ އެއްގޮތަށް ކޯޑު ލައިންގެ އަދަދަށް ބަލާނަމަ ޑިވެލޮޕަރުން ވިސްނާނީ އޭއައި ޓޫލްތައް ބޭނުންކޮށްގެންވެސް ފެންވަރު ރަނގަޅު ކޯޑު ލިޔުމަށް ވުރެ، ދިގުކޮށް ކޯޑު ލިޔުމަށެވެ.
ކެނެޑާއަށް ނިސްބަތްވާ އޯޕަންއިންފްރާ ފައުންޑޭޝަންގެ ސީއޯއޯ މާކް ކޮލިއަރ 2022ގެ އޯޕަން އިންފްރާ ސަމިޓްގައި ބުނެފައިވާ އެއްޗެއް މިހާ ހިސާބުން ފާހަގަކޮށްލާނަމެވެ. އޭނާ ފާހަގަ ކުރިގޮތުން އޭއައި ބޭނުންކޮށްގެން ޖެނެރޭޓް ކުރާ ކޯޑްގައި އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ކޯޑް ރިވިއު ކުރާއިރު ދިމާވާ އުނދަގުލެވެ. އެއީ މިފަދައިން ޖެނެރޭޓްކޮށްފައިވާ ކޯޑް ގިނަފަހަރަށް ފެންވަރު ދަށްވެފައި ކޯޑު 'ލިޔުނު' ކަމަށް ބުނާ މީހާއަށްވެސް އެކޯޑް ފަހުމުނުވާ ހާލަތު ދިމާވާތީއެވެ.
މިއީ އޭއައި އިން ޖެނެރޭޓް ކުރާ ކޯޑުގެ ވަރަށް ބޮޑު މައްސަލައެކެވެ. ޗެޓްޖީޕީޓީ ބޭނުންކޮށްގެން ވަރަށް ފަސޭހައިން ޕްރޮގްރާމެއް ލިޔެލެވިދާނެއެވެ. އެހެން ނަމަވެސް ކޯޑު ބަލައިގެން ކޯޑުން ކުރާ ކަމެއް ދޭހަ ނުވާނަމަ އެއީ ހަމަ ބޭކާރު އެއްޗަކަށް ވެއެވެ. އެހެންކަމުން ޗެޓްޖީޕީޓީ ފަދަ ޓޫލްއެއް ބޭނުންކޮށްގެން ކޯޑު ހަމަ ޖެނެރޭޓް ކޮށްލެވޭ ކޮންމެ މީހަކީ ޕްރޮގްރާމަރަކަށް ނުވާނެއެވެ. ޕްރޮގްރާމަރެއް ނަމަ ތިމާ ލިޔުނި ކޯޑު ބޭނުން ކުރާއިރު ދިމާވާ މައްސަލަތައް ރަނގަޅު ކުރަން އިނގޭނެތާއެވެ.
ޑިވެލޮޕަރުން ގަބޫލުކުރާ ގޮތުގައި އޭއައި ޓޫލްތައް ބޭނުންކުރުމުގެ ސަބަބުން ރެޕެޓިޓިވް ކޯޑު ލިޔުމާއި މާބޮޑު ވިސްނުމެއް ބޭނުންނުވާނޭ "ބޮއިލަރ ޕްލޭޓް" އޭ ބުނާ ޒާތުގެ ކޯޑު އަމިއްލައަށް ލިޔާކަށް ނުޖެހޭނެއެވެ. އޭއައިގެ ބޭނުންކޮށްގެން މިފަދަ ވަގުތު ހޭދަވާ މަސައްކަތްތައް ފަސޭހަ ކުރެވޭނެއެވެ. އޭގެ ބަދަލުގައި ޑިވެލޮޕަރުންގެ އަގުހުރި ވަގުތު އެމީހުން އުފައްދާ ޕްރޮގްރާމްތަކުގެ ސޮލިޔުޝަން ނެރެވޭނެ އެންމެ ރަނގަޅު އަދި މޮޅު ގޮތްތަކާމެދު ވިސްނުމަށް ހޭދަކުރެވޭނެއެވެ. އަދި ސެކިޔުރިޓީ ރިވިއު ކުރުމާއި، ޓީމުގެ އެންމެން ގުޅިގެން ވިސްނައިގެން ކުރަންޖެހޭ ކޮލެބޮރޭޓިވް މަސައްކަތްތަކަށް ވަގުތު ހުސްކުރެވޭނެއެވެ.
ހުލާސާކޮށް ބުނާނަމަ، އޭއައި ޓެކްނޮލޮޖީގެ ސަަބަބުން ޑިވެލޮޕަރުންގެ ގިނަ މަސައްކަތްތަކެއް ބަދަލުވަމުން ދިޔަ ނަމަވެސް، މިއީ އަދި ޑިވެލޮޕަރުންގެ ވަޒީފާއަށް އޮތް ބިރުވެރިކަމެއް ނޫނެވެ. ރަނގަޅަށް މިޓެކްނޮލޮޖީގެ ބޭނުންކޮށްފިނަމަ އެއީ އެމީހުންގެ މަސައްކަތަށް ގެނެސްދޭނެ ފަސޭހަކަމެކެވެ. އަދި އެމީހުންގެ ޕްރޮޑަކްޓިވިޓީ އިތުރުކޮށްދޭނެ ޓެކްނޮލޮޖީއެކެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް