އީމެއިލް އެޑްރެސް ހިއްސާކުރުމުގެ ކުރިން ވިސްނާލުން މުހިއްމު!

ހިންދު ޢަލީ 26 ޖޫން 2023

އެކި ބޭނުންތަކުގައި އަހަރުމެން އިންޓަރނެޓް ބްރައުޒްކުރަމުން ދާއިރު އީމެއިލް އެޑްރެސް ޖަހަން ޖެހުމަކީ މިހާރު އާންމުކަމެކެވެ. އީމެއިލް އެޑްރެސް އަކީ އެކިއެކި ސައިޓްތަކުންނާއި އެޕްތަކުން ހިއްސާ ކުރަން ބުނުމުން، އެއްވެސް ފަސްޖެހުމެއް ނެތި އަހަރުމެން ހިއްސާ ކުރާ މައުލޫމާތެކެވެ. މިއީ އަހަރުމެންނާއި ބެހޭ އެންމެ އަސާސީ އެއް މައުލޫމާތެވެ.

މިހެން އީމެއިލް އެޑްރެސް ހިއްސާކޮށްލާއިރު އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު އެކަމާ މާބޮޑަކަށް ނުވިސްނައެވެ. އަދި އޭގެން ގެއްލުމެއް ލިބިދާނެ ކަމަކަށް ވެސް ނުވިސްނައެވެ. އެހެން ނަމަވެސް މިމައުލޫމާތު ހިއްސާކޮށްލާއިރު އަހަރުމެން މިހިއްސާކުރަނީ އީމެއިލް އެޑްރެސް އެކަނި ނޫންކަން ވިސްނާލުން މުހިއްމެވެ. މިއަރޓިކަލް ކިޔާލާފައި، އީމެއިލް އެޑްރެސް ހިއްސާކުރުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދާނެކަމަށް އުންމީދު ކުރަމެވެ.

ފުރަތަމަ ކަމަކަށް، އެފަދަ ސައިޓުތަކާއި ކުންފުނިތަކުން އަހަރުމެންގެ އީމެއިލް އެޑްރެސް ހޯދާ ބޭނުމެއް ބަލާލުން މުހިއްމެވެ. އާންމުކޮށް އިޝްތިހާރު ކުރާ ފަރާތްތަކާއި ވެބްސައިޓް ހަދާ ފަރާތްތަކާއި އެޕް އުފައްދާ ފަރާތްތަކުން ބުނާނީ އީމެއިލް އެޑްރެސް ހޯދަނީ އަހަރުމެންނާއި ގުޅުމަށް ކަމަށެވެ. އެއީ ރަނގަޅު ވާހަކައެކެވެ. އެހެން ނަމަވެސް އޭގެ އިތުރު އެހެން ބޭނުންވެސް އެބަހުއްޓެވެ. އަހަރުމެންގެ އީމެއިލް އެޑްރެސް ވެގެން ދަނީ އިންޓަނެޓުގައި އަހަރުމެން ހަރަކާތްތެރިވާ ގޮތްތައް ބެލުމަށް ބޭނުންކުރާ އެއްޗަކަށެވެ. އަދި އެހަރަކާތްތަކަށް ބަލާ އަހަރުމެން ޝައުގުވެރިވާ ކަންތަކާއި ގުޅޭ އިތުރު އިޝްތިހާރު ފޮނުވުމަށެވެ.

މިއީ އައު ކަމެއް ނޫނެވެ. އޮންލައިން ޕްލެޓްފޯމްތަކުގައި އިޝްތިހާރު ކުރާ ފަރާތްތަކުން މިކަން ކުރާތާ އެތަށް އަހަރުތަކެއް ވެއްޖެއެވެ. މިޕްލެޓްފޯމްތައް ބޭނުންކުރާ ފަރާތްތަކަށް ނޭގި، ކުރާ ހުރިހާ ހަރަކާތްތަކެއް ބަލާ ފާރަލައެވެ. އެކަން ކުރަނީ އެސައިޓްތަކުގައި ކޮންމެވެސް ބާވަތެއްގެ "ޓްރެކަރ" އެއް ހިމަނައިގެންނެވެ. ދެން އަހަރުމެންނަށް "ހަދިޔާ" އަކަށް އެކިއެކި އިޝްތިހާރުތައް ފޮނުވައެވެ.

އެހެން ނަމަވެސް މިގޮތަށް ޓާގެޓްކޮށްގެން އިޝްތިހާރު ފޮނުވާ ފޮނުވުމުގެ ކަންތައްތަކަށް ފާއިތުވި ދެތިން އަހަރުތެރޭގައި ވަނީ ބަދަލުތަކެއް އަންނަން ފަށާފައެވެ. މިސާލަކަށް 2021 ގައި އެޕަލްއިން ތަރާއަފް ކުރި އެޕް ޓްރެކިންގ ޓްރާންޕޭރަންސީ ފީޗަރ ހިމެނެއެވެ. މިފީޗަރ މެދުވެރިވެ، އެޕް ބޭނުންކުރާ ފަރާތްތަކުގެ ކޮންމެ ހަރަކާތެއް ޓްރެކް ކުރެވޭ ނުވަތަ ނުކުރެވޭ ގޮތަށް ބަދަލު ކުރުމުގެ އިހްތިޔާރު އެފަރާތަކަށް ލިބުނެވެ. އަދި ވެބްސައިޓްތަކުން މީހުންގެ ހަރަކާތްތައް ބަލަން ބޭނުންކުރާ ކުކީޒް، ކްރޯމް ބްރައުޒަރގައި ބޭނުންކުރުން 2024 އާއި ހަމައަށް ހުއްޓާލުމަށް ގޫގުލް އިން ނިންމި ނިންމުމަކީ މީގެ މިސާލެކެވެ.

އެހެންކަމުން އިޝްތިހާރު ކުރާ ފަރާތްތަކާއި ވެބްސައިޓް ހަދާ ފަރާތްތަކާއި އެޕް އުފައްދާ ފަރާތްތަކުން މިހާރު މަސައްކަތްކުރަނީ އެކަން ކުރާނޭ އެހެން ގޮތްތައް ހޯދުމަށެވެ. އަދި މިކަން ކުރާނޭ އެންމެ އާންމު ގޮތަކީ އަހަރުމެންގެ އީމެއިލް އެޑްރެސް ހޯދުމެވެ.

އަހަރުމެން ފިހާރައަކަށް ވަންނަ ކޮންމެ ފަހަރަކު އަހަރުމެންގެ ނަމާއި އެޑްރެސް ފަދަ މައުލޫމާތު ދީގެން ނޫނީ ނުވަދެވޭ ގޮތަށް ހުންނަ ނަމަ އަހަރުމެންގެ ތެރެއިން ގިނަ މީހުން އެގޮތަށް އެކަން ކުރަން ބޭނުމެއް ނުވާނެއެވެ. ވިސްނާލައިފި ނަމަ އީމެއިލް އެޑްރެސްއަކީ އަހަރުމެންގެ ނަމަށް ވުރެވެސް، އަހަރުމެންގެ އެތަށް އިތުރު މައުލޫމާތެއް އެއާއި ގުޅިފައިވާ އެއްޗެކެވެ. އަހަރުމެން ކިޔަވާ ސްކޫލް ނުވަތަ ވަޒީފާ އަދާ ކުރާ އޮފީހާއި، އަހަރުމެން ދުއްވާ ކާރުގެ މޮޑެލްއާއި އަހަރުމެންގެ ނަސްލު ފަދަ އިތުރު އެހެން ބައިވަރު މައުލޫމާތު އީމެއިލް އެޑްރެސްއާއި ގުޅިފައިވެއެވެ.

އަހަރުމެންގެ އީމެއިލް އެޑްރެސް ނަގައިގެން އާދައިގެ ސަރޗެއް ކޮށްލައިގެން އަހަރުމެންނާއި ގުޅޭ މިފަދަ އެތަށް އިތުރު މައުލޫމާތެއް ހޯދިދާނެއެވެ. އެއީ އަހަރުމެން އެކި ތަންތަނުގައި އީމެއިލް ބޭނުންކޮށްގެން ރަޖިސްޓަރކޮށްފައި ހުންނާނެތީއެވެ. އޮންލައިންކޮށް އިޝްތިހާރު ކުރާ ފަރާތްތަކުން އަހަރުމެންނާއި ބެހޭ އެކި އެކި ޑޭޓާ މިގޮތަށް އެއްކޮށްފައި ހުރެދާނެ މިންވަރު އަހަރުމެންނަށް ލަފާވެސް ކޮށްނުލެވޭނެކަމަށް އެމެރިކާގެ އެޑްވަޓައިޒިންގ ފަރމް މޮޑަރން އިމްޕެކްޓްގެ ޗީފް އެކްޒެކެޓިވް މައިކަލް ޕްރިއެމް ހާމަކުރެއެވެ.

ޑިޖިޓަލްކޮށް އިޝްތިހާރު ކުރާ ފަރާތްތަކުން ބޭނުންކުރާ ޓެކްނޮލޮޖީ ދަނީ ޒަމާނާއި އެއްގޮތަށް ކުރިއަރަމުންނެވެ. އެހެންކަމުން އެއްވެސް އޮންލައިން ސައިޓެއްގައި ނުވަތަ އެޕެއްގައި އީމެއިލް އެޑްރެސް ހިއްސާކުރާ އިރު އެއާ އެކު ހިއްސާކުރެވޭ އިތުރު މައުލޫމާތު އެންގުން ވަރަށް މުހިއްމެވެ.


އަހަރުމެންގެ އީމެއިލް އެޑްރެސްއަކީ މިހާރު އަހަރުމެންގެ ވަރަށް ވަރުގަދަ ޑޭޓާއެކެވެ.

ޑިޖިޓަލްކޮށް އިޝްތިހާރު ކުރާ ކުންފުނިތަކުން، އަހަރުމެންގެ އޮންލައިން ހަރަކާތްތައް މޮނިޓަރކޮށްގެން އަހަރުމެންގެ ޕްރޮފައިލް އުފައްދާ، އެޕްރޮފައިލްގައި ހިމެނޭ މައުލޫމާތު ބޭނުންކޮށްގެން އަހަރުމެންނަށް އިޝްތިހާރު ފޮނުވުމުގެ މަސައްކަތް ކުރާތާ މިހާރު އެތަށް އަހަރެކެވެ. އެފަދަ ކުންފުނިތަކުން ކުރިން އަހަރުމެންނާއި ބެހޭ މައުލޫމާތު އެއްކުރަމުން އައީ ކުރިން ދެންނެވުނު ފަދަ ކުކީޒްތަކާއި އެޕްތަކުގެ ތެރޭގައި ހުންނަ ޓްރެކަރުތައް ބޭނުންކޮށްގެނެވެ. މިހާރު މިދެންނެވުނު ގޮތްތައް ބޭނުން ކުރުމަށް ހުރަސްތައް އަޅަމުންދާތީ، އިޝްތިހާރު ޓާގެޓް ކުރާނެ އައު ޓެކްނޮލޮޖީތަކެއް ވަނީ އުފެދިފައެވެ.

މީގެ އެއް މިސާލަކީ ޔުނިފައިޑް އައިޑީ 2.0 ނުވަތަ ޔޫއައިޑީ 2.0 އެވެ. ޔުނިފައިޑް އައިޑީ 2.0 އަކީ ޑިޖިޓަލް އިޝްތިހާރު ސިނާއަތުގައި ޕްރައިވެސީ އާއި ޓާގެޓްކޮށް އިޝްތިހާރުކުރުމާއި ގުޅޭ ގޮންޖެހުންތައް ހައްލުކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ފްރޭމްވޯކްއެކެވެ. މިއީ ވެބްސައިޓްތަކާއި އެޕްތައް ބޭނުންކުރާ ފަރާތްތައް ޓްރެކްކޮށް އިޝްތިހާރު ޓާގެޓް ކުރުމަށް މީގެ ކުރިން ބޭނުންކުރާ ކުކީސްގެ ބަދަލުގައި ބޭނުންކުރަން ވިސްނާ ފަރުމާކޮށްފައިވާ އޯޕަންސޯސް ޓެކްނޮލޮޖީއެކެވެ.

ޔޫއައިޑީ 2.0 އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރަނީ ޑިޖިޓަލްކޮށް އިސްތިހާރު ކުރުމަށް މަސައްކަތްކުރާ ކުންފުންޏެއްކަމަށްވާ ޓްރޭޑް ޑެސްކްއެވެ. އެހެން ނަމަވެސް ޑިޖިޓަލް އިޝްތިހާރު ކުރުމުގައި ހަރަކާތްތެރިވާ އެހެނިހެން ކުންފުނިތައްވެސް މިކަމުގައި ހިއްސާވެއެވެ.

ޔޫއައިޑީ 2.0 މަސައްކަތް ކުރާ ގޮތް ކުޑަ މިސާލަކާއެކީ ބުނެދެވޭތޯ ބަލާނަމެވެ. މިސާލަކަށް އޮންލައިން ވިޔަފާރި ކުރާ ސައިޓަކަށް ވަދެ ސްޕޯޓްސް ބޫޓެއް ގަންނަން ބޭނުންވަނީއެވެ. މިސައިޓުގައި ޔޫއައިޑީ 2.0 ހިމަނާފައިވެއެވެ. އެއްޗެއް ގަންނަން ކްލިކްކުރުމާއެކު، ސައިޓުން އަހަރުމެން ކައިރީގައި އީމެއިލް އެޑްރެސް ހިއްސާކުރުމަށް ބުނެއެވެ. އަދި އީމެއިލް އެޑްރެސް ހިއްސާކުރުމާއެކު އަހަރުމެންނަށް އިތުރު އިޝްތިހާރު ލިބުމަށްވެސް އެއްބަސްވުމަށް ޕްރޮމްޓްކުރެއެވެ.

މިގޮތަށް އެއްބަސްވެ، އީމެއިލް އެޑްރެސް އެންޓަރ ކުރުމުން ޔޫއައިޑީ 2.0 އިން އެއީމެއިލް އެޑްރެސް، ނަންބަރުތަކަކާއި އަކުރުތަކެއްގެ މައްޗަށް އެކުލެވޭ ޓޯކަންއަކަށް ބަދަލުކޮށްލައެވެ.

ދެން އަހަރުމެން ވަންނަނީ ކުޅިވަރު ސްޓްރީމް ކުރާ އެޕަކަށެވެ. މިއެޕްގައިވެސް ޔޫއައިޑީ 2.0 ބޭނުންކުރާނަމަ، އަހަރުމެންގެ އީމެއިލް އެޑްރެސް ޖެހުމާއެކު ކުރިން ޖެނެރޭޓްކުރި ޓޯކެން މިއެޕްގައިވެސް ދެނެގަނެއެވެ.

އިޝްތިހާރު ކުރާ ފަރާތްތަކުން މިޓޯކަން އަށް ބަލައިގެން ދެއެކައުންޓް ގުޅުވާލައެވެ. ސްޕޯޓްސް ބޫޓު ގަންނަން ބޭނުންކުރި ވެބްސައިޓަށް ޒިޔާރަތްކުރިކަން އެނގޭތީ ސްޕޯޓްސް ސްޓްރީމިން އެޕްގައި އަހަރުމެންނަށް ކުރީގެ ހަރަކާތަށް ބިނާކޮށް ޓާގެޓްކޮށް އިޝްތިހާރު ކުރެއެވެ.

މިގޮތަށް މަސައްކަތްކުރާތީ، އަހަރުމެންގެ އީމެއިލް އެޑްރެސް އިޝްތިހާރު ކުރާ ފަރާތްތަކަށް ހާމައެއް ނުކުރެއެވެ. ހާމަކުރަނީ މިދެންނެވުނު ޓޯކެންއެވެ. އެހެން ކަމުން ޔޫއައިޑީ 2.0 އިން ކުރީގައި ބުނެވުނު ކުކީޒް ފަދައިން އަހަރުމެން އޮންލައިންކޮށް ހަރަކާތްތެރިވާ ތާރީހުތަކާއި އަހަރުމެންގެ ޒާތީ އެތަށް މައުލޫމާތެއް ހިއްސާކުރާ އެއްޗަކަށް ނުވާތީ މިއީ އަހަރުމެންނަށް ލިބޭ ރައްކާތެރިކަމެއް ކަމަށް ބެލެވިދާނެހެއްޔެވެ؟

މިސުވާލަށް މޮޒިއްލާ ކުންފުނިން ބުނަނީ ނޫނެކެއެވެ. ފަޔަރފޮކްސް ވެބް ބްރައުޒަރ އުފައްދާފައިވާ މިކުންފުނިން ޔޫއައިޑީ 2.0 އެނަލައިޒްކޮށް ބުނެފައިވަނީ މިއީ "ރައްކާތެރިކަން އިތުރަށް ފަހަތަށް އެޅި ފިޔަވަޅެއް" ކަމަށެވެ. އޭގެ ސަބަބަކީ މިޒަމާނުގެ ވެބް ބްރައުޒާތަކުން ހުއްޓުވުމަށް މަސައްކަތްކޮށްފައިވާ ޓްރެކްކުރުމުގެ އާދައަށް މިޓެކްނޮލޮޖީއިން މަގުފަހިކޮށްދޭތީއެވެ.

ޔޫއައިޑީގެ އިތުރުން ވެސް ވެބްސައިޓްތަކާއި އެޕްތަކުން އަހަރުމެންގެ އީމެއިލް އެޑްރެސް ބޭނުންކޮށްގެން އަހަރުމެންގެ އޮންލައިން ހަރަކާތްތައް ބެލޭނެ އެހެން ގޮތްތައް އެބަހުއްޓެވެ. އީމެއިލް އެޑްރެހުގައި އަހަރުމެންގެ ފުރަތަމަ ނަމާއި ފަހު ނަން ހިމަނާފައިވާ ވަރަށް ގިނަ ފަރާތްތައް އުޅޭނެއެވެ. އެގޮތުން އިޝްތިހާރު ކުރާ ފަރާތްތަކުން އަހަރުމެންގެ ނަން ހޯދައެވެ.

އަދި އީމެއިލް އެޑްރެސް ބޭނުންކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާނަމަ، އިޝްތިހާރުކުރުމަށް ޑޭޓާ އެއްކުރާ ފަރާތްތަކުން މިހާރު އަހަރުމެންނާއި ގުޅޭ ތަފްސީލީ ޕްރޮފައިލްތައް އުފައްދާފައިވުމަކީ ގާތްކަމެކެވެ. މިޕްރޮފައިލްތަކުގައި އަހަރުމެން އޮންލައިންކޮށް ކުރަން ޝައުގުވެރިވާ ކަންތައްތައް ހިމެނޭނެއެވެ. އަހަރުމެންގެ އީމެއިލް އެޑްރެސްތައް ބޭނުންކޮށްގެން އިޝްތިހާރުކުރާ ފަރާތްތަކުން ވަރަށް ފަސޭހައިން މިފަދަ ޕްރޮފައިލްތަކުން މައުލޫމާތު ހޯދާ އިޝްތިހާރު ޓާގެޓް ކުރެވޭނެއެވެ.

ޑިޖިޓަލް ޓްރެކިންއާއި ދެކޮޅަށް މަސައްކަތްކުރާ ޕްރައިވެސީ ޓޫލްތައް އުފައްދާ އޭގެ ބޭނުންކުރާއިރުވެސް އަހަރުމެންނަށް ޓާގެޓް ކުރެވޭ އިޝްތިހާރު އަދިވެސް ފެންނަނީ ކީއްވެގެންތޯ ސުވާލު އުފެދޭނަމަ އޭގެ ޖަވާބަކީ އަހަރުމެން އެކިއެކި ޕްލެޓްފޯމްތަކުގައި އީމެއިލް އެޑްރެސް ހިއްސާކުރަމުންދާތީ އެވެ.


އެހެންވީމާ ދެން ކަންތައް ކުރާނީ ކިހިނެއް؟

އިޝްތިހާރު ކުރާ ކުންފުނިތަކުން އީމެއިލް އެޑްރެހަށް ބަލައިގެން އަހަރުމެންނަށް އެކިއެކިއިޝްތިހާރު ފޮނުވުން މަދުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ.

- ބައިވަރު އީމެއިލް އެޑްރެސްތަކެއް ބޭނުންކުރުން: ވެބްސައިޓެއް ނުވަތަ އެޕަކުން އީމެއިލް ހޯދުމަށް އެދޭ ކޮންމެ ފަހަރަކު، އެއަށް ލޮގްއިންވުމަށް ޚާއްޞަ އެޑްރެހެއް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ނެޓްފްލިކްސްއަށް netflix-JD@gmail.com ފަދަ އީމެއިލްއެއް ހެދިދާނެއެވެ.

މިހެން ހަދައިފިނަމަ، ނަން ބޭނުންކޮށްގެން ޕްރޮފައިލެއް އުފެއްދުމަށް އިޝްތިހާރު ފޮނުވާ ކުންފުނިތަކަށް ދަތިވާނެއެވެ. އަދި ލިބޭ ސްޕޭމް އީމެއިލްތަކަށް ބަލާފައި ފަސޭހައިން އަހަރުމެންގެ މައުލޫމާތު ތިންވަނަ ފަރާތްތަކާއި ހިއްސާކުރާ ވެބްސައިޓް ނުވަތަ އެޕް ފަސޭހައިން ދެނެގަނެވޭނެއެވެ.

އެހެން ނަމަވެސް ކޮންމެ ވެބްސައިޓަކަށް ނުވަތަ އެޕަކަށް ވަކި އީމެއިލެއް ގެންގުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.

- އީމެއިލް މާސްކިންގ (ފޮރުވާލާ) ޓޫލްސް ބޭނުންކުރުން: އެޕަލް އާއި މޮޒިއްލާގައި މިފަދަ ޓޫލްތައް ބޭނުންކުރެވެއެވެ. އެޕަލްގެ Hide My Email ޓޫލްއާއި މޮޒިއްލާގެ Firefox Relay އަކީ މިފަދަ ޓޫލްތަކެކެވެ. މިޓޫލްތައް ބޭނުންކޮށްގެން އަހަރުމެންގެ އަސްލު އީމެއިލް ފޮރުވާލާ އީމެއިލް އޭލިއަސް އުފެއްދެއެވެ. އެހެން ނަމަވެސް މި ޓޫލްތައް ބޭނުންކުރުމަށް ފައިސާ ހަރަދުކުރަންޖެހެއެވެ.

- އީމެއިލް އެޑްރެސް ހިއްސާނުކޮށްވާ ފަހަރަކު ނުކުރުން: އިޝްތިހާރު ޓާގެޓްކުރުމަށް ޔޫއައިޑީ 2.0 ބޭނުންކުރާ ވެބްސައިޓްތަކުގައި އީމެއިލް އެޑްރެސް ނުދޭން އިހްތިޔާރު ކުރެވެއެވެ. މިހެން އިހްތިޔާރުކުރަން https://transparentadvertising.org ވެބްސައިޓްގައި އީމެއިލް އެޑްރެސް އެންޓަރކޮށްލަންވީއެވެ. އެހެން ނަމަވެސް އިޝްތިހާރު ކުރުމަށް އީމެއިލް އެޑްރެސް ހޯދާ ކޮންމެ ވެބްސައިޓެއްގައި ޔޫއައިޑީ 2.0 ބޭނުމެއް ނުކުރެއެވެ.

ދެން އޮތް ގޮތަކީ އެއްވެސްކަމެއް ނުކުރުމެވެ. އިޝްތިހާރުތައް ލިބުމާމެދު އެއްވެސް މައްސަލައެއް ނެތްނަމަ އީމެއިލް އެޑްރެސް ހިއްސާކުރުމުގެ މައްސަލައެއް ނެތެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.