ހައިޕަރލޫޕް: ޖިއްދާއިން މައްކާއަށް ދިޔުމަށް އެންމެ 5 މިނިޓް!

އަޙްމަދު ދާއޫދު 26 ޖޫން 2023

ޖިއްދާއިން މައްކާއަށް ދަތުރެއް ކުރުމަށް ހޭދަވާނީ އެންމެ 5 މިނިޓްކަމަށް ބުނުމުން ފަހަރެއްގައި މީހަކު ހައިރާން ވެދާނެއެވެ. އެހެނީ ޢާއްމު ކޮށް ދުއްވާ ޓެކްސީ ކާރެއްގައި ނަމަ 52 މިނިޓްގެ ދަތުރެކެވެ. އަދި ބަހުގައި ދަތުރު ކުރާނަމަ އެދޭތެރޭގައި ގާތްގަޑަކަށް 2 ގަޑިއިރު ހޭދަވާނެއެވެ.

ސައުދީ އަރަބިއްޔާއިން ވަނީ މި މައްސަލައަށް ހައްލެއް ހޯދުމަށް، މައްކާއިން އިތުރު ސިޓީތަކަށް ހަލުވި އަވަސް ދަތުރު ފަތުރުގެ ނިޒާމެއް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޤާއިމްކުރުމުގެ މަޝްރޫޢެއް ފަށައި އެކަން އިއުލާންކޮށްފައެވެ.

ސައުދީގެ އޮފިޝަލުން ކުރި މި އިއުލާނަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އަށް ބަރޯސާވެ، އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް ސައޫދީ ސަރުކާރުން ވެފައިވާ ވައުދުގެ މުހިންމު މައިލްސްޓޯނެކެވެ.

ވިޔަފާރިވެރިޔާ އީލަން މަސްކް އެންމެ ފުރަތަމަ ހުށަހެޅި ފިއުޗަރިސްޓް ޓްރާންސްޕޯޓޭޝަން ކޮންސެޕްޓެއް ކަމަށްވާ ހައިޕަރލޫޕް އިން މެގްނެޓިކް ލެވިޓޭޝަން އާއި ލޯ ޕްރެޝަރ މާހައުލުތައް ބޭނުންކޮށްގެން ގަބޫލުނުކުރެވޭފަދަ ސްޕީޑެއްގައި ދަތުރުފަތުރު ކުރެވޭއިރު، މިނިޒާމް މިހާރު މިވަނީ ސައުދީގައި ޤާއިމްކޮށް ޚިދުމަތް ފެށުމަށް ތައްޔާރު ވެފައެވެ.

ސައުދީ އަރަބިއްޔާއިންމިޚިދުމަތް ދޭނީ އެމެރިކާގެ ކުންފުނި ހައިޕަރލޫޕް ވަންއާ ގުޅިގެންނެވެ. އެންމެ ޒަމާނީ ދަތުރުފަތުރުގެ މި ނިޒާމުގައި ހިމެނެނީ ކަރަންޓު ބާރު ސްޕީޑްގައި ލޯ ޕްރެޝަރ ހޮޅިތަކުގެ ނެޓްވޯކެއް ބޭނުންކޮށްގެން ކެޕްސޫލްތައް އާދަޔާ ހިލާފު ސްޕީޑެއްގައި ދުއްވާ "ހައިޕަރ ލޫޕް" ނަމަކަށް ކިޔުނު ރޭލެކެވެ.

ސައުދީ އަރަބިއްޔާގެ ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަގުސަދަކީ މައްކާއަށް ޒިޔާރަތްކުރާ ހައްޖުވެރިންނާއި ފަތުރުވެރިންނަށް ދަތުރުފަތުރު ކުރުމުގެ ފުރުސަތު އިތުރުކުރުމުގެ އިތުރުން ހަލަބޮލި ދެ ސިޓީއާ ދެމެދު ރައްޔިތުންނާއި ދަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ދަތުރުފަތުރު ކުރުމަށް މަގުފަހިކުރުމެވެ.

ޖިއްދާ އާއި މައްކާއާއި ދެމެދުގައި ގާތްގަނޑަކަށް 80 ކިލޯމީޓަރު (50 މޭލު) ދުރުމިނެއް ހުންނައިރު، ހައިޕަރލޫޕް ނިޒާމުގެ ސަބަބުން ދަތުރުކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަވެ، މިހާރު ހުރި މަގުތަކުގެ ނެޓްވޯކްތަކުގައި ތޮއްޖެހުން ކުޑަކުރެވޭނެ ކަމަށް ބެލެވެ އެވެ.

ހައިޕަރލޫޕް ނެޓްވޯކްގައި ޒަމާނީ އިންފްރާސްޓްރަކްޗަރއެއް ހިމެނޭއިރު، ޑެޑިކޭޓެޑް ޓިއުބް ސިސްޓަމަކާއި ޖިއްދާ އާއި މައްކާގައި ވެސް ވަރަށްބޮޑަށް ދިރާސާކޮށްގެން ބެހެއްޓިފައިވާ ސްޓޭޝަންތައް ހިމެނެ އެވެ.

މިނިޒާމްގައި ގަޑިއަކު 1،000 ކިލޯމީޓަރު (ގަޑިއަކު 620 މޭލު) ބާރުމިނުގައި ދުއްވާފައިދާއިރު، އެއްވެސް ކަހަލަ އަޑިގުޑަން މަގެއްގެ އިހްސާސް ނުކުރެވި ފަސޭހަ ކަމާއެކު ފަސިންޖަރުންނަށް ދަތުރުކުރުމުގެ ތަޖުރިބާއެއް ލިބިގެންދާނެއެވެ.

މި ބޮޑު މަޝްރޫއަކީ ޓެކްނޮލޮޖީގެ އާ އުފެއްދުންތަކާއި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ދާއިރާއިން ދުނިޔޭގެ ލީޑަރަކަށް ވުމަށް ސައުދީ އަރަބިއްޔާއިން ކުރާ މަސައްކަތުގެ ކާމިޔާބީ ދައްކުވައިދޭ މަޝްރޫއެކެވެ.

ހައިޕަރލޫޕް ސިސްޓަމް ތަރައްގީ ކުރުމަކީ ސައުދީގެ އިގްތިސާދު ކުރިއަރުވައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ހިންގާ ވިޝަން 2030 ގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫޢޫ އެކެވެ.

ސައޫދީގައި އަލަށް ތަޢާރަފްކުރަން ނިންމާފައިވާ މި މުހިންމު މަޝްރޫއާ މެދު ޓްރާންސްޕޯޓް މިނިސްޓަރު ޞާލިޙް ބިން ނާޞިރު އަލްޖަޞީރު ވިދާޅުވީ "ޖިއްދާ-މައްކާ ހައިޕަރލޫޕަކީ ދަތުރުފަތުރުގެ ދާއިރާއަށް އަންނަ އިންގިލާބީ ބަދަލެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި ނިޒާމަކީ ސައޫދީގެ ވިޝަން 2030 ގެ ލަނޑުދަނޑިތަކާ ގާތްކޮށްދޭ ނިޒާމެއްކަމަށެވެ.

ޖިއްދާ-މައްކާ ހައިޕަރލޫޕް މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަސްތަކުގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ މަޝްރޫޢުގެ މަސައްކަތް ދެތިން އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

ސައުދީ އަރަބިއްޔާއިން އާންމު ދިރިއުޅުމަށް ޒަމާނީ ޓެކްނޮލޮޖީތައް އިންޓަގްރޭޓް ކުރުމަށް މަގުފަހި ކުރަމުންދާއިރު، ޖިއްދާ-މައްކާ ހައިޕަރލޫޕް ޕްރޮޖެކްޓުގެ ސަބަބުން ދަތުރުފަތުރުގެ ފަސޭހަކަމާއި ސްޕީޑާއި ދަތުރުފަތުރުގެ މުސްތަގުބަލަށް ބޮޑު ބަދަލެއް އަންނާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.