އިންޓަރނެޓުން ގުޅާލެވިފައިވާ މިއަދުގެ ދުނިޔޭގައި، ދޮގު މައުލޫމާތު ފެތުރުމަކީ މިހާރު އާންމުވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ސޯޝަލް މީޑިއާއާއި އެކި އެކި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިވެ މައުލޫމާތު ބަދަލުކުރުން މިހާ ފުޅާވެ، ފަސޭހަވެފައިވާ ޒަމާނެއްގައި، ވަކި ފަރުދުންނަށާއި ބޮޑެތި މުޖުތަމައުތަކަށް އެއްވަރަކަށް ދޮގު މައުލޫމާތު ފެތުރުމުގެ ނުރައްކާތެރި އަސަރު ކުރިމަތިވެއެވެ.
އާންމު ސިއްހަތާއި ގުޅުން ހުރި ދޮގު ވާހަކަތަކާއި ސިޔާސީ މައްސަލަތައް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ބަދަލުކޮށްގެން ފެތުރުމާއި މަޝްހޫރު މީހުންގެ ފޭކް ފޮޓޯތަކާއި ވީޑިއޯތަކަކީ އަހަރުމެންނަށް މިހާރަކަށް އައިސް ވަރަށް އާންމުކޮށް ފެންނަ ކަންތައްތަކެވެ. މިފަދަ ކަންތައްތަކަކީ މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ މިއަދުގެ މުޖުތަމައުތަކުގެ ބިންގާ ބަލިކޮށްލާ ކަމެކެވެ.
މިކަމުން ހަމަ އެއްވެސް މުޖުތަމައެއް ނުވަތަ އެއްވެސް ގައުމެއް ސަލާމަތެއް ނުވެއެވެ. ފިންލެންޑަކީ އެގައުމުގެ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމަށާއި ވަރުގަދަ މީޑިއާ ލިޓެރަސީ ޕްރޮގްރާމްތަކަށް މަޝްހޫރު ގައުމެކެވެ. އެގައުމަކީ މީޑިއާ ލިޓެރަސީއަށާއި ޑިޖިޓަލް ލިޓެރަސީގެ އެންމެ މަތީގައި ހިމެނޭ އެއް ގައުމުކަމުގައިވީ ނަމަވެސް ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަތަކުން ފިންލެންޑަކަށް ވެސް ސަލާމަތެއްނެތެވެ.
ފިންލެންޑުގައި ހިނގާފައިވާ ބައެއް ކަންތައްތަކާއި ގުޅުވައިގެން ދޮގު ހަބަރު ފަތުރާފައިވާ މަޝްހޫރުވި 2 ހާލަތެއް ފާހަގަވެއެވެ. އެއީ ފިންލެންޑުން ހުޅަނގުގެ ސަލާމަތީ އިއްތިހާދު، ނޭޓޯއާއި ގުޅުމަށް ކުރި މަސައްކަތާއި ގުޅިގެން ފިންލެންޑް ރައްޔިތުންނަށް އޮޅުވާލުމަށް ފިނިޝް ބަހުން ނުބައިކޮށް ލިޔެފައިވާ "ނޭޓޯއަކަށް ފިންލެންޑް ސަލާމަތެއް ނުކުރެވޭނެ" ކަމަށް ފެތުރި ހަބަރަކާއި ފިންލެންޑްގެ ބޮޑުވަޒީރު ޕާޓީއެއްގައި ލަވަކިޔާ ނަށާ ވީޑިއޯއެއް ލީކްކޮށް އެކަމާއި ގުޅުވައިގެން ފެތުރި ދޮގު ހަބަރެވެ.
ބަލްގޭރިއާގެ ސޯފިއާގައި ހުންނަ އޯޕަން ސޮސައިޓީ އިންސްޓިޓިއުޓުން އޮކްޓޯބަރު މަހު ޝާއިއުކުރި 2022ގެ ދިރާސާއަކުން ދައްކާ ގޮތުގައި ފިންލެންޑަކީ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމުގެ މަސައްކަތުގައި ޔޫރަޕްގެ 41 ގައުމުގެ ތެރެއިން އެންމެ ކުރީގައި އުޅޭ ގައުމެވެ. މިއީ މިކަމުގައި ޖައްސަޖައްސައިގެން އެންމެ ކުރީގައި ފިންލެންޑު އުޅޭ 5 ވަނަ އަހަރެވެ.
މިދިރާސާ ޕަބްލިޝްކުރި ފަރާތުން ހާމަކުރާގޮތުގައި ފިންލޭންޑަށް މިކާމިޔާބީ ލިބުމުގެ ސަބަބަކީ ހަމައެކަނި އެގައުމުގެ ތައުލީމީ ނިޒާމް ވަރުގަދަވުން އެކަނި ނޫންކަމަށެވެ. އޭގެ އިތުރުން މިއީ ދޮގުމައުލޫމާތު ދެނެގަތުމަށް ދަރިވަރުންނަށް އަމާޒުކޮށްގެން ނަގާދޭ ހާއްސަ ފިލާވަޅުތަކުގެ ނަތީޖާކަމަށް ފާހަގަކުރެއެވެ. މީޑިއާ ލިޓެރަސީއަކީ ޕްރީސްކޫލް ލެވެލްއިން ފެށިގެންވެސް ފިންލެންޑްގެ ސްކޫލް ކަރިކިޔުލަމްގެ މައިގަނޑު ބައެކެވެ.
މިދިރާސާއިން ދައްކާގޮތުން ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމުގެ މަސައްކަތުގައި ފިންލެންޑަށް ފަހު ދެން ޔޫރަޕްގައި އެންމެ ކުރީގައި އުޅެނީ ނޯވޭ، ޑެންމާރކް، އެސްޓޯނިއާ، އަޔަރލެންޑް އަދި ސްވިޑެންއެވެ. އަދި ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަ އެންމެ ފަސޭހައިން ކުރިމަތި ވެދާނެކަމަށް ފާހަގަކުރެވުނު ގައުމުތަކަކީ ޖޯޖިއާ، ނޯތު މެސަޑޯނިއާ، ކޮސޯވޯ، ބޮސްނިއާ އެންޑް ހަރްޒެގޮވޭނިއާ އަދި އެލްބޭނިއާއެވެ. މިދިރާސާގެ ނަތީޖާ ބިނާކޮށްފައިވަނީ އެގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރަށާއި، މުޖުތަމައިން ހަބަރުފަތުރާ ވަސީލަތްތަކަށް ކުރާ އިތުބާރުގެ މިންވަރަށާއި، ސްކޫލްތަކުގައި ކިޔުމަށާއި، ސައިންސާއި އަދި ހިސާބުގެ މާއްދާތަކުގެ ނަތީޖާގެ މައްޗަށެވެ.
ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމުގެ ސަބަބުން ފިންލޭންޑަށް ފައިދާތަކެއް ލިބެއެވެ. ފިންލެންޑްގެ ޕަބްލިކް ސްކޫލް ނިޒާމަކީ ދުނިޔޭގެ ލެވެލްގައި އެންމެ ކުރީގައި ހިމެނޭ އެއް ނިޒާމެވެ. ޔުނިވަރސިޓީ ލެވެލްގެ ތައުލީމް ފިންލެންޑްގައި ހިލޭ ލިބެއެވެ. ފިންލެންޑް ރައްޔިތުން ސަރުކާރަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. ކޮވިޑް-19ގެ ޕެންޑެމިކްގެ އަސަރު އެންމެ ކުޑަކޮށް ކުރި ޔޫރަޕްގެ އެއްގައުމަކީ ފިންލެންޑެވެ. ފިންލެންޑަކީ ޓީޗަރުންނަށް އިންތިހާއަށް އިހްތިރާމްކުރާ ގައުމެކެވެ.
މީގެ އިތުރުން ފިންލެންޑްގައި އެންމެ ގިނައިން ބޭނުންކުރާ ފިނިޝް ބަހަކީ 5.4 މިލިއަން މީހުން ވާހަކަ ދައްކާ ބަހެކެވެ. އެބަސް ނުދަންނަ ބަޔަކު ލިޔެފައިވާ ދޮގު މައުލޫމާތު ހިމެނޭ ލިޔުންތައް ވަރަށް ގިނަ ފަހަރު ފަސޭހައިން ދެނެގަނެވޭކަމަށް ލިއޯ ޕެކާލާ ބުނެއެވެ. އޭނާ ފާހަގަކުރިގޮތުގައި އެއީ އެބަސް ލިޔުމާއި ވާހަކަ ދެއްކުމުގައި ހުންނަ ގަވާއިދުތަކުގެ ސަބަބުންނެވެ.
ފިންލެންޑްގެ ސިޓީއެއްކަމަށްވާ ހަމީންލިނާގައި ހިންގާ ސްކޫލެއްގައި އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް އިންޓަރނެޓްގައި ފަތުރާ ދޮގު މައުލޫމާތު ދެނެގަތުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހާއްސަކުރެވޭ ފިލާވަޅުތަކެއް ނަގާދެއެވެ. އެސްކޫލްގެ ގްރޭޑް 8 ގެ ޓީޗަރެއް ކަމުގައިވާ ސާރާ މާޓިކާ އާންމުކޮށް މިފިލާވަޅު ކުރިއަށް ގެންދިޔުމަށްޓަކައި އޭނާގެ ދަރިވަރުންނަށް އޮފްލައިންކޮށްނާއި އޮންލައިންކޮށް ލިބެން ހުންނަ އެކި އެކި ބާވަތުގެ ހަބަރާއި ވީޑިއޯ ފަދަ ތަކެތި ހިއްސާކުރެއެވެ. އަދި ހުރިހާ ދަރިވަރުންނާއި އެކުގައި އެހަބަރުގައިވާ މައުލޫމާތާއި ބެހޭގޮތުން މަޝްވަރާކުރެއެވެ. އެހަބަރުގެ މަގުސަދާއި، ޝާއިއުކުރި ތާރީހާއި އެމައުލޫމާތު ތައްޔާރުކުރި ފަރާތްތަކުން ދޭން ބޭނުންވާ މެސެޖާއި މެދު ހިޔާލު ބަަދަލުކުރެއެވެ.
މިގޮތަށް ފެންނަ އާޓިކަލްތަކަކީ ކިޔާލަން ފަސޭހަ ނުވަތަ ވީޑިއޯތަކަކީ ބަލާލަން ވަރަށް ހިތްގައިމު އެއްޗެއްސަށް ވިނަމަވެސް ކޮންމެ ކޮންޓެންޓަކީ ހަގީގަތަކަށް ނުވެދާނެ ކަމަށް ކުދިންނަށް ވިސްނައިދެއެވެ. އާންމުކޮށް ކުދިންނަށް ޓިކްޓޮކުން ފެންނަ ބައެއް ވީޑިއޯތަކާއި ބެހޭ ގޮތުންވެސް ކްލާހުގައި މަޝްވަރާކުރެއެވެ. އަދި އެވީޑިއޯތައް ތައްޔާރުކުރި ފަރާތްތަކުން އެވީޑިއޯއިން ދޭން ބޭނުންވާ މެސެޖާއި އެވީޑިއޯ ފަތުރަން ބޭނުންވާ ސަބަބާއި މެދު ވާހަކަ ދައްކައެވެ. އަދި އެވީޑިއޯތައް ފެނިފައި ކުދިންނަށް ކުރެވޭ އިހުސާސްތަކާއި މެދު ވެސް ވާހަކަ ދައްކައެވެ. ފިންލެންޑްގައި ނަގައިދޭ މިފަދަ ފިލާވަޅުތަކުގެ ބޭނުމަކީ އެކުދިންނަށް ދޮގު މައުލޫމާތު ދެނެގަންނަން ދަސްކޮށްދިނުމެވެ.
ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައި ވިޔަސް ޓީޗަރުން ވިސްނަންވީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އެމާއްދާއަކާމެދު ދެކޭގޮތެވެ. އެމާއްދާއެއްގައި އެކުދިން ކިޔަވާ އެއްޗެއް އެކުދިންގެ އާންމު ދިރިއުޅުމާއި ގުޅުވޭނެ ގޮތަކަށެވެ. އެއީ ޕީއީ، ހިސާބު އަދި ބަސް ކަމުގައި ވިޔަސް، އެކުދިންގެ ދިރިއުޅުމާއި އެކަންކަން ގުޅުވާލައިފިނަމަ އެކަންކަން އެކުދިންނަށް ނަގައިގަންނަން ފަސޭހަވެއެވެ. ފިންލެންޑް ކަރިކިޔުލަމްގައި މީޑިއާ ލިޓެރަސީ މާއްދާ ހިމަނާ އެކަން ބަލަހައްޓާ އިދާރާކަމަށްވާ ނޭޝަނަލް އޯޑިއޯ ވިޝުއަލް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ލިއޯ ޕެކާލާ ފާހަގަކުރާ ގޮތުގައި ކުޑަކުދިންނާއި ޒުވާނުންނާއެކު ކުރާ މަސައްކަތުގައި މިފަދަ މާއްދާތަކުގެ މައުލޫމާތު ހިމަނާއިރު އެކުދިންގެ ރިއަލިޓީއާއި ގުޅުވާނެ ގޮތާމެދު ޓީޗަރުން ސަމާލުކަން ދޭންޖެހެއެވެ.
ފިންލެންޑްގެ ކަރިކިޔުލަމްގައި މީޑިއާ ލިޓެރަސީ ހިމެނުނުކަމުގައި ވިޔަސް، ރަސްމީ އިދާރާތަކުން މާބޮޑަކަށް ކިޔަވާދޭންވީ ގޮތްތައް ކޮންޓްރޯލެއް ނުކުރެއެވެ. އެމާއްދާގެ ފިލާވަޅުތައް ކުރިއަށް ގެންދާނެ ގޮތް ވަނީ ޓީޗަރުންގެ އަތްމައްޗަށް ދޫކޮށްލާފައެވެ. ކުރިން ދެންނެވުނު ގްރޭޑް 8 ގެ ޓީޗަރ ސާރާ ނަގާދޭ ބައެއް ފިލާވަޅުތަކުގައި ދަރިވަރުން ލައްވާ ވީޑިއޯ ފަދަ ތަކެތި އެޑިޓްކުރުމަށް ދަސްކޮށްދެއެވެ. އަދި އެމަސައްކަތުގެ ތެރެއިން އެކޮންޓެންޓްގައިވާ މައުލޫމާތު ވަރަށް ފަސޭހައިން އޮޅުވާލެވިދާނެކަން އުނގަންނައިދެއެވެ.
ހެލްސިންކީގެ ސްކޫލެއްގައި ކިޔަވައިދޭ އަނާ ފާހަގަކުރިގޮތުގައި އޭނާ ދަރިވަރުން ލައްވާ "ވެކްސިނޭޝަން" ފަދަ މައުލޫތަކަށް މައުލޫމާތު ހޯދުވައެވެ. އަދި މައުލޫމާތު ހޯދުމަށް ބޭނުންކުރާ ސަރޗް އެލްގޮރިދަމްތައް މަސައްކަތްކުރާ ގޮތާމެދު މަޝްވަރާކުރާކަމަށް އޭނާ ބުނެއެވެ. އަދި ސަރޗް އިންޖީންތަކުން ލިބޭ ނަތީޖާގެ އެންމެ މަތިން ދައްކާ ހަބަރުތައް އެންމެ ރަނގަޅު ނުވެދާނެ ސަބަބުތައް ދެނެގަންނަން ދަރިވަރުން މަސައްކަތް ކުރެއެވެ.
ދާދި ފަހުގެ ހަބަރުތަކުގައި، ރަޝިޔާ-ޔޫކްރޭންގެ ހަނގުރާމައިގެ ތެރޭގައި ރަޝިޔާގެ ދައުލަތުން ސްޕޮންސަރ ކުރާ ޕްރޮޕެގެންޑާގެ އަސަރުތަކާއި ބެހޭގޮތުން ދަރިވަރުންނާއި މަޝްވަރާކުރުމަށް ރަޝިޔާގެ ހަބަރު ސައިޓްތަކުން ހިއްސާކުރާ މައުލޫމާތާއި މީމްތައް ވެސް ބޭނުންކުރިކަމަށް ބައެއް ޓީޗަރުން ފާހަގަކުރިއެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައާއި މެއިން ސްޓްރީމް މީޑިއާތަކުގައި ހުންނަ ހަބަރުތަކުގެ ތަފާތުތަކުގެ މައްޗަށް ވެސް ޓީޗަރުން ފޯކަސްކުރެއެވެ. ބައެއް ޓީޗަރުން ދެކޭގޮތުގައި އޮންލައިން މީޑިއަމްތަކާއި އޯފްލައިން މީޑިއަމްތަކުގައި ޖަރނަލިޒަމްގެ ތަފާތު ދަސްކޮށްދިނުމަކީ އެންމެ ފުރަތަމަ މަރުހަލާއެވެ.
ފިންލެންޑްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާތާ 16 އަހަރު ވެފައިވާ އެއް ޓީޗަރަކު ފާހަގަ ކުރިގޮތުގައި މިހާރުގެ ދަރިވަރުންގެ ފަރާތުން ފެންނަ އެއްކަމަކީ ކިޔުމުގެ ހުނަރު ދަށްކަމަށެވެ. އެއީ މިހާރުގެ ކުދިން ފޮތްކިޔުމާއި ދުރުވެ ގޭމް ކުޅުމާއި ވީޑިއޯ ބެލުމުގައި ހޭދަކުރާ ވަގުތު ގިނަވާތީއެވެ. ކިޔުމުގެ ހުނަރު ދަށްވެ، އޮންލައިންކޮށް ނުވަތަ އޮފްލައިންކޮށް ވިޔަސް ކިޔުމަށް ދެވޭ ސަމާލުކަން ކުޑަވާ މިންވަރު އިތުރުވާވަރަކަށް، އެކުދިން ދޮގު މައުލޫމާތުގެ ޝިކާރައަކަށް ވުން ގާތްކަމަށް އޭނާ ބުނެއެވެ. މަތިމަތިން ހަބަރު އެއްޗެއްހި ބަލާފައި އޭގައި ހުންނަ މައުލޫމާތު އެއީ ތެދުކަމަށް ގަބޫލުކުރާ ކުދިން ގިނަވާތީ، ކުދިންގެ ކިބައިގައި މިހުނަރު އަށަގަންނުވަން ޖެހެއެވެ.
ދާދި ފަހުން ފިންލެންޑްގެ ބޮޑުވަޒީރު ސައްނާ މަރިން ޕާޓީއަކަށް ގޮސް ލަވަކިޔާ ނަށާ ވީޑިއޯއެއް އާންމުވިއެވެ. އެވީޑިއޯ ބަދަލުކޮށް ހަދާފައިވާ ވީޑިއޯއާއި އަދި ނުވަތަ އެހަބަރަށް ދޮގު މައުލޫމާތު އިތުރުކޮށް ފެތުރާފައިވާ ބައެއް ވީޑިއޯތަކާއި ހަބަރުތައް ކުދިންނާއި ހިއްސާކުރިކަމަށް އިތުރު ޓީޗަރު ފާހަގަކުރިއެވެ. އަދި އެހަބަރު ފެނުމުން ކުދިންނަށް ގަބޫލުކުރެވުނު ގޮތްތަކާއި މެދު މަޝްވަރާ ކުރިއެވެ. އެގައުމުގެ ބޮޑު ވަޒީރު ޕާޓީއަށްގޮސް މަސްތުވާތަކެތި ބޭނުންކުރިކަމަށް ބުނާ ބައެއް ޓިކްޓޮކް ވީޑިއޯތައް ފެނުނުކަމަށާއި އެކަން އެކުދިންނަށް ގަބޫލުކުރެވުނުކަމަށް ވެސް ބައެއް ކުދިން ބުންޏެވެ. މިފިލާވަޅުގެ ތެރެއިން ރަސްމީ ޗެނަލްތަކާއި އިތުބާރު ކުރެވޭ މީޑިއާތަކުން އެހަބަރު ގެނެސްދިންގޮތް ކުދިންނަށް ކިޔާދެވުނެވެ. މިފަދަ މިސާލުތައް ބޭނުންކޮށްގެން ރަނގަޅު މައުލޫމާތު ހޯދާނެ ގޮތާއި އޮޅުވާލާފައިވާ ހަބަރުތައް ދެނެގަންނަން ކުދިންނަށް ދަސްކޮށްދެވުނެވެ.
ފިންލެންޑުގެ ގައުމީ ސިޔާސަތުގެ ތެރޭގައި މީޑިއާ ލިޓެރަސީ ހިމެނީ 2013 ވަނަ އަހަރުއެވެ. އެއަށްފަހު ޖެހިގެން އައި އަހަރުތަކުގައި މަންހަޖުގައި އެ މާއްދާ ހިމަނައި، ދޮގު މައުލޫމާތު ދެނެގަތުމަށް ހާއްސަ ކެންޕެއިންތައް ޖައްސާ އެމައުލޫމާތު ސްކޫލްތަކުގެ ދަރިވަރުންނަށް ހިއްސާ ކުރުން އަވަސްކުރިއެވެ. ފިންލެންޑުން ދަނީ 2030 އާއި ހަމައަށް ދުނިޔޭގެ ލެވެލްގައި އެންމެ މީޑިއާ ލިޓެރޭޓް ގައުމަށް އެގައުމު ހެދުމަށް މަސައްކަތް ކުރަމުންނެވެ.
މިއަދުގެ ފުރާވަރުގެ ކުދިންނަކީ ސޯޝަލް މީޑިއާއަށް އުފަންވެ ބޮޑުވެގެން އަންނަ ކުދިންކަމުގައި ވިނަމަވެސް، އެކުދިންނަށް ތެދު އަދި ދޮގު މައުލޫމާތު ދެނެގަނެވޭނެގޮތް ދަސްކޮށްދިނުން މުހިއްމެވެ. އަދި ބަދަލުކޮށް އޮޅުވާލާފައިވާ ކޮންޓެންޓް ދެނެގަނެވޭނެ އުކުޅުތައް އެކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. ފެންނަހާ ކޮންމެ އެއްޗެއް ފޭސް ވެލިޔުގައި ގަބޫލުކުރުމުގެ ގެއްލުން އެކުދިންނަށް އިނގެންޖެހެއެވެ. ސިޔާސީ ބޭނުމުގައި ބައެއް މައުލޫމާތު ވަކިބަޔަކު ބޭނުންވާ ގޮތަށް ބަދަލު ކުރާ ހާލަތަކީ ވަރަށް އާންމު ހާލަތެކެވެ.
2021 ވަނަ އަހަރު ބްރިޓިޝް ޖާނަލް އޮފް ޑިވެލޮޕްމަންޓަލް ސައިކޮލޮޖީގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ފުރާވަރުގެ ދުވަސްވަރަކީ ކޮންސްޕިރަސީ ތިއަރީ އުފެއްދުމަށް އެންމެ އާންމު ދުވަސްވަރެވެ. މިގޮތަށް ވާހަކަ އުފެއްދުމަށް ބާރުލިބިދޭ ބައެއް ކަންތަކަކީ ސޯޝަލް މީޑިއާއާއި، ފުރާވަރުގެ އުމުރުފުރައިގައި އެކުދިން ދުނިޔެއާ މެދު ދެކޭގޮތްކަމަށް ދިރާސާގެ ލިޔުންތެރިން ފާހަގަކުރެއެވެ. އެހެންކަމުން މިއުމުރު ފުރައިގައި ކުދިންނަށް ރަނގަޅު މައުލޫމާތާއި ދޮގު މައުލޫމާތު ވަކި ކުރުމުގެ ހުނަރު ދަސްކޮށްދިނުން މުހިއްމެވެ.
ފިންލެންޑްގެ ސަރުކާރުން ފާހަގަކުރާގޮތުގައި މިމައުލޫމާތު ހުރިހާ އުމުރުފުރައަކަށް ވެސް މުހިއްމެވެ. އަދި އެހެން އުމުރުފުރާތަކާއި އަޅާ ބަލާފައި ސްކޫލަށްދާ އުމުރުފުރައިގެ ކުދިންނަށް މިކަން ދަސްކޮށްދިނުން ވަރަށް ފަސޭހައެވެ. މީގެ އިތުރުން އޮޅުވާލުމުގެ މަގުސަދުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ފަތުރާ ދޮގު މައުލޫމާތާއި ދެނެގަންނަން އުމުރުން ދުވަސްވީ މީހުންނަށް ވެސް ދަސްކޮށްދޭންޖެހެއެވެ. މިކަމަށް ލައިބްރަރީތަކާއި ކޮމިޔުނިޓީ ސެންޓަރުތައް ބޭނުންކޮށްގެން މިހާރު މަސައްކަތްކުރާކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ބުނެއެވެ.
2019 ގައި ފިންލެންޑްގެ ގައުމީ ބްރޯޑްކާސްޓިން ކުންފުނިކަމަށްވާ ފިނިޝް ބްރޯޑްކާސްޓިން ކޮމްޕެނީ (Ylesradio Oy) އާއި އެގައުމަށް ނިސްބަތްވާ ބައެއް ޖަރނަލިސްޓުންނާއި ސޮފްޓްވެއަރ އުފައްދާ ފަރާތްތަކުން ގުޅިގެން ވަނީ ޓްރޯލް ފެކްޓަރީ ނަމަކަށް ކިޔާ އޮންލައިން ގޭމެއްވެސް އުފައްދާފައެވެ. މިއީ ވެސް އާންމުންނަށް ދޮގު މައުލޫމާތުގައި ހުރި ނުރައްކާތެރިކަމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތެކެވެ. މިގޭމު ކުޅޭ ފަރާތްތަކުން ޖެހެނީ ސޯޝަލް މީޑިޔާގައި ފަތުރާފައިވާ ދޮގު މެސެޖުތަކާއި މީމްތައް ބޭނުންކޮށްގެން އެމީހެއްގެ އޮންލައިން އިންފްލުއެންސް ފުޅާކުރާށެވެ. މިގޭމުން ހަގީގަތުގައި ވެސް އޮންލައިންކޮށް ދޮގު މައުލޫމާތު ފެތުރުމަށް މީހުން ކުރާ ކަންތައްތައްކަން ދައްކާދެއެވެ. މިގޭމްގެ މަގުސަދަކީ ފޭކް ހަބަރުތަކާއި، މީހުންނަށް އަސަރުކޮށް ރިއެކްޓްކުރާ ކަހަލަ ކޮންޓެންޓާއި އަދި ބޮޓް ބޭނުންކޮށްގެން މީހުންގެ މޫޑަށާއި ޚިޔާލުތަކާއި ނިންމުންތަކަށް އަސަރުކުރާ ގޮތް ދައްކުވައިދިނުމެވެ.
ކޮންމެ މީހަކީ ފެންނަ އެއްޗެއް އިތުރަށް ހޯދާ ބަލާ ދިރާސާ ކުރާނެ ބައެއް ނޫނެވެ. ހަބަރެއް ފެނުމުން އެއީ ކޮންތާކުން އުފެދުނު، ކާކު ބުނި ވާހަކައެއްކަން ގިނަ މީހުން ނުބަލައެވެ. ބުނި އެއްޗެއް އެބުނިގޮތަށް ބަލައިގަނެ، އަދި މީގެ އިތުރުން އެހެން މީހުންނަށް ހިއްސާކޮށް ފަތުރާވެސްމެއެވެ. ގިނައިން ހޯދާ ބަލާލައިފިނަމަ އެއް ހަބަރެއް އެތަށް ގޮތަކަށް އެކި މީޑިއާތަކުގައި އެކި ޕްލެޓްފޯމްތަކުގައި ހުރެއެވެ. ފިންލެންޑުން ކުރާ މިމަސައްކަތަކީ ޓީޗަރުން މެދުވެރިވެ ކުދިން ބާރުވެރިކުރުވުމެވެ. އަދި އާންމުންގެ މެދުގައި މިކަން ހިނގާ ގޮތާއި ރައްކާތެރި ވާނެގޮތާއި މެދު ހޭލުންތެރިކަން އިތުރުކުރުމެވެ. ވަކިން ހާއްސަކޮށް މައުލޫމާތުގެ ސައްހަކަން ބެލުމުގެ އާދަ އެގައުމުގެ މީހުންގެ ގައިގައި އަށަގެންނެވުމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް