ސުޕަރމާކެޓްތަކަށް ގޮސް ވިޔަފާރި ކުރާ ފަރާތްތަކަށް އެންމެ ދަތިވާ އެއް ކަމަކީ ވިޔަފާރިކޮށް ނިމިގެން ފައިސާ ދައްކަން ދިގު ކިޔުތަކުގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހުމެވެ. މިކަމަށް މިހާރު ވަނީ ހައްލެއް ލިބިފައެވެ. އިސްރެއިލްގެ ސްޓާރޓްއަޕް އަކުން މިހާރު ވަނީ ޝޮޕިން ކާޓުތައް "ސްމާޓް" ކޮށްލެވޭ ޑިވައިސްއެއް އުފައްދާފައެވެ. މިއީ ފިޒިކަލްކޮށް ފިހާރައަށް ގޮސްގެން ކުރާ ވިޔަފާރިއާއި އޮންލައިން ވިޔަފާރިއާއި ގުޅުވާލަދެވޭ ފަދަ ޑިވައިސްއެކެވެ.
ޓެލްއަވީވްއަށް ނިސްބަތްވާ ސްޓާއަޕެއްކަމަށްވާ ޝޮޕިކްއިން ތައާރަފްކޮށްފައިވަނީ ޝޮޕިންގ ކާޓުތަކުގައި ހަރުކުރާ ކްލިޕްއޯން ޑިވައިސްއެކެވެ. މިޑިވައިސް ކޮންމެ ބާވަތެއްގެ ޝޮޕިންގ ކާޓެއްގައިވެސް ހަރުކޮށްގެން ބޭނުންކުރެވެއެވެ. ވިޔަފާރިކުރާ ފަރާތްތަކުން ސޮޕިންގ ކާޓަށް ތަކެތި އެޅުމުން ނުވަތަ ނެގުމުން މިޑިވައިސްއިން އެކަން ދެނެގަނެއެވެ. އާންމުކޮށް ސުޕަރމާކެޓްތަކުގައި ބޭނުންކުރާ ބާކޯޑު ރީޑަރުތަކުގެ ބަދަލުގައި މިޑިވައިސްގައި ބޭނުންކުރަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއެވެ. އެކުންފުނިން ހާމަކުރާ ގޮތުގައި މިޑިވައިސްއިން %99.4 ފަހަރު ޝޮޕިން ކާޓަށް ލާ ތަކެތި ރަނގަޅަށް ދެނެގައެއެވެ.
ޝޮޕިންގ ކާޓަށް ތަކެތި އެޅުމުން މިޑިވައިސްގައި ހިމެނޭ ސްކްރީނުން އެތަކެތީގެ އަގާ އިތުރު މައުލޫމާތުތައް ދައްކައެވެ. މިމަސައްކަތް ކުރަނީ އޭއައިގެ ބާވަތެއްކަމުގައިވާ ކޮމްޕިޔުޓަރ ވިޝަން އަލްގޮރިދަމްއެއް ބޭނުންކޮށްގެންނެވެ. ޝޮޕިކްއިން ހާމަކުރި ގޮތުގައި ވަރަށް އަވަސްއަވަހަށް ކާޓަށް ތަކެތި އެޅި ނަމަވެސް، ނުވަތަ ބައިވަރު ތަކެތި އެއްފަހަރާ އެޅި ނަމަވެސް ނުވަތަ ކާޓު ދުއްވަމުން ތަކެތި އެޅި ނަމަވެސް މިޑިވައިސްއިން ފަސޭހަކަމާއެކު އެތަކެތި ރީޑުކުރާނެއެވެ. އަދި 50،000 ތަކެއްޗަށް ވުރެ ގިނައިން މިޑިވައިސްއިން ރީޑުކުރެވޭނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.
މިއަހަރުގެ މަރޗް މަސް ތެރޭގައި އިޒްރެއިލްގެ އެންމެ ބޮޑު ސުޕަރމާކެޓް ޗެއިން ކަމަށްވާ ޝުފަރސަލް (Shufersal) ގައި މިޑިވައިސް ވަނީ ބޭނުންކުރަން ފަށާފައެވެ. ޝުފަރސަލްގެ 30 ފިހާރައެއްގައި މީގެ 2،000 އަށް ވުރެ ގިނަ ޑިވައިސް މިހާރު ބޭނުން ކުރެވޭކަމަށް ޝޮޕިކްއިން ބުނެއެވެ. އިޒްރެއިލްގައި ޝުފަރސަލްގެ 395 ފިހާރަ ހިންގައެވެ.
ޝޮޕިކްގެ ސީއީއޯ އަދި ކޯފައުންޑަރ ރަޒް ގޯލަން ބުނާ ގޮތުގައި ޝުފަރސަލްއަކީ މިހާ ފުޅާކޮށް އިޒްރެއިލްގައި ހިންގާ ޗެއިން ސުޕަމާކެޓެއް ކަމަށް ވާތީ މިއީ ޝޮޕިކްގެ މިޑިވައިސް ފުޅާކުރަން ލިބުނު ރަނގަޅު ފުރުސަތެއްކަމުގައެވެ. "މިއީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ވަރުގެ ބޮޑު ޑިޕްލޯއިމެންޓެއް، އަދި މިފަދައިން ސުޕަރމާކެޓްތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ޝޮޕިންގ ތަޖުރިބާ މުސްތަގުބަލާ ދިމާލަށް މިސްރާބު ޖަހާލުމަކީ މިކުންފުނީގެ މުހިއްމު ތަސައްވުރެއް" އޭނާ ބުންޏެވެ.
ޝޮޕިކްއަކީ 2015 ގައި އުފެދުނު ސްޓާރއަޕްއެކެވެ. މިސްޓާޓްއަޕްގެ ކޯފައުންޑަރުންނަކީ ރަޒް ގޯލަން، ޑޭން ބެންޑްލަރ އަދި އެރަން ކްރެވިޓްޒް އެވެ. ގޯލަން އާއި ބެންޑްލަރ މީގެ ކުރިން މަސައްކަތް ކުރީ ޗެކްޕޮއިންޓް ސޮފްޓްވެއަރ ޓެކްނޮލޮޖީސް ކުންފުނީގައި ސެކިޔުރިޓީ އެނަލިސްޓުންގެ ގޮތުގައެވެ. އަދި ކްރެވިޓްޒްއަކީ އެކުންފުނީގެ ސޮފްޓްވެއަރ ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެކެވެ. ޝޮޕިކްއިން މިހާރު ވަނީ އެމެރިކާގެ ސުޕަރމާކެޓް ޗެއިންއެއް ކަމަށްވާ ވެގްމޭންސްގެ 2 ފިހާރައެއްގައި ވެސް މިޑިވައިސްގެ ޕައިލެޓް ޓެސްޓިންގ ފައްޓާފައެވެ.
އެމެރިކާއަށް މިޑިވައިސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި މިދިޔަ އަހަރުގެ އޯގަސްޓް މަހުތެރޭގައި އެކުންފުނިން ވަނީ 35 މިލިއަން ޑޮލަރުގެ އިންވެސްޓެމްނަޓް އިތުރަށް ހޯދާފައެވެ. މިކަމުގެ މެއިން އިންވެސްޓަރަކީ ކުއަލްކޮމް ވެންޗަރސް ކަމަށް ޝޮޕިކްއިން ހާމަކުރިއެވެ. މީގެ އިތުރުން ވިންޓޭޖް އިންވެސްޓެމެންޓް ޕާރޓްނަރސް އާއި ކްލެލް އިންޝުއަރަންސް ވެސް މިއިންވެސްޓްމެންޓްގައި ބައިވެރިވެއެވެ. ޝޮޕިކް އިން އިޒްރެއިލްގައި ކުރި މަސައްކަތަށް އެންމެ ފުރަތަމަ އިންވެސްޓްކުރީ އައިބީއައި ޓެކް ފަންޑު، ޓަލް ވެންޗަރސް، ކްލެރިޖް އިޒްރެއިލް އަދި ޝުފަރސަލް ސުޕަރމާކެޓް ޗެއިންއިން ކަމަށް އެކުންފުނިން ބުނެއެވެ. މިޕްރޮޖެކަޓަށް މިހާރު ޖުމްލަ 56 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ލިބިފައިވާކަމަށް އެފަރާތުން ހާމަކުރިއެވެ.
އިޒްރެއިލްގެ ޝުފަރސަލް ފިހާރަތަކުގައި ފުރަތަމަ ޖެއްސި ޕައިލެޓް ޓެސްޓިންގައި ނެގި ޑޭޓާގެ ބައެއް އަދަދުތައް ޝޮޕިކްއިން ހާމަކުރިއެވެ. މިޑިވައިސް ބޭނުންކުރި ފިހާރަތަކުން ޑިވައިސް މެދުވެރިވެ ކުރި ވިޔަފާރިތަކުން ޝުފަރސަލްގެ %12 އާއި %15 ދެމެދުގެ އާމްދަނީ ލިބުނެވެ. އަދި ޑިވައިސް ބޭނުންކުރި ޝޮޕިންގ ކާޓުތަކުގައި އެވްރެޖް އަދަދުތަކަށް ވުރެ %78 ތަކެތި އިތުރުވިއެވެ. އަދި އެވްރެޖްކޮށް ޝޮޕިން ކާޓަކުން މަހެއްގެ މައްޗަށް ލިބޭ ފައިދާއާއި އަޅާބަލާފައި މިޑިވައިސް ހަރުކުރެވިފައިވާ ކާޓުތަކުން %8 އިތުރަށް ފައިދާ ލިބުނެވެ.
ވިޔަފާރިކޮށް ނިމިގެން ފައިސާ ދައްކަން ނަގާ ވަގުތަށް ބަލައިފިނަމަ ޝޮޕިކްގެ ޑިވައިސް ބޭނުންކުރި ކާޓުތަކުގައި ނަގަނީ 1 މިނެޓަށް ވުރެ މަދު ވަގުތުކޮޅެކެވެ. ޝުފަރސަލްގެ ސެލްފް ޗެކްއައުޓް ލޭންތަކުން އާންމުކޮށް ނަގަނީ 3 މިނެޓެވެ. އަދި ކޭޝިއަރުން ތިބޭ ލޭންތަކުގައި 9 މިނެޓް ނަގައެވެ.
"ޝޮޕިކްގެ މިޑިވައިސް މެދުވެރިވެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އޮންލައިން ޝޮޕިންގެ ފައިދާތައް ފިޒިކަލްކޮށް ފިހާރައަށް އައިސްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ލިބެން ފަށައިފި. މިއީ ވިޔަފާރި ކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭ ހާމަކަން ބޮޑު އަދި ފަސޭހަ ޝޮޕިންގ ތަޖުރިބާއެއް" ޝުފަރސަލްގެ ސީއީއޯ އޯރީ ވޯޓަރމަން ބުންޏެވެ. އޭނާ ބުނިގޮތުގައި މިއީ އެންމެ ފަހުގެ އޭއައި ޓެކްނޮލޮޖީ މެދުވެރިކޮށް ޝުފަރސަލްގައި ވިޔަފާރި ކުރާ ކަސްޓަމަރުންގެ އާދަތަކަށް ބިނާކުރެވޭ ހިދުމަތްގެ ފެންވަރު ރަނގަޅު ކުރެވޭނެ ޑިވައިސްއެކެވެ.
ޖުނިޕާ ރިސާޗުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޭޝިއަރުން ނުހިމަނާ އެކިއެކި "ސްމާޓް" ގޮތްތައް ބޭނުންކޮށްގެން ރީޓެއިލް އަދި ގްރޯސެރީ ވިޔަފާރީ ކުރެވޭ މިންވަރު ފައިސާގެ އަދަދުން ބަލައިފިނަމަ، 2025 ވަނަ އަހަރުގެ ނިޔަލަށް 387 ބިލިއަން ޑޮލަރުގެ މުއާމަލާތް ކުރެވޭނެކަމަށް ލަފާކުރެއެވެ. 2020 ގައި މިއަދަދު އުޅުނީ 2 ބިލިއަން ޑޮލަރުގައެވެ.
މީގެ ކުރިންވެސް އިޒްރެއިލަށް ނިސްބަތްވާ ސްޓާރޓްއަޕެއް ކަމަށްވާ ޓްރިގޯއިން ވަނީ ޗެކައުޓް ނުހިމެނޭ ވިޔަފާރި ޓެކްނޮލޮޖީ ތައާރަފްކޮށްފައެވެ. ލަންޑަންގެ ގްރޯސެރީ ފިހާރަ ޗެއިންއެއް ކަމަށްވާ ޓެސްކޯގެ ފިހާރަތަކުގައި މިޓެކްނޮލޮޖީ މިހާރުވެސް ބޭނުންކުރެއެވެ. މީގެ އިތުރުން ޖަރމަނީއާއި ނެދަރލޭންޑް އަދި އެމެރިކާގައި ވެސް ޕައިލެޓް ޓެސްޓްތައް ކުރަމުން އެބަދެއެވެ. މިއީ އެމޭޒަންގެ "ގޯ އެންޑް ޖަސްޓް ވޯކް އައުޓް" ފަދަ ހިދުމަތެކެވެ. ވިޔަފާރު ކުރާ ފަރާތްތަކުން ފިހާރައިން ތަކެތި ނަގައިގެން ޗެކްއައުޓް ކުރުމަކާއި ނުލާ ނިކުމެވޭ މިހިދުމަތް އެމޭޒަންއިން ވަނީ ޔޫއެސް އަދި ޔޫކޭގައި ތައާރަފްކޮށްފައިވެއެވެ.
އިޒްރޭލްގެ ޓްރިގޯގެ ހިދުމަތާއި އެމޭޒަންގެ ހިދުމަތުގެ ތަފާތަކީ އެމޭޒަންއިން މިކަން ކުރަނީ އެކަމަށް ހާއްސަކުރެވޭ ވަކި ގޮތަކަށް ތައްޔާރުކޮށްފައިވާ ވަކި އިމާރާތްތަކެއްގައެވެ. އެއާއި ހިލާފަށް ޓްރިގޯއިން މަސައްކަތް ކުރަނީ މިހާރުވެސް ހުރި އިމާރާތްތަކުގައި ބޭނުންވާ އިތުރު ތަކެތި ހަރުކޮށް ޑިޖިޓަލް ކުރާށެވެ. ޝޮޕިކް އިން ބުނަނީ އެކުންފުނީގެ މިޑިވައިސް ކޮންމެ ބާވަތެއްގެ ކާޓެއްގައިވެސް ބޭނުންކުރެވޭނެތީ، ފިހާރަތަކުން އެފަރާތްތަކުގެ އިމާރާތަށް ބަދަލުކުރުމަށް އިތުރު އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެކަމަށެވެ. އަދި ފިހާރަތަކުގައި މިޑިވައިސް ބޭނުންކުރަން ފެށުން އަވަސްވެފައި ފަސޭހަ ވާނެ ކަމަށެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް